ސައޫދީ އަރަބިއްޔާގެ މާތްވެގެންވާ ދެ ހަރަމްފުޅު ކަމުގައިވާ މައްކާ އަދި މަދީނާއާ ދެމެދު ދަތުރުކުރާ “ހަރަމައިން ހައި-ސްޕީޑް ރޭލު”ގެ ދަތުރުތައް އެއްވެސް ސްޓޭޝަނަކަށް ނުހުއްޓައި ސީދާ ދަތުރުކުރާ ގޮތަށް ހަމަޖައްސައި، އެ ދަތުރުތަކަށް ހޭދަވާ ވަގުތު ދެ ގަޑިއިރާއި 15 މިނެޓަށް ކުޑަކޮށްފިއެވެ.
ސައޫދީ ރެއިލްވޭސް އިން މި ބަދަލު ގެނެސްފައިވަނީ އުމްރާވެރިންނާއި، ހައްޖާޖީން އަދި ދެ ސިޓީގެ ދެމެދުގައި ދަތުރުކުރާ ފަސިންޖަރުންނަށް ލުއިފަސޭހަކޮށްދީ، އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. މީގެ ކުރިން ޖިއްދާއާއި ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީ (ކޭއޭއީސީ) ފަދަ މެދު މަގުގައިވާ ސްޓޭޝަންތަކަށް މަޑުކުރުމަށްފަހު ކުރާ ދަތުރުތަކަށް ގާތްގަނޑަކަށް ތިން ގަޑިއިރެއްހާއިރު ހޭދަވެއެވެ. ނަމަވެސް، މި އައު “ނޮން-ސްޓޮޕް” ދަތުރުތަކާއެކު ދަތުރުގެ ވަގުތުން ބޮޑުބައެއް ސަލާމަތްވެގެންދާނެއެވެ.
ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާ މި ވަރުގަދަ އަދި ޒަމާނީ ބުލެޓް ޓްރެއިންގެ ސީދާ ދަތުރުތައް ފެށުމަކީ ހާއްސަކޮށް މި ދުވަސްވަރު އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ޒިޔާރަތްކުރާ އެތައް މިލިއަން މުސްލިމުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. މީގެ އިތުރުން، މި ޚިދުމަތުގެ ސަބަބުން ދެ ހަރަމްފުޅުގެ ދެމެދުގައި ކުރެވޭ ދަތުރުތައް އިތުރަށް އަވަސްވެ، އަމާން އަދި އަރާމު ދަތުރެއް ކަށަވަރުވެގެންދެއެވެ.
ސައޫދީ ވިޝަން 2030ގެ ދަށުން ދަތުރުފަތުރުގެ ދާއިރާ ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށުނު މި ޚިދުމަތުގެ ސަބަބުން، ދެ ސިޓީގެ ދެމެދުގައި އަޅުކަމަށާއި އެކި ބޭނުންތަކުގައި ދަތުރުކުރާ މީހުންނަށް ވަގުތު ސަލާމަތްކުރެވި، ދަތުރުފަތުރުގެ ފެންވަރު އައު އުސްމިނަކަށް ވާސިލުވެގެންދާނެ ކަމަށް އެ ގައުމުގެ ރަސްމީ ފަރާތްތަކުން ފާހަގަކުރެއެވެ. މި ޚިދުމަތް މިހާރު ވަނީ އާންމުކޮށް ހުޅުވާލައި، ޓިކެޓް ބުކްކުރުމުގެ ފުރުސަތު ހަމަޖައްސައިދީފައެވެ.
