މައްކާގެ މަސްޖިދުލް ޙަރަމް އާއި މަދީނާގެ މަސްޖިދުއް ނަބަވީ އަކީ މުޅި އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް ދެ ބިނާއެވެ. އަޅުކަމުގެ މަތިވެރިކަމާއި، ހިތްތަކަށް ލިބޭ ހަމަޖެހުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުން މިލިއަނުން މީހުން ކޮންމެ އަހަރަކު މި ތަންތަނަށް ޒިޔާރަތް ކުރެއެވެ. ނަމަވެސް، މި މުޤައްދަސް ބިންތަކުގެ ތެރެއިންނާއި ބޭރުން ފެންނަ ސަލާންޖަހާ މީހުންގެ މައްސަލައަކީ، އެތަނުގެ ރޫޙާނީ މާޙައުލަށް ބުރޫއަރާ، ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ.
ޙަރަމްފުޅު ތެރެއިންނާއި ބޭރުން ސަލާންޖަހާ މީހުންގެ ތެރޭގައި ތަފާތު ވައްތަރުގެ މީހުން ހިމެނެއެވެ. ބައެއް މީހުންނަކީ ހަގީގަތުގައިވެސް އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް ވީ ނަމަވެސް، ގިނަ ފަހަރަށް ފެންނަނީ މިއީ ވަރަށް ރޭވުންތެރިކަމާއެކު ހިންގާ “ވިޔަފާރިއެއް” ގޮތުގައެވެ. ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިން ބޭނުންކޮށްގެން، ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ހިތުގައި އުފެދޭ ދީނީ ލޯތްބާއި ހަމްދަރުދީގެ ނާޖާއިޒު ފައިދާ ނަގާ މީހުން މަދެއް ނޫނެވެ.
ސަލާންޖަހަން ރަސްމީކޮށް އުޅޭ މީހުންގެ އިތުރުން، ވަރަށް ތަފާތު ގޮތެއްގައި ސަލާންޖަހާ ބަޔަކުވެސް ޙައްޖާއި އުމްރާއަށް ގޮސް އުޅޭ މީހުންނަށް ފެންނާނެއެވެ. އަޅުގަނޑު ކުރި އުމްރާ ދަތުރުގައި އަޅުގަނޑުމެން ތިބޭ ހޮޓަލުން ޙަރަމްފުޅާ ހަމައަށް ދާއިރު، މަގުމަތި ސާފުކުރަން ރަސްމީ ޔުނިފޯމުގައި ރަސްމީ މަސައްކަތުގައި ތިބޭ ޒުވާން ފިރިހެންކުދިންތަކެއް ފެނުނެވެ. ފިހިގަނޑުން ބިންމަތީގެ އެއް ތަންކޮޅެއްގައި ކާއްތަމުން، މަގުން ހިނގާފައިދާ މީހުންނަށް ހިނިތުންވަމުން، ބަލަމުން، މަށަށް ލާރިއެއް ދޭށޭ ބުނާ ފަދަ އާދޭހުގެ ބެލުމެއް ފެންނަ އެ ޒުވާނުންނަށްވެސް ދިވެހީންގެ ތެރެއިން ތަންކޮޅެއް ދުވަސްވީ ބޭފުޅުން ވަރަށް ގިނައިން އެހީވާ މަންޒަރު ފެނެއެވެ. ނަމަވެސް މިއީވެސް ދިވެހީން ހުއްޓައިލަން ޖެހޭ ކަމެކެވެ. މި ދެންނެވި ފަދަ ޒުވާނުން މަސްޖިދުއް ނަބަވީ ތެރެއިން ފެންނަ ލެއް އަދި މާގިނަ ކަން ފާހަގަކުރެވެއެވެ.
އެމީހުންނަކީ ސައުދީ ސަރުކާރުން ބޮޑު މުސާރަ، އެކޮމަޑޭޝަން އަދި ބޭސްފަރުވާ ދީފަ ތިބޭ ބައެއް. އެމީހުންނަށް ފައިސާދޭން ނުވިސްނާތި!”
ސައުދީގައި އެތަކެއް އަހަރު ހޭދަކުރަމުން އަންނަ އަހަރެންގެ ކޮއްކޮއެއް އަހަންނަށް ކިޔައިދިނެވެ.

މަސްޖިދުއް ނަބަވީ ސާފުކުރާ މުވައްޒަފުންތަކެއް – ފޮޓޯ: ގޫގްލް
މަސްޖިދުއް ނަބަވީގެ ބޭރު ގޯތިތެރެއިންނާއި، މިސްކިތަށް ވަންނަ ދޮރުތަކުގެ ކައިރީގައި މިފަދަ މީހުން އާންމުކޮށް ހަރަކާތްތެރިވެއެވެ. މީގެ ސަބަބުން އަޅުކަމުގައި ތިބޭ މީހުންނަށް އުނދަގޫވެ، ހިނގާބިނގާވެ އުޅުމަށް ދަތިތަކާ ކުރިމަތިވެއެވެ. ބައެއް މީހުން ޢުމްރާވެރިންގެ ފަހަތުން އަޅުވާލައިގެން ހިނގާ މަންޒަރާއި، ގަދަކަމުން އަތަށް ފައިސާ ލައިދޭން އުޅޭ މަންޒަރަކީ އެ ބިމުގެ ހައިބަތާއި މަތިވެރިކަމާ އެކަށީގެންވާ ކަމެއް ނޫނެވެ.
އިސްލާމްދީނަކީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީވުމަށް ބާރުއަޅާ ދީނެކެވެ. ނަމަވެސް، ނުކުޅެދުންތެރިކަމެއް ނެތި، މަސައްކަތް ކުރުމުގެ ކުޅަދާނަކަން ހުރެމެ، ސަލާންޖެހުމަކީ ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބަލާއިރު މާތް ކަމެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވާ ގޮތުގައި، މީހަކު މީހުންގެ ގާތުގައި ސަލާންޖަހަމުން ގޮސް، ޤިޔާމަތް ދުވަހު އޭނާ މާތް ﷲ އާ ބައްދަލުކުރާނީ އޭނާގެ މޫނުގައި މަސްކޮޅެއް ނެތް ހާލުގައެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. “އެންޓި-ބެގިންގ” ޔުނިޓްތަކުން ހަރަކާތްތެރިވެ، މިފަދަ މީހުން ހިފަހައްޓައި ފިޔަވަޅު އަޅައެވެ. ނަމަވެސް، މިކަން ހުއްޓުވުމަށްޓަކައި ޒިޔާރަތްކުރާ މީހުންގެ އެއްބާރުލުން ބޭނުންވެއެވެ. ސަލާންޖަހާ މީހުންނަށް މަގުމަތިން ފައިސާ ދިނުމުގެ ބަދަލުގައި، ރަސްމީކޮށް ހުއްދަ ދެވިފައިވާ ޗެރިޓީ ޖަމްޢިއްޔާތަކާއި، ކާބޯތަކެތި ފޯރުކޮށްދޭ ޕްލެޓްފޯމްތަކަށް ޞަދަޤާތް ދިނުމަކީ އެންމެ ރައްކާތެރި އަދި އެހީ ހައްގުވާ މީހުންނަށް އެހީ ފޯރުކޮށްދެވޭނެ ގޮތެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ޙަރަމްފުޅާއި މަސްޖިދުއް ނަބަވީއަކީ އަޅުކަމުގެ ބިންތަކެވެ. އެތަނުގެ ރޫޙާނީކަން ދެމެހެއްޓުމަށްޓަކައި، ސަލާންޖެހުން ފަދަ އިޖުތިމާޢީ ނުރަނގަޅު އާދަތަކަށް ހިތްވަރު ނުދިނުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. މުޤައްދަސް ބިންތަކުގެ ހުރުމަތް ކެނޑޭ ފަދަ ކަންކަމުން އެތަންތަން ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.
