ސައުދީ އަރަބިއްޔާއިން މަސްޖިދުލް ހަރާމްގައިވާ ހިޖްރު އިސްމާޢީލް (ޙަޠީމް) އަށް ޒިޔާރަތްކުރާ އަންހެނުންނަށް ޚާއްޞަ އައު އުސޫލުތަކާއި ވަގުތުތަކެއް ކަނޑައަޅައިފިއެވެ.
މައްކާގެ މަސްޖިދުލް ހަރާމްގައިވާ ހިޖްރު އިސްމާޢީލަށް ޒިޔާރަތްކުރާ އަންހެނުންނަށް އަލަށް ތަޢާރަފުކުރި މި އުސޫލަކީ، އެ ސަރަހައްދު ބެލެހެއްޓުމާއި، ތޮއްޖެހުން ކުޑަކޮށް، އަޅުކަންކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަގްސަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ.
ދެ ހަރަމްފުޅުގެ ކަންތައްތަކާ ބެހޭ އާންމު އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން 9:00 އަށް އަންހެނުންނަށް ހިޖްރު އިސްމާޢީލަށް ވަނުމުގެ ފުރުސަތު އޮންނާނެއެވެ. ޒިޔާރަތްކުރާ ފަރާތްތައް ވަންނަންޖެހޭނީ 75، 76 އަދި 77 ވަނަ ދޮރާށިންނެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން ކަނޑައެޅިފައިވާ ޚާއްޞަ ސަރަހައްދެއްގައި މަޑުކުރުމަށްފަހު، އެތެރެއަށް ވައްދާނީ ވަކި ގްރޫޕުތަކަކަށް ބަހާލައިގެންނެވެ.
މި އައު އިންތިޒާމަކީ މަސްޖިދުލް ހަރާމްގެ ތެރޭގައި މީހުން ހިނގާބިނގާވެ އުޅުމަށް ފަސޭހަކޮށްދީ، މުގައްދަސް ބިނާގެ ވަށައިގެންވާ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެކެވެ. މީގެ ސަބަބުން އަޅުކަންކުރާ މީހުންނަށް ރައްކާތެރިކަމާއި ހިތްހަމަޖެހުމާއެކު ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީހުން މަޑުކޮށްގެން ތިބޭ ސަރަހައްދު ބަލަހައްޓާނީ ހަރަމްފުޅުގެ މުވައްޒަފުންނެވެ. އަދި މީހުން ގިނަވާ ވަގުތުތަކުގައި ކަންކަން ތަރުތީބުން ކުރިއަށް ގެންދިއުމަށްޓަކައި އެތެރެއަށް ވައްދާ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވޭނެއެވެ.
ގެފުޅާ އިންވެގެން ބައިބުރުގެ ބުރަކަށް އޮންނަ ސަރަހައްދަކީ ހިޖްރު އިސްމާޢީލް ނުވަތަ ޙަޠީމެވެ. ބުނެވޭ ގޮތުގައި އެއީ ގެފުޅުގެ އަސްލު ބިނާގެ ތެރެއިން ހިމެނޭ ބައެކެވެ. އެއީ މަސްޖިދުލް ހަރާމްގެ ތެރޭގައިވާ ރޫޙާނީ ގޮތުން އެންމެ މުހިންމު އެއް ތަނެވެ. އަދި ޢުމްރާ އާއި ޙައްޖުގެ އަޅުކަމުގައި އަންނަ މީހުން އެތަނުގައި ތަފާތު ސުންނަތް އަޅުކަންތައް އަދާކުރެއެވެ.
ހަރަމްފުޅުގެ ކަންތައްތައް ބަލަހައްޓާ އިދާރާއިން ވަނީ، އެތަނުގެ އިންތިޒާމުތައް ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށާއި، ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށާއި، މީހުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ. ފިރިހެނުންނަށް ހިޖްރު އިސްމާޢީލަށް ވަނުމަށް ކަނޑައެޅިފައިވާ ރޭގަނޑުގެ ވަގުތުތަކުގައި މިހާރުވެސް މި އުސޫލު އަންނަނީ ތަންފީޒު ކުރަމުންނެވެ.
ކޮންމެ އަހަރަކު މިލިއަނުން މީހުން ޒިޔާރަތްކުރާ ގައުމެއްގެ ހައިސިއްޔަތުން، ސައުދީ އަރަބިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުގައްދަސް ބިނާތަކަށް ފަސޭހަކަމާއެކު ވަދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ މުސްލިމުންނަށް ފުރިހަމަ އަޅުކަމުގެ ތަޖުރިބާއެއް ހޯދައިދިނުމަށެވެ.
