އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކަޑަމީ އެވޯޑްސް (އައިފާ އެވޯޑްސް) 2023ގެ އެންމެ މޮޅު ޑައިރެކްޓަރ އެވޯޑް ފިލްމު ”ރޮކެޓްރީ : ދަ ނަންބީ އިފެކްޓް“ ޑައިރެކްޓްކޮށްގެން އާރް މާދަވަން ހޯދައިފި އެވެ.
ފިލްމު ”ރޮކެޓްރީ : ދަ ނަންބީ އިފެކްޓް“ އަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ބަޠަލާ މަރްހޫމާ ފައުޒިއްޔާ އަދި އޭނާގެ ރައްޓެއްސެއް ކަމަށްވާ މަރްޔަމް ރަޝީދާ އިންޑިއާއަށް ގޮސް އުޅުމުގައި ދިމާވި ޚައްސާސް ކަންތައްތަކެއް ދައްކައިދޭ ފިލްމެކެވެ. ފައުޒިއްޔާ އަދި މަރްޔަމް ރަޝީދާ ޕާކިސްތާނަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތު އަޅުވައި، އިންޑިއާގެ ކެރެލާ ޖަލެއްގައި ހައްޔަރުކޮށް އެތަކެއް އަނިޔާތަކެއް ދިން ވާހަކަތައް މި ފިލްމުން ދައްކައެވެ.
އިންޑިއަން ސްޕޭސް ރިސާރޗް އޯގަނައިޒޭޝަން (އިސްރޯ)ގެ މަޝްހޫރު ސައިންޓިސްޓެއް ކަމަށްވާ އެސް ނަމްބީ ނާރާޔަން، ކެރެލާގެ ފުލުހުންގެ ބެލުމުގެ ދަށަށް 1994ވަނަ އަހަރުގެ ތެރޭގައި ގެންދެވުނެވެ. އޭނާގެ އިތުރުން، އިސްރޯގެ އިތުރު އެހެން ބަޔަކާއި ފައުޒިއްޔާ ހަސަން އަދި މަރްޔަމް ރަޝީދާ ވެސް ކެރެލާގެ ފުލުހުން ހައްޔަރުކުރިއެވެ. މި އެންމެންގެ މައްޗަށް އޭރު ކުރެވުނު ތުހުމަތަކީ އިންޑިއާގެ ޖައްވީ ޕްރޮގްރާމްގެ ޓެކްނޮޮލޮޖީތަކަކާއި ބެހޭ ”ސިއްރު މަޢުލޫމާތުތަކެއް“ ޕާކިސްތާނުގެ ޖާސޫސީ އިދާރާއަށް ވިއްކަން އުޅުމެވެ. ފިލްމު ”ރޮކެޓްރީ : ދަ ނަންބީ އިފެކްޓް“ މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ މިކަމުގެ މައްޗަށެވެ.
ފިލްމު ”ރޮކެޓްރީ : ދަ ނަންބީ އިފެކްޓް“ ޑައިރެކްޓްކޮށްގެން އާރް މާދަވަން އަށް އެންމެ މޮޅު ޑައިރެކްޓަރުކަން ލިބުނުއިރު މިއީ އޭނާގެ އަލަތު ޑައިރެކްޝަނެވެ. ފިލްމުގެ ވާހަކަ ލިޔުނީވެސް އޭނާއެވެ. މި ފިލްމުގައި ނަންބީ ނާރަޔަންގެ ރޯލު ކުޅުނީވެސް މާދަވަން އެވެ. އިންޑިއާގެ ޕާލިމެންޓްގައި މި ފިލްމު ދައްކާފައިވާއިރު ޕާލިމެންޓް މެންބަރުންގެ ތަޢުރީފުވެސް މި ފިލްމަށް ލިބިގެންދިޔަ އެވެ. މި ފިލްމު ވަނީ ހަ ބަހަކުން ނެރެފައެވެ. އެގޮތުން އިނގިރޭސި، ހިންދީ، މަލަޔާޅަމް، ތަމަޅަ، ތެލުގޫ އަދި ކަންނާޑާ ބަހުން ފިލްމު ނެރެފައިވެއެވެ. ފިލްމުގައި ވަރަށް ޚާއްސަ ރޯލަކުން ޝާހްރުކް ޚާން ހަމަ ޝާހްރުކް ޚާންގެ ގޮތުގައި ފެނިގެންދެއެވެ.
މައްސަލައިގައި ތުހުމަތުކުރެވުނު ނަންބީ ނާރަޔަން އަށް ލިބުނު ގެއްލުންތަކުގެ ބަދަލު އިންޑިއާ ސަރުކާރުން ދިނެވެ. ނަމަވެސް ފައުޒިއްޔާ އަދި މަރްޔަމް ރަޝީދާއަށް ލިބުނު ނަފުސާނީ އަދި ޖިސްމާނީ ގެއްލުމުގެ ބަދަލު އަދި މިވީހައިތަނަށް ލިބިފައެއް ނުވެއެވެ.
ފައުޒިއްޔާ ހަސަން ނިޔާވުމުގެ ކުރިން މުނިއަވަސް އަށް ދިން އިންޓަވިއުއެއްގައި މި މައްސަލައިގެ ކަންކަން ކުރިއަށްގޮސްފައިވާ މިންވަރު ހިއްސާކޮށްފައިވެއެވެ. އެގޮތުން 12 ފެބްރުއަރީ 2019 ގައި ފައުޒިއްޔާ ބުނީ ކެރެލާގެ ހައިކޯޓަށް މައްސަލަ ވައްދާފައިވާ ކަމަށާ ލޯޔަރަކީ ކެރެލާގެ ލޯޔަރެއްކަމަށްވާ ޕްރަސާދް ގާންދީ ކަމަށެވެ. އެ އަހަރު ފައުޒިއްޔާ ކެރެލާއަށް ދިޔައީ ފައުޒިއްޔާއަށް 1994ވަނަ އަހަރު ދިމާވި ކަންތައްތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށް އޭނާ އަމިއްލައަށް މަލަޔާޅަމް ބަހުން ލިޔެފައިވާ ފޮތް ރިލީޒްކުރުމަށް ކަމަށްވެސް ބުނެފައިވެއެވެ. އެފޮތުގައި ޖަލުގެ ވާހަކަތައް ދުވަހުން ދުވަހަށް ހިނގައިދިޔަ ގޮތް ބަޔާންކޮށްފައިވާނެ ކަމަށްވެސް ފައުޒިއްޔާ ބުންޏެވެ.
މި ފުރުޞަތުގައިވެސް މަރްހޫމާ ފައުޒިއްޔާ ޙަސަން އަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވަމެވެ.

މެސެންޖަރ މެދުވެރިކޮށް މުނިއަވަސް އަށް ފައުޒިއްޔާ ދެއްވި ބަސްދީގަތުމުގެ ތަންކޮޅެއް
ލިޔެ ޝާއިޢުކުރީ: އަޙްމަދު ރަޝީދު | ރިވިއުކުރީ: އަޙްމަދު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ރިޕޯޓްފިލާވަޅުގެ ދޭހަކުރުމަށް ފަސޭހަމަގެއް!
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!





ތިފިލްމު ދިވެހިންނަށް ފެންނާނެ ގޮތެއް ހޯދަދީބަލަ .
Amazon Prime Video ga eba oiy