…… ރެސްޓޯރެންޓަށް މީހަކު ޑެލިވަރީއަކަށް ގުޅި، ދެން ދާނެ މީހަކު ނެތިގެން އަހަރެން ދިޔައީ.” ފިލްމު “ފްރީ ޑެލިވަރީ”ގެ ޓްރެއިލާ ފެށޭކޮޅުން ތާތި އާދަމް ބުނެލައެވެ. ކަމެއް ހިނގައި ދިޔަގޮތް ކޮންމެވެސް މީހަކަށް އޮޅުންފިލުވައިދޭ ގޮތަކަށެވެ.

އާނ.. މަ ފަލަ. ކަލޭ ދިން އެއްޗެއް ކައިގެނެއްނޫން ފަލަވީކީއެއް.” ވަރަށް ގަޓްކޮށް، ކޮންމެވެސް މީހަކަށް ބަހުންޖަހާގޮތަށް ތާތި ބުނެލައެވެ.

ކިތަންމެ ކުރަސް، ޔޫގެ ކަންފަތް މައްޗަށް އަތް ފޯރައިފި ދޯ” ވަރަށް ތުއިކޮށް އައިޝާ ޢަލީ ބުނެލައެވެ.

މިއީ މިއަދު ކަޒްމިކް އިންޓަނޭޝަނަލް އިން ދޫކޮށްލި، އެ ޕްރޮޑަކްޝަންގެ ފުރަތަމަ ފީޗާ ފިލްމު “ފްރީ ޑެލިވަރީ”ގެ ޓްރެއިލާއިން އިވުނު ބައެއް މަޖާ ޑައިލޮގުތަކެވެ. ޑައިލޮގުތަކުގެ އިތުރުން އިފްނާޒްގެ އަޑުން ކިޔާފައިވާ ހިތްގައިމު ރެޕް ލަވައިގެ ސަބަބުން ހަމަ ގައިމުވެސް ޒުވާނުންނާއި މި ޒާތުގެ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް މި ޓްރެއިލާގެ ހިތްގައިމުކަން އިތުރުވެގެންދާނެ އެވެ.

ކޮމެޑީ ފިލްމު “ފްރީ ޑެލިވަރީ” އަކީ ބިޔަ ކާސްޓެއް ހިމެނޭ ފިލްމެކެވެ. އެގޮތުން ތާތި އާދަމް، އައިޝާ ޢަލީ، ރައުފަތު ޞާދިޤް، އަޙްމަދު ޝާރިފް، ވާޝިޔާ މުޙައްމަދު، ހާޒިފް މުޙައްމަދު، ފަޒިލް ފަޔާޒް، އިމާދް ޢަލީ، ފާޠިމަތު ލަޠީފާ، މަރިޔަމް ވަހީދާ (ޔަމް)، މުޙައްމަދު ސާމިހް، ޢަބްދުﷲ ސަމޫހް، މުޙައްމަދު މައިޝަމް، ޢަލީ އިނާޒް، އިބްރާހީމް ފައިރޫޒް، ސާމީ ޙުސައިން ދީދީ އަދި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެއެވެ.

މި ފިލްމަކީ އާސިމް ޢަލީ އަދި އާމިރާ ޢަލީގެ ދެބެއިންނާއި އިލްޔާސް ވަހީދު (އިއްލެ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ލިޔެ ޑައިރެކްޓްކުރީވެސް އިއްލެ އެވެ. އެހެންކަމުން އިއްލެގެ މަޖާ ފަޅިވެސް މި ފިލްމުން ފެނިގެންދާނެކަމަށް ބަލަމާ ހިނގާށެވެ.

ފިލްމުގެ އެޑިޓިން ހެދީ މުޙައްމަދު ޢަބްދުލް ޣަނީ (ޑޫ މޯރ) އެވެ. މިއުޒިކް ހަދާފައިވަނީ އިއްލެގެ “ނީނާ”ގެ ވެސް ހިތްގައިމު މިއުޒިކް ހެދި ޝަހީދު ލިގެސީ އެވެ.

ފިލްމު ރިލީޒްކުރާ ތާރީޚް ބުނެވިއްޖެދޯ އެވެ. އަދިވެސް އެއްފަހަރު ބުނެލާނަމެވެ. 04 ނޮވެމްބަރު 2023އަށް ތައްޔާރަށް ތިބޭށެވެ. ކަޒްމިކް އިންޓަނޭޝަނަލްފެ ފަރާތުން “ފްރީ ޑެލިވަރީ” ފަށާނެއެވެ.

ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.