މާމޮރިސް ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023 ގެ ސެމީ ފައިނަލްގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ވޮލްވްސް އަދި ޗެލެންޖާރސް ބައްދަލުކުރި 0-3 ން ޗެލެންޖާރސް މޮޅުވެ ފައިނަލަށް ގޮއްސިއެވެ.

ޗެލެންޖާރސް އަކީ ހުރިހާ މެޗަކުން މޮޅުވެ ގްރޫޕް އޭގެ އެއްވަނައިގަ އޮވެ ސެމީ އަށް ދަތުރު ކުރި ޓީމެކެވެ. މިރޭގެ މެޗުގައި ޗެލެންޖާރސްގެ ފުރަތަަމަ ލަނޑުޖަހައިދިނީ މެޗުގެ ދެވަނަ މިނިޓުގައި އަލީ ޝިޔާހް (17) އެވެ. ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާ އަކުން ނަމަވެސް ދެވަނަ ހާފުގައި ޗެލެންޖާރސް އިން އިތުރު ދެ ލަނޑުޖަހައި ކުރި ހޯދިއެވެ. ޝިޔާހުގެ އިތުރުން އަހުމަދު ބައްސާމް (7) ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ފޯރިއާއެކު ކުޅެމުން ދިޔަ މި މެޗުވެސް ވެގެން ދިޔައީ ފައުލް ތަކެއް ފެނިގެން ދިޔަ މެޗަކަށެވެ. ދެ ރީނދޫ ކާޑު ހަމަވެ ވޮލްވްސްގެ ޝައްމޫން ޖަމީލް (23) އަށް ވަނީ ރަތްކާޑު ދައްކައި ދަނޑުއް ބާލާފައެެވެ. ޝައްމޫންގެ އިތުރުން އެ ޓީމުގެ މުހައްމަދު ތިހާމް (14) އަށްވެސްވަނިި ރީނދޫ ކާޑު ދައްކާފައެެވެ. މި މެޗުގެ އެއްމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެލެންޖާރސްގެ އަލި ޝިޔާހެވެ.

މިރޭ ކުޅުނު ދެވަނަ މެޗުގައި އެފްސީ ކަރާ އަދި ރޯޔަލް ފްރެންޑްސް ކުޅުނު މެޗުން 2-3 ގެ ނަތިޖާ އަކުން މޮޅުވެ ރޯޔަލް ފްރެންޑްސް ވެސް ވަނީ ފައިނަލަށް ގޮއްސައެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނިޓުގައި ޖަހައިދިނީ ރޯޔަލްސްގެ މުހައްމަދު ތޯހިރު (10) އެވެ. ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާ އަކުން ރޯޔަލްސް ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން ދިޔައީ އަނެއްކާވެސް ރޯޔަލްސް ގެ ދެ ލަނޑާއި އެކުގައި ނަމަވެސް އެފްސީ ކަރާ ވަނީ ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ތޯހިރުގެ އިތުރުން ރޯޔަލްސް އަށް ލަނޑު ޖަހައިދިނީ އިބްރާހިމް ސިމާހް (17) އެވެ. އެފްސީ ކަރާގެ ލަނޑު ކާމިޔާބުކޮށްދިނީ މާދިހް ވަޖީހް (9) އަދި މުހައްމަދު އިރުޝާމް (13) އެވެ.

މިމެޗުގައިވެސް ފައުލް ތަަކަކާއިއެކު ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާފައި ވެއެވެ. އެގޮތުން ކާޑު ދައްކާފައިވަނީ އެފްސީ ކަރާގެ ފައްރާހް ސަލީމް (21) ، ރޯޔަލްސްގެ ހަސަން ސާޖިދު (7) އަދި އަޝަމް އަހުމަދު (87) އަށެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޯޔަލްސްގެ އިބްރާހިމް ސިމާހް (17) އަށެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 20.00 ގައެވެ. ފުރަތަމަ މެޗުގައި އަންހެން ޑިވިޝަންގެ ޗަޑްސް އަދި ކުއީންސް ބައްދަލު ކުރާއިރު ފިރިހެން ޑިވިޝަނުގެ ރޯޔަލް ފްރެންޑް އަދި ޗެލެންޖާރސް ބައްދަލުކުރާނެއެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މާމޮރިސް، ކޯ ސްޕޮންސަރ އަކީ މަޖިލިސް މެމްބަރ ހިސާން ހުސައިންއެވެ. އޮންލައިން މީޑިއާ ޕާރޓްނަރަކީ މުނިއަވަސް ،ފޮޓޯގްރަފީ ޕާރޓްނަރ ޒީ ކްލިކްސް އަދި ލައިވް ޕާރޓްނަރަކީ ތޯ ނެކްސަސްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.