މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ 2024-2025 ދައުރުގެ ހިންގާކޮމެޓީ އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި އެމްއެފްއޭގެ ވައިސް ޗެއަރޕާސަންގެ މަޤާމަށް ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބް ވާދަކުރަން ނިންމައިފި އެވެ. މިކަން ޝީލާ ހާމަކޮށްފައިވަނީ އެމްއެފްއޭ އާއްމު ވައިބަރ ގްރޫޕްގައެވެ.

“ގުޅިގެން ކުރިއަށް” – ސްލޯގަންއާ އެކު ޝީލާ އާއްމުކުރި ޕޯސްޓްގައި ބުނެފައިވަނީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ 2024-2025 ދައުރުގެ ވައިސް ޗެއަރޕާސަން ކަމަށް ކުރިމަތިލާ ކަމަށާ ޝީލާއަށް ވޯޓްދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

ޝީލާ ނަޖީބަކީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާގެ އިތުރުން އޯޓީޓީ ސީރީޒް ތަކުން ވެސް އޭނާގެ ހުނަރު ބެލުންތެރިންނަށް ދައްކަމުން އަންނަ ފަންނާނެކެވެ. އޭނާ ފިލްމީ ދާއިރާއަށް ނިކުތީ ރަހުމަތްތެރިއެއް ކަމަށްވާ އެކްޓަރ ޖުނައިދުގެ ބުނުމަކަށެވެ. އެގޮތުން ފުރަތަމަ ކުޅެދިނީ ވީޑިއޯ ލަވައެކެވެ. އެއީ ޖުނައިދު އާއެކު ކުޅެފައިވާ “ނުދާށޭ މަގޭ ލޯބިވާ އޭ ނުރުހި ތިހެން” މިލަވައެވެ.

ފިލްމީ ތަރި މުޙައްމަދު މަނިކާއެކު އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތުކުރަމުން އަންނަ ޝީލާއަކީ ފިލްމީ ދާއިރާއިން ހިންގަމުން އަންނަ އެކިއެކި ހަރަކާތްތަކުގައިވެސް ދެގޮތެއް ނުވެ ބައިވެރިވަމުން އަންނަ ފަންނާނެކެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ 2024-2025 ދައުރުގެ ހިންގާކޮމެޓީ އިންތިޚާބުގައި ޖާދުﷲ އިސްމާޢީލް، މުޙައްމަދު އަފްރާހް އަދި އުމަރު އަޝްފާޤް ވެސް ވާދަކުރާނެ ކަމަށް ބުނެފައިވެއެވެ. ޖާދުﷲ މިފަހަރުވެސް ވާދަކުރަނީ ޚަޒާންދާރުގެ މަޤާމަށެވެ. މުޙައްމަދު އަފްރާހް އަދި އުމަރު އަޝްފާޤް ކުރިމަތިލަނީ ހިންގާކޮމެޓީގެ މެންބަރު ކަމަށެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ އިންތިޚާބު ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ ކޮމެޓީ ޗެއާކުރަނީ ފިލްމީ ދާއިރާގެ ލިޖެންޑަރީ އެކްޓަރ އަދި މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރަފޯމިން އާޓްސްގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ) އެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން 2024-2025 ދައުރުގެ ހިންގާކޮމެޓީ އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ 15 ޑިސެމްބަރު 2023ގައެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން 2024-2025 ދައުރުގެ ހިންގާކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު 27 ނޮވެމްބަރ 2023 ވީ ހޯމަދުވަހުން ފެށިގެން 05 ޑިސެންބަރު 2023 ވަނަ ދުވަހުގެ 18.00 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.