ހިތާއި ސިނކުޑީގެ ހަނގުރާމަ ހުއްޓާލާ އަހަރެން ފޮށި ތަންމަތި ހިފައިގެން ހިނގައިގަތީމެވެ. އަހަރެންގެ ވާހަކަ އަޑު އިވޭ ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ ސުވާލަކަށް ވާނީ މި އުމުރުގައި މިފަދަ ފިޔަވަޅެއް އެޅީ ކީއްވެބާއެވެ. އަހަރުމެންގެ ތެރެއިން ގިނަ މީހުން މިފިޔަވަޅު އަޅަން ނުކެރި ކޮންމެ ހާލެއްގައިވެސް ކެތްކޮށްގެން އިންނަނީ މިސުވާލާއި ކުރިމަތިލާން ޖެހިލުންވާތީއެވެ. ނުވަތަ އެ ސުވާލު ދެކެ ބިރުންނެވެ. މީހުން ދެކޭނެ ގޮތާއި މީހުން ކިޔާފާނެ އެއްޗަކާއި ދޭތެރޭ ވިސްނާފައެވެ. އެކަމަކު އަހަންނަށް ދެން އެކަމާ ވިސްނަން އިނދެވޭކަށް ނެތެވެ. އަމިއްލަ އާއިލާއަށްޓަކައި ވަރަށް ދުވަހު ހުރެވިއްޖެއެވެ. މިއަދު އެ އާއިލާ ފުނޑުފުނޑު ވެއްޖެއެވެ. އެ އާއިލާ އަމިއްލަ ފައިމައްޗަށް ތެދުވެވި ޤާބިލް ބަޔަކަށް ވެއްޖެއެވެ. މިއަދު އެމީހުން އަހަރެން ބޭނުމެއް ނުވެއެވެ. އަހަންނަކީ ބުރައެއްކަމުގައި މޫނުމަތީގައި ބުނެވެސްފިއެވެ. އަނެއްކާވެސް އަހަރެން ދަތުރު މިފެށީ އައު ފެށުމަކުން ދިރިއުޅުމެއް ހޯދާށެވެ. އަމިއްލަ މިނިވަންކަންމަތީ އަހަރެންގެ އަމިއްލަ ނަފުސަށްޓަކައެވެ.

އަހަރެންގެ އުމުރުން ސާޅީސް އަހަރެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި ކައިވެންޏެއް ކޮށް ހަޔާތުގެ މައިދާނަށް ނިކުތީ އެހެންގޮތެއް ނެތިގެންނެވެ. މައިންބަފައިން ގެ ބޮލުގައި އެޅިފައިވި ދަރަނިތައް ފޫބެއްދުމަށްޓަކައި އެމީހުން ބުނި މުއްސަނދި މީހާއާއި ކައިވެނީ ކުރީ ދެވަނަ ވިސްނުމެއް ސިނކުޑިއަށް ނުވެސް ގެނެސްއެވެ. އާއިލާގައި ދެންތިބި ދެކުދިންގެ މުސްތަޤުބަލަށް ވިސްނާފައެވެ. ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން އަހަރެންގެ އަސްލު މަޤާމު އަހަންނަށް ވަރަށް ރަނގަޅަށް ކިޔައިދެމުން ގެންދިޔައެވެ. ފިރިމީހާ ގެއަށް ވަންނަ ކޮންމެ ވަޤުތަކީ އެވަގުތަކަށް އަހަރެންގެ ހުރިހައި ނާރުތަކެއް ސިހިސިހި ހުންނަ ވަޤުތުތަކަށް ވެގެންދިޔައެވެ. ލޯބިން ބަހެއް ބުނުމުގެ ބަދަލުގައި އަހަންނަށް ލިބެމުން ދިޔައީ ކަންކަށިމައްޗަށް ދެމުންދިޔަ ހޫނު އެތި ފަހަރުތަކެވެ. މަސްތުގެ ހާލަތުގައި އަހަރެންގެ ހަށިގަނޑު ނޮޅައިލަނީ އެތައް ފަހަރެއްގައެވެ. އެ ހާލަތުގައި އަހަރެން ބަލިވެ އިނީ އެކަމަށް އަހަރެން އެއްގޮތަކަށްވެސް ތައްޔާރުނުވެ ހުއްޓައެވެ. ބަނޑުގައި ކުޑަކުޑަ ފުރާނަ އެއް އޮތްކަން އެނގުނު ހިސާބުން އަހަންނަކީ ޓާރފް ދަނޑެއްގައި ކުޅެން ގެންގުޅޭ ބޯޅަ ގަނޑަކަށް ވެގެން ދިޔައެވެ. އެ ކުޑަކުޑަ ފުރާނަ އަހަރެންގެ ބަނޑުގެ ތެރޭގައި މި ދުނިޔެއަށް އައުމުގެ ވެސް ކުރިން ދުއްވާލީ އެރަހުމުކުޑަ ޖަނަވާރެވެ.

އެތައް ދުވަހަކު ހިތުގައި ފޮރުވައިގެން ހުރި ވޭންތައް އަމިއްލަ އާއިލާ ކައިރީ އެދުވަހު ބަނޑުން ކޮށްލުމުން އެއިން މީހެއްގެ އަނގައިން ބަހެއްވެސް ނުނިކުތެވެ. އޭގެ ބަދަލުގައި އަހަރެން ކުރެން އެދުނީ ޤުރުބާނީއަކަށެވެ. ހަމައަކަށް އެޅެންދެން ކެތްކުރާށެވެ. އަމިއްލަ އާއިލާ މިކަހަލަ ޤުރުބާނީއަށް އެދޭހެއްޔެވެ؟ އެދުވަހުން ފެށިގެން އަހަރެންގެ އިތުރު ޤުރުބާނީގެ ސިލްސިލާ ފެށުނީއެވެ. އެ އަނިޔާވެރިކަމުގައި އަހަރެންގެ ހަޔާތުގެ ވިހި އަހަރު ޤުރުބާން ކުރީމެވެ. އޯވާ ޑޯޒްވެ އަހަރެންގެ ފިރިމީހާ ދުނިޔެއިން ވަކިވި ވަގުތަކީ އަހަރެން ޝުކުރުގެ ސަޖިދައެއް ޖެހިވަގުތެވެ. ހަމަޖެހުމުގެ ނޭވާއެއް އެވަގުތު ފަޒާގެ ތެރެއަށް ދޫކޮށްލީމެވެ.

އަހަރެންގެ ހިތުން އެ ނުލަފާ މީހާ މިދުނިޔެއިން ވަކިވުން ވެގެންދާނީ އަހަރެންގެ މިނިވަންކަމުގެ ތަޅުދަނޑިއަށެވެ. ނަމަވެސް ދުނިޔެމަތީ ހުރެ ނަގާފައިވާ ލޯނުތަކާއި ދަރަނިތަކުގެ ސަބަބުން ގެއާއި ހުރިހައި މުދަލެއް އަތުން ގެއްލިގެން ދިޔައީއެވެ. އެބަޔަކަށްޓަކައި އެހާވަރުގެ ޤުރުބާންތައް ވި މީހުންކުރެން އެހީއަކަށް އެދި ދިޔައީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ނަމަވެސް އެތާ އަހަންނަށް ދެއަހަރު ދުވަހު ކެތްނުކުރެވުނެވެ. މީހުން ބުނަނީ ތެދެކެވެ. ދުރު ބަޔަކު ކިތަންމެ އަނިޔާއެއް ކުރިޔަސް ހިތަށް ނުކުރާ އަސަރު އަމިއްލަ އެއްލޭ ހިނގާ މީހުން ފުށުން ލިބުމުން ހިތަށް ކުރެއެވެ. މިއަދު އަހަރެން އަހަރެންގެ މައިންބަފައިން ދުނިޔޭގައި ތިބިނަމަ އަހަންނަށް މިހެން މި ހެދި ސަބަބު އަހާނަމެވެ. އަހަރެންގެ ނަސީބުގައި މި އަނިޔާއާއި ހިތްދަތިކަން އެދިނީ ކީއްވެތޯ ސުވާލު ކުރާނަމެވެ.

ކޮންމެއަކަސް މިއަދު އެ ހުރިހާ ކަމަކާއި މީހުން ދޫކޮށް އަހަރެން މި ފުރަނީ ދެން އިތުރަށް އެ އަނިޔާވެރިކަމަށް ދުވަހަކު އެނބުރި ނާންނަން އަޒުމުކަނޑައަޅައިގެންނެވެ.

ފުލައިޓް ކައްދޫ އެއަރޕޯޓުން ނައްޓާލި ވަގުތު އެންމެ ފަހު ފަހަރަށް އަމިއްލަ ފަސްގަނޑަށް ވަދާޢުގެ ބަލައިލުން ބަލައިލީމެވެ. އަލުން އަނބުރާ އެފަސްގަނޑުގައި ފައިބީއްސަން އަހަރެން ބޭނުމެއް ނުވެއެވެ. އެ ބިމުގައި ވަނީ އަހަރެންގެ އެތަކެއް ހުވަފެންތަކެއް ވަޅުލެވިފައެވެ. އެ ބިމުގެ ކޮންމެ އަކަފޫޓަކުން އަހަރެންގެ ވޭނުގެ އަޑު އިވޭ ކަހަލައެވެ. އަހަރެންގެ ގައިން އޮހޮރުނު ލޭގެ ވަސް ދުވާކަހަލައެވެ. އަހަރެންގެ ކަރުނަތަކުގެ ރާޅުތައް ޖަހާ ކަހަލައެވެ. އެކަމަކު ދެން އިތުރަކަށް ނޫނެވެ. އެ ހުރިހާ އަޑަކާއި މަންޒަރާއި އަހަރެން މިދަނީ ދުރަށެވެ. މާ ދުރަށެވެ. އިންޝާ ﷲ ދެން އޮތީ ހިތްވަރާއި ކާމިޔާބީއެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ގައިގައި ހުރި ކޮންމެ ލަކުނެއް ގައިން ފިލުވައިނުލެވުނެއް ކަމަކު އޭގެ ވޭންތައް އަހަރެން ކުޑަ ކުރާނަމެވެ.

އަހަންނަށް ޚިޔާލުގެ ދުނިޔެއިން ނިކުމެވުނީ ފުލައިޓް މާލޭ އިންޓަރ ނޭޝަނަލް އެއަރޕޯޓަށް ޖެއްސިއަޑަށެވެ. ދުވަހަކު އެކަނި މިކަހަލަ ދަތުރެއް ކޮށްފައި ނެތަސް އަހަރެންގެ ހަޔާތުގައި ލިބުނު ފިލާވަޅުތައް އަހަރެންގެ ހިތްވަރަށް ވެގެންދިޔައެވެ. ނޭނގޭ ކަންކަން މީހުންކައިރިން އަހައިގެން އަހަރެން ކޮންމެ ކަމަކާއި ކުރިމަތި ލަމުން ގެންދިޔައިމެވެ. ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ދިމާވި ދެތިން މީހެއް ކުރެން ދަސްވެފައި ހުރި ސޯޝައަލް މީޑިއާ ބޭނުންކޮށް ވަޒީފާއަކަށް ތައްޔާރުވެ އަހަރެން މާލޭގެ ބިންމައްޗަށް ފައި ޖެއްސީ ދިރިއުޅުމަށް ނިކަން ގިނަގުނަ ހުވަފެންތަކެއް ދެކެގެންނެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް