އަހަރެންގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. އަނެއްކާ އެބައި ކިހިނެއްވީ ބާއެވެ. ޖިންނި އެއްގެ ކަންތައް މިގޭގައި އޮތީ ބާއެވެ. އެކަހަލަ ކަމެއް އޮތިއްޔާ އެކަމުން ސަލާމަތްވުމަށް މިގޭ މީހުން މަސައްކަތް ނުކުރަނީ ހެއްޔެވެ؟ އެކަހަލަ ކަމެއް އޮތިއްޔާ ރާއްޖެތެރެއަށް އެ ވާހަކަ ނުފެތުރެނީ ކީއްވެ ހެއްޔެވެ؟ ހިޔާލީ ސުވާލުތަކުން އެނބުރި އަންނަން އަހަންނަށް ވަގުތު ކޮޅެއް ނެގިއެވެ. ކިތަންމެ އެތަނާ ބެހޭގޮތުން ސުވާލު ކުރަން ބޭނުންވި ނަމަވެސް އަނީސާ ކުރެން އަހާކަށް ނުކެރުނެވެ.

އެ ގެއަށް އައިތާ ދެތިން ގަޑި އިރުނަމަވެސް އަހަންނަށް އެ ގެ ބީރައްޓެހި ތަނަކަށް ނުވިއެވެ. ޖެހިގެން އޮތް ދުވަހު ރަސްމީ މަސައްކަތަށް ނިކުތުމަށް ހުރިހާ ކަމެއް ނިންމާލުމަށްފަހު އަރާމު ތަންމައްޗެއްގައި އަހަރެން އޮށޯވެލީމެވެ. ނަމަވެސް ތަންމަތި ކިތަންމެ އަރާމުވެފައި އެ ކުޑަ ކޮޓަރި ކިތަންމެ ތަނަވަސް ނަމަވެސް އަހަރެން ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. އެހެންވެ ކޮޅަށް ތެދުވެ މަޑު މަޑުން ހިނގާފައި ގޮސް ކުޑަ ދޮރު ހުޅުވާލީމެވެ. ޖެހޭ ފިނި ފިނި ވައިރޯޅިއާއި އެކު ބަގީޗާގައި ހުރި ގަސްތަކުން ދުވި މީރުވަހުން އަހަރެންގެ ހިތަށް ނޭގޭ ޒާތެއްގެ ހިތްހަމަ ޖެހުމެއް ގެނުވިއެވެ. ދުވަހަކު އިހުސާސް ނުވާ ކަހަލަ އިޙުސާސް ތަކެއް އަހަރެންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރާވެސް ކުޅެލިއެވެ. މާހަޢުލުގެ ހިތްގައިމު ކަމުގައި އަހަންނަށް ފަތައިގަނެވުނެވެ. ދެވުނީ ކިހާ ފުނަކަށް ކަމެއް އަހަންނަށް ބުނެދޭކަށް ނޭގެއެވެ. ނަމަވެސް އުމުރުގެ ސާޅިސް އަހަރު އަހަރެންގެ ހަށިގަނޑުގައި އެޅި ވޭންތައް ފިލާދިޔަކަހަލައެވެ. އެ ހަނދާންތަކާއި އެތަށް މޭލެއް ދުރަށް ދެވުނު ކަހަލައެވެ.

ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ގަޑީގެ އަޑަށެވެ. ގަޑިން ދޭއް ޖެހީއެވެ. ޖެހިގެން އޮތް ދުވަހަކީ އަހަންނަށް ބޮޑު ދުވަހެކެވެ. ނިދިކޮޅެއް ނިދުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ވިސްނޭތީ ކުޑަ ދޮރު ލައްޕާލައިފައި ނިދަން ނިންމީމެވެ. ނަމަވެސް ކުޑަ ދޮރު ލައްޕާލުމުގެ ކުރިން ބަގީޗާ ތެރެއަށް އެއްލި ކަޅިއާއެކު އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކުރިމަތީ ފެންނަން އެ އިނީ ކާކުބާވައެވެ. ބަގީޗާ ތެރޭގައި ދިއްލާފައިވާ ފަނޑު ފަނޑު އަލީގެ ތެރެއިން އަހަންނަށް ފުރަގަސް ދީގެން ގޮނޑިއެއްގައި އެއިނީ ހަމަ ގައިމުވެސް ފިރިހެނެއްކަން އަހަންނަށް އެނގުނެވެ. ބޮލުގެ އިސްތަށިގަނޑު ފަންއިރު އެއިސްތަށިގަނޑުވަނީ ކަނދުރާއާއި ހަމައަށް ދިގުކޮށްފައެވެ. އަހަރެންގެ ދެލޯބޮޑު ކޮށްގެން އިންދާ އެމީހަކު ތެދުވިއެވެ. ހެޔޮވަރު ވަރެއްގެ އިސްކޮޅެއް ލިބިފައިއެވާ ފިރިހެނާއަށްޓަކައި ހިތް ނުކިޔާނެ މީހަކު ނުހުންނާނެއޭ އަހަރެންގެ ހިތަށް އެރިއެވެ.

ފަހަތުން ކޮޓަރީގެ ދޮރުކައިރިން އިވިގެންދިޔަ މީހެއްގެ ފިޔަވަޅުގެ އަޑަށް އަހަރެން ފަހަތް ބަލާލީމެވެ. އަދި މީހަކު ކޮޓަރިއަށް ވަންނަން އައީ ބާވައޭ ހިތަށް އަރާ ސިހިސިހި ހުރެ ދޮރާދިމައަށް ތެޅިތެޅި އޮތް ހިތާއެކު އަހަރެން ބަލަން ހުރީމެވެ. ނަމަވެސް އޭގެ ފަހުން އެއްވެސް ހިލަމެއް ނުވުމުން ބަގީޗާގައި ހުރި މީހާ ކޮބައިތޯ ބަލާލީމެވެ. ނަމަވެސް އެމީހާ ފެންނާކަށް ނެތެވެ. އެހާ އަވަހަށް އެމީހާ އެދިޔައީ ކޮންތާކަށް ބާވައެވެ. އަހަރެންގެ ހިތް އެކަމާ މާޔޫސްވީ ކީއްވެ ކަމެއް އަހަންނަކަށް ނުވިސްނުނެވެ. ޗޮކެއް ކަނޑާލުމަށްފަހު ދޮރު ލައްޕާލުމަށް ހިފީމެވެ. ލައްޕަމުން ދިޔަ ވަގުތު ކުއްލިއަކަށް ދޮރުގައި ހިފެހެއްޓި އަތެއް ފެނުމުން އަހަންނަށް ހުރެވުނުތަންވެސް ނޭގުނެވެ. ހަޅޭއްލަވައި ގަނެވުނެވެ. އެވަގުތު އެމީހާ ދޮރުން އެރި ނޭރިގޮތެއްވެސް ނޭގެއެވެ. އަރާ އަހަރެން ގައިގައި ހިފެހެއްޓިއެވެ. އެވަރުންވެސް އަހަންނަށް މައިތިރި ނުވެވުނެވެ. މީހާ ތެޅެމުން ދިޔައީ ރޯމަހެއްތެޅޭ ހެންނެވެ. އެންމެ ފަހުން އޭނަ އަހަރެންގެ އަނގަ މަތީ އަތްއެޅިއެވެ. އޭރުވެސް އަހަރެން ދެފައި ދިޔައީ ބާރުބާރަށް ޖަހަމުންނެވެ.

ހަދާނެ ގޮތެއް އެމީހާއަށް ވެސް ނުވިސްނުނީ ތޯއްޗެކެވެ. އަހަރެން އެނދުމައްޗަށް ވައްޓާލުމަށް ފަހު ގައިމައްޗަށް ވާގޮތަށް އިށީންދެ އަނގަމަތީ އަތްއަޅާ ބަދެލިއެވެ. އަހަންނަށް ގުޑިވެސް ނުލެވުނެވެ. އަހަރެންގެ ދެލޯ ވަނީ މެރިފައެވެ. ހިތުގެ ތެޅުން ހީވަނީ ކޮންޓުރޯލުން ނެއްޓިފައި އޮތް އިންޖީނެއް ތެޅޭ ހެންނެވެ. އަހަރެންގެ ހަރަކާތްތައް މަޑުވެލީ އެމީހާގެ ހޫނު ނޭވާ އަހަރެންގެ މޫނު ކައިރިން އިހުސާސް ވުމުންނެވެ. ނަމަވެސް ހައިރާންވި ކަމަކީ އެކަހަލަ ވަގުތެއްގައި އެ އިޙުސާސް އަަހަންނަށް ވާންޖެހޭނީ ބިރުވެރި އެއްޗަކަށް ކަމަށް ވީނަމަވެސް އެނޭވާގެ ހޫނުކަން އަހަރެންގެ ހަށިގަނޑަށް ލޯބި ގެނުވަދިންކަމެވެ. އެމީހާގެ ގައިން ދުވަމުން ދިޔަ ނެޕޯލިއަންގެ ވަސް އަހަރެން މޮޔަ ކޮށްލިކަހަލައެވެ. އަހަރެން މައިތިރި ވެލުމުން ވައި އަޑަކުން އޭނަ ބުނެލިއެވެ.

” ހީ ކުރި ވަރަށް ވުރެ މާ ބާރުގަދަ” އޭނައަށް ވެސް މާ ނޭވާލެވެމުން ދިޔައެވެ. އެ އަޑުގައި ވަނީ ޖާދުލެކެވެ. ކޮންމެ އަންހެނެއްގެ ވެސް ހިތް އެއަޑަށް އެދޭނެކަން ޔަޤީނެވެ.

މަޑުމަޑުން އަހަރެން ދެލޯ ހުޅުވާލީމެވެ. ކޮޓަރީގެ ފަނޑު އަލީގެ ތެރެއިން އެ މޫނު އަހަންނަށް ނަގައެއް ނުގަނެވުނެވެ. ގައިގެ ހުރި ބާރެއްލާފައި އެމީހާ ގައިމަތިން ނަގާ ކޮށްޕާލީމެވެ. އަދި ފުރޮޅިލާފައި ގޮސް ކޮޓަރީގެ ލައިޓް ޖައްސާލީމެވެ. އަހަރެންގެ އަނގަ ދިޔައީ ހުޅުވިގެންނެވެ. އޭރު އެމީހާ ތެދުވަނީއެވެ.

“ކަލޭ.! ކަލޭ ކީއްކުރަނީ މިތާ؟ ވައްކަން ކުރަން ވަދެގެންދޯ؟ ” ދަތްކުޑި ވިކާލަމުން އަހަރެން ބުނީމެވެ.

އަހަރެންގެ ބަސްތައް އަޑު އަހާފަ އޭނަ ގާތަށް އައީ ހިންޏެވެ.

“އަމިއްލަ ގެއިން ވައްކަން ދޯ؟ ” ހިނިގަނޑެއް ޖަހާލަމުން އޭނަ ބުނެލިއެވެ. އަދި ހަމަޖެހިލަމުން އެނދުމަތީ އިށީދެލިއެވެ.

” އޭތް އޭތް…. ކީއްކުރަން ތި އިށީނީ؟ ތެދުވޭ ހަމަ މިހާރު. ކަލޭ ހީކުރީ ކަލޭ ތިހެން ބުނެގެން މަ ޤަބޫލު ކުރާނެ ކަމަށްތަ؟” އިންޒާރު ދެމުން އަހަރެން ބުނެލީމެވެ.

“ހެވޭ ޤަބޫލު ނުކުރިޔަސް. ހެހެހެ    އޭތް އަހަރުން މިއަދު މަޤުމަތިންވެސް ދިމާވި ދޯ؟!” އަހަރެންގެ މޫނަށް ބަލާލަމުން އެއްޗެއް ހަނދާންވާހެން އޭނަ ބުނެލިއެވެ.

އަހަރެންގެ ސިނކުޑިގެ ނާރުވެސް އެވަގުތު ފަހަތަށް ކުޅެލާ އެމަންޒަރު ސިފަކޮށްލަދިނެވެ. އާނއެކެވެ. އެއީ މިއަދު އަހަރެން ދިމާވި ޅަކުއްޖާއެވެ. އެކަމަކު އެވަގުުތު އެ ފެނުނު ކުޑަކުއްޖާ މިވަގުތު ހާދަ ފިރިހެން ވައްތަރެވެ. އޭނަގެ ކޮންމެ ހަރަކާތެއް އަހަރެންގެ ހިތަށް އަސަރު ކުރުވަމުންދަނީއެވެ.

” ކަލޭ މިގެއަށްތަ އައީ؟ އެކަމަކު އޭރާ ހާދަ ތަފާތޭ. މިހާރު ހާދަ ލޯތްބޭ.” ލޯބިން ފުރިފައިވި އަޑަކުން އޭނަ ބުނެލިއެވެ.

އަހަންނަށް ވަމުންދިޔަ ގޮތް ބުނެދޭނީ ކިހިނެއް ހެއްޔެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އެހެން މީހަކަށްޓަކައި އަހަރެންގެ ހިތް ތެޅެންފެށިކަހަލައެވެ. އޭނަ ކުރިމަތީ އަހަރެން ރަކިވާގޮތް ވަނީއެވެ. ލައިގެންހުރި ކުރު ކުރު ޓޮޕްކޮޅާ ފައިކުރި ފުޅާ ހަރުވާޅާ ކުޑަ ކުޑަ ބުރުގާގެ ތެރެއަށް ގެއްލެން ބޭނުންވަނީއެވެ. އޭނަ ތެދުވެގެން އަހަންނާ ދިމާ އަންނަން ފެށި ފެށުން އަހަރެން ގަނޑު ކޮށްލި ކަހަލައެވެ. އަހަރެންގެ ނޭވާގެ އަޑު ބާރުވެގެން ދިޔައެވެ. އަމިއްލަ ހަށިގަނޑުގެ ކޮންޓްުރޯލް އަހަރެންގެ އަތުން ދޫވި ކަހަލައެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް