އައިފިލްމްސް އިން ތައްޔާރުކުރަމުން އަންނަ ބިރުވެރި ފިލްމު “ކަންބަޅި“ގެ ފުރަތަމަ ޓްރެއިލާ މިއަދު ރިލީޒްކޮށްފި އެވެ. ޝައުޤުވެރި ކަންތައްތަކެއް ފެނިގެންދާ މިނެޓެއްހާ އިރުގެ މި ޓްރެއިލާއިން “ކަންބަޅި”އަކީ ކާކުކަން ނޭނގިގެން އެ ސުވާލުކުރާ މަންޒަރު ފެނިގެންދެއެވެ.

“ކަންބަޅި”ގެ ފުރަތަމަ ޓްރެއިލާ ފެށިގެންދަނީ އެޕާޓްމެންޓެއް ކުއްޔަށް ނެގުމަށްފަހު އެ އެޕާޓްމެންޓަށް ނުޒުހަތު ޝުޢައިބް ގޮސް ވަންނަ މަންޒަރުންނެވެ.

“ޖަހާފަ އިން އެޑްގަ އިނީ ޓޫ ރޫމްސް އެޕާޓްމެންޓެކޭ… އެކަމް މީނީވެސް ރޫމެއްނު ދޯ!” އެޕާޓްމެންޓް ކުއްޔަށް ދިން މީހާއަށް ދޯ ދެމުން ނުޒޫ ސުވާލުކުރެއެވެ.

“އާނ .. މީ އަޅުގަނޑު ގުދަނަކަށް ބޭނުންކުރަމުން އަންނަ ކުޑަ ތަނެއް.” އޯފް ސްކްރީނުން މީހެއްގެ އަޑު އިވިގެންދެއެވެ. އެހިސާބުން ދެން ފެންނަނީ ކޮޓަރިއެއްގެ ދޮރުމަތީގައި ހުއްޓިލައިގެން ހުންނަ ނުޒޫގެ ގައިގައި ނުފެންނަ ބާރަކުން ހިފައި ކޮޓަރިތެރެއަށް ދަމައިގަންނަ މަންޒަރެކެވެ. އެވަގުތު ނުޒޫ ހަޅޭއްލަވައިގަންނަ އަޑުވެސް އިވެއެވެ. ދެން އޭގެ ފަހުން ފެނިގެންދާ ކުރު ކްލިޕްތަކުން މި ފިލްމުގައި ހަރަކާތްތެރިވާ މުހިންމު ބައެއް މޫނުތައް ފެނިގެންދެއެވެ.

އޭގެ ފަހުން ތަންކޮޅެއް ހަރަކާތްތެރި މަންޒަރުތަކެއް ފެނިގެންދާއިރު ސިހުރުހާހޫރައިގެ ބައެއް ކަންކަންވެސް ފެނެއެވެ. މީގެ އިތުރުންވެސް ތަފާތު މަންޒަރުތަކެއް ފެނިގެންދާ މި ޓްރެއިލާ ނިމޭ ހިސާބުން ފިލްމުގެ ލީޑް ޝަރަފް ކުރިމަތިކުރުވާ ބޮޑު ސުވާލުގެ އަޑު އިވެއެވެ.

“ކަންބަޅިއޭ…. ކަންބަޅި އަކީ ކާކު؟”

01 ފެބްރުއަރީ 2024ގައި ރިލީޒްކުރަން އަމާޒުހިފާފައިވާ މި ފިލްމަކީ އައިފިލްމްސްގެ ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ، އިއްލެ އަދި އިފްނާޒް ޑައިރެކްޓްކުރާ ފިލްމެކެވެ.


ބިރުވެރި ފިލްމު “ކަންބަޅި“ ކާސްޓްގައި ހިމެނޭ މުހިންމު ތަރިންގެ ތެރޭގައި ރަވީގެ އިތުރުން ނުޒުހަތު ޝުއައިބް، ވާޝިޔާ މުޙައްމަދު، ޝަރަފުއްދީން އަބްދުﷲ އަދި އަޙްމަދު އިފްނާޒް ފިރާޤް ހިމެނެއެވެ. މީގެ އިތުރުން އަލަށް ތައާރަފުވާ ތުއްތު އާޓިސްޓް، އުމުރުން 6 އަހަރުގެ ސާރާ ބިންތު މުހައްމަދު ފާރިޤްގެ މުހިންމު ރޯލެއްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އެގޮތުން ސާރާ ފެނިގެންދާނީ ފިލްމުގެ ލީޑްގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކެރެކްޓަރއަކުން ކަމަށް އައިފިލްމްސް އިން ބުނެއެވެ.

އާސިމް އަލީ އަދި އިލްޔާސް ވަހީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ މިއުޒިކް ހަދަނީ ފިލްމު “ފްރީ ޑެލިވަރީ”ގެ ހިތްގައިމު މިއުޒިކް ހެދި ޝަހީދު ލިގެސީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރަނީ އިއްލެގެ “ބަވަތި” އަދި “ނީނާ”ގެ ވެސް އެ މަސައްކަތްތައްކުރި އޯކޭޒް އިންކް އެވެ. ހަމަ އެހެންމެ ކެމެރާ ކުރަނީވެސް ފިލްމު “ފްރީ ޑެލިވަރީ” ކެމެރާކުރި ސަމާހް އިބްރާހިމް އެވެ.

ފިލްމުގެ ކާސްޓްގައި ހިމެނޭ ތާތި އާދަމް އަކީ މި ފިލްމުގެވެސް ޕްރޮޑަކްޝަން މެނޭޖަރެވެ.

އައިފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި”ން ދިވެހި ފިލްމީ އުފެއްދުންތަކަށް އިތުރު ރަހަތަކެއް ގެނެސްދިން އިރު, ދެވަނަ ފީޗާ ފިލްމު “ނީނާ” ވެގެން ދިޔައީ މިހައިތަނަށް ދިވެހީން އުފެއްދި އެންމެ ވަރުގަދަ ފައިޓް ސީންތައް ހިމެނޭ ތަފާތު ފިލްމަކަށެވެ.

ފިލްމު “ކަންބަޅި“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.