ގދ. އަތޮޅަށް އުފަން އުމުރުން ނަވާރަ އަހަރުގެ އާއިޝަތު ސިޔާޒާ ނުވަތަ ސިޔާ ވެގެން ދިޔައީ ވާހަކަ ލިޔުމުގެ ދާއިރާއިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަބަޔެއްގެ މަޤްބޫލްކަން ހޯދި ޒުވާން ވާހަކަލިޔުންތެރި އަކަށެވެ. ދުވަހު ނޫސްތަކާއި ހަފުތާ މަޖައްލާތަކުގެ އިތުރުން ރޭޑިޔޯ ސްޓޭޝަންތަކާއި ވެބްސައިޓްތަކުން އެފަރާތެއްގެ ވާހަކަ އެންމެ ގިނައިން ފެންނަ އެއް ވާހަކަ ލިޔުންތެރިޔާއަށް ވެސް މެއެވެ.

ވާހަކަލިޔުމުގެ ދާއިރާއިން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޤުބޫލްކަމެއް ހޯދި ސިޔާ ކުއްލިއަކަށް އެ ދާއިރާއިން ގެއްލުން ވެގެން ދިޔައީ ބޮޑު ހައިރާންކަމަކަށެވެ. ސުވާލުތަކުން ފުރިގެންވީ ކަމަކަށް ވެސް މެއެވެ.

ސިޔާޒާ ނުވަތަ ސިޔާ ވާހަކަލިޔުން ހުއްޓައިލީ ކީއްވެތޯ ސުވާލުކުރަމުންދާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރުވަމުންނެވެ. އެކަމާއިބެހޭ މަޢުލޫމާތު ހޯދާން ބޭނުންވާ މީހުން އެހާމެ ގިނައެވެ. އޭގެތެރޭގައި އޭނާގެ ރައްޓެހިންނާއި ދެކެފަރިތަ މީހުންގެ އިތުރުން އޭނާގެ ވާހަކަތައް ކިޔަމުންދާ މީހުންނާއި، އެފަރާތްތަކަށް ސިޔާގެ ވާހަކަތައް ވިއްކަމުންދިޔަ ފަރާތްތައް ވެސް ހިމެނެއެވެ.

ގަބޫލުކުރާން ދަތިވިނަމަވެސް އެއީ ކަންހިނގައި ދިޔަގޮތެވެ. އެކަންތައް ވީގޮތެވެ. ރަށުގެ ބައެއްމީހުން ސިޔާއާ ބެހޭގޮތުން ދައްކަމުން ދިޔަ ވާހަކަތަކުގެ ޙަޤީޤަތް ވެސް މެއެވެ.

މުޅިރާއްޖެއަށް މަޝްހޫރު، އަދި މޫނިފޫހިފިލުވުމުގެ ދާއިރާއިން އެފަދަ ދެވަނަ އެއްނެތް މުނިއަވަސް ވެބްސައިޓަށް ވާހަކައެއް ލިޔުމަށް ޙަޤީޤީ ހާދިސާ އެއް ލިބޭތޯ ސިޔާ މަސައްކަތް ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. ކުރަމުންދިޔަ އުންމީދަށް ކުޑަ ނަމަވެސް އަލިމަގެއް ފެނޭތޯ ސިޔާ ދިޔައީ ހުރިހާ ދިމާލަކަށް ވެސް ލޯ އަޅަމުންނެވެ.

ނޮވެންބަރު މަހުގެ ސޯޅަ ވިލޭރޭގެ މެންދަމުން އަލިވެ އެކެއް ޖަހާކަން ހާއިރެވެ. ދީފައިވާ ނަލަ ހަނދުވަރުގެ އަލިން މުޅިބިން އުޖާލާވެ އަލިވެފައި ވާއިރު ކަނޑު މަޑުވެފައި ވައި ވެސް މަޑެވެ. ކަނޑު ދަތުރުކޮށްލުމަށް އެންމެ ހިތްގައިމު ރެއެކެވެ.

އެތައް ދުވަހެއް ވާންދެން ކުރަމުންއައި އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތު ލިބުމުން ސިޔާއަށް ހިނިތުން ވެލެވުނެވެ. އެކަމަށްޓަކައި އޭނާގެ ލޯބިވެރިޔާ ފަރުސާނަށް ޝުކުރު އަދާކުރަމުން އޭނާއާއެކު ކުޅުދުއްފުއްޓަށް ދިއުމަށް ކަނޑުމަގުން ދަތުރުފެށިއެވެ. ވައިގެމަގުން ދާން ކުރި މަސައްކަތް ލަސްވާތީ ސިޔާ ބޭނުންވީ ކަނޑުމަގުން ނަމަވެސް އަވަހަށް ދާށެވެ. ލިބިފައިވާ ފުރުސަތު ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. ސިޔާގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަ ޖެހުން އަންގައިދިނީ އެ ފުރުސަތާއިމެދު އޭނާ ހިތްހަމަޖެހިފައި ހުރިވަރެވެ.

ސިޔާ ގާތު ފަރުސާން ބުނެފައިވާ ގޮތުން، އޭނާގެ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތު މިފަހަރު އޭނާއަށް ލިބޭނެއެވެ. އެކަމުގެ އުންމީދާއި ޔަގީންކަން އޭނާއަށް ބޮޑެވެ.

ދަތުރު ފެށުމާއިއެކު ދަތުރުވެރިންގެ ތެރެއިން ގިނަބަޔަކު އިސްކަންދިނީ އަވަހަށް އޮށޯވެ ނިދާލާށެވެ. ދަތުރު ކުރުކޮށްލުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ނިދާލުން ކަމުގައި ފަރުސާން ވެސް ބުންޏެވެ. ފަރުސާންގެ އެވާހަކަތައް ސިޔާއަށް ގަބޫލު ކުރެވުނެވެ. އެފަދައިން ކަންތައް ކުރުމަށް އިސްކަންދިނެވެ.

ހުކުރުދުވަހުގެ ހެނދުނު އަށެއް ޖަހާކަން ހާއިރެވެ. ކުޅުދުއްފުށީ ބަނދަރަށް ބޯޓު ގާތްކުރުމާއިއެކު ދަތުރުވެރިންތައް ފައިބާން ފެށިއެވެ. ފަޅުވެރިންނާއި އޮޑިވެރިން އަވަސްވެގަތީ ދަތުރުވެރިންނަށް އެހީތެރިކަމާއި އެއްބާރުލުންދީ އެބައި މީހުން ގެނައި މުދާތައް ބާލާށެވެ. މާލެއިން މީހުން ބަލައި އައި މީހުނާއި މުދާ ބަލައި އައިސް ތިބި މީހުން ވަރަށް ގިނައެވެ. ބަނދަރު ސަރަހައްދުން ފެންނަމުން ދިޔައީ ހަލަބޮލި ކަމެވެ.

ކުޅުދުއްފުށްޓަކީ ސިޔާއަށް މުޅިން އައު ރަށެއް ނަމަވެސް ފަރުސާނަކަށް އެރަށް އަލެއް ނޫނެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ދެފަހަރަކު އެރަށަށް އައިސްފައެވެ.

ސިޔާ ގޮވައިގެން ފަރުސާން ބޯޓުން ފޭބުމާއިއެކު ޒުވާން ފުރައިގެ އަންހެން ކުއްޖަކު އައިސް ފަރުސާނާއި ސަލާން ކޮށްލިއެވެ. ހާލު އޮޅުން ފިލުވައިލަމުން ކަންތައްތައް ރަނގަޅުތޯ ވެސް އަހައިލިއެވެ.

އަޒްފާ އާއި ސިޔާ އެކަކު އަނެކަކަށް ތައާރަފުކޮށްދިނުމަށް ފަރުސާން އިސްކަން ދިނެވެ. ސިޔާ ފަދަ ކުޅަދާނަ މަޝްހޫރު ވާހަކަ ލިޔުންތެރިއަކާއި ބައްދަލުވުމުން އުފާކުރާކަން ހާމަ ކުރަމުން އަޒްފާ ނެގީ ފޯނެވެ. މިހާރުގެ ގިނަ ޒުވާނުން ފަދައިން ސިޔާއާއެކު ސެލްފީއެއް ނެގުމަށް އޭނާ އިސްކަން ދިނެވެ.

ވާހަކަ ދައްކަމުން ދައްކަމުން ސިޔާމެން ގޮވައިގެން އަޒްފާ ހިނގައިގަތީ އެތަނުގައި އޮތް ޕްރައިވެޓް ކާރާއި ދިމާއަށެވެ.

ސިޔާމެން ގޮވައިގެން އަޒްފާ ދިޔައީ އޭނާގެ ގެއަށެވެ. ރަނގަޅު ފެންވަރުގެ ގެސްޓްހައުސްއެއްގައި ސިޔާ ހުރުމުގެ ކަންތައް ހަމަޖައްސައިދޭން އަޒްފާ ބޭނުންވި ނަމަވެސް ފަރުސާނަށް އެގޮތް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ އަބަދު ވެސް އަޒްފާއަށް ފެންނަ ހިސާބުގައި ސިޔާ ބަހައްޓާށެވެ. އެގޮތަށް އެކަންތައް ކުރުމުގައި އެތައް ސަބަބެއް އެބަހުއްޓެވެ. ފަރުސާންގެ ވާހަކަތައް އަޒްފާއަށް ގަބޫލުކުރެވުނެވެ.

ދެބުރިއަށް އިމާރާތް ކޮށްފައިވާ އެގެއަކީ މިހާރަށް އެންމެ އެކަށީގެންވާ ފަދަ ޒަމާނީ ގެއެކެވެ. މަތީބައިގައި ތިން ކޮޓަރި އާއި ކުޑަ ސިޓިންގްރޫމެއްގެ އިތުރުން އޯޕަން ބައެއް އޮތެވެ. ތިރީ ބައިގައި ވަނީ ދެކޮޓަރި އާއި ބަދިގެ ބައިގެ އިތުރުން ބޮޑު ސިޓިންގްރޫމެކެވެ. ކޮންމެ ތަނަކުން ފެންނަނީ ޒަމާނީ ވަސީލަތްތަކާއި މަސައްކަތަށް ބަހައްޓާފައިވާ ފަރުވާތެރިކަމެވެ. ފުރިހަމަކަމާއި ރީތި ކަމެވެ. ގޯތިތެރެވަނީ އެކި ބާވަތްތަކުގެ މައު ގަސްތަކާއި ވިނަތަކުން ޒީނަތްތެރި ކޮށްފައެވެ. އެތަކެތި ހެއްދުމަށް ދެމުންދާ ފަރުވާތެރިކަމާއި ސަމާލުކަން އެތަނުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަން ހުއްޓެވެ.

އޯޕަން ބަޔަށް ވާގޮތަށް ކުޑަދޮރުތައް ހުރި ދެ ކޮޓަރީގެ ތެރެއިން އެއްކޮޓަރި ސިޔާއަށް އަނެއް ކޮޓަރި ފަރުސާނަށް ހުރީ ތައްޔާރު ކޮށްފައެވެ. ގެނައި ސާމާނު ކޮޓަރީގައި ބެހެއްޓުމަށްފަހު ވާހަކަ ދައްކަމުން ދައްކަމުން ތިން މީހުން ނުކުތީ ބޭރަށެވެ.

” ގެސްޓްހައުސްއަށް ދޯ ސައިބޯން ދާނީ؟ ” އަޒްފާ ބަލައިލީ ސިޔާ އަށެވެ. ގޮތް ނިންމުމުގެ ފުރުސަތު ސިޔާއަށް ދެމުން ފަރުސާނާއި ދިމާއަށް ވެސް އަޒްފާ ބަލައިލިއެވެ. އެކަމުގައި އޭނާގެ ޚިޔާލެއް ވެސް ބޭނުންވި ކަހަލައެވެ.

ހެނދުނުގެ ސައިގެ ކަންތައް ނިންމާލުމަށްފަހު ސިޔާ ބޭނުންވީ ކޮޓަރިއަށް ގޮސް އަރާމުކޮށްލާށެވެ. އަޒްފާ އާއި ފަރުސާނަށް ވެސް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. ކަމެއް ބޭނުންވެއްޖެނަމަ ގުޅާލަން ބުނެފައި އަޒްފާ ބޭރަށް ނުކުތުމުން ފަރުސާން ވެސް ގޮސް ސިޔާ ވަން ކޮޓަރިއަށް ވަނެވެ.

އިރުގެ ދައުރުވުން އޮއްސުމާއި ދިމާއަށް ދަތުރުކުރަމުން ދިޔައިރު ރަށުތެރެއަށް ފެތުރެމުންދިޔަ ފިނިކަން އިތުރުވަމުން ދިޔައެވެ. މަގުތަކުން މީހުން ފެނުން އިތުރުވަމުން ދިޔައިރު އާންމު މައިދާންތަކާއި ކުޅިވަރު ދަނޑުތަކަށް ހަލަބޮލިކަން ވެރިވަމުން ދިޔައެވެ. ފިނިމައިޒާންތަކާއި އަތިރިމައްޗަށް ޖަމާވަމުން ދިޔަ ކުޑަކުދިންގެ އަދަދު އިތުރުވަމުން ދިޔައީ ނުހަނު ހަލުވިކޮށެވެ.

މަރިޔަންދީއާ ބައްދަލު ކުރަން ސިޔާމެން ގޮވައިގެން އަޒްފާ ދިޔައީ ހަވީރު ފަހެއް ޖަހާކަން ހާއިރުއެވެ.

މީގެ އެތަކެއް އަހަރެއް ކުރިން ބިނާކޮށްފައިވާ އެގެއަކީ ވަރަށް ދުވަސްވެފައިވާ ބައު ގެއެއްކަން ގޭގެ ބޭރުން ވެސް އެނގެއެވެ. ފާރުތައް ރާނާށާއި ފާރުތަކުގައި ޖެހުމަށް ބޭނުން ކޮށްފައިވާ އުވައިގެ އަސަރު ބައެއް ފާރުތަކުން ފެންނަން ހުރިއިރު ހުސް ގައު ފެންނަން ހުރި ހިސާބު ވެސް މަދެއް ނޫނެވެ. ބައެއް ފާރުތަކުން ކޮންމެވެސް ވަރަކަށް ގައުނެއްޓި ބައު ހެދިފައިވާ ތަންތަންކޮޅު ވެސް ފެންނަން ހުއްޓެވެ.

ސިޔާމެންގެ ކުރިން ގޯތިތެރެއަށް ވަނީ އަޒްފާއެވެ. ސަލާން ގޮވާލުމުން ޖަވާބެއް ނުލިބުނެވެ. މަޑުކޮށްލުމަށްފަހު އަނެއްކާ ވެސް ސަލާން ގޮވާލިއެވެ. މަރިޔަންދީއާ ބައްދަލުކޮށްފައި ނޫނީ ދާކަށް ސިޔާ ބޭނުމެއް ނުވެއެވެ.

އުމުރުން ދުވަސްވީ އަންހެނަކު ގޭތެރެއިން ނުކުންނަމުން ސަލާން ބަލައިގަތެވެ. ފުނާއެޅުމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ދީފައިނުވާ އެމީހާގެ ކިބައިން ފެނުނީ ފަރުވާކުޑަ ކަމެވެ. އިސްތަށިގަނޑަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާއިރު އަންނައުނު ވެސް މިއިން ދުވަހަކު އިސްތިރިކޮށްލިހެނެއް ހިޔެއް ނުވެއެވެ.

އެމީހުންނަކީ ކީއްކުރަން އައި ކޮން ބައެއްކަން މަރިޔަންދީއަކަށް ނޭނގުނެވެ. އޭނާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ވާހަކަ ދެއްކީ އަޒްފާއެވެ. ވަރަށް ކަނުލައި އަޒްފާގެ ވާހަކަތައް އަޑުއެހި ނަމަވެސް އޭނާ މަސައްކަތްކުރާ ގަޑީގައި ސިޔާ އެތަނަށް ވައްދާކަށް މަރިޔަންދީ އެއްބަހެއް ނުވިއެވެ.

ލިބުނު ފުރުސަތު ގެއްލޭކަށް ސިޔާ ބޭނުމެއް ނުވިއެވެ. ކިތަންމެ ކުޑަނަމަވެސް ފުރުސަތެއް ލިބޭތޯ އޭނާ މަސައްކަތް ފެށިއެވެ. މަރިޔަންދީ ބުނި ކޮންމެ ގޮތެއް ހަދައިގެން މަރިޔަންދީ ބުނި ކޮންމެ އަގެއް ދީގެން ވިޔަސް އެތަނުގައި ހުންނަން އޭނާ ބޭނުންވިއެވެ. ކޮންމެފަދަ ޤުރުބާނެއް ވެގެން ވިޔަސް އޭނާ ބޭނުންވަނީ މަރިޔަންދީގެ މަސައްކަތް ލޮލުން ދެކި އަތުން ހިފާށެވެ. އެއްވެސް ސުވާލެއް ނެތް ވަރަށް އެކަން ޔަގީން ކުރާށެވެ. އެކަމާއި ބެހޭގޮތުން ލިބެން އޮތް ކިތަންމެ ކުޑަ މަޢުލޫމާތެއް ވިޔަސް އަމިއްލައަށް ތަޖުރިބާކޮށް އެކަން ހޯދާށެވެ.

ހުއްޓުމެއްނެތި ސިޔާ ކުރަމުންދިޔަ އާދޭސްތަކުގެ ސަބަބުން މަރިޔަންދީގެ ހިލަހިތަށް ކޮންމެވެސް ވަރެއްގެ ރަހުމެއް ވަނެވެ. ޝަރުތުތައް ގިނަވެފައި ހަރުކަށި ނަމަވެސް ސިޔާ އެގޮތާއި އެއްބަސްވިއެވެ. ފުރުސަތު ދިނީތީ މަރިޔަންދީއަށް ޝުކުރު އަދާކުރިއެވެ. ކަންބޮޑުވެ ހާސްވެފައި ހުރި ފަރުސާނަށް ކެތްކުރެވުނީ ގޯތިތެރެއިން ނުކުންނަން ދެނެވެ.

ފަރުސާން ދެއްކި ވާހަކަތައް ގަބޫލުކުރެވުނު ނަމަވެސް އެފުރުސަތު ދޫކޮށްލާކަށް ސިޔާއަކަށް އެއްބަހެއް ނުވެވުނެވެ. ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފަން އޭނާ ނިންމީ އެތައް ގޮތަކަށް ވިސްނުމަށްފަހުއެވެ. ހިތުގެ އަޑިން އެތައް ނިންމުމެއް ނިންމުމަށްފަހުއެވެ.

އޮއްސުނުއިރާއިއެކު ރަށުތެރެއަށް ވެރިވި އަނދިރިކަމުގެ ތެރެއަށް ހަމަހިމޭންކަން ވެރިވެގަތެވެ. މަގުތަކާއި އާންމު މައިދާންތަކަށް ވެރިވި ހަމަހިމޭންކަމާއި ފަޅުކަން ގެތަކާއި ހަމައަށް ވެސް ފޯރިއެވެ. މަޣްރިބު ނަމާދަށްފަހު ގޭގައި ޤުރުއާން ކިޔެވުމަށް އިސްރަށްވެހިން ދެމުންދިޔަ ސަމާލުކަމުގެ މައްޗަށް ހިންދީ ޑުރާމާތައް ވެރިވެގަތްތާ އެތައް އަހަރެއް ވެއްޖެއެވެ. ގަޑިންގަޑިއަށް އަދާކުރާ ވާޖިބެއްހެން ޑުރާމާތައް ބެލުމަށް އިސްކަންދޭ ޒުވާނުން މަދެއް ނޫނެވެ.

ރޭގަނޑަށް ކައިގެން ސިޔާ ތައްޔާރުވަމުން ދިޔައީ މަރިޔަންދީ ކައިރިއަށް ދާށެވެ. އެކަމަށްޓަކައި އޭނާ ވާންޖެހޭ ތައްޔާރުތައް ވިއެވެ. އޭގެ ކުރިން ޔަގީންކުރަން ބޭނުންވި ކަންތައްތައް ޔަގީންކުރި ވެސް މެއެވެ.

މަރިޔަންދީ ބުނެފައިވާ ގަޑީގެ ފަސްވަރަކަށް މިނިޓު ކުރިން ސިޔާމެން އެ ގެ ކައިރިއަށް ދިޔައެވެ. ފަރުސާނާއި އަޒްފާއާ ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކުރުމަށްފަހު، އެމީހުނާއި ވަކިން ސިޔާ ގޮސް ގޯތިތެރެއަށް ވަންނަމުން ސަލާން ގޮވާލިއެވެ. މަރިޔަންދީ ގާތު އެއްބަސްވި ފަދައިން ފަރުސާނާއި އަޒްފާ ދިޔައީ ގެއަށެވެ.

ސިޔާއާ ވާހަކަ ދައްކަން މަރިޔަންދީ ނުކުތީ ބޭރަށެވެ. ސިޔާއާ ވާހަކަ ދައްކަން އިރުކޮޅަކު އޭނާ މަޑުކުރިއެވެ. ގޭތެރެއަށް ވަނުމުގެ ކުރިން އޭނާގެ އަތަށް ފޯނު ދިނުމަށް ވެސް ބުންޏެވެ. އެއްވެސް ޖެހިލުމެއް ނެތި އޭނާގެ އަތަށް ސިޔާ ފޯނު ދިނެވެ.

ގޭތެރެއިން ފެންނަމުން ދިޔައީ ބައުކަމާއި ވިރާނާ ކަމެވެ. މުސްކުޅި ކަމާއި ފަޅުކަމެވެ. މަރު ފަދަ ހަމަހިމޭންކަމެވެ.

މަރިޔަންދީގެ ފަހަތުން ގޭތެރެއަށް ވަދެގެންދިޔަ ސިޔާ ގޮސް މަރިޔަންދީ ވަން ކޮޓަރިއަށް ވަނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް