ފާޅުވުން
އަމްޝަދު ދެވަނަ ފަހަރަށް ވާހަކަދައްކަން ފެށުމުގެ ކުރިން މަޑުޖެހިލިއެވެ. އޭނާ އެ ބުނަން އުޅޭ ވާހަކައަކީ އޭގެ ބުރަދަން އޭނާއަށް ވެސް ފުރިހަމައަށް ވަޒަން ނުކުރެވޭ ފަދަ މުހިންމު ވާހަކައެއް ކަހަލައެވެ.
“އަހަރެންނަށް ޔަސްމީން އަބަދުވެސް ފެނިފަ ހުރީ މި ހިޔަންޏަކާ އެއްކޮށް!” ޔަސްމީންގެ ނަޒަރު އަނެއްކާވެސް އަމްޝަދުއަށް ހުއްޓުނެވެ. އެއީ ކޮން ކަހަލަ ބަލައިލުމެއްކަން ދެނެގަންނާކަށް ނޭނގެއެވެ.
“މިގޮތަކަށް ނޫން… ގޭ ކައިރިއަކުން ނޫން،” އޭނާ ކަރުކެހިލިއެވެ. “އަތިރިމަތިން.”
ހިމޭންކަމުގެ ވަގުތުކޮޅެއް ފާއިތުވިއެވެ.
“ދަމެއްހާއިރު.”
ޔަސްމީންގެ ލޮލުން ކޮންމެވެސް ކަމެއް ފާހަގަވިއެވެ. އެއީ ކުޑަ ކަމެއް ނަމަވެސް، ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ.
އަމްޝަދުއަށް އެކަން ފާހަގަވިއެވެ.
“ފެންނަން ހުރީ އެކަނި،” އޭނާގެ އަޑު މަޑުވަމުން ދިޔައެވެ. އެ ހަނދާންތައް އާކުރާއިރު ވެސް ހިމޭންކަމަށް ބޭނުންވާ ކަހަލައެވެ. “ރާޅުޖަހާ ފަށުގައި މަޑުކޮށްލައިގެން. މުޅި ރަށް އޮތީ ނިދާފައި. އެއްވެސް ދޯންޏެއް، އެއްވެސް ބައްތިއެއް ނެތް. ހަމައެކަނި ކަނޑާއި ހަނދު.”
ވާހަކަދައްކަމުން ދިޔަވަރަކަށް އޭނާގެ ނޭވާލުން މަޑުވަމުން ދިޔައެވެ. ހީވަނީ އަލުން އެ ވަގުތުކޮޅުގެ ތެރެއަށް އޭނާ ގެނބެމުންދާ ހެންނެވެ.
“އަދި ހަމައެކަނި… އެތާ ހުރީއެއް ނޫން.”
އަމްޝަދު ހުއްޓާލިއެވެ. މޫނުމަތިން ކުޑަ ވަގުތުކޮޅަކަށް ޝައްކުގެ އަސަރު ފެނުނެވެ. ނަމަވެސް، ދެންވެސް އޭނާ އެ ވާހަކަ ބުންޏެވެ.
“ޔަސްމީން ވަށައިގެން ކޮންމެވެސް އެއްޗެއް ފެންނަން ހުރި.”
އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ނަމަވެސް މިފަހަރު އެ ހިމޭންކަން ތަފާތެވެ. މާ ބަރުހެލި ގޮތެއް ހުއްޓެވެ.
“ދުންގަނޑެއް ކަހަލަ،” އޭނާ އިތުރުކޮށްލިއެވެ. “އެކަމަކު ކުރިން އަހަރެން ދުށް އެއްވެސް އެއްޗަކާ ވައްތަރެއް ނޫން. އެއީ ކަޅުކުލައިގެ އެއްޗެއް… އެކަމަކު އެއިން އަލިކަން ފާޅުވޭ. ރިހިކުލައިގެ ދަޅަ އަރާ ކަޅުކުލައެއް. ހަރަކާތްތެރިވަނީ، އެކަމަކު ވައިރޯޅިއަކުން އެއްޗެހި ހަރަކާތްކުރާ ގޮތަކަށް ނޫން.”
ޔަސްމީންގެ އިނގިލިތައް ބާރުކޮށްލިއެވެ.
އަމްޝަދު ކުޑަކޮށް ކުޑަދޮރާ ގާތަށް ޖެހިލިއެވެ. މިހާރު އޭނާގެ އަޑު އިވެނީ ހަމައެކަނި ސިއްރުސިއްރުން ބުނާ ކަހަލަ ގޮތަކަށެވެ.
“އެ އެއްޗެއް ޔަސްމީންގެ ގައިގާ ބީހެނީއެއް ނޫން،” އޭނާ ބުންޏެވެ. “އެއީ… ޔަސްމީންގެ ވަށައިގެން ހުރި އެއްޗެއް. ހީވަނީ އެއީ އެތަނަށް ނިސްބަތްވާ އެއްޗެއްހެން. ބައެއްހެން، ނޫނީ ޔަސްމީން އެ އެއްޗެއްގެ ބައެއްހެން.”
ލޮނުވަސް އަނެއްކާވެސް ގަދަވާން ފެށިއެވެ. ގޭގެ ތެރޭގައި، އެ ޔަސްމީންގެ ނޭވާލުން މަޑުވިއެވެ. އެއީ ބިރުގަތުމަކުން ނޫނެވެ. ކަމެއް ދެނެގަނެވުމުންނެވެ.
“އަހަރެން ހީކުރީ އެއީ އަހަންނަށް ހީވި ހީވުމެއް ކަމަށް،” އަމްޝަދު ކުރިއަށް ގެންދިޔައެވެ. “އަހަރެން ގުޑައެއް ނުލަން. ގުޑައެއް ނުލެވުނު. ހަމައެކަނި ބަލަން ހުރީ. ދެން…”
އަމްޝަދުގެ އަޑު ތުރުތުރުލިއެވެ.
“ދެން ފެނުނީ ޔަސްމީން ކުއްލިޔަކަށް މައްޗަށް ބަލަންހުއްޓާ.”
އަނެއްކާވެސް މަޑުޖެހިލުމެއް.
“ޔަސްމީންއަކަށް އަހަރެން ނުފެނޭ،” އޭނާ އަވަސް އަވަހަށް ބުންޏެވެ. “އަހަންނަށް އެނގޭ ނުފެންނަކަން. އެކަމަކު ބަލާލި ގޮތުން… ހީވީ އެހެން އެއްޗަކަށް ބަލަނީހެން. އަހަންނަށް ނުފެންނަ ކޮންމެވެސް އެއްޗަކަށް.”
މުޅި ކޮޓަރިތެރެ ހީވަނީ ކުޑަވެ، ގާތްވަމުންދާ ހެންނެވެ.
“އަހަރެން އެކަން ހަނދާން ނައްތާލަން އުޅުނިން،” އޭނާ އިއުތިރާފުވިއެވެ. “އެކަމަކު އެކަމެއް ނުވި.”
މިހާރު އޭނާގެ އަޑުގައި ހުރި ޝައްކުތައް ފިލައި، އެކަމުގެ ތެރެއަށް ދަމައިގަނެވިފައިވާ ކަހަލައެވެ.
“ވާހަކައެއް ބުނަންތަ؟” އަމްޝަދު ބުންޏެވެ. “ވަރަށް ކުރީގެ ވާހަކައެއް. އަބަދުވެސް މި ރަށުގައި ދައްކާ ވަހަކައެއް!”
ޔަސްމީންގެ ލޯ މަޑުމަޑުން އޭނާގެ ލޮލާ ސީދާވިއެވެ.
“ރަށުގެ އެންމެ އުތުރު ހިސާބުގައި އުޅޭ މުސްކުޅި ދައިތަ.. ކަރީމާފުޅުދައިތަ… މިރަށު މީހުން ޒިޔާރަތް ކުރަން ބިރުގަންނަ ގޭ… އަހަރެން ކުޑައިރު އޭނާ މި ވާހަކަ ދައްކާ އުޅުނު.”
އޭނާގެ އަޑު ކުރިއަށްވުރެ ވެސް މަޑުވިއެވެ.
“ބުނެވޭ ގޮތުގައި، ކަނޑާއި އެއްގަމާ ދެމެދު ހިނގާ ކޮންމެވެސް އެއްޗެއް ވޭ. ކަނޑަކު ނޫން. އެއްގަމަކު ވެސް ނޫން. އެ ދެމެދުގައި.”
ބޭރުގައި ޖެހަމުންދިޔަ ވައިރޯޅި މުޅިން ހުއްޓުނެވެ.
“އޭނާ ބުނި ގޮތުގައި އެއީ އަހަރެމެން ފަދައިން މި ދުނިޔެއަށް ނިސްބަތްވާ އެއްޗެއް ނޫން،” އޭނާ ކުރިއަށް ގެންދިޔައެވެ. “އެ އެއްޗެއް އިޚްތިޔާރު ކުރަނީ… އެންމެންނެއް ނޫން. ހަމައެކަނި އެ އެއްޗަކަށް ފޯރާ މީހުން. އެ އެއްޗެއްގެ އިހުސާސް ކުރެވޭ މީހުން.”
ޔަސްމީންގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެއީ ބިރުވެރިކަމަކުން ނޫނެވެ. އެއަށްވުރެ ބޮޑު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. އެއީ ކަންކަން ވިސްނި، ސާފުވުމުގެ ސަބަބުންނެވެ.
“އެ އެއްޗެއް އަންނަނީ ހިމޭންކަމާ އެކުގައި ކަމަށް ބުނެއުޅޭ،” އަމްޝަދު ބުންޏެވެ. “ފުސްގަނޑެއްގެ ތެރެއިން. ދުމުގެ ތެރެއިން. ހިޔަންޏެއްގެ ސިފައިގައި، އެކަމަކު އަލިގަދަ އެއްޗެއްގެ ގޮތުގައި.”
އަމްޝަދު ކަރުކެހިލިއެވެ.
“އަދި އެއްފަހަރު މީހަކު ހޯދައިފިއްޔާ…”
ދިގު ހިމޭންކަމެއް……
އަމްޝަދުގެ ލޯ ޔަސްމީންގެ ލޮލާ ސީދާވިއެވެ.
“އެ އެއްޗެއް އެ މީހަކު ދޫކޮށް ނުލާނެ.”
އެ ބަސްތައް އެދެމެދުގައި ހަރުލާފައި ހުއްޓެވެ. ބަރުހެލިކަމާ ބިރުވެރިކަމާއެކުގައެވެ.
ޔަސްމީން ފަހަތަކަށް ނުޖެހުނެވެ. އެކަމާ ދެކޮޅެއްވެސް ނުހަދައެވެ. ސަބަބަކީ، އޭނާގެ ހިތުގެ އަޑީގައި އޭނާއަށް މިހާރުވެސް އެކަން އެނގޭތީއެވެ. އޭނާއަށް..
އެކަން އިހުސާސްވިއެވެ.
އެއީ ހަމައެކަނި ޚިޔާލެއް ނޫނެވެ.
އިހުސާސެއްވެސް ނޫނެވެ. އެއީ ހަނދާނެކެވެ.
ތޫނު، ކުއްލި، އަދި ނުބައި ހަނދާނެކެވެ. ޔަސްމީންގެ ލޯ ބޮޑުވެ، ނޭވާ ހުއްޓުނެވެ. ގަދަކަމުން ހުޅުވައިލި ދޮރަކުން އެތެރެއަށް ދެމިގަތް އެއްޗެއް ފަދައިން، އޭނާގެ ސިކުނޑީގެ ތެރެއަށް ކަންތައްތަކެއް އޮހިގަތެވެ. އެ މުސްކުޅި އަންހެންމީހާއެވެ.
އާނއެކެވެ…
އެއީ ހަމަ އެމީހާއެވެ.
ކުދިކުދި ބައިތައް ގުޅެން ފެށިއެވެ.. ކުރިން ބުނެފައިވާ ބަސްތަކާއި، އަޑުއިވި ނުއިވޭ ފަދަ އިންޒާރުތަކާއި، އޭނާ ފަރުވާކުޑަކޮށް ނުވަތަ ހަނދާން ނައްތާލާފައިވާ ވަގުތުތަކެވެ. “އޭނާ އަހަރެން ގާތު ބުނި…” ޔަސްމީން މަޑުމަޑުން ބުންޏެވެ.
ޔަސްމީންގެ އަޑު މިހާރު ތުރުތުރުލަނީއެވެ.
ކުރީގެ އެ ސާބިތުކަމެއް ނެތެވެ.
“އޭނާ އަހަރެން ގާތު ބުނި…” ދެން ޔަސްމީންގެ އަތް ބޮލާ ހަމައަށް އުފުލާލިއެވެ.
“އަހަރެން ހަނދާންވެއްޖެ…”
މުޅި ކޮޓަރި އެނބުރެން ފެށި ކަހަލައެވެ.
އޭނާގެ ބޮލުގެ ތެރެއިން ވަރުގަދަ ތަދެއް ދަތުރުކޮށްލިއެވެ.
އެއީ ކުއްލިއަކަށް އިހުސާސްވި ކެތްނުކުރެވޭ ފަދަ ތަދެކެވެ.
ހީވަނީ ޔަސްމީންގެ އެތެރޭގައި ފޮރުވިފައިވާ އެއްޗެއް ބޭރަށް ނުކުތުމަށްޓަކައި މަސައްކަތް ކުރަނީ ހެންނެވެ.
“އޭނާ މަސައްކަތް ކުރީ އަހަރެންނަށް އިންޒާރު ދޭން”
ޔަސްމީންގެ އަޑު މެދުކެނޑި، ބާރަށް ރޮއިގަނެވުނެވެ.
އަދި އެއަށްފަހު ބަރަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ.
އެ ހަޅޭކުގެ އަޑު މުޅި ހިމޭންކަން މުގުރާލިއެވެ. އެއީ ހިތްފަޅައިގެންދާ ފަދަ ތޫނު އަޑެކެވެ. ހަމަ އެވަގުތު ޔަސްމީންގެ ހަށިގަނޑުން ވަރުދޫވެ، ބިންމައްޗަށް ވެއްޓުނެވެ. މުޅި ދުނިޔެ އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ޔަސްމީންއަށް ކަޅު އަނދިރިގަނޑަކަށް ވެގެން ދިޔައެވެ.
ހިމޭންކަމެވެ.
އެތެރޭގައެވެ.
ނަމަވެސް ބޭރުގައި ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. އަމްޝަދު ކުޑަދޮރު ކައިރިން ފަހަތަށް ޖެހިލިއެވެ. އޭނާގެ ހިތް އިންތިހާއަށް ބާރަށް ތަޅެމުން ދިޔައެވެ.
“އޭއް ޔަސްމީން!” އޭނާ ގޮވައިލިއެވެ. ބިރުގަތްވަރުން އޭނާގެ އަޑުވަނީ ތުރުތުރުލާފައެވެ. “ކިހިނެއްވީ؟!” ޖަވާބެއް ނުލިބުނެވެ.
އޮތީ ހަމައެކަނި ހިމޭންކަމެވެ.
ނަމަވެސް އެއީ ހުސް ހިމޭންކަމެއް ނޫނެވެ.
އެއީ އެހެން ކަމެކެވެ.
އަދި އެއަށްފަހު…….
ހިމޭންކަމެވެ.
އެތެރޭގައެވެ.
ނަމަވެސް ބޭރުގައި—ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. އަމްޝަދު ކުޑަދޮރު ކައިރިން ފަހަތަށް ޖެހިލިއެވެ. އޭނާގެ ހިތް އިންތިހާއަށް ބާރަށް ތަޅެމުން ދިޔައެވެ.
ފުރަތަމަ ފެނުނީ ހަމައެކަނި ފަނޑު ހިޔަންޏެއް ފަދަ އެއްޗެކެވެ. ހީވަނީ ދޮންވެފައިވާ ވެލިގަނޑުގެ މަތިން އަރާ އާވިގަނޑެއް ހެންނެވެ. ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި، އެ އެއްޗަކަށް ސިފައެއް އަންނަން ފެށިއެވެ. ދުންގަނޑެކެވެ.
ނަމަވެސް އެއީ އޭނާ ދުވަހަކުވެސް ދެކެފައިވާ ފަދަ ދުމެއް ނޫނެވެ.
ކަޅުކުލައެވެ. ނަމަވެސް އެއިން ފިޔާތޮށި ރިހިކުލައިގެ އަލިގަނޑެއް ފަނޑުގޮތަކަށް ވިދަމުން ދިޔައެވެ. ހީވަނީ ދިރުމެއް ހުރި އެއްޗެއް ހެންނެވެ.
އޭނާގެ ނޭވާ ހުއްޓުނެވެ.
އެ ދުންގަނޑު ބިމުން މައްޗަށް އަރަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. އެކި ސިފަސިފައަށް ބަދަލުވަމުން، ދިގުވަމުން އަދި ފުޅާވަމުން ދިޔައީ ބިރުވެރި ހިމޭންކަމަކާ އެކުގައެވެ.
“ޔާރައްބީ…” އަމްޝަދު ބިރުންހުރެ މަޑުމަޑުން ބުންޏެވެ.
އަމްޝަދު ފަހަތަށް ފިޔަވަޅެއް އެޅޭތޯ މަސައްކަތްކުރިއެވެ.
ނަމަވެސް އޭނާގެ ފައިން ވަރުދޫވެއްޖެއެވެ.
ހީވަނީ އޭނާ ކޮޅަށް ހުރި ބިމަކީ މިހާރު އޭނާގެ ބާރުގެ ދަށުގައި އޮތް ތަނެއް ނޫން ހެންނެވެ. އެ ސިފަ ދިޔައީ ބޮޑުވަމުންނެވެ. އެއީ ހަރު އެއްޗެއް ނޫނެވެ.
އަދި ސިފައެއް ނެތް އެއްޗެއްވެސް ނޫނެވެ. އެއީ އެ ދެމެދުގައިވާ ކޮންމެވެސް އެއްޗެކެވެ. ބަލަހައްޓައިގެންނެވެ. އަމްޝަދުގެ މޭ ތެޅެން ފެށިއެވެ. ކޮންމެ ނޭވާއެއް ލުން ވަމުން ދިޔައީ ކުރިއަށްވުރެ އުނދަގޫ ކަމަކަށެވެ. ބިރުވެރިކަން އޭނާގެ މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައެވެ. އޭނާ ދުވަން ބޭނުންވިއެވެ. އޭނާގެ ސިކުނޑި ގޮވަމުން ދިޔައީ އެތަނުން ފިލުމަށެވެ. ނަމަވެސް ކުރިންވެސް ވީ ފަދައިންނެވެ. އޭނާއަށް ގުޑައެއް ނުލެވުނެވެ.
މިހާރު އަމްޝަދު އެތަނުގައި ހިފަހައްޓާފައި އެވަނީ އެ ބަާރެވެ. އެ ދުންގަނޑުގެ ސިފަ އެއްފަހަރު ތެޅިލިއެވެ. އޭގެ އެތެރޭގައިވާ ރިހިކުލައިގެ އަލިގަނޑު، ހިތުގެ ވިންދެއް ފަދައިން ބާރަށް ވިދާލިއެވެ. އަދި އެވަގުތު އޭނާއަށް އެކަން އިހުސާސްވިއެވެ. އޭނާގެ ބޭރުންނެއް ނޫނެވެ. ނުވަތަ އޭނާގެ ވަށައިގެންނެއްވެސް ނޫނެވެ. ނަމަވެސް އޭނާގެ އެތެރެއިންނެވެ. އޭނާގެ ޚިޔާލުތަކަށް ބާރުފޯރުވާ ފަދަ ގޮތަށެވެ…
އަމްޝަދުގެ ލޯ ބޮޑުވިއެވެ. ބިރުވެރިކަން މިހާރު އޭނާގެ މައްޗަށް ފުރިހަމައަށް ވެރިވެއްޖެއެވެ. ސަބަބަކީ މިއީ އެރޭ އޭނާއަށް ފެނުނު އެއްޗެވެ. ނަމަވެސް މިހާރު… އެއީ ދުރުގައިވާ އެއްޗެއް ނޫނެވެ. އެއީ ހިމޭން އެއްޗެއްވެސް ނޫނެވެ. އެ އެތި މިހާރު މިތަނުގައި އެބަހުއްޓެވެ. ކުރިއަށްވުރެ މާ ކައިރީގައެވެ. އަދި އެ އެތި މިހާރު ހަމައެކަނި ޔަސްމީންއަށް ބަލަނީއެއް ނޫނެވެ. އެ ބަލަނީ ސީދާ އަމްޝަދާ ދިމާއަށެވެ.
( ނުނިމޭ )
