ހަނދު ފެނުންތޮޅިލުމާއިއެކު މާގަނޑުގެ ކުލައަށް ބަދަލު އަންނާން ފެށިއެވެ. އެއްގަމާއިވީ ފަރާތުން މާގަނޑަށް އަރަންފެށި ރަތް ކުލަ މަޑުމަޑުން ގަދަވަމުން އައިސް މާގަނޑުގެ ކުލަ އެއްކޮށް ރަތްވިއެވެ. އޭރު ހަނދު އެއްކޮށް ކަހަލަގޮތަކަށް ފެނުން ނެއްޓިއްޖެއެވެ.

ތަކުރު އޭނާގެ މަސައްކަތް މެދުކަނޑާލަމުން އައިސް މާގަނޑު ކައިރިއަށް މަޑުކުރިއެވެ. ފެނުނު މަންޒަރާއިއެކު އޭނާގެ މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން ފާޅުވިއެވެ.

” މާގަނޑު ހިފައިގެން އަވަހަށް ހިނގާދާން ….. މިކަމާއި ތިގެއާ ވަރަށްބޮޑު ގުޅުމެއް އެބައޮތް. އެހެން މީހަކަށް ފެނުމުގެ ކުރިން މިތަނުން ދާންވާނެ. ” މާގަނޑަށް ބަލާލަމުން ވާހަކަ ދެއްކި ތަކުރު ވަށައިގެން ހޯދާލިއެވެ.

މާގަނޑަށް ވީގޮތުން އޭގައި އަތްލާކަށް ރާފިއު އަކަށް ނުކެރުނެވެ. ތަކުރު ދެއްކި ވާހަކައިގެ ސަބަބުން އޭނާއަށް ލިބެމުންދިޔަ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ހާސްކަމާއި ކަންބޮޑުވުން އެހާމެ ބޮޑެވެ.

މާގަނޑު ހިފައިގެން ރާފިއުއާއެކު ތަކުރު އެގެއަށް ދިޔައެވެ. މާގަނޑަށް ހަދަންވީގޮތް ބުނެފައި ތަކުރު ދިޔައީ ގެއަށެވެ.

ތަކުރުގެ ވާހަކަތަކަށް ބަލާއިރު، އެ މާގަނޑު އިންދަން ވާނީ އެ ގިފިލީގައެވެ. އެ ހުރިހާކަމެއް ހިނގީ އެ ގިފިލީގައެވެ. އެބުނާ ނުރައްކަލެއް ވެސް ވާނީ އެތަނުގައެވެ. މިފަދަ ވަގުތެއްގައި އެކަނިމާއެކަނި އެތަނަށް ވަންނާކަށް ރާފިއުއަކަށް ނުކެރޭނެއެވެ.

މާގަނޑު ހިފައިގެން ރާފިއު ވަނީ ގެއަށެވެ.

މާގަނޑު ހިފައިގެން ކޮޓަރިއަށް ވަން ނަމަވެސް ރާފިއު ނުނިދައެވެ. މާގަނޑު އެތަނުގައި އިންދާފައި ނޫނީ ނިދާކަށް އޭނާ ބޭނުމެއް ނޫނެވެ. ތަކުރު އެބުނާ ނުރައްކަލެއް މިގޭގައި ވާހައި ހިނދަކު އޭނާއަކަށް ނުވެސް ނިދޭނެއެވެ. އެކަމުން ސަލާމަތްވުމަށްޓަކައި ކިތަންމެ ބޮޑު ގުރުބާނެއް ވާން ޖެހުނަސް އޭނާ ހުރީ އެކަން ކުރާގޮތަށެވެ.

ދަނީނަށް ހޭލެވުނީ ހަގަޑިބައި ކަން ހާއިރުއެވެ. ތާހިރު ވެލައިގެން ނުކުމެ އޭނާ އުޅުނީ ގޯތިތެރެ އާއި މަގުމަތި ކުނިކަހާށެވެ. ކުނި ކެހުމުގެ މަސައްކަތުގައި އުޅެމުން ގިފިއްޔާއި ހަމައަށް ދިޔަ ވަގުތު އާދަޔާޚިލާފު މީރުވަހެއް ނޭފަތުގައި ޖެހުނެވެ. އެއީ ކޮންތާކުން ދުވާ ވަހެއްތޯ ބަލާނުލައި ހިތެއް ހަމައެއް ނުޖެހުނެވެ.

ގިފިލިތެރޭގައި އިންދާފައި ހުރި ބޯކަށިކެޔޮމާގަނޑު ފެނުމާއިއެކު ދަނީނަށް ލިބުނީ ހައިރާންކަމެވެ. އެތައް ސުވާލެއް ވެސް އުފެދުނެވެ.

އަރައިގެންއައި އިރާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. މަސްވެރިންތައް މަހަށް ފުރުމާއިގެން އަވަސްވެގަތެވެ. އަންހެންވެރިން މަގުތަކާއި ގޯތިތައް ކުނިކަހައި ސާފުކުރުމާއިގެން އަވަސްވެގަތެވެ. ހެނދުނުގެ ސައި ތައްޔާރުކުރުމާއިގެން އުޅެގަތް މީހުން ވެސް މަދެއް ނޫނެވެ. މަސައްކަތްތެރިން މަސައްކަތްތަކާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ.

އެހެން ވެސް ދުވަސްތައް ފަދައިން، ދުވާލުގެ ބޮޑުބައި ދަނީން ހޭދަކުރީ މާމައާއެކު އެގޭގައެވެ. ދޭތެރެއަކުން ފިހާރައަށް ގޮސް ބައްޕައަށް އެހީތެރިވެ އުޅެއެވެ.

ދަނީން އިންތިޒާރު ކުރަމުންދިޔައީ އިރުއޮއްސޭ ވަގުތަށެވެ. އޭނާގެ އުފަލާއި ހިތްހަމަ ޖެހުން ގުޅިފައިވަނީ ޝަމާއިލާއިއެވެ. އޭނާއާ ބައްދަލުކުރެވޭން އޮތީ އިރުއޮއްސުމުންނެވެ. އެހެން އެންމެންގެ ލޯތަކަށް ސިއްރުންނެވެ.

ބަންގިގޮވަން ކައިރިވުމުން ދަނީން އޭނާގެ މާމަ ގެއިން ނުކުތެވެ. ގެއަށް ދަނީ ކަމަށް މާމައާ ދިމާއަށް ބުނި ނަމަވެސް އޭނާގެ ހިތުގެ މިސްރާބަކީ ގެއެއް ނޫނެވެ. މާމަގެ ލޯކުރިމަތިން ގެއްލުމާއިއެކު މިސްރާބު ބަދަލުކޮށްލިއެވެ.

އެމީހުންގެ ލޯބީގެ މަންޒިލްކަމުގައިވި، ފަޅުގެއަށް ދަނީން ވަތްއިރު ޝަމާއިލް އެތަނުގައި ހުއްޓެވެ.

ޝަމާއިލްގެ ކިބައިން ފެންނަމުންދިޔައީ ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުމެވެ. ފެނުނު މަންޒަރާއިއެކު ދަނީންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ހައިރާންވެ ކަންބޮޑު ވެސް ވިއެވެ.

މަޑުމަޑުން އައިސް ޝަމާއިލް ކައިރިއަށް ހުއްޓެމުން ދަނީން ސުވާލުކުރިއެވެ. ވީގޮތް އޮޅުންފިލުވައިގެން ނޫނީ ދެން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ޝަމާއިލްގެ ކިބައިން ފެންނަމުންދިޔަ ކަންތައްތައް އޭނާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ.

އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ދަނީން ވާހަކަ ދައްކަން ފެށިއެވެ.

” ތިގޭ ގިފިލިތެރޭގައި އިންނާނެ ބޯކަށިކެޔޮ މާގަނޑެއް އިންދާފަ. އެއީ ކީއްކުރަން އިންދާފައި ހުރި އެއްޗެއްކަން އެނގޭތަ؟ އެއީ ކާކު ކީއްކުރަން ކޮށްފައިހުރި ކަމެއްކަން އެނގޭތަ؟ ކުޑަކޮށް ވެސް އެކަމާއިމެދު ވިސްނާލީމުތަ؟ އަހަރެންނަށް އެކަން އެނގުނީމަ ހައިރާނެއް ނުވޭތަ؟” ޝަމާއިލްގެ ވާހަކަތަކާއިއެކު ދަނީނަށް ވިސްނާލެވުނެވެ.

” އެއީ …. އެއީ ކާކު ކީއްކުރަން …. އިންދާފައި ހުރި އެއްޗެއް؟ ” ދަނީނަކަށް ވާނުވާ އެނގޭވަރެއް ނުވިއެވެ.

” އެއީ އަހަރުމެން ދުރުކުރަން ވެގެން ތަކުރު ލައްވައި ދަނީންގެ ބައްޕަ ހަދާފައި ހުރި ފަންޑިތައެއް. އޭތި މާގިނަ ދުވަހު އެތަނުގައި ހުންނަން ވެއްޖެނަމަ މިގުޅުން އަބަދުގެ އަބަދަށް ކެނޑޭނެ. އަހަރެންނާއިއެކު އުޅެން ބޭނުމިއްޔާ އެހެން މީހަކަށް ނޭނގޭނެހެން އޭތި އެއްލާލާ. ” ޝަމާއިލް ހާމަކުރީ އޭނާ ބޭނުންވާ ގޮތެވެ.

” ބައްޕަ … އެކަމު …. ބައްޕައަށް ކިހިނެތް އެނގުނީ ؟ އަހަރުމެން ދުރުކުރަން ބައްޕަ ކީއްވެ މަސައްކަތް ކުރަންވީ؟ ” ދަނީނަށް ލިބުނީ ހައިރާންކަމެވެ. އެވާހަކަތައް ގަބޫލުކުރާކަށް ފަސޭހައެއް ވެސް ނުވިއެވެ.

” މާގިނަ ހާސަރު ނުދަމައި ބުނާގޮތް ހަދާބަލަ. ” އިތުރަށް އެވާހަކަތައް ދައްކާކަށް ޝަމާއިލް ބޭނުމެއް ނުވިއެވެ.

ދަނީނަށް ގަބޫލުކުރެވޭ ގޮތުގައި ޝަމާއިލް އޭނާ ދެކެ ވަނީ ޙަޤީޤީ ލޯތްބެވެ. އޭނާއަށްޓަކައި ކިތަންމެބޮޑު ޤުރުބާނެއް ވާން ޖެހުނަސް ޝަމާއިލް އެކަން ކުރާނެއެވެ. ޝަމާއިލެކޭ އެއްފަދައިން ދަނީން ވެސް ހުންނާނީ އެހެންނެވެ. އެއްވެސް މީހަކަށް އެދެމެދަކަށް ނުވަދެވޭނެ އެވެ. އެކަން ކުރަން އުޅޭ ބަޔަކު ޖެހޭނީ ނާކާމިޔާބު ވެގެން އެކަން ހުއްޓާލާށެވެ.

ޝަމާއިލް އެދުނު ފަދައިން ކަންތައް ކުރާނެ ކަމަށް ދަނީން ބުންޏެވެ.

ނިދާން އޮތްއިރު ވެސް ދަނީނަށް ވިސްނެމުން ދިޔައީ ޝަމާއިލް ދެއްކި ވާހަކަތަކާއިމެދުގަ އެވެ. އެދެމެދުގައި ލޯބީގެ ގުޅުމެއް އޮތްކަމެއް އެދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެފަދަ ކަމަކާއިމެދު ވިސްނާލަން ޖެހޭފަދަ ކަމެއް ވެސް އޭނާގެ ބައްޕައަށް ފެނިފައެއް ނުވާނެއެވެ. އެފަދަ އަޑެއް ވެސް އިވިފައެއް ނުވާނެއެވެ.

ވިޔަފާރީގެ ކަންތަކުގައި އުޅުނު ނަމަވެސް ދޭތެރެ ދޭތެރެއިން މަހަށް ގޮސް އުޅުމަކީ ރާފިއުގެ އާދައެވެ. އޭނާ ވަރަށް ލޯބިކުރާ ކަމެއް ވެސް މެއެވެ.

ދަނީން ހޭލިއިރު ރާފިއު ގެއަކު ނެތެވެ. މަސްވެރިކަމަށް ދާއިރު ގެންދާ ސާމާނުތައް ކޮބައިތޯ ބަލާލިއިރު އެއިން އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ.

ބޯކަށިކެޔޮ މާގަނޑުމަތިން ދަނީން ހަނދާންވީ ގިފިލި ކައިރި ކުނިކަހަން އުޅެނިކޮށެވެ. އެއާއެކު އޭނާގެ މިސްރާބަކަށްވީ ގިފިއްޔެވެ.

ބޯކަށިކެޔޮމާގަނޑު ފެނުމާއިއެކު އޭނާގެ ހަނދާނަށް އައީ ޝަމާއިލް ދެއްކި ވާހަކަތަކެވެ. އެހެން އެއްވެސް ކަމެއް އޭނާގެ ވިސްނުމުގައި ނެތެވެ. މާގަނޑު އުފުރާލައިގެން އައިގޮތަށް އައިސް ކުނިގޯންޏަށް ލިއެވެ. އޭގެ މައްޗައް ކުނިއަޅައި ފޮރުވައި ވެސް ލިއެވެ.

ކޮންމެ ފަސްދޮޅަސް މިނިޓަކުން ގަޑިއެއް ފާއިތަވަމުން ދިޔައެވެ. އިރުގެ ދައުރުވުމުން އޮއްސުމާއި ދިމާއަށް މިސްރާބު ޖެހިއިރު އަތިރިތަކާއި ކުޅިވަރު މައިދާންތަކުން ފެންނަމުންދިޔަ ހަލަބޮލިކަމަށް ބަދަލު އަންނަން ފަށައިފިއެވެ. އިރުއޮއްސުމުގެ ކުރިން ކުދިންތައް ގެއަށް ވެއްދުމަށް އިސްކަންދިން ބެލެނިވެރިން ކުދިންތައް ގޮވައިގެން ގެތަކާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ.

ރާފިއު މަހުން އައިއިރު ހައެއް ޖަހަން ވެއްޖެއެވެ. މަންމަމެން ގެއަށް ދިޔައިރު ދަނީން ވީ ގެއަށް ގޮހެވެ. މަސްކަނޑައި ނިންމާލުމަށްފަހު ގެއަށް އައިއިރު ގޭގައި ދަނީނެއް ނެތެވެ.

ގިފިލިތެރޭގައި އިންދި ބޯކަށިކެޔޮމާގަނޑު މަތިން ހަނދާންވީ ނަމާދަށް ދާން ނުކުންނަނިކޮށެވެ. މާގަނޑުގެ ޚަބަރެއް ބަލާލަން ބޭނުންވި ނަމަވެސް އެތަނަށް ވަންނާކަށް ނުކެރުނެވެ. ދާދި ދެންމެއަކު ދިމާވި ކަމެއްހެން ޖުމޭނާގެ މަރުގެ ހާދިސާ އޭނާގެ ހަނދާނުގައި ހުއްޓެވެ. އެ ހިތާމަ އާއި ހިތްދަތިކަން ދުވަހަކު ވެސް އޭނާގެ ހަނދާނުން ފިލައިގެން ނުދާނެއެވެ.

ދަނީންގާތު ބުނިގޮތަށް އޭނާ ކަންތައް ކުރީތީ ޝަމާއިލް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ޝަމާއިލް ބޭނުންވި ފަދައިން ދަނީން އައިސް ޝަމާއިލްގެ މޭގައި ލައްވެލިއެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު ޝަމާއިލް ވަށާލި އަތް ދަނީންގެ ބޮލުން ފެށިގެން އުނަގަނޑުން ތިރިއާ ހަމައަށް ދިޔައެވެ. ޝަމާއިލް ކޮށްލި ހަރަކާތާއިއެކު ދެމީހުން ޖެހި ފިތިބާރު ވިއެވެ. އަތާއި އަތް ގުޅި ތުންފަތާއި ތުންފަތް ގުޅުނެވެ.

ދެމީހުން ވެސް ތިބީ ފުރުސަތަކަށް ފެންބޮވައި ގެންފައެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލާކަށް ބޭނުމެއް ނުވިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް