ޖުމޭނާ ބުނި ފަދައިން ޝަމާއިލާއި ބައްދަލު ނުކޮށް ދަނީން މަޑުކުރިއެވެ. ކެތްތެރިކަމާއި ހިތްވަރު ކުރިޔަށް ނެރުނެވެ. ޖުމޭނާ ދެއްކި ވާހަކަތަކުގައި އަސްލެއް ވެދާނެކަމުގައި ހިތް ބުންޏެވެ. އެކަމަކު …. އެވާހަކަތައް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ޝަމާއިލާއި ބައްދަލުނުކޮށް ހުންނަން ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް އެއީ ކެތްކުރަން އުނދަގޫ ކަމަކަށް ވިއެވެ. އެ އުފަލާއި ހިތްހަމަ ޖެހުމާއި ނުލައި އުޅެން ފަސޭހައެއް ނުވިއެވެ. އެލޯބިވެތި ބީހުންތަކާއި އޯގާތެރި ފިރުމުންތަކަށް ހިތް އެދެމުން ދިޔަވަރު އިތުރުވަމުން ދިޔައެވެ. ކެތްތެރިކަން ކޮޅުންލިއެވެ.

ހަނދުމަހެއްގެ ފުރަތަމަ ހަފްތާއެވެ. އޮއްސުނުއިރާއިއެކު ޖުމޭނާ އޭނާގެ މަސައްކަތް ފެށިއެވެ. ރޭގަނޑުގެ ކަނުއަނދިރިއަށް ރައްޔިތުން ގެއްލިފައި ތިއްބައި އޭނާގެ މަސައްކަތް ނިންމައި ހިންދެމިލާން ޖުމޭނާ ބޭނުންވިއެވެ. އެ މަސައްކަތަށް އެންމެ ރަނގަޅު ވަގުތަކީ އެއީ ކަމުގައި ނިންމީ އޭނާ އަމިއްލައަށެވެ. ލިބިފައިވާ ތަޖުރިބާއަށް ބަލާއިރު އެހެން މީހެއްގެ އެހީތެރިކަމާއިނުލައި އެކަން ކުރެވިދާނެކަމުގެ ޔަގީންކަން އޭނާއަށް ބޮޑެވެ.

ޚަބަރުހުސްވެފައި އޮތް ދަނީނަކަށް ވާނުވާއެއް ނޭނގެއެވެ. މަސައްކަތަށް ނުހަނު ކުޅަދާނަ ޖުމޭނާގެ އަތްމަތި އަވަސްވެފައި ހަރަކާތްތައް ވެސް އަވަހެވެ. ހޭދަވީ ބައިގަޑިއެއް ހާއިރެވެ. ބޭނުންވި ކަންތައް ނިންމާލުމަށްފަހު ތުއްތުތުއްތު ދަރިފުޅު ބެޑްޝީޓަކަށް ލައިގެން ކޮޓަރިން ނުކުތެވެ.

ގެއިން ނުކުތް ޖުމޭނާގެ އަތުގައި އޮތީ ބޮޑު ކޮތަޅެކެވެ. އެތެރެ ނުފެންނަ ވައްތަރުގެ ކޮތަޅެކެވެ.

މަޑުމަޑުން ގޮސް މަގަށް ނުކުންނަމުން ބޭރު ބަލައިލިއިރު މަގުމަތީގައި މީހުން ގިނައެވެ. އެކިއެކި ބޭނުން ތަކުގައި ތަންތަނަށް ދާ މީހުނާއި އަންނަ މީހުންނެވެ. ފާރު ކައިރީހުރި ޖޯލިފަތީގައި ވެސް ގުރޫޕެއް އޮތެވެ. ދަންނަ މީހުންނާއި ދެކެފަރިތަ މީހުނެވެ. އަވަށްޓެރިންނާއި އެމީހުންގެ ގާތް މީހުނެވެ. އެމީހުންގެ ސުވާލުތައް އަމާޒު ނުވާނެގޮތަކަށް އެކޮތަޅު ހިފައިގެން އެމަގުން ނުދެވޭނެކަން ޖުމޭނާއަށް ޔަގީނެވެ. އެ މީހުންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އޭނާއެވެ.

އެތައް އިރަކު އެތައް ގޮތަކަށް ބެލުމަށްފަހު ކުރިމަގެއް ނުފެނުމުން ޖުމޭނާ ގޯތިތެރެއަށް ވަނެވެ. އޭނާގެ މިސްރާބަކަށްވީ ގެއާއި ވަކިން ހުރި މުސްކުޅި ގިފިއްޔެވެ. ބައެއް ކަހަލަ ގަސްހެއްދުމަށް ބޭނުންކުރާ އެތަނަކީ އެހެން ބޭނުމެއްކުރާ ތަނެއް ނޫނެވެ. އިތުރު މީހަކު ވަދެއުޅޭ ތަނެއް ވެސް ނޫނެވެ. މައިގަނޑު ގޮތެއްގައި އެތަނުގައި ހުންނަނީ ޖުމޭނާ ހައްދާ މިރުސްގަހާއި ބައެއް ކަހަލަ ވެލެވެ. މުޅިން ވެސް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

ގެއިން ބޭރުގައި ދިއްލާފައި ހުރި ބޮކީގެ އަލި ކޮންމެވެސް ވަރަކަށް ގިފިލިތެރެއަށް ވެރިވެފައި ވެއެވެ. އެކަށީގެންވާ އަލިކަމެއް ނެތް ނަމަވެސް ވާނުވާ އެނގޭވަރު ވެއެވެ. ކާމިޔާބަށް ހިނިތުންވެފައި ހުރި ޖުމޭނާ ވަށައިގެން ހޯދާލިއެވެ.

އުދަލި ހިފައިގެން އެއްފަރާތަކަށް ޖެހެލި ޖުމޭނާ މަސައްކަތްފެށީ ވަޅެއް ކޮންނާށެވެ. އެ ތުއްތު ކުއްޖާގެ ފުރާނަނެތް މަސްގަނޑު ގެއިން ބޭރަށް ގެންދެވޭގޮތް ނުވުމުން އޭނާއަށް ފެނުނު އެންމެ ރައްކާތެރި ގޮތަކީ އެއީއެވެ. އޭނާގެ ހަރަކާތް އަވަސްވެފައި އެމަސައްކަތަށް އެހާމެ ފަރިތައެވެ. ގަސް ހެއްދުމުގެ ތެރެއިން ނަމަވެސް އެކަހަލަ މަސައްކަތެއް ދަސްވެފައި ހުރުމަކީ ނަސީބެކޭ ޖުމޭނާގެ ހިތަށް އެރިއެވެ.

ބޭނުންވި ކަންތައް ނިންމާލުމަށްފަހު ހިނިތުން ވެލަމުން ގިފިލިން ނުކުތް ޖުމޭނާގެ ކިބައިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ.

ދަނީނަށް ހޭވެރިކަންވީ ދިހައެއް ޖަހާކަން ހާއިރުއެވެ. އޮވެވުނުގޮތް ފެނުމާއިއެކު ކޮންމެވެސް ކަމެއް ވެއްޖެކަން ޔަގީންވިއެވެ. ޝައްކާއިއެކު ސުވާލު އުފެދޭން ވެސް ފެށިއެވެ. އެނދުން ތެދުވާން މަސައްކަތްކުރި ވަގުތު ހަށިގަނޑަށް އިތުރު ސަމާލުކަމެއް ދެވުނެވެ. އެނދުމަތި އޮތްގޮތް ފެނުނީ އޭގެ ފަހުންނެވެ.

” އަހަރެންގެ ދަރިފުޅު ؟ …. ” ދަނީންގެ ހައިރާންކަން އިތުރުވިއެވެ. ކަންބޮޑުވުމާއިއެކު ނުތަނަވަސްކަން ވެރިވިއެވެ.

ޖަވާބު ހޯދަން ކިތަންމެ ބޭނުންވި ނަމަވެސް ޖަވާބު ދޭނެ މީހަކު ނެތެވެ. ހާސްކަމާއި ނުތަނަވަސްކަން އިތުރުވެ ހަދާނެގޮތް ހުސްވެފައިވާ ހާލުގައި ވަނިކޮށް އައިސްވަނީ ޖުމޭނާއެވެ.

” ތާހިރުވެގެން ކާން އާދޭ .. ބެޑްޝީޓްތަކާއި އެއްޗިސް ރަނގަޅަށް ދޮންނާތި. ” ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ޖުމޭނާ ވާހަކަ ދެއްކިއެވެ.

” މަންމާ! …. އަހަރެންގެ …. ދަރި …. ” ޖަވާބު ހޯދަން އެންމެ ބޭނުންވި ސުވާލު ނުކޮށް ދަނީނަކަށް ކެތެއް ނުވިއެވެ.

” ލަދެއް ނުގަނޭތަ އެވާހަކަ ދައްކާކަށް؟ …. ހަނދާން ކުރާތި. މީގެ ފަހުން އެ ޝަމާއިލާއި ވާހަކަ ދައްކައިގެން ނުވާނެ. އަދި އެދަރީގެ ވާހަކަ ވެސް ދައްކައިގެން ނުވާނެ. ” ހިތްހަމަ ނުޖެހިފައިހުރި ޖުމޭނާ ދިނީ އިންޒާރެވެ. އިތުރަށް މަޑުކުރާކަށް ވެސް ނޫޅެއެވެ. ރުޅިވެރިކަމާއިއެކު ދަނީނަށް ބަލާލަމުން ގޮސް ކޮޓަރިން ނުކުތެވެ.

ޖުމޭނާގެ ވާހަކަތައް ކޮންމެ ގޮތަކަށް ހުއްޓަސް ދަނީނަށް ވަރިހަމައެވެ. އޭނާ ބޭނުންވީ އެކަމުން ސަލާމަތް ވާށެވެ. މާބޮޑު ވޭނަކާއި ނުލައި، ބުރައެއް އުފުލަން ނުޖެހި އެކަމުން ސަލާމަތްވީތީ އޭނާ ބޭނުންވި ކަންތައް ވީއެވެ.

ދަނީންގެ ކިބައިން ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރެވެ. ގެއިން ނުނިކުމެހެން އުޅުނު ދަނީން މަޑުމަޑުން ބޭރުތެރެއަށް ނުކުންނަން ފެށިއެވެ. ރައްޓެހިންނާއިއެކު ތަންތަނަށް ގޮސް އުޅެން ފެށިއެވެ.

ގިފިލިތެރޭގައި އިންދާފައިވާ ރުއްކާށްޓަށް ޖުމޭނާ ޤަވާޢިދުން ފެން ދެމުންދިޔައެވެ. ރުއްކާށި ހެދެންފެށިތާ ހަފްތާއެއްހާ ދުވަސް ފަހުން އެކާށިން އިތުރު ރުކެއް ފެޅިއެވެ. މަދުމަދުން ނަމަވެސް އެފަދަ ކަންތައް ފެންނާތީ ޖުމޭނާ އިތުރު ސަމާލުކަމެއް އެކަމަކަށް ނުދެއެވެ.

ކޮންޕިއުޓަރާއި ގުޅުން ހުރި މަތީތަޢުލީމުގެ ފުރުސަތެއް ރަށުން ލިބުމުން އެ ފުރުސަތުގެ ބޭނުން ހިފުމަށް ސަމްރާ ބޭނުންވި އެވެ. އެކަމުގައި ޝަމާއިލްގެ ފުރިހަމަ ތާއިދު ލިބުނެވެ. ތަޢުލީމު ހާސިލުކުރުމުގައި ދެކެމުންދިޔަ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތު އޭނާއަށް ނުލިބުނަސް ސަމްރާއަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުމަށް ޝަމާއިލް އެދެމުން ދިޔައެވެ. ސަމްރާގެ ޢާއިލާއިން ވެސް ބޭނުންވީ ސަމްރާ އިތުރަށް ކިޔަވާށެވެ. އެކަމުގައި ޝަމާއިލްގެ ވިސްނުން އެނގުމުން ސަމްރާގެ މައިންބަފައިން އިތުރަށް ހިތްހަމަ ޖެހުނެވެ. ސަމްރާއާ މެދު ޝަމާއިލްގެ އުންމީދުތައް މައްޗެވެ. ދެކެމުންދާ ހުވަފެންތަކާއި ކުރަހަމުން ކުލަޖައްސަމުންދާ ހުވަފެންތައް ގިނައެވެ.

ވިޔަފާރިއަށް ބޭނުންވާ މުދާ ހިފައިގެން ރާފިއު ރާއްޖެ އައީ ބޭރަށް ދިޔަތާ ވިއްސަކަށް ދުވަސް ފަހުންނެވެ. ރާފިއުއަށް ނޭނގި އޭނާގެ ރޭވުން ކާމިޔާބުކަމާއިއެކު ނިންމާލެވުނީތީ ޖުމޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. ރާފިއުއަށް ޝައްކެއް ވެސް ނުވެ އެކަމުން ސަލާމަތް ވެވުނީތީ ދަނީނަށް ލިބިފައިވާ އުފަލާއި ހިތްހަމަ ޖެހުން މާބޮޑެވެ. ހުރިހާ ޝުކުރެއް އޮތީ ޖުމޭނާ އަށެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައެވެ. ޝަމާއިލާއި ބައްދަލުނުކޮށް ހުންނަން ދަނީން ކުރަމުންދިޔަ ހިތްވަރު ބަލިކަށިވާން ފެށިއެވެ. ޝަމާއިލްގެ ޚިޔާލުތަކުން ސިކުނޑިއަށް ބާރުބޮޑުވާން ފެށިއެވެ. ޝަމާއިލްގެ ފަރާތުން ލިބުނު އިޝްޤީ މަސްތީ ލޯބިވެތި އޯގާތެރި ފިރުމުންތަކަށް އެދެމުންދިޔަ ހިތުގެ އެދުން އިތުރުވާން ފެށިއެވެ.

އިރުއޮއްސުމުގެ ކުލަވަރު އުދަރެހުން ފާއްދާލައިފިއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަން ވެސް ވެރިވާން ފެށިއެވެ. އަތިރިމައްޗާއި ކުޅިވަރު މައިދާންތައް ދޫކޮށް ކުޑަކުދިންނާއި ޒުވާނުންތައް ގެތަކާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ.

ގިފިލިތެރޭގައި ހުރި ގަސްތަކާއި ރުކަށް ފެންދޭން ހުރި ޖުމޭނާއަށް ވަގުތުގެ ދައުރުވުން އިހުސާސްވާހެނެއް ހިޔެއް ނުވެއެވެ. މަޣުރިބު ނަމާދަށް ބަންގި ގޮވިއިރު ވެސް އޭނާ އުޅުނީ އެމަސައްކަތާއިގެންނެވެ.

މަސައްކަތްތައް ނިންމާލުމަށްފަހު ގިފިލިން ނުކުންނަން ހިނގައިގަތް ޖުމޭނާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ކުއްލިއަކަށެވެ. އޭނާއާ ވަރަށް ކައިރިން މީހެއްގެ ހިލަމެއް ވީހެން ހީވިއެވެ. ފިޔަވަޅުގެ އަޑު ކަހަލަ އަޑެއް ވެސް އިވުނެވެ. މާބޮޑު އަލިކަމެއް ނެތް އެތަނުންގެ ތެރެއިން ތަނެއްދޮރެއް އެނގޭވަރެއް ނުވެއެވެ.

ވަރުގަދަ ވިދުވަރަކާއިއެކު ބާރު ގުގުރިއެއް ޖެހިއެވެ. ވިއްސާރައިގެ އަސަރު ފެންނާކަށް ނެތެވެ. މުޅިތަނަށް ވެރިވެގެންދިޔަ ތުއްތުކުއްޖެއްގެ ރުއިމުގެ އަޑާއިއެކު ދެރުއް ދޭތެރެއިން ދިލަކަނި ބުރައިގަތެވެ. ފެނުނު މަންޒަރުން ގަތްބިރާއިއެކު މީހާ ތުރުތުރުއަޅައިގެން ދިޔަ ވަގުތު ޖުމޭނާގެ ހަނދާނަށް އައީ އެތަނުގައި ވަޅުލާފައިވާ ތުއްތު ކުއްޖާއެވެ.

ދެ ރުކުގެ ކުރަތްޕަތްތައް ތެޅިލުމާއިއެކު އެތަނުން ފާޅުވީ ޝަމާއިލެވެ. އައި ގޮތެއް ނޭނގުނެވެ. ރުޅިއައިސް ރަތްވެފައިހުރި ޝަމާއިލްގެ ދެލޮލުން އަނގުރު އަލިފާންފަދަ ރަތްކަމެއް ވިދަވިދައި ހުއްޓެވެ. އަތުގެ ނިޔަފަތިތައް ދިގެވެ. ބޯ ހުރީ ހާވައިލާފައެވެ.

ޖުމޭނާއާ ދިމާއަށް ޝަމާއިލް ހިނގައިގަތެވެ. ފައި ހަރަކާތް ނުކުރި ނަމަވެސް ޝަމާއިލް އައީ ކުރިއަށެވެ. ބިމުގައި ފައި ޖެހޭ ހެނެއް ވެސް ހިޔެއް ނުވެއެވެ. ކުރިމަތިން ފެންނަންހުރީ ޝަމާއިލް ނަމަވެސް އެއީ ޝަމާއިލް ނޫންކަމުގައި ޖުމޭނާ ނިންމީ ފެންނަމުންދިޔަ ކަންކަމުގެ ސަބަބުންނެވެ. އެއްވެސް އިޚްތިޔާރަކާއި ނުލައި ޖުމޭނާއަށް ރޮއިގަނެވިއްޖެއެވެ.

ނުނިމޭ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް