” އޭނާ ” ވާހަކަ ލިޔުމަށްޓަކައި ތައްޔާރުކުރި ތަކެތި އަޅާފައިވާ ދަބަސް ހިފައިގެން ސިޔާ އައިސް އެރީ އެނދަށެވެ. މަރިޔަންދީއަށް ސިއްރުން ތައްޔާރުކުރި ވީޑިއޯ އާއި އޯޑިއޯ އަދި ކަރުދާސްނޯޓްތައް އެނދުމަތީގައި އަތުރާލިއެވެ. އެތައް މަސައްކަތަކުން އެތައް ހަރަދެއް ކޮށްގެން ބޮޑުއަގުގައި ހޯދި ފަންޑިތަވެރިކަމާއި ގުޅޭ ލިޔުންތައް ވެސް ނެގިއެވެ. އޭގައި ހުރި ބައެއް ކަންކަން ޔަގީންކުރަން ސިޔާ ބޭނުންވިއެވެ. އެކަނިމާއެކަނި ކޮޓަރީގައި އުޅެމުންދިޔަ ސިޔާ ކުރަމުންދިޔަ ކަމެއް އޭނާގެ ޢާއިލާއަކަށް ނޭނގެއެވެ.

ނިދިނިދި އޮތް ސިޔާ ސިއްސައިގެން ދިޔައީ ކޮޓަރިތެރޭގައި މީހަކު ހިނގާ އަޑަށެވެ. ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެވުނެވެ. އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަލަމާރީގެ ދޮރުހުޅުވުނީ ކުއްލި އަކަށެވެ. ކޮންމެވެސް މީހަކު އެބަ އުޅެއެވެ. ވަތްގަނޑުގައި ހުރި ފޮތްތަކުން ފޮތެއް ހުޅުވާލިއެވެ. ދެތިން ގަނޑެއް އެއްލުމަށްފަހު ހުއްޓާލިއެވެ. އެހިސާބު ކިޔާލަނީ ކަންނޭނގެއެވެ.

ސިޔާގެ ސިކުނޑިއަށް ބާރުބޮޑުވިއެވެ. އިތުރަށް ކެތެއް ނުވިއެވެ. ގަތްބިރާއިއެކު ހަޅޭލަވައިގަނެވުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

ކޮންމެ ދުވަހަކީ އާ ދުވަހެކެވެ. ބައެއް ކަންކަން އާންމުއުސޫލާއި އެއްގޮތަށް ހިނގަމުންދިޔަ ނަމަވެސް ބައެއް ކަންކަމަށް ބަދަލު އާދެއެވެ. ތަފާތުކަންކަން ފެންމަތިވެއެވެ. ބައެއް ކަންކަން ހުއްޓެއެވެ.

ސިޔާއަށް ހޭލެވުނީ އޭނާގެ މަންމަ ގޮވާ އަޑަށެވެ. ތެދުވަމުން ގަޑި ބަލާލިއިރު އަށެއް ޖަހަނީއެވެ. އޮފީހަށް ދާ ގަޑި ޖެހުނީއެވެ. ދެން އޭނާއަކަށް އޮފީހަކަށް ނުދެވޭނެއެވެ.

” ދެން …. މަންމަ ވެސް މިހާ ލަހުންތަ ގޮވަން ޖެހެނީ. ” ސިޔާ ހިތްހަމަ ނުޖެހުނެވެ.

ހިތްހަމަ ނުޖެހުނު ނަމަވެސް އެނދުގައި އޮންނާކަށް ސިޔާ ބޭނުމެއް ނޫނެވެ. އަވަސް އަވަހަށް ތެދުވީ ސައިބޮއިގެން އައިސް ވާހަކައިގެ މަސައްކަތް ފެށުމުގެ ނިޔަތުގައެވެ. ބޮލުގައި ރިއްސައިގަތީ ކުއްލިއަކަށެވެ. މުޅިގައިން ދިލަ ނަގައިގެން ދިޔަކަހަލައެވެ. އަރައިގަތް ހޫނާއިއެކު މުޅިމީހާ ތުރުތުރު އަޅައިގަތެވެ. އަވަސް އަވަހަށް އެނދުގައި އިށީނީ އެހެން ގޮތެއް ނެތިގެންނެވެ.

އަނެއްކާ ވެސް މަންމަ ގޮވާލިއަޑު އިވުނެވެ. އޮފީހަށް ނުދިޔައަސް ސައިބޮއިގެން އޮންނާށޭ ބުންޏެވެ.

ސިޔާ މަޑުމަޑުން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.

” ބަލީތަ؟ ތާހިރުވެލައިގެން ސައިބޯން އާދޭ. މަންމަ ވަރަށް ގޮވައިފިން. ބޭސްކައިގެން އަރާމްކޮށްލަނިކޮށް ރަނގަޅު ވެދާނެ. ” ސިޔާ ފެނުމާއިއެކު އޭނާގެ ހާލަތު ވަލީދާ ދެނެގަތެވެ.

ފަރުސާންގެ ހަބަރެއްވީ މެންދުރެއްކަން ހާއިރުއެވެ. ފަރުސާނާއި ވާހަކަދައްކާލެވުމުން ހިތަށް ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހެން ޚިޔާލުތަކާއި ދުރުވެލުމަށް ފުރުސަތު ލިބުނެވެ.

އަޒްފާއަށް ސިޔާ ފޯނުކުރީ ހަވީރުއެވެ. އެދެމެދުގައި އެތައް ވާހަކައެއް ދެކެވުނެވެ.

ރޭގަނޑުގެ ދިހައެއް ޖަހާކަން ހާއިރެވެ. ސިޔާ ބޭރަށް ނުކުތީ ފަރުސާން އަންނާނެ ވާހަކަ ބުނެފައި އޮތީމައެވެ. އެކުގައި ސައިކަލް ދުއްވާލައި ކުރުނބައެއް ބޯލަން ގާޑިޔާ ކައިރިއަށް ދާށެވެ. ސާފު ވައިގެ ތެރެއަށް ނުކުމެލައި ސިކުނޑި ތާޒާކޮށްލާށެވެ.

ސިޔާ ނުކުތްއިރު ފަރުސާން އައިސް ހުއްޓެވެ. ސައިކަލް ކޮބައިތޯ އަހައިލުމެއް ނެތޭ ބުނީ އަތުގެ އިޝާރާތުންނެވެ. ފަރުސާނާއިއެކު ސިޔާ ހިނގައިގަތެވެ. ހިނގާފައި ދާން ސިޔާ ބޭނުން ނުވާހެން ހީވުމާއިއެކު ފަރުސާން ކާރެއް ހޯދިއެވެ. ދާންވީ ދިމާއެއް ސިޔާއަކަށް ނޭނގުނެވެ. ގޮތް ނިންމަން ލިބުނު ފުރުސަތުގެ ބޭނުމެއް އޭނާއަކަށް ނުހިފުނެވެ.

ސިޔާ ގޮވައިގެން ފަރުސާން ދިޔައީ އުސްފަސްގަނޑާއި ދިމާއަށެވެ. ތަނަށް ވެރިވެފައިވާ ފަނޑު ހަނދުވަރެއްގެ އަލިކަމެވެ. ހިތްގައިމު ވަރަކަށް ވައި ޖެހެމުން ދިޔައެވެ. މީހުން މަދެވެ.

ވާހަކަ ދައްކަމުން ދައްކަން އުސްފަސްގަނޑަށް އަރައިގެން ދިޔަ ދެމީހުން މަޑުކޮށްލީ ކަނޑުތޮށިގަނޑު މަތީގައެވެ. މޫދާއި ދިމާއަށް ބާލަލާމުން ތޮށިގަނޑުމަތީގައި ކޮޅަށްހުރި ފަރުސާންގެ ފަހަތުން ގާތްވެލަމުން ސިޔާ ބައްދާލިއެވެ.

” ފަރުސާން! އައި ލަވް ޔޫ …. ހިނގާދެން ކައިވެނި ކުރަން. ” ސިޔާގެ ކިބައިން ފާޅުވީ އުފާވެރިކަމެވެ.

” އަންނަ މަހު އެއްނު. ” ސިޔާއާ ދިމާއަށް ފަރުސާން އެނބުރުނެވެ. ސިޔާގެ މޫނާއި މޫނު ކައިރި ކޮށްލި ފަރުސާން ބޭނުންވަނީ ކޮންކަމެއްކަން ސިޔާއަށް އެނގެއެވެ. އެފުރުސަތަށް އެދިއެދި ހުރީ ފަރުސާން އެކަންޏެއް ނޫނެވެ.

ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ސިޔާ ދުރަށް ޖެހެލިއެވެ. ފޯނަށް ޖަވާބު ދިނުމަށް އޭނާ އަވަސްވެގަތެވެ. އަތްމަތި ކިތަންމެ އަވަސްކޮށްލި ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ޖީބުން ފޯނު ނުނެގިގެން އުޅެނިކޮށް ކެނޑިއްޖެއެވެ. ފޯނު ނަގައި ބަލައިލިއިރު ފޯނު އޮތީ ނިވިފައެވެ. އޮންކޮށްލެވޭތޯ ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

” އަޅާނުލާ. އުނދަގޫކުރަން އުޅެންޏާއި ވާނީ އެހެން. ތިކަމާ ދެން އުޅޭނީ ގެއަށް ގޮސް. ބެޓެރި ހުސްވީކަމަށް ވެސް ވެދާނެ. ތިއީ މާބޮޑު ކަމެއް ނޫނޭ. ” ފަރުސާން މަސައްކަތްކުރީ ސިޔާއާ ގާތްވާށެވެ.

އުސްފަސްގަނޑަށް އަރައިގެންއައި ގުރޫޕްގެ މިސްރާބަކީ ސިޔާމެން ތިބި ހިސާބެވެ. މިފަދަ ވަގުތެއްގައި އެފަދަ ތަނެއްގައި އެހެން ހުރުމަކީ ސިޔާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އަވަސް އަވަހަށް ފަރުސާންގެ އަތުގައި ހިފައިގެން އެއްގަމާއި ދިމާއަށް ހިނގައިގަތީ އެހެންވެއެވެ. ފަރުސާންގެ ކިބައިން ހިތްހަމަ ނުޖެހުން ފެނުނު ނަމަވެސް ސިޔާ ސަމާލުކަމެއް ނުދިނެވެ.

” ކިހިނެތް ވީ ؟ އެމީހުން އަންނަންޏާއި އައިސްދާނެއެއްނު. އަހަރުންނަށް ކޮންކަމެއް؟ ” ފަރުސާންގެ އަޑާއި ހަރަކާތުން ފާޅުވީ ހިތްހަމަ ނުޖެހުމެވެ.

” ތިބި ވައްތަރު ބަލާބަލަ. ޕާޓޭންތަކެއް ކަންނޭނގެ. ” އެމީހުންގެ ސިފަޔާއިމެދު ސިޔާ ކަންބޮޑުވިއެވެ.

ފަރުސާން ބޭނުންވި ފުރުސަތު ގެއްލުނީ ކަހަލައެވެ. އޭނާގެ ކިބައިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ. ދާން ބޭނުންނުވާ ކަހަލަ އަލާމާތް ތަކެކެވެ.

” ހިނގާ ގެއަށް ދާން. ވާހަކައިގެ ކަންތަކުގަ ކުޑަކޮށް އުޅެލާފަ ނިދޭނީ ވެސް. ” ސިޔާ ހިނގައިގަތީ މަގަށް ނުކުންނާށެވެ.

” އަވަހަށް ހިނގާ. ” ކަންތައް ދިމާވި ގޮތުން ފަރުސާން ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާ ބޭނުންވި ފުރުސަތު ނުލިބުނީ ކަހަލައެވެ. ގެއަށް ދާން ސިޔާ ބޭނުން ވިޔަސް ފަރުސާން އެގޮތް ބޭނުމެއް ނޫނެވެ. ބުނެލިގޮތުންނާއި އަޑު ހުރިގޮތުން އެކަން އެނގެއެވެ. އެއިން ކަމަކަށް ސަމާލުކަން ދޭން ސިޔާ ބޭނުން ނުވީއެވެ.

ސިޔާ އާއިއެކު ހިނގަމުން އައި ނަމަވެސް ފަރުސާނެކޭ ނެތް މީހެކޭ އެއްފަދައެވެ. ވާހަކަ ދައްކަނީ ސިޔާ ވާހަކަ ދެއްކިއްޔާއެވެ. ހިތްހަމަ ނުޖެހިފައިހުރިކަން ފާޅުކަންބޮޑުކޮށް އެނގެން އޮތްއިރު ވެސް އެކަމަށް އެއްބަހެއް ނުވިއެވެ. އެއީ ސިޔާއަށް ހީވާގޮތެވެ. ކަންކަމާއި މާބޮޑަށް އުޅެންޏާއި އެކަހަލަ އެތައް ހީއަކާއި ކުރިމަތިވާނެއެވެ. ފަހުން އެކަން އެނގޭނެއެވެ. ޖެހެނީ ވަގުތު ޖެހެންދެން ކެތްކޮށްލާށެވެ.

ފަރުސާންގެ ކިބައިން ތަފާތުތަކެއް ފާހަގަވާން ފެށިއެވެ. ކުރިން ދައްކާ ވާހަކަ ފަހުން ހަނދާނެއް ނުހުރެއެވެ. ސިޔާގެ ވާހަކަތަކާއި އިހުސާސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާގެ ބޭނުންތަކާއި އެދުންތައް މުހިންމެއް ނުވެއެވެ. ކަންތައް ވާންޖެހެނީ އޭނާ ބޭނުންވާގޮތަށެވެ. ގޮތް ނިންމުމުގެ އިހުތިޔާރު އޮތީ އޭނާއަށް އެކަނި ކަހަލައެވެ.

ގެއަށް ވަތްވަގުތު ފޯނަށް މެސެޖެއް އައެވެ. އަވަސް އަވަހަށް ފޯނު ނަގަމުން ބަލާލިއިރު ފޯނު ރަނގަޅެވެ. މިސްކޯލް އެލާޓްތަކާއި މެސެޖްތައް އައީ ފުލުފުލުގައެވެ.

” ކޮންތާކު ތިއުޅެނީ؟ ހާދަވަރަކަށް ގުޅައިފީމޭ. ފޯނު އޮންނަނީ ނިވާލާފަ. އަޒްފާ ވެސް ބުނި ނުގުޅެއޭ. ހަބަރެއް ވެލަބަލަ. ” ފަރުސާންގެ ނަންބަރުން އައިސް ފައިވާ މެސެޖް ފެނުމާއިއެކު ސިޔާ ދިޔައީ ސިއްސައިގެންނެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ކަންބޮޑުވުމާއި ހާސްކަން އޭނާ ވަށާލިއެވެ. ސިކުނޑިއަށް ބާރުބޮޑުވިއެވެ.

މަޑުމަޑުން ގޭތެރެއަށް ވަދެގެން ދިޔަ ސިޔާއަށް ދެވުނީ ސޯފާއާ ހަމައަށެވެ. ސޯފާތެރެއަށް ވެއްޓިގަނެވުނުއިރު ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.

” ހަނދާންކުރާތި … ރޭގަނޑުގެ ކަނުއަނދިރީގަ ގަސްބޯ ހިސާބުތަކާއި ކަނޑުފެންނަ ހިސާބުތަކުގައި ހިލޭ ފިރިހެނުންނާއި ގާތް ނުވާތި. ނަހަމަ ގުޅުމެއް ނުހިންގާތި. ފިރިމީހާއާ އެކުގައި ވިޔަސް އައުރަ ކަސްފުވާ ކަހަލަ ކަމެއް ނުކުރާތި. އެއީ ނާމާންކަމާއި ނުރައްކަލަށް މީހާ ހުށަހެޅެން ދެވޭ ފުރުސަތެއް. ކޮންމެސް ކޮންމެސް އެކަހަލަކަމެއް ނުކުރާތި. އެއީ ވަރަށްބޮޑު ގޯހެއް. ” ކުއްލިއަކަށް ސިޔާގެ ހަނދާން އައީ ދަނީން ދެއްކި ވާހަކައެވެ. އެވާހަކަތައް ކިޔައިދެމުން ދިން ނަސޭހަތެވެ.

ދަނީންގެ ވާހަކަތަކަށް ސަމާލުކަން ނުދެވުނު ކަމުގެ އިހުސާސް ކުރެވުނެވެ. އެކަމާއިމެދު ފުންކޮށް ވިސްނަން ފެށުނެވެ.

ފޯނު ރިންގުވާން ފެށުމުން ބަލާލިއިރު ގުޅަނީ ފަރުސާނެވެ. ފޯނަށް ޖަވާބު ދިނުމަށް ސިޔާ އަވަސްވިއެވެ.
ފަރުސާން ހުރީ ހިތްހަމަ ނުޖެހިފައެވެ. ގުޅަން ފެށުމުން ފޯނު ނިވާލީމައެވެ. ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ފޮނުވި މެސެޖަށް ޖަވާބެއް ނުދިނީމައެވެ. ސިޔާއަށް ބޮޑު ބަދަލެއް އައިސްފިއެވެ. ކޮންމެ ވެސް ކަމެއް އެބަ ސިއްރުކުރެއެވެ. ބޭރަށް ދާކަން އެނގެއެވެ. ސިއްރު ކުރުމުގެ ބޭނުމެއް ނެތެވެ. އެކުގައި އުޅެން ބޭނުން ނޫނިއްޔާއި އެހެން ގޮތެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ސިޔާއަށް އެބައޮތެވެ. އޮޅުވާ ނުލައި ތެދަށް ބުނުމުން ވާނެ ގެއްލުމެއް ވެސް ނެތެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް