” ނާއިދު! …. ކިހިނެތްވެފަ ތިއޮތީ؟ ” ދަނީން ބަލައިލީ ނާއިދުގެ މޫނަށެވެ.

” ކަމެއް ނުވޭ. ” ނާއިދުގެ ޖަވާބު އަވަސްވެފައި ކުރެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. އަނެއްކާ ވެސް ވެރިވީ ހަމަހިމޭންކަމެވެ.

އެ ހަމަހިމޭންކަން އޭނާގެ ހަޔާތާއި ގުޅިފައިވަނީ ކިހާވަރަކަށްކަން ދަނީނަކަށް ނުވިސްނުނެވެ. އެފަދަ ކަމަކާއި ވިސްނާލާނެ ފުރުސަތެއް ވެސް އޭނާ އަކަށް ނުލިބެއެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައެވެ.

ދުނިޔެ ދަތުރު ކުރާނީ ތޮށަލިދުޅަ އަށެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. އުފަލަކަށްފަހު ހިތާމައެއް ކުރިމަތިވާނެ އެވެ. ބޭނުން ވިޔަސް ބޭނުން ނުވިޔަސް އެކަމެއް ބަދަލެއް ނުވާނެއެވެ.

ހީނުކުރާފަދަ ގޮތަކަށް ވެސް ކަމެއް ބަދަލުވެދާނެއެވެ. ބައެއް ކަންކަން ބަދަލުވަނީ މަޑުމަޑުންނެވެ. ކޮންމެ ކަމެއް ބަދަލުވާކަށް މާގިނަ ދުވަހެއް ނުވަތަ މާގިނަ ވަގުތެއް ބޭނުމެއް ނުވެއެވެ. ދަނީންގެ އުފާވެރި ހަޔާތަށް ހިތާމައިގެ ކަޅުވިލާގަނޑު ފަތުރާލީ މަޑުމަޑުންނެވެ. އެކަން ދަނީނަށް ވިސްނުނުއިރު ލަސްވީއެވެ.

ނާއިދުގެ އުޅުމަށް ބަދަލުއައީ މަޑުމަޑުންނެވެ. ދުވަހަކަށްވުރެ ދުވަހެއް ދަނީނާއި ދުރުވަމުން ދުރުވަމުން ގޮސް މާބޮޑަށް ދުރަށް ހިނގައްޖެއެވެ. ދަނީންގެ ހުރިހާ ވިސްނުމެއް ވެސް ހުރީ ލިބެންއުޅޭ ދަރިފުޅަށެވެ. އެހެން ކަމަކާއި ވިސްނާކަށް އޭނާއަކަށް ވަގުތެއް ނުލިބުނެވެ. އައިމިނަ އާއި ރައިހާނާ ދެމުންދިޔަ ހިތްވަރާއި ނަސޭހަތުގެ ސަބަބުން ދަނީން ހިތްވަރުކުރިއެވެ. ނާއިދާއި އޭނާގެ މެދުގައި އޮތް ގުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެ އުފަލާއި ހިތްހަމަ ޖެހުން އަނބުރައި ގެންނަން ބޭނުންވިއެވެ.

މެންދުރުފަހުގެ ވަގުތެވެ. ނާއިދާއި ވަޖީހު ތިބީ އަތިރިމަތީގައި ހަދާފައިވާ ޖޯލިފަތިތަކުން ޖޯލިފައްޗެއް ގައެވެ. އެތަނުގައި އެ ދެ މީހުން ފިޔަވައި އެހެން މީހަކު ނެތެވެ. ދެމީހުންގެ މެދުގައި މުހިންމު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އެ މީހުންގެ ކިބައިން ފެންނަމުންދިޔަ ކަންކަމާއި ވާހަކަ ދެއްކުމުގައި އަޑު ގެންގުޅޭގޮތުން ވާހަކައިގެ މުހިންމުކަން ދޭހަވެއެވެ. އިރުއިރުކޮޅުން ވަށައިގެން ހޯދާލާގޮތުން ވާހަކައިގެ ސިއްރުކަން ވެސް ހާމަވެއެވެ.

” ތި ވާނީ ޖިންނި ސައިތާނުންގެ ކަމަކަށް …. ޖުމޭނާ އާއި ރާފިއުއާ އަވަލީއެތި މިހާރު އެހުރީ ދަނީންއާ އަވަލާފަ. ” ނާއިދުގެ ވާހަކަތައް އަޑުއަހަން އިން ވަޖީހު ބުނީ އޭނާއަށް ހީވާގޮތެވެ. ނާއިދުގެ އެވާހަކަތަކުން އޭނާއަށް ވިސްނުނުގޮތެވެ.

” އަވަހަށް ތިކަމުން ސަލާމަތްވޭ. އެހެން ނޫނީ ….. ދަނީނަށްފަހު އޭގެ ނުރައްކާ ކަލެއަށް ކުރިމަތިވާނެ. ” ވަޖީހު ގޮތް ނިންމީ މާޒީއަށް ބަލައިގެންނެވެ.

ވަޖީހުގެ ވާހަކަތައް އިވިފައި ނާއިދު ކަންބޮޑުވިއެވެ. ހާސްވެ ނުތަނަވަސް ވިއެވެ. ބިރުގަނެ ޖެހިލުން ވިއެވެ. އެކަމާއިމެދު ފުންކޮށް ވިސްނާލެވުނެވެ.

ވިހާ ދުވަސް ގާތްވަމުން ދިޔައިރު ދަނީންގެ ހާލަތު ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންނެވެ. މަސައްކަތް ކޮށް އުޅުމާއި އެއްތަނުން އަނެއް ތަނަށް ދިއުންފަދަ ކަންކަން ކުރުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ޑޮކްޓަރުން ލަފާދެމުން ދިޔައީ އަރާމުކުރުމަށެވެ. ގަޑިން ގަޑިއަށް ކެއުން ކުރިޔަށް ގެންދިއުމަށެވެ. ކެއިން ބުއިމުގައި ސަމާލުކަން ދިނުމަށް ލަފާދީފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށެވެ.

އައިމިނަގެ ފުރިހަމަ އެހީތެރިކަމާއި އެއްބާލުން ދަނީނަށް ލިބެމުން ދިޔައެވެ. ރައިހާނާ ވެސް ގިނަ ވަގުތު ހޭދަކުރަނީ ދަނީން ކައިރީގައެވެ. ހިތްވަރާއި ނަސޭހަތް ދިނުމުގައެވެ. އޭނާ ހިތްހަމަ ޖައްސައިދީ އުފާކޮށް ދިނުމުގައެވެ.

ކުއްލިއަކަށް ފުރައިގެންދިޔަ ނާއިދުގެ ބޭނުމަކީ ކޮބައިކަމެއް ދަނީނަކަށް ނޭނގެއެވެ. އެފަދަ ވާހަކައެއް ނުވެސް ދައްކައެވެ. މީގެ ކުރިން ނާއިދު ރަށުން ބޭރަށް ދާނަމަ، ދާ ބޭނުމާއި އަންނަ ދުވަސް ދަނީންގާތު ބުނެއެވެ. މިފަހަރު އެވަރު ވެސް ނުވިއެވެ.

ނާއިދަށް އަންނަމުންދިޔަ ބަދަލުގެ ސަބަބުން ދެރަވެފައިހުރި ދަނީންގެ ހާލަތު އިތުރަށް ގޯސްވިއެވެ. ވިސްނަން ބޭނުން ނުވިޔަސް އެކަމާއިމެދު އިތުރަށް ވިސްނުނެވެ. ނާއިދު އޭނާއާމެދު އެފަދައިން ކަންތައްކުރާ ސަބަބު ހޯދަން ކުރި މަސައްކަތްތައް އިތުރުކުރިއެވެ. ކަމެއް ރަނގަޅު ކުރެވޭނީ ކަމެއް ގޯސްވި ސަބަބު ހޯދައިގެންނެވެ. އެންމެ ކުޑަމިނުން އެވަރު ވެސް ނާއިދަށް ބުނެނުދެވުނެވެ.

ދަނީނާއި އޭނާގެ ދެ އެކުވެރިން ތިބީ އަތިރިމަތީގައެވެ. ވައިޖައްސާލައި ވާހަކަ ދައްކާލައި ޚިޔާލު ބަދަލުކޮށްލާށެވެ.

” މިއުޅޭ ފިރިހެނުންގެ ގޮތެއް ނޭނގޭނެ …. ދަނީން ތިދެން މުސްކުޅިވީއެއްނު. އާކުއްޖަކު ހޯދަނީ ކަމަށް ވެސް ވެދާނެ. ” ޒުލޭހާ ފާޅުކުރީ އޭނާގެ ޚިޔާލެވެ. އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ.

” މާބަނޑު ދުވަސްވަރު އަންހެނުން އުޅޭ ހާލު ނުވިސްނޭ މީހުން ގިނަވީމަ އެހެންވަނީ. ބައެއް ފިރިހެނުން ބުނާނެ ދަރިއަކު ލިބެން އުޅޭތީ އޭނާ އެކަހެރި ކުރަނީއޭ. ގާތްވާއިރަށް ދުރަށްލަނީއޭ … އެކަމު …. ގާތް ވެވޭނީ ވެސް އަނެއްކާއަށް ކެތްވާވަރަކުން ދޯ. ” ދެކެވެމުން ދިޔަ ވާހަކައިގަ ނިއުޒާ ވެސް ބައިވެރިވިއެވެ.

” އެ ނޫން ބޭނުމެއް ނެތް ފިރިހެނުންނަށް އެހެން އެވަނީ. ބޮޑެތި ޒިންމާތައް ހަވާލުކުރާއިރު އެނގެންވާނެދޯ އަބަދަކު އަރައެއް ނޯވެވޭނެކަން. ” ޒުލޭހާ އާއެކު ދަނީނާއި ނިއުޒާ ވެސް ހީގަތެވެ.

ތިން އެކުވެރިންގެ މެދުގައި ދެކެވެމުންދިޔަ މަޖާވާހަކަތަކާއި ބަދަލުކުރެވެމުންދިޔަ މުހިންމު މަޢުލޫމާތުތަކުގެ ސަބަބުން ދަނީންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް އެހެން ޚިޔާލުތަކާއި ދުރަށް ޖެހިލެވުނެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ނާއިދު ގެއަށް އައިއިރު ދަނީން ކޮޓަރީގައި އުޅެއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ދަނީނާއި ދިމާއަށް ދަމުން ނާއިދު ހިނިތުންވެލިއެވެ. ދަނީންގެ ހިތަށް ފިނިކަން ލިބުނެވެ. މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ.

ފަންޑިތަ އާއި ސިހުރު ހާހޫރައަކީ ދަނީން ގަބޫލުކުރާ އެއްޗެއް ނޫނެވެ. އެކަން ކޮންގެން ކާމިޔާބެއް ނުވަތަ ކުރިއެރުމެއް ލިބިދާނެކަމަކަށް އޭނާއަށް ގަބޫލެއް ނުވެސް ކުރެވޭނެއެވެ. އެކަން އެހެން ވާނެނަމަ އޭނާގެ ބައްޕަ މިއަދު ދުނިޔޭގައި ހުންނާނެއެވެ. އޭނާގެ މަންމައަށް ކުރިމަތިވީ ޖިންނި ސައިތާނުންގެ ކަމެއް ކަމަށް ބުނި މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިއްބެވެ. ތަކުރަކީ އެފަދަ ކަންކަމަށް އެންމެމޮޅު މީހާއެވެ. ރާފިއުގެ ޢާއިލާ އެކަމުން ސަލާމަތްކުރަން ތަކުރު އެތައް ކަމެއް ކުރިއެވެ. އޭނާގެ މޮޅުކަމާއި ކުޅަދާނަކަމުން ވީކަމެއް ނެތެވެ. ރާފިއު މަރުވީ އެމަސައްކަތުގައި އުޅެނިކޮށެވެ. އެނާމާންކަމާއި ބިރުވެރިކަމުގެ ތެރޭގައެވެ. އެއަނިޔާތަކާއި ރަހުމުކުޑަކަމުގައެވެ.

ދަނީންގެ އަތަށް ނާއިދު ލީ ތަވީދެކެވެ.

” މީ ކޮންއެއްޗެއް؟ ” ދަނީންގެ ކިބައިން ފާޅުވީ ހައިރާންކަމެވެ.

” މިއީ ތަވީދެއް. އުނަގަނޑުގައި އަޅާފައި ބާއްވާ … ކޮންމެފަދަ ކަމެއް ވެސް … ” ނާއިދުގެ ދައްކަންފެށި ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

” ކީއްކުރަން އަޅާ އެއްޗެއް. ” ދަނީން ބަލައިލީ ނާއިދުގެ މޫނަށެވެ. އޮޅުން ފިލުވަން އޭނާ ބޭނުން އެއްވެސް އެއްޗެއް އެ މޫނުމަތިން އެނގޭތޯ ބަލައިލި ކަހަލައެވެ.

” ތިއީ ދަނީނާއި ދަރިފުޅުގެ ރައްކަލަކަށް ހަދާފައިވާ އެއްޗެއް. މިހާރުގެ ހާލަތަށް ބަލާއިރު އެފަދަ …. ” ނާއިދު ދައްކަން ބޭނުންވި ވާހަކަ ފުރިހަމަ ކުރުމުގެ ކުރިން ދަނީން ވާހަކަ ދައްކަން ފެށިއެވެ.

” ފަންޑިތަ ހާހޫރަ އިސްތިރިވަރިތޮޅި ސިހުރާއި ތަވީދު ފަދަ ކަންކަން ތިއީ އަހަރެން ގަބޫލުކުރާ އެއްޗިއްސެއް ނޫން. ތިއިން އެއްވެސް ކަމަކުން ފައިދާއެއް ކުރާނެނަމަ މިއަދު ވެސް އަހަރެންގެ ބައްޕަ ދުނިޔޭގައި ހުންނާނެ. އެނާމާންކަމާއި ބިރުވެރިކަމުން ސަލާމަތްވާން އަހަރެންގެ ބައްޕަ ކުރި ހަރަދާއި މަސައްކަތް އެނގޭނީ އަހަރެންނަށް. ” ދަނީންގެ ކިބައިން ފާޅުވީ ހިތާމަ އާއި ހިތްދަތިކަމެވެ. ދެލޮލުން ނިރާލީ ކަރުނައެވެ.

” އަހަރެން ތިއެއް ނާޅާނަން. ތިއީ ލާރިހޯދަން މީހުންކުރާ ކަންކަން. ހަދާ ބޮޑެތި މަކަރުތައް. ” ދަނީން ހާމަކުރީ އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ. އޭނާއަށް ފެނުނު މަންޒަރެވެ. ކުރެވުނު ތަޖުރިބާ އާއި ކުރިމަތިވި ހިތްދަތި ކަމުގެ ވާހަކައެވެ.

” އަހަރެން މި ބުނީއެއްނު މި އަޅާށޭ. ” ދަނީނަށް ދިމާވެފައިވާ ނުރައްކަލުން އޭނާ ސަލާމަތްކުރަން ނާއިދު ބޭނުމެވެ. ދަނީނަށް އެކަން ނުވިސްނުނީތީ ނާއިދު ހިތްހަމަ ނުޖެހުނެވެ.

” ނޯ. ” ދަނީންގެ ޖަވާބު ކުރުވެފައި އަވަހެވެ. ނާއިދުގެ ވާހަކަތަކާއިމެދު ވިސްނާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ދަނީން ހުރީ އެފަދަ ކަންކަން ކުރާ މީހުން ދެކެ ރުޅިއައިސްފައެވެ. އެފަދަ ކަންކަމަށް އިތުބާރުކެނޑިފައެވެ.

މައްސަލަ ހޫނުވިއެވެ. ނާއިދުގެ ވާހަކަތައް ދަނީން ގަބޫލުނުކުރުމުން އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ދަނީނަށް ދަނީންގެ ހާލަތު ނުވިސްނޭކަމަށް އެތައް ފަހަރަކު ބުންޏެވެ. ކެޔޮގަސްތަކުތެރެއިން ފެނުނު ވާހަކަ އާއި އޭރު ހުރި ހާލަތުގެ ވާހަކަ ވެސް ދެއްކިއެވެ. އެއީ ޙަޤީޤަތް ކަމަށް ނުވަންޏާއި ދަނީން މަކަރުހަދަނީ ކަމަށް ވެސް ބުންޏެވެ. އޮޅުވާލަން ނޫޅުމަށާއި އެކުގައި އުޅެން ބޭނުން ނުވަންޏާ އެހެން ބުނުމަށް ވެސް ބުންޏެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް