ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ބައްތިރީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“މުހުތާރަކީ ވެސް ނިފާރަކީ ވެސް އަހަރުމެންނާ އެއްވެސް ގުޅުމެއް އޮތް ބައެއް ނޫން. އެކަމަކު.. ތަޤުދީރު ނިޔާކުރި ގޮތުން ދަރިފުޅުމެންނާ މަންމަގެ ނަސީބަކަށްވީ މުހުތާރު. ހާލުގައި ޖެހި މަގުމަތިވެފައި ވަނިކޮށް އަހަރުމެން ތިންމައިންނަށް އެހީތެރިކަމެއް ފޯރުވައިދިން މީހަކީ މުހުތާރު. ދެ އަހަރަށްވުރެ ގިނަ ދުވަހު ދަރިފުޅުމެން ގޮވައިގެން އޭނާ އުޅުނު. ރާއްޖޭން ބޭރަށް ގޮސް އުޅެނިކޮށް ކާރު އެކްސިޑެންޓެއްގަ ނިޔާވީ. އެ އެކްސިޑެންޓާމެދު ސުވާލު އުފެއްދި އެތައް ބަޔަކު މިހާރު ވެސް ދުނިޔޭގައި ތިބޭނެ. ތިޔަ ލިޔުމުގައި އެވަނީ ހަޤީޤަތް. މިއިން އެއްވެސް ތަނަކީ ފާއިދުގެ ތަނެއް ނޫން. މިތަންތަނުން ލިބުނު ލާރި އާއި ލިބެމުންދާ ލާރިން އޭނާ އުދުހެމުން އުފާކުރަމުން ދިޔަޔަސް އެއީ އޭނާގެ ޙައްޤެއް ނޫން. އޭނާ ކުރަމުންދާ ވިޔަފާރިއަކީ ވެސް އޭނާގެ ފައިސާއިން ފަށާފައިވާ ކަންކަމެއް ނޫން. ބާރު އޮތް ދުވަހު ބާރުގެ ބޭނުންކޮށްގެން ހުރި މީހެއް އޭނާއަކީ. އެހެންވެ މަންމަ ބުނީ ދަރިފުޅުމެނަށްޓަކައި އޭނާ އުފުލި ބުރައެއް ކުރި ޚަރަދެއް ނޯންނާނެއޭ. ޤަބޫލުކުރުމާއި ނުކުރުން އޮތީ ދަރިފުޅުމެންގެ އިޚްތިޔާރުގައޭ. ކަންކަން ފެންމަތިވަމުންދާ ވަރަކަށް ބޭޒާރުވަމުން އެދަނީ. ކޯޓުތަކަށް ފައިސާ އަޅާފައިވާވަރު ވެސް ފަޅާއަރަމުން އެދަނީ. ޖިހާދާއި ފާއިދަކީ ބޮޑުވެގެންވާ ދެ މަކަރުވެރިން. ދުވަހަކު ވެސް އަހަރެން އެ މީހުންނަށް މަޢާފެއް ނުކުރާނަން.” ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރާނިޔާއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.

ނިފާރުގެ ހަނދާނަށް އައީ ވާޝިޔާ ދެއްކި ވާހަކަ ތަކެވެ.

ރާނިޔާގެ ވާހަކަތައް ނާއިމަށް ޤަބޫލުކުރެވުނެވެ. ރާނިޔާގެ ވާހަކަތަކާއި އެ ލިޔުމާއިމެދު އޭނާގެ ހިތުގައި ސުވާލެއް ނުއުފެދެ އެވެ. އުފައްދާނެ ޖާގައެއް ވެސް ނެތެވެ.

“ނިފާރު! މިގެއަށް ބަދަލު ވާންވީނު. ބުނީމެއްނު ރައްޓެއްސަކަށް ލާރި ދީގެންނޭ އުޅެނީ. މިތަނަށް ބަދަލުވީމަ އެއްވެސް ލާރިއެއް ދައްކާކަށް ނުޖެހޭނެ.” ހަޤީޤަތް އެނގުނު ހިސާބުން ނާއިމް ބޭނުންވީ ނިފާރަށް އެހީތެރިވާށެވެ.

ނިފާރަށް ބަލާލަމުން ހިނިތުންވެލި ޔަޒީދާގެ ހަރަކާތްތަކުން ވެސް ފެނުނީ ނާއިމްގެ އެ ހުށަހެޅުމަށް އޭނާ ތާއިދުކުރާވަރެވެ.

“އެހެންވީމަ ދޮންބެދައްތަމެން އެ އުޅެނީ މުހުތާރުބެ ނިފާރަށް ދިން ގޭގައި ދޯ؟ އަހަރެން ހިތަށް އެރިއޭ އޭނަ ކީއްވެބާއޭ މާ ވަރަކަށް ނިފާރާ ޖައްސާލައިގެން އެ އުޅެނީ.” ޔަޒީދާގެ ހަނދާނަށް އައީ އޭނާއާ ނިފާރު އެކުގައި ފެނިގެން ޖިހާދު އުޅުނު ގޮތެވެ. ނިފާރާއި ޔަޒީދާ ދުރުކުރަން އޭނާ ކުރި މަސައްކަތެވެ.

“ދަރިފުޅުމެންގެ ރުހުމާއެކު ނިފާރު މިތަނަށް ބަދަލުވެއްޖެނަމަ މަންމަ ވެސް ވަރަށް އުފާވާނެ. މިހާރު ދެން އެއަށްވުރެ ވަކި ބޮޑު އުފަލެއް މަންމައަކަށް ނުލިބޭނެ. ނިފާރު! ދައްތަމެން ކައިރިއަށް އާދޭ. އަބަދުގެ އަބަދަށް މިތަނަށް ބަދަލުވޭ. ބޭނުން ކޮންމެ ފްލޯއަކުން އެޕާރޓްމެންޓެއް ހުސްކޮށްދޭނަން. މަންމައެއްގެ ފަރާތުން ކޮށްދޭން ޖެހޭ ކޮންމެ ކަމެއް ކޮށްދޭނަން.” ނިފާރުގެ އަތުގައި ހިފަމުން ރާނިޔާ އެދުނެވެ.

މިވެސް ކިޔާލަން:  ގުނަވަންތަ - ހަތްވަނަ ބައި

“ވަރަށް ބޮޑަށް ޝުކުރިއްޔާ! ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ. ކަމެއް ނިންމުމުގެ ކުރިން ބަލަންޖެހޭ އެތައް ކަމެއް އެބަހުރި. އަހަރެންނަށް އިހަށް ފުރުސަތެއްދީ. މިކަމުން އަރައިގަނެވިގެން އެހެން ކަމަކާ ވިސްނާލެވޭނީ. އިރާދަކުރެއްވިއްޔާ އަދި އަންނާނަން.” ސޯފާއިން ތެދުވި ނިފާރު ހިނގައިގަތީ ބޭރަށް ނުކުންނާށެވެ.

ނިފާރުގެ ފަހަތުން ކަހަލަގޮތަކަށް ރާނިޔާ ވެސް ބޭރަށް ނުކުތެވެ.

ޖިހާދާއި ފާއިދު ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދިޔަ ނާއިމް އެ މަސައްކަތް ހުއްޓާލި އެވެ. އެހެން ހުރިހާ ކަމަކުން އަތް ދޫކޮށްލަމުން އޭނާގެ މަންމައާއިމެދު ވިސްނާލި އެވެ. ވިސްނާ ފިކުރު ކުރަމުން ދިޔަވަރަކަށް ސިކުނޑި ހުޅުވެމުން އެކަމުގެ ތެރެއަށް ވަދެވެމުން ދިޔަ އެވެ. ފަރުވާކުޑަކަމުން އެތައް ކަމެއް ދޫކޮށްލެވިފައިވާކަން ހަނދާންވިއިރު މަންމައާއިމެދު ފުންކޮށް ވިސްނާލެވިފައި ނެތްކަން ޤަބޫލުކުރަން މަޖުބޫރުވި އެވެ.

ކުރަމުންދިޔަ ތުހުމަތުތަކުން ސަލާމަތްވުމަށްޓަކައި ޖިހާދާއި ފާއިދު އެމީހުންނަށް ކުރެވޭން ހުރި ހުރިހާ ކަމެއް ކުރި އެވެ. ކަމަށް ޤާބިލު އެތައް ވަކީލުންނެއް ހޯދައި ދިފާޢީ ވަކީލުންގެ ޓީމެއް އެކުލަވާލި އެވެ. ހުއްޓުމެއްނެތި ކަހަލަ ގޮތަކަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް ވަކީލުންގެ ޓީމަށް މާބޮޑު ކާމިޔާބެއް ކުރިއެރުމެއް ނުހޯދުނެވެ. ފަހަރަކު މަގެއް ބަންދުވަމުން ފުރުސަތުތައް ހަނިވަމުން ދިޔަ އެވެ. ނަސްރު ލިބޭނީ ޙައްޤަށެވެ.

ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ ނާއިމް ގެއިން ނުކުތް ވަގުތު އެވެ. އަވަސްއަވަހަށް ޖީބުން ފޯނު ނަގަމުން ބަލައިލިއިރު ގުޅަނީ ސުނޭހާ އެވެ. ނަން ފެނުމާއިއެކު ފޯނަށް ޖަވާބު ދިނުމަށް ނާއިމް އަވަސްވެގަތެވެ.

“ނާއިމް! ކޮންތާކު؟ ގެއަށް ވެސް ވަދެނުލާ ކޮންތާކު ތި އުޅެނީ؟ ވަކީލުންނަށް ވެސް ޚަބަރެއް ނުވެއޭ އެމީހުން ބުނީ. ކޯއްޗެއް ތި ހަދަނީ؟ އެމީހުން ވެސް އެ ތިބެނީ ނާއިމްގެ ޚަބަރެއް ނުވާތީ ހާސްވެފަ.” ނާއިމް ފޯނަށް ޖަވާބު ދޭނެ ވަގުތެއްގެ އިންތިޒާރުގައި ސުނޭހާ ހުރި ކަހަލަ އެވެ. އަޑުން ފާޅުވީ ހިތްހަމަނުޖެހުމެވެ.

“އިރުކޮޅަކުން އެބަ ދަން.” ނާއިމް ފޯނު ކަނޑާލި އެވެ. ފޯނުން ވާހަކަ ދެއްކުމަށްވުރެ ރަނގަޅުވާނީ އޭނާ ކައިރިއަށް ގޮސް ވާހަކަ ދެއްކުންކަން ނާއިމަށް ވިސްނުނެވެ.

ސުނޭހާމެން ގެއަށް ނާއިމް ދިޔައިރު ސުނޭހާގެ އިތުރުން އޭނާގެ މަންމަ ސަލްމީނާ އާއި ކޮއްކޮ އަލްނާ ވެސް ސިޓިންގްރޫމްގައި ތިއްބެވެ.

“ކޮންތާކު ތި އުޅެނީ؟ ދެ ދުވަސް ތިން ދުވަސްވާއިރު ވެސް ގެއަށް އަންނަން ނޭނގޭތަ؟ އެވަރަށް ގުޅާއިރު ފޯނެއް ނަގަނީއެއް ނޫން. ގުޅާފަ އޮތަސް ގުޅާލަނީއެއް ނޫން. މިވަރުގެ ބޮޑު ހިތާމައެއް ކުރިމަތިވެގެން އުޅޭއިރު ތިހެންތަ ކަންތައް ކުރަންވީ؟” ނާއިމް އައިސް ގެއަށް ވަނުމާއިއެކު ސުނޭހާ ޝަކުވާކޮށްގަތެވެ. އަޑާއި ހަރަކާތުން ފާޅުވީ ހިތްހަމަނުޖެހުމެވެ.

މިވެސް ކިޔާލަން:  ރިިހި ރާޅުތައް - ޗެޕްޓަރ 14

ގޭތެރެއަށް ވަދެގެންދިޔަ ނާއިމް މަޑުކޮށްލީ ސަލްމީނާ ކައިރިއަށެވެ. ސޯފާގައި އިށީންނަމުން ފޯނު ހުޅުވާލި އެވެ. އަވަސްއަވަހަށް ފޯނާއި ކުޅެލަމުން ސަލްމީނާއަށް ދައްކާލީ ފޮޓޯއެކެވެ.

“މީނަ ދަންނަންތަ؟” ނާއިމް ދައްކާލި ފޮޓޯއާއިއެކު ސިލްމީނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެކަން ނާއިމްގެ އިތުރުން ސުނޭހާ އާއި އަލްނާއަށް ވެސް ފާހަގަވި އެވެ.

އަވަސްއަވަހަށް އެދިމާއަށް އައި ސުނޭހާ ވެސް އެއީ ކާކުތޯ ބަލައިލި އެވެ.

ފޮޓޯގައި ހުރި ނިފާރު ފެނުމާއިއެކު ސުނޭހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ.

“ތި ދެން ކޮންކަމެއް؟ ތި ފޮޓޯ ގެންގޮސް ޔަޒީދާއަށް ދައްކާ. އޭނަ ވަރަށް އުފާވާނެ ތި ފޮޓޯ ފެނުނީމަ. ކޮންމެހެން އަހަރެން މަންމައަށް ދައްކާނެ ކަމެއް ނެތް. ނާއިމްމެނަށް އޭނަ ކިތަންމެ މުހިންމުވިޔަސް އަހަރުންނަކަށް މުހިންމެއް ނޫން.” އަނެއްކާ ވެސް ފެނިގެން ދިޔައީ ސުނޭހާގެ ހިތްހަމަނުޖެހުމެވެ.

ހިތްހަމަނުޖެހިފައިހުރި ސުނޭހާގެ ބަސްމަގާއި ޢަމަލުތައް ސަލްމީނާއަކަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. އެކަން ހުއްޓާލުމަށް އެދުނެވެ.

“އެއްޗެކޭ ނުބުނަން ވަރަށް ކެތްކޮށްފިން.. ވާނުވާ ނޭނގޭތީއެއް ނޫން. ކެތްތެރިކަމާއި ހިތްވަރާއިއެކު މަސައްކަތްކޮށް ކާމިޔާބަށް ވާސިލުވެވޭތޯ. ސުނޭހާއަށް އެއްޗެއް ވިސްނޭތޯ. މިކަމުގެ ތެރެއަށް ޔަޒީދާ ވައްދާނެކަމެއް ނެތް. ނިފާރާއި ޔަޒީދާގެ މެދުގައި އޮތް ގުޅުމެއް އޮތީ އެ ދެމީހުން އެގޮތް ބޭނުންވެގެން. އެއީ އަހަރެންނަކާ ބެހޭކަމެއް ނޫން. އަދި ސުނޭހައަކާ ވެސް ބެހޭކަމެއް ނޫން. އެއްޗެކޭ ބުނާއިރަށް ތަނެއްދޮރެއް ނުބަލާ ހަޅޭއްލަވައިގަތަކަސް ކަންކަން ހައްލެއް ނުވާނެ. ބުއްދީގެ ބޭނުން ކުރަން ދަސްކޮށްބަލަ.” ސުނޭހާގެ ޢަމަލުތަކާއި ބަސްމަގާއިމެދު ހިތްހަމަނުޖެހުނަސް ނާއިމް މަސައްކަތްކުރީ ސުނޭހާއަށް ވިސްނައި ލދޭށެވެ.

“އަހަރުމެން މިއުޅޭ ގެއާ މިގެއަކީ ކާކުގެ ތަނެއްކަން މަންމައަށް އެނގޭތަ؟” ސަލްމީނާއަށް ބަލާލަމުން އަނެއްކާ ވެސް ނާއިމް އަހާލި އެވެ.

“މުހުތާރުގެ.. ތި ނިފާރުގެ ބައްޕަގެ ގެއެއް މީ.” ހަޤީޤަތް ހާމަކުރާކަށް ސަލްމީނާ ޖެހިލުމެއް ނުވި އެވެ.

އިވުނު ޖަވާބާއިއެކު ސުނޭހާގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔަ ކަހަލަ އެވެ. ފުންމައިގެން ކަހަލަ ގޮތަކަށް އަނެއްކާ ވެސް ނާއިމާއި ދިމާއަށް އައެވެ.

“ވާއޮ.. ވަރަށް ސަޅި. ކޮއްކޮގެ ވާން އުޅޭ ފިރިމީހާއާ ހެދި ހާދަ ވަރެއް އެބަހުއްޓޭ ދޯ؟ ލިބިފަ ހުރި ގެ ކުޑައީތަ މިތަން އަތުލަން ތި އުޅެނީ؟ އެ ބޭނުމުގަ ދޯ މާ ވަރަކަށް އެކަމާ ރުހިގެން މިއުޅެނީ. އަމިއްލަ އެދުން ބޮޑަސް ތިދެން ތަންކޮޅެއް ބޮޑުވަރު ކަންނޭނގެ. ކުއްލިއަކަށް ވަކީލުންތައް ދޫކޮށްލައި ފިލައިގެން މިއުޅެ..” ސުނޭހާ ދައްކަމުން ދިޔަ ވާހަކަތައް ފުރިހަމަ ކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ކުރިން ނާއިމް ވާހަކަ ދައްކަން ފެށި އެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 15

“ސުނޭހާއަށް ނިފާރާ ކައިވެނި ނުކުރެވުނީ ޔަޒީދާގެ ސަބަބުންނެއް ނޫން. އަދި ހަމައެކަނި އަހަރެން އެގޮތް ބޭނުން ވެގެނެއް ވެސް ނޫން. ސުނޭހާ ވެސް އަހަރެންނަށް އޮޅުވާލީމާ ޖިހާދުގެ އެ ރޭވުން ކާމިޔާބުވީ.. އެހެން މީހުންގެ ކަންކަމާއި ނުބެހި ތިމާގެ ވާޖިބު އަދާކުރެވޭތޯ ބަލާބަލަ. ހަޖަމުކުރަން ދަސްކޮށްބަލަ. އަހަރެން މަސައްކަތް މިކުރަނީ މިކަމަށް ލިބެން އޮތް އެންމެ ރަނގަޅު ހައްލެއް ލިބޭތޯ. ދަޢުވާ ކުރަމުން އެދަނީ ސުނޭހާގެ ބައްޕައާ ދެކޮޅަށް އެކަންޏެއް ނޫނޭ. މިއީ ނިފާރުގެ ބައްޕަ މުހުތާރުގެ ތަނެއްކަން އެނގޭނެ އެތައް ލިޔުމެއްގެ އަސްލު ދައުލަތުގެ މުއައްސަސާތަކުގައި އެބަހުރި. އެކަން ދޮގެއް ނުކުރެވޭނެ އެތައް ހެއްކެއް އެބަހުރި. އެ ލިޔުންތަކުގައި ސޮއިކުރި ވަކީލުން އެތިބީ ނިފާރާއެކު. ކަންކަން ހައްލުވާނީ ވާހަކަދައްކާ މަޝްވަރާކޮށްގެން. ތި ކަހަލަ އަމިއްލަ އެދުންބޮޑު މީހުންނާހެދި ކަންކަން މިހެންވާން ޖެހެނީ.. ބޭނުމިއްޔާ ކޯޓަށް ދޭ. މާދަމާ ބުންޏަސް ވަރިކޮށްދޭނަން.” ހިތްހަމަނުޖެހިފައި ހުރި ނާއިމް ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ސުނޭހާ ދައްކާ ވާހަކަ އަޑުއަހާކަށް، އޭނާއާ އިތުރަށް ވާހަކަ ދައްކާކަށް ނާއިމް ބޭނުމެއް ނުވި އެވެ.

ނިފާރާއި ގުޅޭތޯ ޔަޒީދާގެ އިތުރުން ރާނިޔާ ވެސް މަސައްކަތްކުރި އެވެ. ނިފާރު ކުރިން ބޭނުންކުރި ދެ ނަންބަރު ވެސް އޮންނަނީ ނިވާލާފަ އެވެ. ގެއަށް އަންނަން ބުނި ނަމަވެސް ގެއަކަށް ވެސް ނާދެއެވެ.

“ކިހިނެއްވީ؟ ދޮންތަބެ ހާދަ ނައްޓާފަ ހުރިހެން ހީވެޔޭ.” ގޭތެރެއަށް ވަތް ނިޔާމް ސުވާލުކުރީ އޭނާގެ ލޯބިވެރިޔާ އަލްނާއާ އެވެ. އޭނާ ކުރި ސުވާލު ސަލްމީނާ އާއި ސުނޭހާއަށް ވެސް އިވޭނެ އެވެ.

“މި ދޮންތަގެ ކަންތައް.. ކުރަންދިޔަ ކަންތައް ކިހިނެއްވީ؟ ވަކީލުން ކީކޭ ބުނީ؟ ބައްޕަ ސަލާމަތްވާނެތަ؟” ނިޔާމްއާ ދިމާއަށް އައި އަލްނާގެ ކިބައިން ފެނުނީ މާޔޫސްކަމާއި ކަންބޮޑުވުމެވެ.

“ދަރިފުޅާ ނިފާރު ކައިވެނި ކުރާކަށް މަންމަ ޤަބޫލެއް ނޫން.” ރާނިޔާގެ ޖުމްލަ އިވިފައި ޔަޒީދާ ދިޔައީ ސިއްސައިގެން ނެވެ. ސުވާލުތަކުން ފުރިފައިވާ ފަދައަކުން ރާނިޔާއާ ދިމާއަށް ބަލާލިއިރު އޭނާގެ ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top