މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ހުސްވެފައިވާ ޗެއާޕާސަންގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށްޓަކައި ބާއްވަން ޖެހޭ ބައި-އިލެކްޝަން 16 މެއި 2024ގައި ބޭއްވުމަށް ނިންމައި އެ މަޤާމަށް ވާދަކުރުމަށް ބޭނުންވާ ބޭފުޅުން ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ އިންތިޚާބު ކޮމެޓީގެ ޗެއަރ ޢަލީ ޝާނީޒް ސޮއިކޮށް މިއަދު ނެރުނު އިޢުލާނުގައި ބުނީ ބައި-އިލެކްޝަން ބޭއްވުމުގެ ހުއްދަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ދެއްވާފައިވާ ކަމަށެވެ.

މި އިންތިޚާބުގައި ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ފިލްމު އެސޯސިއޭޝަންގެ އެންމެހައި މެންބަރުންނަށް ވަނީ ހުޅުވައިލެވިފައެވެ. އެގޮތުން މި މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަމަށް އެދި ހުށައަޅާ ފޯމު 06 މެއި 2024 ވަނަ ދުވަހުގެ 18:00ގެ ކުރިން ހުށައަޅަން ޖެހެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު، އިންތިޚާބާ ބެހޭ ކޮމެޓީގެ މެމްބަރު ޢާމިރާ އިސްމާޢިލް އާ ގުޅައިގެން ނުވަތަ ތިރީގައިވާ ލިންކުން ލިބޭނެއެވެ.

އެޕްލިކޭޝަން ފޯމު

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަންގެ މަޤާމު ހުސްވެފައި މިވަނީ މި މަޤާމަށް ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވި މުޙައްމަދު ނަޝީދު (ބޭބީ)، 18 ފެބްރުއަރީ 2024 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ނިޔާވުމާއި ގުޅިގެންނެވެ. ބޭބީ އެ މަގާމަށް އިންތިހާބުވީ އަހްމަދު ނައީމް (އެމޯ) އާ ވާދަކޮށްގެންނެވެ. ބޭބީ އަށް 42 ވޯޓު ލިބުނުއިރު، އެމޯ އަށް ލިބުނީ 23 ވޯޓެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.