ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ

މުނާސަބަތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް ދެއްވާ ޚިތާބް

بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ

ޙަމްދާ ޝުކުރު ކުރަނީ ޢާލަމްތަކުގެ ވެރި މާތް اللّـه سبحـانـه وتعـالى އަށް.ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަނީ މި އުއްމަތުގެ ކައު ސާހިބާ،مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް . މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

1993 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ މެއި މަހުގެ ތިން ވަނަ ދުވަސް ފާހަގަ ކުރަނީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގަ. މި މުނާސަބު ދުވަހުގައި ނޫސްވެރިންނާއި މުޚާތަބުކޮށް އެއްޗެއް ބުނުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އެހާމެ ބޮޑު ފަޚުރެއް. “ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަސް” އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިގެންވާކަން. ބަވަނަ ވެފައިވާ މި ދުނިޔޭގައި ދެ ފުށް ފެންނަ ގޮތަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަދި ހަމަހަމަ ކަމާއިއެކު ރައްޔިތުންނާއި ހަމައަށް ޚަބަރުތައް ގެނެސް ދިނުމަށް ނޫސްވެރިން ވާ ޤުރުބާނީ. ކުރައްވާ ބުރަ މަސައްކަތް.

މިއަހަރުގެ ނޫސްވެރިންގެ ދުވަހުގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ،

ފަންނިއްޔާތުގެ ނުފޫޒު ގަދަ ޒަމާނެއްގައި ޚަބަރުފެތުރުން: ނޫސްވެރިކަމުގެމިނިވަންކަމަށާއި މީޑިއާއަށް މަސްނޫއީ ތޫނުފިލިކަމުން ކުރާ އަސަރު.”

މި ޝިޢާރު އަމާޒު ކުރެވިފައި މިވަނީ ދުނިޔޭގައި މިއަދު ކުރިއަރަމުން، ވައިގާ ހިފަމުން އަންނަ، އާޓިފިޝަލް އިންޓެލިޖެންސް، (އޭ.އައި) ގެ ސަބަބުން ނޫސްވެރިކަމަށް ނުވަތަ މީޑިއާއަށް ކުރާ އަސަރު ގެ މައްޗަށް. ޝައްކެއްނެތް ގޮތުގައި އޭއައީ ގެ ސަބަބުން މިދަނީ ނޫސްވެރިކަމަށް އިންގިލާބީ ބަދަލެއް އަންނަމުން. ނޫސްވެރިކަން ކުރާ ގޮތް ވެސް މިދަނީ ބަދަލުވަމުން. ތަހުގީގީ ރިޕޯޓް އުފެއްދުމާއި، ކޮންޓެންޓް އެކުލަވާލުމާއި ހަގީގަތް ހޯދާ ބެލުން ފަދަ ނޫސްވެރިކަމުގެ މުހިންމު މަސައްކަތްތަކަށް އޭއައީ ގެ ސަބަބުން މިދަނީ ކުރިއެރުން ތައް ހޯދަމުން. ފަސޭހަތައް ލިއްބައި ދެމުން. މީގެ އިތުރަށް ނޫސްވެރިންގެ މަސައްކަތް އަވަސްވެ، ޑޭޓާޖާނަލިޒަމްގެ ފެންވަރު ރަނގަޅުވެ، ނޫސްވެރިން ތަފާތު ދާއިރާތަކަށް އިތުރަށް ލޯހުޅުވާލަދެމުން. ނަމަވެސް މި ފަސޭހަތަކާއި ކުރިއެރުން ތަކާއި އެކު އޭއައީ ގެ ސަބަބުން ކުރިމަތި ވެދާނެ ގޮންޖެހުތަކާއި ތުރާތައް ވެސް މަދެއް ނޫން. އޭއައީ ގެ އެހީގައި، ބައެއް ފަހަރު ދޮގު މައުލޫމާތާއި ޚަބަރު ތައްޔާރުކޮށްދޭ. އަދި  ޑީޕްފޭކް ޓެކްނޮލޮޖީއާއި، ނޫސްވެރިންނަށް ކުރިމަތި ވާ ސާވޭލަންސްގެ ނުރައްކާ ވެސް ކުޑައެއް ނޫން. މީގެ އިތުރުން މީޑިއާގެ ވިޔަފާރި މޮޑެލްއަށް ބަލާއިރު ނޫސްވެރިކަމުގައި އޭއައީ ގެ ދައުރު ފުޅާވެއްޖެ ނަމަ، ނޫސްވެރިއާ ކުރާ މަސައްކަތަށް ހަމަ އަގު ނުލިބުމަކީ އެކަށީގެންވާ ކަމެއް. މިއީ މީޑިއާގެ ދާއިރާގައި ކުރެވެމުންދާ ބަހުސެއް. މިފަދަ ދުވަހެއްގައި ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު ވާހަކައަކީ، ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ، މިނިވަން ކަމުގެ ވާހަކަ. މިނިވަން އަދި ޒިންމާދާރު މީޑިއާއެއްގެ ވާހަކަ.

ޑިމޮކްރެޓިކް ނިޒާމެއްގައި އެންމެ މުހިންމު އެކައްޗަކީ މިނިވަން، އަދި ޒިންމާދާރު މީޑިއާއެއް ބިނާ ކުރުން. އެއީ ރައްޔިތުންނާ ހަމައަށް ތެދު މައުލޫމާތާއި ޚަބަރު ގެނެސްދޭ ބަޔަކީ ނޫސްވެރިންނަށް ވާތީ. ޒިންމާދާރު މަގާމުގައި ތިއްބަވާ ބޭފުޅުން ޒިންމާދާރު ކުރުވާ، އެއް ބަޔަކީ މީޑިއާތައް ކަމަށް ވާތީ. ރައްޔިތުންގެ އަޑު ރައްޔިތުންނާ ހަމައަށް ގެނެސްދީ، ރައްޔިތުންގެ ހައްގުގައި ކެރިގެން ވަކާލާތު ކުރާ ބަޔަކީ ވެސް މީޑިއާ ތަކާއި ނޫސްވެރިންނަށް ވާތީ. ބައިނަލް އަޤްވާމީ ނޫސްވެރިންގެ ދުވަސް ފާހަގަ ކުރަމުންދާ އިރު، މީޑިއާ ތަކާއި ނޫސްވެރިންނަށް، ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި. ހުރަސްތައް އެބަހުރި. އޭގެ ސަބަބުން ބައެއް ފަހަރަށް ބޭނުންވާ މައުލޫމާތު ނުލިބުމާއި، ތެދު ހަގީގަތް ހާމަ ކުރުމަށް ދަތިވާ ގޮތް ވޭ. ޚިޔާލު ފާޅުކުރުމަށް ލިބޭ ޖާގަ ހަނިވެގެންދޭ. މީގެ އިތުރަށް، ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ވުމަކީ ޒިންމާދާރު ނޫސްވެރިކަމަކަށް ވަރަށް މުހިންމު ކަމެއް. އެހާމެ ބޭނުންތެރި ކަމެއް.

ނޫސްވެރިން ބިނާ ކުރުމާއި ނޫސްވެރިން ތާޒާ ކުރުމަކީ ނޫސްވެރިކަމަށް އާރޯކަމާއި ތާޒާކަން ލިބިގެންދާނެ ކަމެއް. ނޫސްވެރިން އުފައްދާ ކޮންޓެންޓްގެ ފެންވަރު މަތިވެގެންދާނެ ކަމެއް. ނޫސްވެރިކަމުގައި، ފަންނިއްޔާތުގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ކުރުމަށް މަގު ފަހިވެގެން ދާނެ ކަމެއް. ރާއްޖޭގެ ކަންކޮޅުތަކުގައި ނޫސްވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ނޫސްތަކާއި މީޑިއާތައް، ހިންގަވާ ބޭފުޅުން އެ ކުރައްވަނީ ޤައުމީ މަސައްކަތެއް. އެއް ވެސް ޖެހިލުމެއްނެތި އަލިފާނުގެ ހާދިސާތަކާއި ކާރިސާތަކާއި ރާއްޖޭގެ ކަންކޮޅުތަކުގައި ހިނގާ ޚަބަރުތައް ގެނެސްދެނީ ފޫހި ކަމެއްނެތި. އެހެން ކަމުން މި މުނާސަބަތުގައި ރާއްޖޭގެ މީޑިއާތަކަށާއި ނޫސްވެރިންނަށް ހިތުގެ ލޯތްބާއެކު ފަށްފަށުން ޝުކުރު ދަންނަވަން. ނޫސްވެރިންނާއި މީޑިއާ ތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ނޫސްވެރިންނާއި މީޑިއާ ތަކާއި އެކު، އަބަދުވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން މަސައްކަތް ކުރަމުންގެންދާނެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް ފާހަގަ ކުރަމުންދާއިރު ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަތައް ގެނެސްދޭ، ހިތްވަރުގަދަ ނޫސްވެރިންގެ މަތިން ހަނދާން އާ ކުރަންވާނެ. އަދި މިފަދަ ދުވަހެއްގައި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ މަތިން ހަނދާން އާ ކުރަންވާނެ.  ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ޤައުމުގެ ޚަބަރުތައް ގެނެސްދެއްވާ ހިތްވަރުގަދަ ނޫސްވެރިންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދެން. އަޅުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް އާރޯކަމާއި ތާޒާކަން އަބަދުވެސް ލިބުން.  ނޫސްވެރިންގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅުވުން. ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއަށް ފަހި ފާގަތި ދުވަސްތަކެއް މާތްﷲ މިންވަރު ކުރެއްވުން. އާމީން.

ވައްސަލާމު ޢަލައިކުމް ވަރަޙުމަތުﷲ ވަބަރަކާތު.

                 05 ذُو ٱلْقَعْدَة 1446

                            03 މެއި 2025

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.