އިންޑިއާގެ ޤައުމީ ޓީވީ ދޫރްދަރްޝަން ނޭޝަނަލް އިން ގެނެސްދިން ’ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް’ގައި ދިވެހި ބޭންޑް ”ޓޫ އޮފް އަސް“އިން ހޯދި ކާމިޔާބީއަށް ފަހު، ދިވެހި ސަޕޯޓަރުންނަށް ޚާއްޞަކޮށްގެން ގެނެސްދޭ ބޮޑު ޝޯގައި، ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގެ ހުނަރުވެރި ހޯސްޓް އަދި ޖަޖުންވެސް ބައިވެރިވާނެ ކަމަށް ”ޓޫ އޮފް އަސް“  ބޭންޑުން ބުނެފިއެވެ.

”ޓޫ އޮފް އަސް“ ބޭންޑުން މީޑިއާތަކަށް މަޢުލޫމާތުދެމުން ބުނީ މިމަހު 23 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބާއްވާ މި ޝޯއަކީ އެ ބޭންޑުން ރާއްޖޭގައި ކުޅޭ ފުރަތަމަ ޝޯ ކަމަށާ މިއީ ’ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް‘ މުބާރާތުގައި ކުރި ދަތުރުގައި ހިތްވަރުދީ އެހީތެރިވެދިން އެންމެހައި ދިވެހި ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ޝޯއެއް ކަމަށެވެ.

އިންޑިއާގެ ނަން މަޝްހޫރު ބޭންޑެއްގެ ޚާއްޞަ ހުށަހެޅުމަކާއެކު ފަށާ މި ޝޯގައި ރާއްޖޭގެ ބައެއް މަޝްހޫރު ފަންނާނުންގެ އިތުރުން ’ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް‘ ހުށައެޅި އިންޑިއާގެ މަޝްހޫރު އެންޓަޓެއިނަރ ކޭތަން ސިންގް މި ޝޯ ހުށައަޅާއިރު، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ޝްރާދާ ޕަންޑިތު، ޝްރުތީ ޕާތަކް، އަދި ރާޖާ ހަސަންގެ އިތުރުން އިންޑިއަން ފިއުޝަން ބޭންޑް ޝިވޯހަމް ވެސް ބައިވެރިވާނެ އެވެ. އަދި ދިވެހި އާޓިސްޓުންގެ ތެރެއިން މުޙައްމަދު މައިސާން (ބޮކިޓޯސް), އާއި މަމްދޫޙް (ހަރުބީ މަންޑޭ) ވެސް މި ކޮންސަޓުގައި ބައިވެރިވާނެ އެވެ.

ބެޓްލް އޮފް ބޭންޑްސްގައި ކޭތަން ދިވެހި ފޭލި އަނދެގެން އަދުހަމްގެ އިރުޝާދާއެކު ބޮޑުބެރަށް ނަށަން ދަސްކުރަނީ – ފޮޓޯ: ޓޫ އޮފް އަސް

ކޭތަން ސިންގްގެ މަޖާ އަދި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ އަޑުން ވާހަކަދައްކައި އެކްޓްޖައްސަމުން ގެނެސްދޭ މި ޝޯއަކީ ހަމަގައިމުވެސް މުނިއަވަސްފިލުވައިލުމަށް މިފަހުން ރާއްޖޭގައި ބޭއްވޭ ވަރުގަދަ ޝޯއަކަށް ވެގެންދާނެއެވެ.

”ޓޫ އޮފް އަސް“ގެ މި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ. ޝޯއަށް ވަނުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00 ގައެވެ. މި ޝޯއަށް ވަނުމަށް ޓިކެޓު ވިއްކުން ހަމަޖެހިފައިވާ ގޮތް ފަހުން އިޢުލާނުކުރާނެ ކަމަށް އެ ބޭންޑުން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.