އެއްދުވަހެއްގެ މެންދުރުފަހު އެ ފިރިހެން ކުއްޖާ ގެއަށް އައިސް ވަނީ އޭނާ އާންމުކޮށް ދުއްވާ ބައިސްކަލުގައެއް ނޫނެވެ. އޭނާ އައީ ރިހިކުލައިގެ ކާރެއްގައެވެ.

އޭނާގެ މަންމަ ރުޅިއައިސްގެން ތޫލި އަޑަކުން ބުންޏެވެ. ”މިއީ ކޮންކަމެއް؟“

”ތިޔައީ ކޮންތާކުން ހޯދި ކާރެއް؟“ ބައްޕަ ސުވާލު ކުރިއެވެ.

އެ ކުއްޖާއަށް މައިންބަފައިންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނި، ފިކުރު ބޮޑުވެފައި ހުރެ ބުންޏެވެ. ”މިއީ މިއަދު އަހަރެން ގަތް ކާރެއް“ މައިން ބަފައިންގެ މޫނުމަތި ރަތްވެގެން ދިޔައެވެ.

”ކޮންތާކުން ހޯދި ފައިސާއަކަށް؟“ ބައްޕަ ވަރަށް ބާރަށް ބުންޏެވެ. ”އެނގޭތަ މީގެ ކާރެއްގެ އަގު؟“

”އަހަރެން މި ކާރު ގަތީ 15 ޑޮލަރަށް“

ހިމޭންކަމުގެ ސުކޫތެއް ދިޔައެވެ. މަންމައަށް މި ވާހަކަ ގަބޫލެއް ނުކުރެވުނެވެ. ”ކާކުތަ ހަމަހޭގައި ހުރެގެން މިކަހަލަ ކާރެއް އެންމެ ފަނަރަ ޑޮލަރަށް ވިއްކާނީ؟“

އެކުއްޖާ މަގުގެ އަނެއް ފަރާތަށް އިނގިލި ދިއްކޮށްފައި ބުންޏެވެ. ”ކޮންމެވެސް އަންހެނެއް. އަހަންނަކަށް އޭނާގެ ނަމެއް ނޭނގޭ. އަހަރެން ބައިސްކަލުގައި ދަނިކޮށް އޭނާއަށް ފެނިގެން އެހި. މިކާރު 15 ޑޮލަރަށް ގަންނާނަންހޭ“

މަންމަ ރުޅިގަނޑު ހިފަހައްޓާލާފައި ފިރިމީހާއަށް ބުންޏެވެ. ”ގޮސް އަހާބަލަ އެ އަންހެން މީހާ ގާތު އެއީ ތެދެއްތޯ!“

މިކަން ފުލުހަށް އަންގާނީތޯ ދެފިކުރު މަތީގައި ހުރެ އެ އަންހެނާގެ ގެޔަށް ދިޔައެވެ. އޭރު އެ މީހާ ހުރީ ވަރަށް ހަމަޖެހިލައިގެން ގަސްތަކަށް ފެންދޭށެވެ. ޕިއްޒާ އެއްގެ އަގަށް މޮޅު ކާރެއް ވިއްކި މީހެއްހެން ހީވެސް ނުވެއެވެ.

ވަރަށް އަދަބުވެރި ގޮތް ދައްކަމުން ބައްޕަ ބުންޏެވެ. ”އަހަންނަކީ ކަމަނާ ދެންނެ ފަނަރަ ޑޮލަރަށް ކާރެއް ވިއްކި ކުއްޖާގެ ބައްޕަ. އެއީ ކިހިނެއް ވީ ކަމެއްކަން ބުނެދީ ފާނަންތަ؟“

އަންހެންމީހާ އަތުގައިހުރި ކުރާ ބަހައްޓަމުން ހިނިތުންވެލާފައި ބުންޏެވެ. ”އާނ. އެއީ ރަނގަޅު ވާހަކައެއް. އަހަރެން ފަނަރަ ޑޮލަރަށް އެ ކާރު ވިއްކިން. އެނގޭތަ. މިއަދު ހެނދުނު އަހަރެންގެ ފިރިމީހާ ގުޅައިފި. އަހަރެން ހީކުރީ އޭނާ ދިޔައީ ވިޔަފާރި ދަތުރެއްގައި ކަމަށް. ނަމަވެސް އޭނާގެ ސެކެޓެރީއާއެކު ހަވާއީއަށް ދިޔަކަމަށް ވަނީ. އޭނާ ދެން އެނބުރި އައުމުގެ ވިސްނުމެއް ނެތް.“

ބުނާނެ އެއްޗެއް ނޭނގި ގާވެފައި ބައްޕަ ހުއްޓެވެ.

އަންހެންމީހާ ހަމަޖެހިލައިގެން ހުރެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ”އަހަރެންްގެ ލޯބިވާ ފިރިމީހާ އެދުނީ ކާރު ވިއްކާލާފައި ލިބުނު ހުރިހާ ފައިސާ އޭނާއަން ފޮނުވުމަށް. އަހަރެން އެހެން ހެދީ.“

ބައްޕަ ހަމަހިމޭންކަމާއެކު އެނބުރި ގެޔަށް ދިޔައެވެ.

އަދިވެސް ރުޅިމަޑުނުވެ ހުރި މަންމަ އެއްސެވެ. ”އެ އަންހެން މީހާ ބުނީ ކީކޭ؟“

ބައްޕަ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހު ކާރާ ދިމާއަށް ބަލައިލިއެވެ. ދެން ދަރިފުޅުގެ ބުރަކަށީގައި ފިރުމާލާފައި ބުންޏެވެ. ”ދޭ ދަރިފުޅުގެ ކާރު ފޮހެލަން. ބައްޕަމެން މިދަނީ އެ އަންހެން މީހާއަށްދޭން ކޭކެއް އަޅަން.“

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.