– 19 އަހަރު، 40 އަށްވުރެން ގިނަ ޕްރޮޖެކްޓް، 69 އެވޯޑާއިއެކު ބެލުންތެރިންގެ ލޯތްބާއި ތާއިދު

ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތުގައި މިވަގުތު އެންމެ ކުރީ ސަފުގައި، އެންމެ ކާމިޔާބުކަމާއެކު ހަރަކާތްތެރި ވަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓަށް މިއަދު މިވަނީ 19 އަހަރު ފުރިފައެވެ.

ދިވެހި ސިނަމާ ތެރެއަށް ޑާކްރެއިން އެންޓަޓެއިންމަންޓް ވަދެފައިވަނީ 2006 ގައެވެ. ޓީވީއެމް އަށް ޑްރާމާ ސިލްސިލާ އުފައްދައިދިނުމާއި އިޝްތިހާރު ހެދުމާއި އޯޑިއޯ ރެކޯޑިން ހަދައިދިނުން ފަދަ ކަންތައްތަކާއި އެކުގައެވެ. ނަމަވެސް މިއަދު އެ ސްޓޫޑިއޯ އަކީ އެމީހުންގެ އުފެއްދުންތަކުގެ ފެންވަރާއި ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު ރާއްޖޭގެ ނަންބަރ ވަން ފިލްމު ޕްރޮޑަކްޝަން ހައުސް ކަމަށް ބުނުމަކީ ރާއްޖޭގައި ފިލްމު އުފައްދާ އެހެން ފަރާތްތަކަށް ބުނެވޭ ކުޑައިމީސް ބަހަކަށް ނުވާނެއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓަށް މިހާތަނަށް އައިއިރު 69 އެވޯޑް ލިބިފައިވެއެވެ. މޯލްޑިވްސް ސޮސައިޓީ ފޮރ ޕަރފޯމިންގް އާޓްސް (އެމްއެސްޕީއޭ) އިން ބޭއްވި ފުރަތަމަ ފިލްމް އެވޯޑްސްގައި ޑާކް ރެއިންއަށް ވަނީ 15 އެވޯޑް ލިބިފައެވެ. ބެސްޓް ފިލްމުން ފެށިގެން ބެސްޓް އެކްޓަރާއި، ބެސްޓް ޑައިރެކްޓަރުން ފެށިގެންގޮސް ޑާކްރެއިނުން ވަނީ މުހިންމު ގިނަ އެވޯޑްތައް އެ ޕްރޮޑަކްޝަނުން ހާސިލްކޮށްފައިވެއެވެ.

ފިލްމު އުފެއްދުމުގެ މަސައްކަތުގައި ދިވެހިން މީގެކުރިން ގިރާކޮށްފައި ނުވާ ހަރުފަތްތަކެއް ގިރާކުރުމުގެ އެންމެ ފުރަތަމަ ރެކޯޑުވެސް އެ ސްޓޫޑިއޯއިން ވަނީ މުގުރާލާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފަހަރަށް ދިވެހި ފިލްމެއް އެޗްޑީ(HD)، ތްރީޑީ(3D) އަދި ޑީއެސްއެލްއާރް(DSLR) ގައި ޝޫޓްކޮށް ބެލުންތެރިންނާއި ހަމައަށް ގެނައުން ހިމެނެއެވެ. މީގެ އިތުރުން ’ވެނިސް ފިލްމު ފެސްޓިވަލް‘ ގައި ރާއްޖޭގެ ފިލްމެއް ފުރަތަމަ ދެއްކީވެސް އެމީހުންގެ ފިލްމެކެވެ.

ޑާކް ރެއިން އިން އެންމެ އަވަހަށް ސިނަމާއަށް ނެރޭނީ ފިލްމު ”އަލިފާން“ އެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 06 އޮކްޓޯބަރު 2025ގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.