ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ކޮމިއުނިޓީ ބެޑްމިންޓަން ޓޯނަމެންޓް 2026: ކޮޅުނބުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަ މުބާރާތެއް ނިމިއްޖެ

ލަންކާގެ ކޮޅުނބުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން، ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ދިވެހި ކޮމިއުނިޓީ ބެޑްމިންޓަން ޓޯނަމެންޓް 2026 ނިމި، އެކި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި ޓީމްތައް ހޮވިއްޖެއެވެ. މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ލަންކާގައި ދިރިއުޅޭ ދިވެހި ކޮމިއުނިޓީގެ މެދުގައި އެކުވެރި މާހައުލެއް ޤާއިމުކުރުމެވެ.

މި މުބާރާތް ހުޅުވާލާފައިވަނީ މިކްސް ޑަބަލްސް، ވިމެންސް ޑަބަލްސް އަދި މެންސް ޑަބަލްސް އަށެވެ. ތިން ކެޓަގަރީއަށް ޖުމްލަ 23 ޕެއަރ ބައިވެރިވެފައިވެއެވެ. މިގޮތުން، މިކްސް ޑަބަލްސްގައި 10 ޕެއަރ، ވިމެންސް ޑަބަލްސްގައި 5 ޕެއަރ އަދި މެންސް ޑަބަލްސްގައި 8 ޕެއަރ ވާދަކޮށްފައިވެއެވެ.

މުބާރާތުގެ މެންސް ޑަބަލްސް ފައިނަލްގައި ވާދަކުރީ އަބްދުﷲ ސާމީ ރިޒާ އާއި އިސްމާއިލް ރިޔާޒްގެ ޕެއަރ އާއި އިސްމާއިލް ޝިބަން އާއި އިބްރާހިމް ޝާމިއުއެވެ. ފޯރިގަދަ މި މެޗުން ފުރަތަމަ 2 ސެޓް ކާމިޔާބުކޮށް މެންސް ޑަބަލްސްގެ ތަށި އުފުލާލީ އިސްމާއިލް ޝިބަން އާއި އިބްރާހިމް ޝާމިއުއެވެ.

ވިމެންސް ޑަބަލްސްގެ ފައިނަލްގައި އައިޝަތު ޝާޒިޔާ އާއި ޝާރުދާ ޚާލިދުގެ ޕެއަރ ބައްދަލުކުރީ އާމިނަތު ޝަފީގާ އާއި އައިޝަތު އަލީގެ ޕެއަރއާއެވެ. މި މެޗް ކާމިޔާބުކޮށް ވިމެންސް ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އައިޝަތު ޝާޒިޔާ އާއި ޝާރުދާ ޚާލިދުގެ ޕެއަރއެވެ.

މިކްސް ޑަބަލްސްގެ ފައިނަލްގައި ވާދަކުރީ އިބްރާހިމް ޝާމިއު އާއި އައިޝަތު ޝާޒިޔާގެ ޕެއަރއާއި ހުސެއިން ޝުޖާއު އާއި އައިމިނަތު ޝަފީގާއެވެ. މި މެޗް ކާމިޔާބުކޮށް މިކްސް ޑަބަލްސްގެ ތަށި އުފުލާލީ އިބްރާހިމް ޝާމިއު އާއި އައިޝަތު ޝާޒިޔާގެ ޕެއަރއެވެ.

މިވެސް ކިޔާލަން:  ލޮޓަސް ޓަވަރުން ކޮލޮމްބޯ ސިޓީއަށް އިތުރު ޗާލުކަމެއް

މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ތަށްޓާއި ހަނދާނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ މުބާރާތުގެ ޝަރަފްވެރި މެހެމާނު، ވެމްކޯގެ ސީ.އީ.އޯ އަލްފާޟިލް މުޖުތަބާ ޖަލީލެވެ. މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން 1 ވަނަ އަަށް ދިޔަ ޓީމްތަކަށް 70،000 ރުޕީސް (ލަންކާ ރޫޕީ)ގެ ފައިސާގެ އިނާމު ލިބިފައިވެއެވެ. އަދި ރަނަރއަޕް ޓީމްތަކަށް 50،000 ރުޕީސް (ލަންކާ ރޫޕީ)ގެ ފައިސާގެ އިނާމު ލިބިފައިވެއެވެ.

މުބާރާތުގެ ރަސްމިއްޔާތު ނިންމާލީ މުބާރާތް ކުރިއަށް ދިޔަ ކޯޓަށް ދިޔަ ހުރިހާ ފަރާތްތަކެއްގެ މެދުގައި 5 ނަސީބުވެރިއެއް ހޮވައި އެ ފަރާތްތަކަށް ހަދިޔާއެއް ދިނުމާއެކުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top