ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރު ޔޫސުފު ޝަފީޢު (ޔޫއްޕެ)ގެ މަންޒަރުތަކެއް މުޅިން އަލަށް ހިމަނައިގެން މިމަހު 21ވަނަ ދުވަހު އަލުން އޮލިންޕަހަށް ގެންނަ ދިވެހި ފިލްމު “ލިލީ”ގެ “ހިތް ކަތިލިޔެ”ގެ ފުލް ވާރޝަން އަލުން ނެރެން ނިންމައިފިއެވެ. ލަވަ އެއްކޮށް ނެރެން ނިންމާފައިވާއިރު، ކުރިން ނެރުނު ލިރިކަލް ވާޝަނަށް ޔޫޓިއުބުން ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
މުޅިންހެން ހައުސްފުލްކޮށް ދިޔަ “ލިލީ” ފިލްމު އަލުން އޮލިމްޕަހަށް ގެންނަނީ ގިނަ ބައެއްގެ އެދުމުގެ މަތިންނެވެ. މިފަހަރު ފިލްމުގައި ކުރިން ނުފެންނަ ބައެއް ސީންތައް ފެނިގެންދާނެ ކަމަށް ޓީމުން މައުލޫމާތު ދެއެވެ. އެގޮތުން ޔޫއްޕެ ހިމެނޭ ސީން އަކީ މި ފިލްމުގެ ޑައިރެކްޓަރ ކަޓެކެވެ.
“ހިތް ކަތިލިޔެ” ލަވަ ނަގާފައިވަނީ ލާމު އަތޮޅުގައެވެ. ލާމު އަތޮޅުގެ ރީތި މަންޒަރުތައް ދައްކުވައިދޭ މިލަވައިގައި އެ އަތޮޅުގެ ހަ ރަށެއްގެ މަންޒަރުތައް ހިމަނާފައިވެއެވެ. އެގޮތުން ފޮނަދޫ، ގަން، ކައްދޫ، މާންދޫގެ އިތުރުން މާބައިދުއާއި ހިތަދޫގައި ވެސް ލަވައިގެ މަންޒަރުތައް ޝޫޓުކޮށްފައިވެއެވެ.
“ހިތް ކަތިލިޔެ” ލަވައިގެ ފުލް ވާޝަން ޔޫޓިއުބަށާއި ސްޕޮޓްފައިއަށް ނެރުމަށް ޓީމުން ނިންމާފައިވާއިރު، މި ވާޝަންގައި ލިރިކަލް ވާޝަންގައި ނެތް ކަޑިއެއް އިތުރުވާނެ ކަމަށް ވެސް ޓީމުން މައުލޫމާތު ދެއެވެ.
މައިވަންތަކަމުގެ ލޯބިން މަހުރޫމުވެ ހެދިބޮޑުވަމުން އައި ކުއްޖެއްގެ ދިރިއުޅުން ބަދަލުވެގެން ދާގޮތް ދައްކުވައިދިން މި ފިލްމުގައި ރާއްޖޭގައި ހިނގާ އެތައް ކުށްތަކަކަށް ވަނީ އަލިއަޅުވާލައިފަ އެވެ. އައިޝާ އަލީ ލީޑް ރޯލުން ފެންނަ މި ފިލްމުގައި މުހިންމު ރޯލުތަކުން އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން އަދި މަރިޔަމް ޝިމާވެސް ފެނެ އެވެ.
“ލިލީ” ބެލި ގިނަ މީހުން ފާހަގަކުރި ގޮތުގައި މިއީ އަސަރުގަދަ ފިލްމެކެވެ. ހާއްސަކޮށް ފިލްމުގައި އަނިޔާ ލިބޭ ކުދިންގެ އިހުސާސްތައް ގެނެސްދީފައިވާ ގޮތް މީހުން ފާހަގަކުރި އެވެ.
