ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދި ދިވެހި ފިލްމު “ލިލީ” ގެ އަސަރުގަދަ ލަވަ “ގިސްލާ ރޮއި” އާންމުކޮށްފިއެވެ.
ރޭގައި ކްރިއޭޓިވް ނެޓްވޯކްގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި ރިލީޒްކުރި މި އަސަރުގަދަ ލަވައިން ކިޔައިދެނީ ލިލީގެ ހަޔާތުގައި ދިމާވި ހިތްދަތި ކަންތައްތަކުގެ ވާހަކައެވެ. މި ލަވަ ކިޔައިދީފައިވަނީ ޝަލަބީ އިބްރާހީމް އާއި ފިލްމަކަށް މުޅިން އަލަށް ލަވައެއް ކިޔައިދިން އާމިނަތު ލައިސާ ހިލްމީއެވެ.
ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވާ “ގިސްލާ ރޮއި” އަކީ މުހައްމަދު ޢަބްދުލްޣަނީ (ތޭރަ) ގެ ރާގަކަށް އޭނާ ޅެންވެރިކަމުން ފައްކާކޮށްފައި އޮތް ލަވައެކެވެ. ޙުސައިން ތައުފީޤްގެ ހިތްގައިމު މިއުޒިކުން ލަވައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ޢައިޝާ، ޝާރިފް އަދި އިޝްފާންގެ މޮޅު އެކްޓިން ފެނިގެންދިޔަ އަސަރުގަދަ މަންޒަރުތަކުންނެވެ.
ޢައިޝާ ޢަލީ، އަޙްމަދު ޝާރިފް އަދި މުޙައްމަދު އިޝްފާން ލީޑުން ފެނިގެންދިޔަ ފިލްމު “ލިލީ” ގެ މުހިންމު ރޯލުތަކުން ފެނުނު އިތުރު ތަރިންގެ ތެރޭގައި އަޙްމަދު ނިމާލް، މަރިޔަމް ޙަލީމް އަދި ޢަލީ ފާރޫޤް ހިމެނެއެވެ. މުޙައްމަދު އަރީފް ޕްރޮޑިއުސްކުރި “ލިލީ” ޑައިރެކްޓްކުރީ ތަފާތު މޮޅު އުފެއްދުންތަކެއް ގެނެސްދެމުން އަންނަ އަޒްހާން އިބްރާހީމެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 20 ގައި ރިލީޒްކުރި “ލިލީ” ގެ 13 ޝޯވ ހައުސްފުލްކޮށް ދެއްކުމަށްފަހު މި ޑިސެމްބަރު މަހު 21 ގައި އަނެއްކާވެސް ވަނީ އޮލިމްޕަހުގައި އަޅުވާފައެވެ. ކާމިޔާބު ޝޯވތަކެއް ދައްކަމުން އަންނައިރު އެމީހުންގެ ރަސްމީ ވެބްސައިޓު www.book.lilythemovie.com އިން ވަނީ މިމަހު 31 އާ ހަމައަށް ޓިކެޓް ބުކްކުރަން ހުޅުވާލާފައެވެ. ވެބްސައިޓުގެ އިތުރުން ފިލްމުގެ ހޮޓްލައިން 7505079 އިންވެސް ޓިކެޓު ބުކް ކުރެވޭނެ އެވެ.
