ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ޕްރެމިއާ ލީގު ހަފްތާ 13 އަށް ކަޅިއެއް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގް 2025 – 2026 ގެ 13 ވަނަ ހަފްތާގެ ކުޅުން މިއަދު ހަވީރު ނިމިއްޖެއެވެ. މިހަފްތާގަ ކުޅެވުނު މެޗްތަކަށް ބަލާލާއިރު:

ފުރަތަމަމެޗް: މާޒިޔާއަށް ޔޫވީކައިރިން އުނދަގޫމޮޅެއް:

މި ހަފްތާގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ލީގުގެ އެއްވަނާގައި އޮތް މާޒިޔާ އާއި ލީގުގެ ނުވަވަނާގައި އޮތް ޔޫވީއެވެ. ލީގުގެ ފުރަތަމަ ބުރުގައި މިދެޓީމް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު 4-1 އިން މާޒިޔާ ކާމިޔާބުކޮށްފައި އޮތުމުން މިމެޗް ވެސް ފަސޭހަ ކަމާއެކު މާޒިޔާއިން ކާމިޔާބު ކުރާނެކަމަށް ބެލެވުނެވެ. ނަމަވެސް ވަރުގަދަ ސްކޮޑެކާއިއެކު ލީގުގައި ވާދަކުރަމުންދާ މާޒިޔާއަށް ޔޫވީގެ ގޯލު ހުޅުވާލުމަކީ ފަސޭހަކަމަކަށް ނުވިއެވެ. މެޗްގެ ފުރަތަމަލަނޑު މެޗްގެ ތިރީސްވަނަ މިނިޓްގައި މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ. މިއީ ޔޫވީގެ ކީޕަރަށް ހެދުނު ބޮޑުގޯހެއްގެ ބޭނުން ހިފައި ހަމްޒާ ޖެހި ގޯލެކެވެ. މާޒިޔާއަށް އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ނާއިޒް ހަސަން (ދާދު)އެވެ. ނާއިޒް މިގޯލްޖެހީ މެޗްގެ 82 ވަނަ މިނިޓްގައެވެ. ހިތްވަރާއިއެކު ކުޅެމުންދިޔަ ޔޫވީން ވަނީ މެޗް ނިމުމުގެ ކުރިން ގޯލެއް ޖަހައި ނަތީޖާ ފަރަގު ކުޑަކޮށްފައެވެ. މިގޯލް ޔޫވީއަށް ޖަހައިދިނީ  މެޗުގެ އިތުރު ވަގަތުގެ ފަސްވަނަ މިނެޓްގައި، މުހައްމަދު ސާމިރު މުހައްމަދު މުސްލިހް ސާދެވެ.

 

ދެވަނަމެޗް: ވެލެންސިޔާ ކައިރިން ވިކްޓްރީއަށް ޕޮއިންޓެއް.

ލީގުގެ ދެވަނަބުރު ފެށުނުއިރު އެންމެ ރަނގަޅުފޯމްގައި އޮތް ޓީމަކީ ވިކްޓްރީއެވެ. އެޓީމުގެ އެންމެބޮޑު ވާދަވެރިޔާ ނިއުރޭޑިއަންޓް ފަސޭހަކަމާއެކު ބަލިކުރިއިރު އީގަލްސް އާއި ގްރީންއަތުން ވެސް އެޓީމުވަނީ މޮޅުވެފައެވެ. 4 ޖަނަވަރީ 2026 ވަނަ ދުވަހުގެ ރޭ ކުޅުވެނު ވެލެންސިޔާ ، ވިކްޓްރީ މެޗްގެ ފަހު ހާފުގައި ވަނީ ދަނޑުން ކަރަންޓް ގޮސް މެޗް މެދުކަނޑާލަން ވެސް ޖެހިފައެވެ. ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ގޯލު ޖެހީ ވެލެންސިޔާއިންނެވެ. މިމެޗްގައި ވެލެންސިޔާއަށް ލީޑު ނަގައިދިނީ ސްޓެފަން ބްލޯންކް އެވެ. 57 ވަނަ މިނިޓްގައި ސްޓެފަން ޖެހި މިގޯލަކީ ވެލެންސިޔާ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފަ ނުކުތް ވަގުތު ގޯލުތެރެއަށް ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ. ވެލެންސިޔާއިން ލަނޑުޖެހިތާ މާގިނައިރެއްނުވެ ދަނޑުން ވަނީ ކަރަންޓް ގޮސްފައެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި 28 މިނިޓާއިއެކު އަލުން ކުޅުންފަށައި މާގިނައިރެއް ނުވެ ވިކްޓްރީންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ޝަފްރާޒް ( ސަފްލޭ ) އެވެ. މިމެޗްގެ ފަހުކޮޅު ވިކްޓްރީއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވިފައެވެ.

ތިންވަނަމެޗް: ޓީސީ ބަލިކޮށް އީގަލްސް ގަދަ ހަޔަކަށް.

ޓީސީގެ މައްޗަށް ކާމިޔާބު ހޯދައި އީގަލްސްއިން ގަދަހަޔެއްގެ ޖާގަ ޔަގީންކޮށްފިއެވެ. 5 ޖަނަވަރީ 2026 ދުވަހު ހަވީރު ކުޅެވުނު މިމެޗް އީގަލްސް އިން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނުނު ދެލަނޑު ވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 42 ވަނަ މިނިޓްގައި އިބްރާހީމް ލެބޭ ޖަހާދީފައިވާއިރު، ދެވަނަ ލަނޑު ޒައިން ޒަފަރު ޖަހާފައިވަނީ 45 ވަނަ މިނިޓްގައެވެ. ލީގު ރާވާލާފައިވާ ގޮތުން ގަދަ ހައެއްގައި ހިމެނޭ ޓީމުތަކަށް އަންނަ އަހަރުގެ ފުރަތަމަޑިވިޝަން ޔަގީންވާނެއެވެ. ގަދަ ހަޔަކުން ޖާގަ ނުލިބޭ ޓީމުތަކުގެ ތެރެއިން ނުވަ ވަނަ އާއި ދިހަ ވަނާގައި އޮންނަ ދެ ޓީމު ސީދާ ދެވަނަ ޑިވިޝަނަށް ވެއްޓޭނެ އެވެ. އަނެއް ދެ ޓީމުން ކުރިމަތިލާން ޖެހޭނީ ރެލިގޭޝަންގެ ޕްލޭއޮފް މަރުހަލާއާ އެވެ.

ހަތަރުވަނަމެޗް: ގްރީންއަތުން ބުރު މޮޅުވެ ތިންވަނައިގެ ވާދަވެރިކަން ބޮޑުވެއްޖެ.

ލީގުގެ އެއްވަނާގައި އޮތް މާޒިޔާ އާއި ދެވަނާގައިއޮތް އޮޑިއާ ދެމެދު ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ. އަދި ދެވަނާގައި އޮތް އޮޑިއާ ތިންވަނާގައި އޮތް ނިއުރޭޑިއަންޓާ ދެމެދު ވެސް ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ. ނަމަވެސް ތިންވަނާގައި އޮތް ނިއުރޭޑިއަންޓާއި ހަތަރުވަނާގައި އޮތް ބުރާއި ދެމެދުއޮތީ ތިން ޕޮއިންޓްގެ ކުޑަކުޑަ ފަރަގެކެވެ. ފަސޭހަކަމާއެކު ގްރީންބަލިކޮށް ބުރުން ވަނީ އެފަރަގު ފައިދާގެ ގޯލުގެ ތަފާތަށް ކުޑަކޮށްފައެވެ. ގްރީން އާ ބުރު ބައްދަލުކުރިމެޗް 3 – 1 އިން ބުރު ކާމިޔާބު ކުރިއިރު، މިމެޗްގައި ބުރަށް ގޯލްތައް ޖަހައިދިނީ، ހަޑްސަން ޖީސަސް އަދި ނާއިމް އަދި ޔާމީން އެވެ. މިމެޗްގައި ގްރީންއަށް ސުން ކަނޑުވާލަދިނީ އިތުރު ވަގުތުގައި އަލް ސައީދު މަހްމޫދެވެ. މިމެޗުން މޮޅުވެ ހޯދި ތިންޕޮއިންޓާއިއެކު ބުރާއި ނިއުރޭޑިއަންޓް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. މިވަގުތު ނިއުރޭޑިއަންޓް ތިންވަނާގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ފަސްވަނަމެޗް: ނިއުއާއި އޮޑިމެޗަށް ހަމަހަމަ ނިމުމެއް.

13 ވަނަ ހަފްތާގެ ފަހު މެޗްގައި ބައްދަލުކުރީ ލީގުގެ ދެވަނާގައި އޮތް އޮޑި ސްޕޯރޓްސް އާއި ތިންވަނާގައި އޮތް ނިއުރޭޑިއަންޓެވެ. އެއްވަނާގައި އޮތް މާޒިޔާއާ ދެމެދުގައިވާ ޕޮއިންޓްގެ ފަރަގު ކުޑަކުރުމަށްޓަކައި ކޮންމެހެން މޮޅެއް ބޭނުން ވެފައިވާ، އޮޑި ސްޕޯރޓްސް އާއި ދެވަނަ މަގާމަށް އެރުމަށް އޮޑި ސްޕޯރޓްސް ބަލިކުރަން ޖެހިފައިވާ ނިއުރޭޑިއަންޓް ބައްދަލުކުރި މިމެޗު ނިމުނީ ދެޓީމަކުންކުރެ ޓީމަކަށް ލަނޑު ނުޖެހިއެވެ. އެންމެ މުހިންމު ފޯވާޑް ނުލައި މެޗްފެށި ނިއުރޭޑިއަންޓަށް މާ އެދެވިގެންވާ ހަމަލާއެއް އުފެއްދިފައި ނުވާއިރު، އޮޑި ސްޕޯރޓްސްގެ ފަރާތުން ވެސް ފެނިގެން ދިޔައީ އާދައިގެ ކުޅުމެކެވެ. މިދެޓީމު ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗް 1-0 އިން ކާމިޔާބުކުރީ އޮޑި ސްޕޯޓްސް އެވެ.

13 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ގަދަ ހަޔެއްގައި ހިމެނޭ ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތަށް ބަލާލާއިރު، އެއްވަނާގައި އޮތް މާޒިޔާއަށް 37 ޕޮއިންޓް، ދެވަނާގައި އޮތް އޮޑި ސްޕޯރޓްސްއަށް 29 ޕޮއިންޓް، ތިންވަނާގައިވާ ނިއުރޭޑިއަންޓަށް 24 ޕޮއިންޓް، ހަތަރުވަނާގައިވާ ބުރަށް 23 ޕޮއިންޓް، ފަސްވަނާގައިވާ ވިކްޓްރީއަށް 20 ޕޮއިންޓް، ހަވަނާގައިވާ އީގަލްސްއަށް 19 ޕޮއިންޓް ވަނީ ލިބިފައެވެ.

ލީގުގެ 14 ވަނަ ހަފްތާގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި ވިކްޓަރީ އެވެ.

1
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top