ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް)އިން އިންތިޒާމް ކޮށްގެން އަންނަ މަހު ބާއްވާ “ސާކް ފިލްމު ފެސްޓިވަލް 2018” ގައި ބައިވެރިވުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނީ ސާކުން އިންތިޒާމް ކޮށްގެން މިއަހަރުގެ މެއި 22 ން 27 ށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސާކް ފިލްމު ފެސްޓިވަލް 2018” ގައި 02 ކުރު ފިލްމު އަދި 02 ފީޗަރ ފިލްމު ބައިވެރިކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން 04 ފަރާތަކުން ބައިވެރިވެވޭނެއެވެ. މިބޭފުޅުންގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެ ކަމަށް އެކަން އިންތިޒާމު ކުރާ ފަރާތުން އަންގާފައިވާ ކަމަށާއި އެހެން ނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ ހަމަޖައްސަން ޖެހޭނީ ބައިވެރިވާ ފަރާތަކުން ކަމަށް އެންސީއޭއިން ބުނެ އެވެ. 

އެންސީއޭއިން ބުނީ މިފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 18 ވާ ބުދަ ދުވަހުގެ ކުރިން އެންްސީއޭ އަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އެދޭ ކަމަށެވެ. 

މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ 22-27 އަށެވެ.

މިދިޔަ އަހަރުގެ ފިލްމް ފެސްޓިވަލްގައި ސާކް ގައުމުތަކުން 16 ފީޗާ އާއި ކުރު ހަތް ފިލްމް ވާދަ ކުރި އެވެ. މި ފަހުން ސާކް ފިލްމް ފެސްޓިވަލްގައި ދިވެހި ފިލްމްތަކަށް ބޮޑު ކާމިޔާބީތަކެއް ލިބެމުން އަންނަކަން ފާހަގަ ކުރެވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.