ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ނުފޮނުވާ މެސެޖުތައް – ކުރު ވާހަކަ

ސަނާއަކީ މެސެޖު ފޮނުވުމަށްވުރެ، އޭނާގެ ހިތުގެ ޝުއޫރުތައް ޑައިރީއެއްގައި ލިޔެ ރައްކާކުރުމަށް ލޯބިކުރާ ކުއްޖެކެވެ. އެ ޑައިރީގައިވަނީ ފޯނުން ޓައިޕްކޮށްލަން އުނދަގޫވި، ކުރިން ނުފޮނުވާ ހުރި މެސެޖުތަކާއި އަދި އެނޫން އެހެން މެސެޖުތަކެވެ. އެއިން ކޮންމެ މެސެޖަކީވެސް އޭނާގެ ހަޔާތުގައި ވި ވަރަށް މުހިންމު ދައުރެއެއް އަދާކޮށްފައިވާ ދެމީހުންނަށް ހުރި މެސެޖުތަކެވެ.

އޭގެ ތެރެއިން ބައެއް މެސެޖުތަކަކީ އޭނާގެ ކުޑައިރުން ފެށިގެން އެންމެ ގާތް ރަހުމަތްތެރިޔާ މަރްޔަމްއަށް އަމާޒުކޮށްފައިހުރި މެސެޖުތަކެވެ. އެ ދެމެދުގައި އުފެދުނު ހިތްހަމަނުޖެހުމެއްގެ ސަބަބުން މިހާރު ވަނީ ގުޅުން ކެނޑިފައެވެ. ދެންހުރި މެސެޖުތަކަކީ އޭނާދެކެ އިންތިހާއަށް ލޯބިވި ފާއިޒަށް ހުރި މެސެޖުތަކެވެ. އެދެމީހުން ވަކިވާން މެދުވެރިވީ ސަނާގެ މަންމަ އެގުޅުމަށް ނުޤަބޫލު ވުމުންނެވެ.

ސަނާ ގަބޫލުކުރާ ގޮތުގައި ހަމަހިމޭންކަމާއި މަޑުމައިރިކަމަކީ އެމީހެއްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ އަދި ނަފުސު އުފާކޮށްދޭ ކަމެކެވެ.
ބަސް މަދުކުރުމަކީ ކުރިމަތިވާ މައްސަލަތައް މަދުވެ، އެހެން މީހުންގެ ހިތަށް ލިބޭ އަނިޔާ ކުޑަކޮށްދޭ ކަމެއް ކަމުގައި އޭނާ ދެކެއެވެ.
ނަމަވެސް، ފޮނުވާނުލެވި ޑައިރީގައި ބަންދުވެފައިވާ އެ މެސެޖުތަކުގެ ސަބަބުން އޭނާގެ ހިތަށް ލިބެނީ ބަޔާންކުރަން ދަތި ފުން ހިތާމައެކެވެ.
އެއް ފަރާތުން އެއީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ މަރްޔަމެވެ. އަނެއް ކޮޅުން އެއީ އެންމެ ރަނގަޅަށް ދެނެގަތް، އޭނާ ދެކެ އެންމެ ލޯބިވި މީހާއެވެ. ފާއިޒެވެ. ކޮންމެ ހިނދުކޮޅަކީވެސް އެމީހުން އޭނާގެ ދިރިއުޅުމުން މަޑުމަޑުން ބޭރުވަމުންދާ ކަމުގެ ނުތަވަނަސްކަން ވެރިވާ ވަގުތުތަކެވެ.

އިރުކޮޅެއް ފަހެވެ. ސަނާ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އިންދާ، ކާން އައުމަށް ބުނުމުގެ ގޮތުން އޭނާގެ މަންމަ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. ސަނާ ހަލުވިކަމާއެކު އޭނާގެ ޑައިރީ ފޮރުވުމަށްފަހު، ތާޒާވެލައިގެން ކާން ނިކުތެވެ.

ފަސް ވަރަކަށް ގަޑިއިރު ފަހެވެ. ސަނާ އަނެއްކާވެސް ޑައިރީ ލިޔުމައިގެން ކުރިއަށް ދިޔައެވެ. ކޮންމެ އަކުރެއް ނުވަތަ ކޮންމެ ބަހެއް ލިޔަން ފަށާއިރަށް އޭނާގެ އަތް ތުރުތުރު އަޅަން ފަށައެވެ. ދާހިއްލައެވެ. ބައެއް ފަހަރު ލިޔަން އިންނަ ޞަފްޙާވެސް ދަލުންފޯވެއެވެ. އަދި ބައެއްފަހަރު ގަލަމުގެ ދެލިގަނޑު ފޭދުނަސް ސަނާގެ ލިޔުމަކަށް ހުއްޓުމެއް ނާދެއެވެ. އޭނާ ކެތްތެރިކަމާއެކު ޞަފުޙާއަކަށް ފަހު ޞަފްޙާއެއް ފުރަމުން ގެންދިޔައެވެ. ސަފުހާތައް ނުސާފުވި ކަމުގައިވިޔަސް އޭނާ ދޫނުދީ ޑައިރީ ލިޔުމުގައި ކުރިއަށް ދިޔައެވެ. ސަބަބަކީ ހިތްވަރު އެލުވާލުމަކީ އޭނާގެ އާދައަކަށް ނުވާތީއެވެ.

ފުރަތަމަ ފަހަރަށް ވީދިފައިވާ ޞަފުހާތަކުން ބަޔާން ނުކުރެވޭ ވަރުގެ އަސަރުގަދަ ޖަޒުބާތުތަކެއް ސަނާއަށް އިހުސާސް ކުރެވެން ފެށިއެވެ.

ދުވަސްކޮޅެއް ފަހެވެ. ސަނާގެ މަންމަ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އަދި ފާއިޒް މަތީ ތަޢުލީމު ހާސިލް ކުރުމަށްޓަކައި މެލޭޝިއާގެ ކުއާލަ ލަންޕޫރަށް ފުރަންއުޅޭ ކަމުގެ ޚަބަރު ދިނެވެ. ސަނާގެ ފޯނަށް އެއްވެސް މެސެޖެއް ލިބިފައި ނެތުމުގެ ސަބަބުން ސަނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ތުރުތުއަޅާ ހާލުގައި ސަނާ ފޯނު ހުޅުވާލިއެވެ. އެންމެ ފަހު މެސެޖެއްގެ ގޮތުގައި ފާއިޒަށް “އޯލް ދަ ބެސްޓް” އޭ ބުނެ ފޮނުވާލިއެވެ. އޭނާ ކުރި މެސެޖަށް ވަގުތުން ޖަވާބެއް ނުލިބުނަސް އެކަމަކު އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ގަޑިއެއް ހާއިރު ފަހުން، ސަނާގެ މެސެޖަށް ފާއިޒު ޖަވާބެއް ދިނެވެ. އޭނާ ފޮނުވައިފައި ވަނީ “ތޭންކްސް” މިހެންނެވެ. އެއާއެކު ސަނާގެ މޫނުމައްޗަށް ހިނިތުންވުމެއް ފާޅުވެގެންދިޔައެވެ. އަދި ހިތަށް އެރިއެވެ. “ކޮންމެ ކަމެއްވެސް ވާނީ މާތް ﷲ އިރާދަކުރެއްވި ގޮތަށެވެ.” ސަނާ އަވަހަށް އާމީން ކިޔުމަށްފަހު އެކަލާނގެއަށް ޙަމްދުކުރިއެވެ.

މިކަމުންވެސް އޭނާއަށް މުހިންމު ފިލާވަޅެއް ލިބިގެން ދިޔައެވެ. މަޑުމައިތިރި ކަމަކީ ހުރިހާކަމެއްގައިވެސް ބޭނުންކުރެވޭ އެންމެ މޮޅު އެއް ހަތިޔާރުކަން އޭނާއަށް ޔަގީންވިއެވެ. އެއީ އަމިއްލަ ނަފުސު ރައްކާތެރިކޮށްދޭ އެއްޗެކެވެ. ބައެއްފަހަރު ނުފޮނުވާ ހިފަހައްޓާލެވޭ ބައެއް މެސެޖުތަކުގައި ފުން މާނަތަކެއް ފޮރުވިފައިވެއެވެ. ނަމަވެސް އެކަމުގައި އެކުލެވޭ ޖަޒުބާތުތައް އެންމެ މޮޅަށް ދެނެގަނެވޭނީ ހަމައެކަނި އެފަދަ ކަމެއް ތަޖުރިބާކޮށްފައިވާ މީހަކަށެވެ.

ނިމުނީ

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top