ޕާކިސްތާން ޑްރާމާ “ރެހެގުޒަރް” ދައްކަން ފަށައިފިއެވެ.
ހީރާ މާނީ އަދި މުހީބް މިރްޒާ ލީޑުން ފެނިގެންދާއިރު، މައިގަނޑު އިތުރު ރޯލުތަކުން ސުހައިލް ސަމީރް، ސާޤިބް ސަމީރް، މަރިޔަމް ކިއާނީ، ސަލްމާ އާސިމް، ޙަސަން އަޙްމަދު، ބަތޫލް އަބްދީ އަދި ހާނީ ޠާހާ ފަދަ ތަރިން ފެނިގެންދާނެއެވެ.
ރޯޝްނީ ނަމަކަށް ކިޔާ އަންހެންކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “ރެހެގުޒަރް” ގައި ކިޔައިދެނީ ކުރުމަގު ޚިޔާރު ކުރުމުގެ ބަދަލުގައި ބުރަ މަސައްކަތުން، ހިތްވަރާއެކު ކުރިއަށް ދިޔުމުގައި ދިމާވާ އަޑިގުޑަންތަކާއި ގޮންޖެހުންތަކުން އަރައިގަންނަން އޭނާ ކުރާ މަސައްކަތެވެ.
ތެހެރީމް ޗޯދަރީގެ މަލްޓިވާރސް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށްފައިވާ މި ޑްރާމާއަކީ ނާދިއާ އަޙްމަދުގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ޑްރާމާއެކެވެ. ޑައިރެކްޓްކުރީ މީގެ ކުރިން “ތަޤްދީރް”، “ފަރޭބް” އަދި “މައި ޑިއަރ ސިންޑްރެއްލާ” ފަދަ ޑްރާމާތައް ގެނެސްދިން ޑައިރެކްޓަރު މުހްސިން ތައްލަތެވެ.
މިރޭ ޕާކިސްތާން ޗެނަލް ގްރީން އެންޓަޓެއިންމެންޓް އިން “ރެހެގުޒަރް” ދައްކަން ފެށިއިރު މި ޑްރާމާގެ އެޕިސޯޑްތައް ގްރީން އެންޓަޓެއިންމެންޓްގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް ބަލައިލެވޭނެއެވެ. މި ޑްރާމާގެ އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 20:00 ގައެވެ.
