ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީ ލީގުގެ ފުރަތަމަ މެޗުން ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކުލަބު އަދި ދެވަނަ މެޗުން ދިވެހިރާއްޖޭގެ ހުރާ ކޮމިއުނިޓީ މޮޅުވެއްޖެއެވެ.
ފުރަތަމަ މެޗުން ޓުރާން ވޮލީބޯލް ކުލަބު މޮޅުވީ ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗްގެ ސެޓްތައް ޓުރާން ހޯދީ 25-11، 25-8 އަދި 25-20 އިންނެވެ.

މުބާރާތުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ދިވެހިރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބާއި އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ހުރާ ކޮމިއުނިޓީ ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މި މެޗްގެ ސެޓްތައް ހުރާ ކޮމިއުނިޓީ ހޯދީ 26-24، 25-20 އަދި 25-20 އިންނެވެ.
މި މުބާރާތުގެ ދެމެޗް މިއަދާއި މިރޭ ވެސް އޮންނާނެއެވެ. ހަވީރުގެ މެޗްގައި ބައްދަލުކުރާނީ ނޭޕާލް ޕޮލިސް ކްލަބާއި ހޫމޯ ވޮލީބޯލް ކުލަބެވެ. ރޭގަނޑުގެ މެޗްގައި ބައްދަލުކުރާނީ ފޫލާދު މުބާރަކާ ސެޕަހާން އާއި ހުރާ ކޮމިއުނިޓީ ކުލަބެވެ.
