ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ އަޑު – ނުވަވަނަ ބައި

ހައިރާންކުރުވަނިވި އެނބުރުމެއް

އެއް ދުވަހެއްގެ ހަވީރުގެ ހިތްގައިމު ވަގުތެވެ. އުޑުމަތި ވަނީ ރަ ކުލައިގެ ރީތި ވިލާތަކުން ފުރިފައެވެ. ގޭގެ ފުޅާ ބެލްކަނީގައި އިން ޒާރާގެ އަތުގައި އޮތީ އޭނާ ކިޔަން ބޭނުންވެގެން އުޅޭ ފޮތެކެވެ. ނަމަވެސް އޭނާގެ ސަމާލުކަން ހުރީ ބަގީޗާ ތެރޭގައި ކުޅެން ތިބި ލާރާއާއި ލަޔަލްއަށެވެ. އެކުދިންގެ ހުނުމުގެ އަޑަކީ މިއަދު ޒާރާގެ ދިރިއުޅުމުގެ އެންމެ ފޮނި މިއުޒިކެވެ. ހަމަ އެ ވަގުތު، ގޭގެ ބޭރު ދޮރުގައި މީހަކު ވަރަށް މަޑުމައިތިރިކަމާއެކު ޓަކިޖަހާލި އަޑު އިވުނެވެ.

ޒާރާ މަޑުމަޑުން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއެކު އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. މޭގެ ތެޅުން ބާރުވެ، އަތުގައި އޮތް ފޮތް ބިންމައްޗަށް ވެއްޓުނު އަޑާއެކު ޒާރާއަށް ފަހަތަށް ޖެހިލެވުނެވެ. ދޮރުމަތީގައި އެ ހުރީ އެ މޫނެކެވެ. އެ ސިފައެކެވެ. އެއީ ހަމަ އަޒީލެވެ. ނަމަވެސް އޭނާގެ ދެލޮލުން ފެންނަނީ މުޅިން ތަފާތު އަސަރެކެވެ. ކުރިން އޭނާގެ ފަރާތުން ފެނުނު ބޮޑާކަމާއި، އަނިޔާވެރިކަމާއި، ކިބުރުވެރިކަމުގެ ބަދަލުގައި، އެ ދެލޮލުގައި މިއަދު ވަނީ ދީންވެރިކަމާއި، އޯގާތެރިކަމާއި، މަޑުމޮޅިކަމާއި، އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ.

“ޒާރާ، ބިރުނުގަނޭ. އަހަރެން މިއީ އަލީ އަޒީލް އާދަމް، ޒާރާގެ ފިރިމީހާ” އޭނާގެ އަޑު އިވުމާއެކު ޒާރާގެ ހިތް ތެޅިގަތެވެ.

“މަގޭ ފިރިމީހާއޭ. އަހަރެން އޭރު ސޮއި ކުރީ ވަރީގެ ފޯމްގައެއް ނޫންތަ؟” ޒާރާ ސުވާލުކޮށްލިއެވެ.

“އާން! އެއީ ޒާރާގެ ސީޢީއޯގެ މަގާމަށް އެދުނު ފޯމް. އެހެންވެ މިއަދު ޒާރާ ތިހުރީ އެމަޤާމުގަ.” އަޒީލް ކިޔައިދޭން ފެށިއެވެ. “މިތާނގަ އެއް ނޫނެއްނު ހުރިހާ ވާހަކައެއް ދައްކާނީ ދޯ! އެތެރެއަކަށް ނުވައްދާނަންތަ؟” މަޖާ ރާގަކަށް އަޒީލް ބުންޏެވެ.

“ނޫން އެތެރެއަށް ވަދޭ. އިށީންދޭ.” ޒާރާ ބުންޏެވެ.

އަޒީލްގެ މި މިޒާޖު ފެނިފައި ޒާރާ ހުރީ ހައިރާން ވެފައެވެ. ވާނީވެސް އެހެންތާއެވެ! އެއީ އޭނާ މީގެ ކުރިން އަޑުއަހާފައިވާ ބިރުވެރި، ހަރުކަށި އަޑެއް ނޫނެވެ. ޖަލުގެ ހަތަރު ފާރުގެ ތެރޭގައި ހޭދަކުރި ދުވަސްތަކުގައި އޭނާގެ ނަފްސަށް އައިސްފައިވާ ބޮޑު ބަދަލު އެ އަޑުން ފާޅުވެއެވެ. ފައިސާއަކީ ކޮންމެ އެއްޗެއްގެ ގޮތުގައި ހަދައިގެން، މީހުންގެ ދިރިއުޅުމާ ކުޅެމުން ދިޔަ އަޒީލް މިއަދު އެވަނީ އަމިއްލަ ކުށްތަކަށް ތައުބާވެ، އިސްލާހުވެފައެވެ.

“ކޮބާ ޒާރާ ކިހިނެއް؟ އަހަންނަށް ހެދުނު ކުށަށް ވަރަށް ބޮޑަށް މާފުކުރޭ! ދެން އިރާދަކުރެއްވިއްޔާ އެކަހަލަ ކަމެއް ދެން ނުހިނގާނެ،” އަޒީލް އިސްޖަހާލަމުން ބުންޏެވެ. އޭނާގެ ލޮލުން ފެންނަން ހުރީ ތެދުވެރިކަމެވެ. ޒާރާގެ ހިތުގައި ކުރިން އޮތް ބިރުވެރިކަން މަޑުމަޑުން ފިލައި، އިންސާނިއްޔަތުކަން އިސްކުރެވުނެވެ. އަޒީލްގެ މޫނުމަތިން ފެންނަން ހުރި ހިތްދަތިކަމާއި ކުށްވެރިކަމުގެ އިހުސާސުން، ޒާރާގެ ހިތް މަޑުވިއެވެ. އޭނާ ކުރިއަށް ޖެހިލާ އަޒީލްގެ ގައިގައި ބައްދާލިއެވެ. އެއީ އޭނާގެ ދަރިންގެ ބައްޕައަށް ދިން އިޚުލާޞްތެރި މާފެއްގެ ފެށުމެވެ.

އަޒީލްގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. އޭނާ މަޑުމަޑުން ބުންޏެވެ. “ކޮބާ ދަރިންކޮޅު ކިހިނެއް؟ އެނގޭ ޒާރާ ލިބުނީމަ އެކުދިން ތިބޭނީ ވަރަށް އުފަލުންކަން. ނިކަން ގޮވާލަބަލަ! އަހަރެން އެކުދިން ދެކޭލާހިތުން ކެތްތެރިކަން ކުޑަވެއްޖެ.”

ޒާރާ ހިނިތުންވެލަމުން ބަގީޗާއާ ދިމާއަށް އެނބުރި ލާރާއާއި ލަޔަލްއަށް ގޮވާލިއެވެ. “ކުދިންނޭ! ބަލާބަލަ މިހިރީ ކާކު އައިސް؟ ބައްޕަ އައިސް މިހިރީ!” ލަޔަލް އާއި ލާރާ ކުޅެން ތިބެފައި ދުވެފައި އައިސް އަޒީލްގެ ގައިގައި އޮޅުލައިގަތެވެ. އެކުދިންގެ މައުސޫމް މޫނުމަތިން ފެނުނު އުފާވެރިކަމުން އަޒީލްގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިބުނެވެ.

“ބައްޕާ، ހިނގާ ދެން މިގޭގަ އުޅެން. މިގެ މާ ފަން! މަންމަވެސް ހުންނާނީ ވަރަށް އުފަލުން،” ލާރާ އަޒީލްގެ އަތުގައި ހިފާލަމުން ބުންޏެވެ. އަޒީލް ބޯޖަހާލީ ލޯތްބާއެކުގައެވެ.

އަޒީލް އެނބުރި އައީ ހަމައެކަނި އޭނާގެ އާއިލާ ހޯދާކަށް ނޫނެވެ. އޭނާ ބޭނުންވީ އޭނާގެ ކުށްތައް އިސްލާހުކޮށް، އޭނާގެ ކުންފުނިވެސް ހަމަ މަގަށް އަޅުވާށެވެ. އޭނާ ވަގުތުން ކުންފުނީގެ ކަންކަމާ ހަވާލުވެ، ސީއީއޯގެ މަގާމުގައި މަސައްކަތް ފެށިއެވެ. ޒާރާ އަމިއްލައަށް ނިންމީ ސީއީއޯގެ މަގާމުން ދުރުވެ، އަޒީލްގެ ހިންގުންތެރިކަމުގެ ދަށުން ކުންފުނި އަލުން ކުރިއަރަން ފުރުސަތު ދިނުމަށެވެ. ޒާރާ މެނޭޖިން ޑިރެކްޓަރގެ މަގާމުގައި މަޑުކުރީ، އޭނާ ބޭނުންވީ އޭނާގެ ގިނަ ވަގުތު ދަރިން ބެލުމާއި، އެކުދިންނާއެކު އުފާވެރި ވަގުތު ހޭދަކުރުމުގައި ހޭދަކުރަން ކަމަށްވާތީއެވެ.

އަޒީލްގެ އާ ދިރިއުޅުން ފެށުނީ އިންސާފާއި އޯގާތެރިކަމުގެ މައްޗަށެވެ. ކުންފުނީގެ މުވައްޒަފުންނާ މެދު އޭނާ ބަހައްޓާ ގާތްކަމާއި، ކަންކަން ނިންމުމުގައި ގެންގުޅޭ ދެފުށް ފެންނަ ސިޔާސަތުގެ ސަބަބުން ކުންފުނި ކުރިއަށްވުރެ ބާރަށް ކުރިއަރަން ފެށިއެވެ. ޒާރާއާއި އަޒީލްގެ ގުޅުންވެސް ދުވަހުން ދުވަހަށް ރަނގަޅުވަމުން ދިޔައެވެ. ދެމީހުން އެކުގައި މަސައްކަތްކޮށް، ދަރިންނާއި ޒާރާއަށް ދޭންބޭނުންވާ ލޯތްބާއި އަޅާލުން ފުރިހަމައަށް ދެމުން ދިޔައެވެ.

މި ހުރިހާ އުފާވެރިކަމެއްގެ ތެރެއިންވެސް، އެ ގޭގެ ތެރޭގައި އެންމެ ގާތްކޮށް އުޅޭ މަރްޔަމްގެ ހިތުގައި ބޮޑު ސިއްރެއް ފޮރުވިފައިވެއެވެ. އޭނާ ޒާރާއާއި ދަރިންނަށްޓަކައި ކުރާ މަސައްކަތާއި، ބަހައްޓާ އޯގާތެރިކަމަކީ ހަމައެކަނި ވަޒީފާއެއްގެ ގޮތުން ކުރާ ކަމެއް ނޫނެވެ. އޭނާގެ ކޮންމެ ހަރަކާތަކުންނާއި، ޒާރާއަށް ބަލާލާ ކޮންމެ ބަލާލުމަކުން ފެންނަނީ ކޮންމެވެސް ފުން އިހުސާސެކެވެ.

އެއްރެއަކު ޒާރާ ކޮޓަރީގައި އިންދާ މަރްޔަމް ވަދެ، ވަރަށް ދުވަސްވީ ފޮޓޯގަނޑެއް ޒާރާގެ އަތަށް ދިނެވެ. އެ ފޮޓޯ ފެނުމާއެކު ޒާރާގެ ދެލޯ ބޮޑުވިއެވެ. އެއީ އޭނާގެ ކުޑައިރުގެ ފޮޓޯއެކެވެ. އޭނާގެ އަތުގައި ހިފައިގެން ހުރީ އޭނާއަށްވުރެ ބޮޑު އަންހެން ކުއްޖެކެވެ.

“ޒާރާ… އަހަރެން މިހާ ދުވަހު މަޑުކުރީ މި ހަގީގަތް ބުނަން އެންމެ ރަނގަޅު ވަގުތު ޖެހެންދެން،” މަރްޔަމްގެ އަޑު ތުރުތުރުލަމުން ދިޔައެވެ. “އަހަރެން މިއީ ހަމައެކަނި ދަރިން ބަލާ މީހެއް ނޫން. އަހަރެން މިއީ ޒާރާގެ އުފަން ދައްތަ.”

މި ޖުމުލައާއެކު ޒާރާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. މަރްޔަމްއަކީ އޭނާގެ އުފަން ދައްތަކަން އެނގުމުން، މާޒީގެ އެތައް ސުވާލުތަކެއްގެ ޖަވާބު ލިބެން ފެށިއެވެ. އެތައް އަހަރެއްގެ ވަކިވުމުގެ ފަހަތުގައިވާ ކަޅު ސިއްރުތަކާއި، އަޒީލްގެ މަކަރުވެރި ރޭވުންތަކުގެ ތެރެއިން މަރްޔަމް ޒާރާގެ ގާތަށް އައީ ކީއްވެގެންކަން ހާމަވާން އޮތް 10 ވަނަ ބަޔަކީ މުޅި އާއިލާގެ ނަސީބު ބަދަލުކޮށްލާނެ ބައެކެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top