ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ރަމަޟާން މަހު ރޯދަވީއްލާ ވަގުތު ގާތްވުމުން ކުރަން ރަނގަޅު ދުޢާތައް

ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންނަށް ލިބޭ ވަރަށް މަތިވެރި ފުރުޞަތެކެވެ. މި މަހުގެ ކޮންމެ ވަގުތަކީވެސް އަޅުކަމާއި ދުޢާގެ ވަގުތެއް ނަމަވެސް، ރޯދަވީއްލާ ވަގުތު ކައިރިވުމަކީ ދުޢާ އިޖާބަކުރެއްވުމުގެ ފުރުޞަތު އެންމެ ބޮޑު އެއް ވަގުތެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، ރޯދަވެރިޔާ ރޯދަވީއްލާ ވަގުތު ކުރާ ދުޢާއަކީ ރައްދުނުކުރެވޭނޭ ދުޢާއެކެވެ.

ރޯދަވީއްލަން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ތިރީގައިވާ ދުޢާތައް ދިވެހިބަހުން ނުވަތަ އެ މީހަކަށް ފަސޭހަ ބަހަކުން ކުރެވިދާނެއެވެ:

1. ފާފަފުއްސެވުމަށް އެދި ކުރާ ދުޢާ:
“ޔާ ﷲ! މިއަޅާ މިހުރީ ހަމައެކަނި އިބަ އިލާހަށްޓަކައި ރޯދައަށެވެ. މިއަޅާގެ އިސްވެދިޔަ ފާފަތަކާއި، ފަހުން ކުރެވުނު ފާފަތަކާއި، ސިއްރާއި ފާޅުގައި ކުރެވުނު ހުރިހާ ފާފައެއް ފުއްސަވައިދެއްވާށެވެ. އަދި ނަރަކައިގެ އަޒާބުން މިއަޅާ ސަލާމަތްކޮށްދެއްވައި، ސުވަރުގޭގެ ދިންނެވުން މިއަޅާއަށް މިންވަރުކޮށްދެއްވާށެވެ.”

2. އަޅުކަން ޤަބޫލުކުރެއްވުމަށް އެދި ކުރާ ދުޢާ:
“ޔާ ރައްބު! މިއަދު މިއަޅާ ހިފި ރޯދައަކީ އިބަ އިލާހުގެ ހަޟްރަތުގައި މަޤްބޫލު ރޯދައެއްކަމުގައި ލައްވާށެވެ. މިއަޅާގެ ނަމާދުތަކާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ކުރި ހުރިހާ ހެޔޮ އަމަލުތަކެއްގައި ބަރަކާތްލައްވައި ޤަބޫލުކުރައްވާށެވެ.”

3. މައިންބަފައިންނާއި އާއިލާއަށްޓަކައި ކުރާ ދުޢާ:
“ޔާ ﷲ! މިއަޅާގެ މައިންބަފައިންނަށް ހެޔޮ ރަޙްމަތް ލައްވާށެވެ. އެބައިމީހުން މިއަޅާ ކުޑައިރު ބަލައިބޮޑުކުރި ފަދައިން، އެބައިމީހުންނަށް އޯގާތެރިވެވޮޑިގަންނަވާށެވެ. އަދި މިއަޅާގެ އަނބިދަރިންނާއި، ގާތްތިމާގެ މީހުންނާއި، އެކުވެރިންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވައި، ހިދާޔަތުގެ މަގުގައި ސާބިތުކޮށްދެއްވާށެވެ.”

4. އިސްލާމީ އުންމަތަށްޓަކައި ކުރާ ދުޢާ:
“ޔާ ﷲ! މުޅި އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބީ ދެއްވާށެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ ނިކަމެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ކެތްތެރިކަން ދެއްވައި، އިސްރާއީލުގެ އަނިޔާވެރި ޔަހޫދީންގެ ކިބައިން އެބައިމީހުން ސަލާމަތްކޮށްދެއްވައި، އެ ބިމަށް އަމާންކަން މިންވަރުކޮށްދެއްވާށެވެ.”

5. ރޯދަވީއްލާ ވަގުތު ކިޔުމަށް ސުންނަތުގައިވާ ދުޢާ:
ރޯދަވީއްލުމަށްފަހު މި ދުޢާ ކިޔުމަކީ ސުންނަތެކެވެ:
“ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ”
މާނައީ: “ކަރުހިއްކުން ފިލައިފިއެވެ. ނާރުތައް ތެމިއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިއްޔާ ދަރުމަ ސާބިތުވެއްޖެއެވެ.”

ރޯދަވީއްލާ ވަގުތަކީ ކާބޯތަކެތި ތައްޔާރުކުރުމާއި މޭޒުމަތީގައި ތިބެ ދުނިޔަވީ ވާހަކަ ދެއްކުމުގައި ހޭދަކޮށްލަންވީ ވަގުތެއް ނޫނެވެ. އޭގެ ބަދަލުގައި، އެ މަދު މިނެޓްކޮޅުގެ ބޭނުން ހިފައި، އިޚްލާޞްތެރިކަމާއެކު ﷲގެ ހަޟްރަތުގައި ދަންނަވައިފިނަމަ، އެކަމުގެ ހެޔޮ ނަތީޖާ ދުނިޔެއާއި އާޚިރަތުގައިވެސް ފެންނާނެކަން ކަށަވަރެވެ. އާމީން.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top