ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މާޔޫސްވީ ހިތަކުން – ކުރު ވާހަކަ

ފާލިން އަކީ އުޝާ އެމީހަކު ދެކެ އެންމެ ލޯބިވި މީހާއެވެ. ފުރާވަރުގެ އުމުރުގައި އުފެދުނު އެގުޅުމުގައި ކުލަޖެހި ފައްކާވީ ތަޢުލީމީ ހަޔާތް ނިމުނު ހިސާބުންނެވެ. ކައިވެންޏަށްޓަކައި ކުރާންޖެހޭ ޕްލޭންތައް ނިމުނުއިރު، ތަޢުލީމީ އާ ހަރުފަތަކަށް ދިއުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވެސް ނިމިއްޖެއެވެ.

އުޝާއާއެކު އޭނާގެ ރަށަށް ފާލިން ދިޔައީ ފޮނި އުންމީދުތަކަކާއިއެކު އެވެ. ދިގު ދަތުރަކަށްފަހު ރަށާއި ހަމައަށް ދެވުނުއިރު އިރުއޮއްސުމާއި ގާތްވެއްޖެއެވެ. ފާލިން ހުރީ ރައްޓެއްސެއްގެ ގޭގައެވެ.

ރޭގަނޑުގެ އަށެއް ޖަހާކަން ހާއިރެވެ. އުޝާގެ ކައިވެންޏަށް އެދިގެން އުޝާގެ މައިންބަފައިން ކައިރިއަށް ފާލިން ދިޔައީ، އުޝާއާ އެކުއެވެ. އުޝާގެ ގެއިން ފާލިންއަށް މަރުހަބާކީ އުޝާގެ ކޮއްކޮ ލީޝާ އެވެ.

އުޝާގެ މައިންބަފައިންނާއި ވާހަކަ ދައްކަން ފާލިން މަޑުކުރީ ސިޓިންގްރޫމް ގައެވެ. އެތަނުގައި އުޝާގެ ބައްޕަ ރާޖިހު އާއި މަންމަ ފައުޒާގެ އިތުރުން އުޝާ އާއި އޭނާގެ ކޮއްކޮ ލީޝާ ވެސް އިނެވެ.

ފާލިންއަކީ ރާއްޖެތެރެއަށް އުފަން ރާއްޖެތެރޭ ރަށްވެއްސެކެވެ. ތިންދަރިން ތިބި އާދައިގެ ޢާއިލާއެއްގެ ދެވަނަ ދަރިއެވެ. ބޭބެ ރިޒޯޓެއްގައި ވަޒީފާ އަދާކުރަމުންދާއިރު، ބައްޕަ ދަނީ މަހަށެވެ. ކޮއްކޮ އާއި ފާލިން ކިޔަވަނީއެވެ. އޭނާ މާލޭގައި އުޅެނީ ތަޢުލީމު ހާސިލުކުރާށެވެ. ތަޢުލީމީ ހަޔާތުގެ އައު ބާބު ނިމުމާއި ހަމައަށް އުޝާ ގޮވައިގެން އޭނާ އުޅެނީ މާލޭގައެވެ. ކައިވެންޏާއި ހަމައިން ފެށިގެން ތަޢުލީމަށާއި ދިރިއުޅުމަށް ޚަރަދު ކުރާނީ އޭނާއެވެ. އެކަމަށްޓަކައި އޭނާގެ ޕްލޭނެއް އެބައޮތެވެ. އެޕްލޭން ކާމިޔާބު ވާނެކަމުގެ ޔަގީންކަން ވެސް އޭނާއަށް ބޮޑެވެ.

“ތިވީ ގޮތުން ތިކަމާ ޖެހޭނީ އިތުރަށް ވިސްނާލަން.” ފާލިންގެ ވާހަކަތައް އަޑުއަހަން އިން ރާޖިހު ބުންޏެވެ.

“އެކީއްވެ؟” ބޭއިހްތިޔާރުގައި އުޝާއަށް އަހާލެވުނެވެ. އެއީ އުންމީދުކުރި ގޮތެއް ނޫނެވެ.

“ބައްޕަ އެ ބުނީއެއްނު ވިސްނާލާށޭ ޖެހޭނީ. ދެން ތިވާހަކަ ބާއްވާ.” ފައުޒާގެ ކިބައިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.

“އޭރުން …. ދޮންތައާ ބޭބެ … ކިހާ ދެރަވާނެ.” ލީޝާއަކަށް މަޑަކުން ނީންދެވުނެވެ.

“ކުކުޅަށްވުރެ ބިސް ދޮށީވެގެން ނޫޅެ މަޑުން އިނދޭ.” ހިތްހަމަ ނުޖެހުމާއިއެކު ލީޝާއަށް ބަލާލަމުން ފައުޒާ ތެދުވިއެވެ. އޭނާގެ ފަހަތުން ރާޖިހު ވެސް ތެދުވިއެވެ.

“ދޮންތާ! ނުރޮއޭ.” އުޝާގެ ލޮލުން ފޭދުނު ކަރުނަތައް ފޮހެލައިދެމުން ލީޝާ ހިތްވަރު ދިނެވެ.

ދަނީ ކަމަށް ބުނެ ފާލިން ނުކުމެގެން ދިޔައިރު ވެސް ހުއްޓުން އަރާފައި އިނުން ފިޔަވައި އެހެން ކަމެއް އުޝާއަކަށް ނުކުރެވުނެވެ.

“ކުރިން ވެސް އަހަރެންނަށް ހީވިހެން ތިވީ.” މަޖުދީ އާއި ފާލިން ތިބީ ކެފޭގައި ކޮފީއެއް ބޯށެވެ.

“ކީއްވެ ތިހެން ތިބުނީ؟” ފާލިންގެ ކިބައިން ފެނުނީ ހައިރާންކަމެވެ.

“ބުރޯ ހިތްހަމަ ނުޖެހިދާނެތީ އަހަރެން އެވާހަކަ ނުދެއްކީ. އެކަމު … ދެން ނުބުނެ ހުރުމުގެ ބޭނުމެއް ވެސް ނެތެއްނު. އަސްލު ފައުޒާއަކީ ވަރަށް ކަޑަ މީހެއް. އޭނާ އަބަދުވެސް ބޭނުންވާނީ ތަނަވަސްކަން. ފައިސާ. އިއްޒަތާއި ގަދަރު. އުޝާގެ ކައިވެންޏަށް އޭނާ ޕްލޭން ކުރާތާ ދުވަސްތަކެއް ވެއްޖެ. އޭނާ …” މަޖުދީ ދައްކަމުން އައި ވާހަކަ މެދުކަނޑައިލީ އެދިމާއަށް އައި ދެ ޒުވާނުން ފެނިގެންނެވެ.

“އޭތް ….. ކައެތަ އުޝާއާ އިންނަން އައިސް އުޅެނީ. ތިކަން ހުއްޓާލާ … އެހެން ކޮންމެވެސް ކަމަކާ އުޅޭ. އެކަން ވާކަށް ނެތް.” މޭޒާއި ކައިރިވެލަމުން އެމީހުން ބަލައިލީ ފާލިން އަށެވެ.

“ބިރު ނުގަނޭ … އަހަރުމެން އެއްވެސް ކަމެއް ނުކުރާނަން … އެކަމު … ކުރިޔަށް އޮތް ސައުވީސް ގަޑިއިރު ތެރޭ މިރަށުން ފައިބާން ޖެހޭނެ.” ކުރިން ވާހަކަ ދެއްކި ޒުވާނާ ނޫން ދެން ހުރި ޒުވާނާ ވާހަކަދެއްކިއެވެ.

“ދެން ކިހިނެތް ހަދާނީ؟” ފާލިން ކިބައިން ފެނުނީ ކަންބޮޑުވުމެވެ. އެދެޒުވާނުން ދިއުމާއިއެކު ފާލިން ވާހަކަ ދެއްކިއެވެ.

“އެކަމާ ނުވިސްނާ …. އަތްދިގު ހުދު ގަމީހެއް ލައިގެން އެހުރީ އުޝާއާ ކައިވެނި ކުރުވަން ފައުޒާ ބޭނުންވާ މީހާ. ބޮޑު މުއްސަންޖެއްގެ ހުރި ހަމައެކަނި ފިރިހެންދަރި. އެހެން ބުންޏަސް އެމީހުން އެއްވެސް ކަމެއް ނުކުރާނެ. އެއަށްވުރެ އަންޑަސްޓޭންޑްވާނެ އެވެރިން.” މަޖުދީ ދިނީ ޔަގީންކަމެވެ.

އުޝާއާ ގުޅޭތޯ ފާލިން މަސައްކަތްކުރި އެވެ. އެކަމެއް ނުވިއެވެ. އެގެ ކައިރިއަށް ގޮސް ވެސް ބައްދަލުވޭތޯ ބެލިއެވެ. ކާމިޔާބެއް، ކުރިއެރުމެއް ނުލިބުނެވެ.

އެތައް މަސައްކަތުން ރާޖިހުއާ ބައްދަލު ވިއެވެ. މަޖުދީ އާއި ފާލިންގެ ވާހަކަތަކަށް އޭނާ ސަމާލުކަމެއް ނުދިނެވެ. ގެއަށް ވަންނާކަށް އުޝާއާ ވާހަކަ ދައްކާކަށް ފުރުސަތެއް ވެސް ނުދިނެވެ.

ހެނދުނުގެ ސައިގަޑިއެވެ. ސައި މޭޒުކައިރީ ތިބީ މަޖުދީ އާއި ފާލިންގެ އިތުރުން މަޖުދީގެ އަންހެނުން ރިއުފާ އެވެ.

“ޒަމާން ބަދަލު ވިޔަސް އަދިވެސް ބަދަލުނުވާ ކަންކަން އެބަހުރި. ބައެއް ދަރިންނަށް އެމީހުންގެ މައިންބަފައިން ބޭނުންވާ މީހަކާއި ނޫނީ ކައިވެނި ކުރުމުގެ ފުރުސަތެއް ނުލިބޭ. ހާއްސަކޮށް އަންހެން ކުދިން. ބައެއް އަންހެން ކުދިން ވަރަށް ރަނގަޅު ބައިވެރިން ހޯދާ ކައިވެނި ނުކުރެވިފަ އެބަހުރި މައިން ބަފައިން އެއްބަސް ނުވެގެން. ބައެއް ޢާއިލާތަކުން ދަރިން ދުނިޔެއަށް ނޭވާލާ ހިސާބުން ކައިވެނި ޕްލޭން ކުރޭ … ގަބޫލުކުރަން ދަތިވިޔަސް މިއީ މިހާރު ވެސް ހިނގާކަންކަން. ދަރިންނަކީ އެމީހުންގެ މުދަލެއްގެ ގޮތުގައި ދެކޭ މައިންބަފައިން ވެސް އެބައުޅޭ. އެފަދަ މީހުން ގަބޫލުކުރާގޮތުގައި އެކުދިންނަކީ، އެކުދިންގެ ފަރާތުން އަބަދުވެސް އެމީހުނަށް މާލީ މަންފާ ލިބިލިބި ހުންނަންޖެހޭ ވިޔަފާރިއެއް.” ވާހަކަ ދައްކަމުން ދައްކަމުން ރިއުފާ ބަލައިލީ މަޖުދީ އަށެވެ.

“ތިބުނީ … މަޖުދީއަށް ވެސް ވީ އެހެނޭތަ؟” ފާލިންގެ ކިބައިން ފެނުނީ ހިނިތުންވުމެވެ. އޭނާ ކޮށްލީ ސަމާސާއެއްކަން މަޖުދީގެ ދެމަފިރިންނަށް ވެސް އެނގެއެވެ.

“އުނހު …. އަހަރުންނަށް ވަރަށް ފަސޭހައިން އެކަން ވެއްޖެ.” މަޖުދީއަށް ބަލައިލަމުން ރިއުފާ ހިނިތުންވެލިއެވެ.

ކުރަން އައި ކަންތައް ކާމިޔާބު ނުވެ، އެކަމުގައި އެކަށީގެންވާ ކުރިއެރުމެއް ވެސް ލިބުނީ ފާލިންއަށް ޖެހުނީ އެނބުރި މާލެދާށެވެ. ލިބުނު މާޔޫސްކަމާއި ހިތްދަތިކަމުން އަރައިގަންނަން އުނދަގޫވި ނަމަވެސް، އެކަން އޭނާ ކުރާނެއެވެ. އެހިތްވަރާއި ކެރުން އޭނާގެ ހުންނާނެއެވެ.

ގެއިން ބޭރަށް ނުކުތުމުގެ ފުރުސަތު އުޝާއަށް ލިބުނީ އެހިސާބުންނެވެ. އެންމެ ފުރަތަމަ ވެސް އުޝާ ބައްދަލުކުރީ ރިއުފާއާ އެވެ. އޭނާ ބޭނުންވި މަޢުލޫމާތު އެންމެ ފަސޭހައިން ލިބޭނެ މަގަކީ އެއީކަން އޭނާއަށް އެނގެއެވެ.

އުޝާގެ ކައިވެންޏާއި އެންމެބޮޑަށް ދެކޮޅު ހެދި މީހަކީ އޭނާގެ މަންމައެވެ. ބައްޕަ ވެސް ހިތްހަމައެއް ނުޖެހެއެވެ. ގޮތެއް ދުލެއް ނުކުރިއެވެ.
ދަރިންނަށް ރަނގަޅު މަގު ދެއްކުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ވާޖިބެއް ވެސް މެއެވެ. އެކަމާއި އުޝާ ދެކޮޅެއް ނުހަދައެވެ. މައިންބަފައިންނަށް ދޭންވާ ފުރިހަމަ އިހުތިރާމާއި ގަދަރު ވެސް ދިނެވެ.

ފާލިން އާއި ކައިވެނިކުރުމަށް އުޝާ ދެކެމުން އައި ހުވަފެން ކުލަ ނުވަނީސް އެކަން ހުއްޓާލާކަށް އުޝާ ބޭނުމެއް ނުވިއެވެ. ފާލިން އާއި އުޝާ ކައިވެނިކުރަން އޭނާގެ މައިންބަފައިން ދެކޮޅު ހަދާ ސަބަބަކީ އެކަށީގެންވާ ސަބަބެއްނަމަ އުޝާ ހުރީ އެކަން ހުއްޓާލަން ތައްޔާރަށެވެ. އެކަމަކު …. އެސަބަބެއް ނުދެއްކުނެވެ.

ކިތަންމެ ގިނަ ސަރުތުތެއް ކޮށްފައި ނަމަވެސް، ވަލީ ދޭން އެއްބަސް ވުމުން އުޝާ ހިތްހަމަ ޖެހުނެވެ. މައިންބަފައިންގެ ނިންމުން ބަލައިގަނެ ޝުކުރު އަދާކުރިއެވެ. އެމީހުން އެދުނު ފަދައިން އަބަދުގެ އަބަދަށް ގެއިން ވެސް ނުކުތެވެ.

“ތިޔަ މީހަކާއި އިނދެގެން ދުވަހަކު ވެސް ކަލެއަކަށް އުފަލެއް ނުލިބޭނެ …. ދަރިއަކު ވެސް ނުލިބުނިއްޔާ ރަނގަޅު ވާނީ.” ގެއިން ނުކުންނަން ހިނގައިގަތް ވަގުތު ފައުޒާ ބުނި ޖުމްލައިން އުޝާގެ ފިޔަވަޅުތަކަށް ހުއްޓުން އައެވެ. ދެ ފައިގަ ކަސްތޮޅު އެޅުނު ކަހަލައެވެ. އެއްވެސް އިހްތިޔާރަކާއިނުލައި ދެލޮލުން އޮހޮރިގަތް ކަރުނައާއެކު ފައުޒާއަށް ދިމާއަށް ބަލައި ވެސް ލެވުނެވެ.

ކައިވެންޏާއިއެކު އުޝާގެ ހަޔާތަށް އައު ދިރުމެއް އައި ނަމަވެސް އެންމެ ބޭނުންވި އުފަލާއި ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ދުވަސްކޮޅަކުން ބަދަލުވެދާނެ ކަމަށް ހީވި، މައިންބަފައިން ބަދަލެއް ނުވިއެވެ. ހާލު ބަލައިނުލާ ތާންގައި އުޝާ ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއެވެ.

ކޮންމެ ކައިވެންޏަކާއި އެކުހެން، ދެން އެންމެ ދެކޭ ހުވަފެނަކަށް ވާނީ ދަރިއަކު ލިބުމެވެ. ތަޢުލީމަށް ދިން އިސްކަމުގެ ސަބަބުން ދަރިއަކު ހޯދުން ފަސްކޮށްލި ނަމަވެސް އެކަމުގައި ދެމަފިރިން ދެކެމުންދިޔަ ހުވަފެން މަދެއް ނޫނެވެ. ކޯސް ނިމުމާއިއެކު ދެމަފިންގެ އެންމެބޮޑު އުންމީދަކަށްވީ ދަރިއަކު ހޯދުމެވެ.

ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ. ހިތާމައަކަށްފަހު ހިތާމައެއް ކުރިމަތިވިއެވެ. އެތައް ފަހަރަކު ބަލިވެ އިނދެ ބައިގެން ގޮސްފިއެވެ. އުންމީދުގެ ހުޅުކޮޅު ކަނިވަމުން ދިޔަ ނަމަވެސް، އެކަމަށްޓަކައި ކުރަމުންދިޔަ މަސައްކަތް ހުއްޓާލާކަށް ދެމަފިރިން ބޭނުމެއް ނުވިއެވެ. ރާއްޖެ އާއި ރާއްޖޭން ބޭރުން ބޭސް ފަރުވާ ކުރެވިއްޖެއެވެ. ދިވެހިބޭހާއި ޑޮކްޓަރީ ވެސް ކުރެވިއްޖެއެވެ.

މެދުނުކެނޑި ހަތަރު އަހަރު ވަންދެން ޑޮކްޓަރަށް ދެއްކިއިރު ވެސް، ޑޮކްޓަރުން ދެމުންދިޔަ ޖަވާބެއް ބަދަލެއް ނައެވެ. ހުރިހާ ޑޮކްޓަރުން ވެސް ބުނީ އެއް ވާހަކައެކެވެ. ބައިންގެންދަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އުޝާގެ އެއްވެސް މައްސަލައެއް ނެތެވެ.

ދަރިއަކު ހޯދުމަށްޓަކައި ކުރަމުންދިޔަ ބޭސް ފަރުވާގެ އިތުރުން، ދީނީ ކަންކަމަށް ދެމަފިރިން ދެމުންދިޔަ ސަމާލުކަން އިތުރުކުރިއެވެ. ނަމާދުތަކާއި ސުންނަތްތައް ބަރާބަރަށް އަދާކޮށް ކޮންމެ ނަމާދެއްގެ ފަހުގައި، ދަރިއަކު ދެއްވާތޯ ދުޢާކުރަމުންދާތާ ދެ އަހަރެއްހާ ދުވަސް ފަހުން އައުކަމެއް ފެންމަތި ވިއެވެ.

މެންދަމުން އަލިވެ ތިނެއް ޖަހާކަން ހާއިރެވެ. ފާލިންއަށް ހޭލެވުނީ އުޝާގެ ރުއިމުގެ އަޑަށެވެ. އުޝާ އިނީ އެނދުމަތީ އިށީންދެލައިގެން މައްޗަށް ބަލަހައްޓައިގެންނެވެ.

“ކިހިނެތްވީ؟” އުޝާ ގެނެސް މޭގައި ލައްކޮށްލަމުން ފާލިން އަހާލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ބޮލުގައި ފިރުމާލިއެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަ ފޮހެލައި ދިނެވެ.

“ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެންނަތާ ދެރެއެއް ވެއްޖެ.” ފާލިންއަށް ބަލައިލަމުން މަޑުމަޑުން އުޝާ ބުނެލިއެވެ.

“ކިހިނެތްވީ؟ ކިޔައިދީބަލަ” ފާލިން ހުރީ އުޝާއާއެކުއެވެ. ކޮންމެގޮތަކަށް ކަންތައް ދިމާވިޔަސް އުޝާ ދޫކޮށްލާފައި ފާލިން ނުދާނެއެވެ.

“އަހަރެންގެ އަތުން ކުޑަކުއްޖަކު ޖަހައިގަނެގެން މަންމަ ގެންދާތީ ހުވަފެނުގައި ފެންނަތާ ދެރެއެއް ވެއްޖެ. ހުވަފެނަކީ ބިލާހެކޭ ބުންޏަސް އަހަރެންގެ ހިތް ބުނަނީ މިކަމުގައި އެހެން ކޮންމެވެސް ގޯހެއް އުޅެޔޭ … އަޅެ އެހެން ވެދާނެތަ؟” އުޝާ އަނެއްކާ ވެސް ރޯން ފެށިއެވެ. އެރޭ ދިޔައީ އެކަހަލަ ގޮތަކަށެވެ. އެވާހަކަ ދައްކައި އެކަމާއި ހިތާމަކޮށް ރުއިން ފިޔަވައި އެހެން ކަމެއް އުޝާއަކަށް ނުކުރެވުނެވެ.

އައުދުވަހަކަށް އިރު އެރުމާއިއެކު ފާލިން އޭނާގެ މަސައްކަތް ފެށިއެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގާފައި އޮތް ނަމަވެސް، އުޝާ ބޭނުންވި ފަދައިން އެކަމުގައި އެހެން ސިއްރެއްވޭތޯ ބަލަން ފާލިން ހުރީ ކެތްމަދުވެފައެވެ.

ދީނީ އިލްމުވެރިޔާ ޤާލިބު އާއި ފާލިންއަށް ބައްދަލު ކުރެވުނީ ދިހައެއް ޖަހާކަން ހާއިރުއެވެ.
ވެގެން އުޅޭގޮތް އަލިފުން ޔާއަށް ފާލިން ކިޔައިދިނެވެ.

“އަންހެނުންގެ މައިންބަފައިން ތިޔަ ކައިވެންޏާއި ދެކޮޅު ހެދީ ކީއްވެގެންކަން ބުނެދިންތަ؟” ޤާލިބު ބަލައިލީ ފާލިންގެ ސީދާ މޫނަށެވެ. އެމޫނުން ކޮންމެވެސް ކަމެއް ދެނެގަންނަން މަސައްކަތްކުރި ކަހަލައެވެ.
“ނޫން. ނުބުނޭ” ފާލިން ދިނީ ކުރު ޖަވާބެކެވެ.
“މައިދާތަމެން ދުނިޔޭގައި އެބަ ތިބިތަ؟ މިހާރު ގުޅުން ކިހިނެއް؟” މައްސަލައިގެ އަސްލަށް ވާސިލުވުމަށް މަސައްކަތް ކުރަމުން ޤާލިބު އަނެއްކާ ވެސް ސުވާލުކުރިއެވެ.
“މިހާރު ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ … ހައެއްކަ މަސް އަދި ވީ.” ފާލިން ބުނީ ކަން ހިނގިގޮތެވެ.
“ދަރިންނަށްޓަކައި މައިންބަފައިންގެ ދުޢާއަކީ ވަރަށް މުހިންމު ވަސީލަތެއް. ތިޔަ ހުވަފެނަށް ބަލާއިރު ބޮޑަށް ލަފާ ކުރެވެނީ … ހުވަފެނުން ތިޔަ ބުނެދެނީ ދަރިފުޅަށް މަންމަ ކުރި ބަދުދުޢާހެން. އަންހެނުން ކައިރީ ބުނޭ މަންމައަށް ގުޅާފައި އެދޭށޭ …. އެވަރުން ނުވެއްޖެއްޔާ އާދޭސް ވެސް ކުރާށޭ. އަހަރެންނަށް ސާލިހު ހެޔޮލަފާ ރަނގަޅު ދަރިއަކު ދެއްވުންއެދި ދުޢާ ކޮށްދޭށޭ. އިންސާ ﷲ ރަނގަޅުވާނެ. މީގެ ކުރިން ވެސް މިކަހަލަ ބައެއް ކަންކަން ރާއްޖޭގައި ހިނގާފައި އެބަހުރި.” ޤާލިބު ދެއްކި ވާހަކަތައް ފާލިން ކަނުލައި އަޑުއެހިއެވެ.

ފާލިން ދެއްކި ވާހަކަތައް އަޑުއިވިފައި އުޝާގެ ހަނދާނަށް ފުރަތަމަ ވެސް އައީ އޭނާ ގެއިން ނުކުތް ދުވަހު އޭނާއާ ދިމާއަށް މަންމަ ބުނެލި ވިހަ ޖުމްލައެވެ. ދުވަހަކު އޭނާގެ ހަނދާނުން ފިލައިގެން ނުދާނެ އެޖުމްލަ ހަނދާންވުމާއިއެކު އުޝާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ. ހިތްވަރާއިއެކު ލަސްލަހުން މަޑުމަޑުން ނަމަވެސް ފާލިންއަށް އެވާހަކަތައް ކިޔައިދިނެވެ.
ފާލިން ހުރީ އުޝާއާއެކުއެވެ. އެޔަގީންކަން އަބަދުވެސް އޭނާއަށް އޮވެއެވެ.

ފައުޒާއަށް އުޝާ ފޯނުކުރިއެވެ. އޭނާގެ ހާލަތު ތަކުރާރުކޮށް ކިޔައިދިނެވެ. ދަރިއަކު ހޯދުމަށް ކުރަމުންދާ މަސައްކަތާއި، ދަރިއަކު ނުލިބިގެން ކުރަމުންދާ ހިތާމަތައް ބުނެދިނެވެ. އެކަމުގެ ހިތްދަތިކަމާއި ވޭން ތަކުރާރުކުރިއެވެ. އޭނާއަށް އެހީވުމަށް އެދުނެވެ. އަހުލާގު ރަނގަޅު ސާލިހު ދަރިއަކު އޭނާއަށް ދެއްވާތޯ ދުޢާ ކޮށްދިނުމަށް އެދުނެވެ. އެކަމަށްޓަކައި އާދޭސް ވެސް ކުރިއެވެ.

އުޝާ ދެއްކި ވާހަކަތައް ފައުޒާ އަޑުއެހިއެވެ. އެދުވަހު އެހެން ކަންތައް ކުރެވުނީތީ ދެރަވެ މަޢާފަށް އެދުނެވެ. މަންމަގެ ދުޢާ އަބަދު ވެސް ވާނީ އޭނާގެ ދެދަރިންނާއިއެކު ކަމަށް ބުންޏެވެ. މަންމައާމެދު އެއްވެސް ހިތްބަރުކަމެއް ނުބޭއްވުމަށް ފާލިންގެ ކިބައިން ވެސް އެދުނެވެ.

ހާލަތު ބަދަލުވާން ދުވަސްކޮޅެއް ނެގިއެވެ. ދުޢާއަކީ މުސްލިމު އަޅާއަށް ލިބިފައިވާ އެންމެ ބާރުގަދަ ހަތިޔާރެވެ.

ކަންކަން މަޑުމަޑުން ބަދަލުވާން ފެށިއެވެ. އަނެއްކާ ވެސް އުޝާ ބަލިވެ އިނެވެ. ދެމަފިރިންގެ ކިބައިން ކަންބޮޑުވުމާއި ހާސްކަން ފާޅުވިއެވެ. އުންމީދުގެ ހުޅުކޮޅު ނިވޭނީ ކޮންއިރަކުން ބާއޭ ހީވާ ހިސާބަށް ދިޔައެވެ. ނާއުންމީދުވި ވަގުތު އުންމީދުގެ ހިތްވަރު ދޭނޭ ބަޔަކު މިއަދު އެބަތިއްބެވެ.
އެތައް ފަހަރަކު ބައިގެންދިޔަ އުޝާއަށް އަންހެން ދަރިއަކު ލިބުނެވެ. ޑޮކްޓަރުންނަށް އެތައް މަސައްކަތަކުން ހައްލު ނުހޯދުނު މައްސަލައަށް ހައްލު ލިބުނެވެ. ޑޮކްޓަރުންނަށް ލިބުނު ހައިރާންކަމަށް އުޝާ ދިން ޖަވާބަކީ ދުޢާއެވެ.

ކަން ހިނގައިދިޔަ ގޮތަށް ބަލައިލާއިރު އެންމެނަށް ވެސް އިއްތިފާގު ވެވުނު އެއްކަމެއް އޮތެވެ. އެއީ އުޝާއަށް ދަރިއަކު ނުލިބުނީ އޭނާގެ މަންމަގެ ބަދުދުޢާގެ ސަބަބުން ކަމެވެ. އަދި އޭނާއަށް ދަރިއަކު ލިބުނީ އެކަމަށް އެދިގެން އޭނާގެ މަންމަ ވެސް ދުޢާ ކޮށްދިނުމުން ކަމެވެ.

ދަރިންނަށްޓަކައި މައިންބަފައިންގެ ދުޢާއަކީ ނުހަނުބޮޑު އަމާނާތެކެވެ. ދަރިންނާއިމެދު އޮންނަ ލޯތްބާއި އެއްވަރަށް ދަރިންނާއިމެދު އުފެދޭ ހިތްހަމަ ނުޖެހުމުގައި ވިޔަސް މެއެވެ. މައިންބަފައިން ކުރާ ދުޢާގެ އަސަރު އެކިގޮތްގޮތަށް ދަރިންނަށް ފޯރައެވެ. މިއީ ނުހަނު ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ.

(ނިމުނީ)

ނޯޓް
ނޯޓް: މިއީ ފޭސްބުކް ފޭޖަކުން ފެނުނު ލިޔުމެއް ބަލައިގެން ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top