ޕްރެޒިޑެންޓްސްކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ އޮޑި ސްޕޯޓްސް ކުލަބު ހޯދައިފިއެވެ. ޕްރެޒިޑެންޓްސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރީ އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ނަތީޖާ އޮޑި ސްޕޯޓްސް އަނބުރާލީ ފަހު ހާފުގައެވެ.
ދެވަނަ ހާފު އޮޑި ސްޕޯޓްސްއިން ފެށީ ވެސް ފުރަތަމަ ހާފަށްވުރެ ވަރުގަދަ ކޮށެވެ. އަވަސް ޕާސް ތަކަކާއިއެކު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ އޮޑި ސްޕޯޓްސް އުފެއްދި ފުރަތަމަ ހަމަލާ ގައި އަހްޒަމް ރަޝީދު ފޮނުވާލި ބޯޅަ ބުރުގެ ކީޕަރު ހަސަން އަލިފް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު އޮޑި ސްޕޯޓްސްއަށް ޖަހައިދިނީ އެޓީމުގެ ބިދޭސީ ޑިފެންޑަރު އިސްމާއިލް ފެކްރީ އެވެ. 51 ވަނަ މިނެޓުގައި އަހްމަދު އައިހަމް ނަގައިދިން ހުރަސް އިސްމާއިލް ފެކްރީ ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ ބުރު ސްޕޯޓްސްއިން މަސައްކަތް ކުރަމުންދަނިކޮށް އޮޑި ސްޕޯޓްސްއިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ.
އޮޑި ސްޕޯޓްސްގެ ދެވަނަ ލަނޑު ޖަހައިދިނީ އަހްޒަމް ރަޝީދު އެވެ. ކައުންޓަރ އެޓޭކެއްގައި އަބްދު ﷲ ލޫތަށް ލިބުނު ބޯޅަ ހިފައިގެން އައިސް އޭރިޔާ ކައިރިން ބުރު ސްޕޯޓްސްގެ ދެ ކުޅުންތެރިންގެ ދޭތެރެއިން ލޫތު ޖައްސާލީ ދުވެފައި އޭރިޔާތެރެއަށް ވަން އަހްޒަމް ރަޝީދަށެވެ. ބޯޅަ ދިފާއުކުރާނެ އެއްވެސް ފުރުސަތެއް ބުރު ސްޕޯޓްސްގެ ކުޅުންތެރިންނަށް ނުދީ އަހްޒަމް ރަޝީދު ވަނީ އެއްފަހަރުން އެ ބޯޅަ ގޯލަށް ވައްދާލާފައެވެ.
62 ވަނަ މިނެޓުގައި އޮޑި ސްޕޯޓްސްއިން ޖެހި ދެވަނަ ލަނޑަށް ފަހު ވެސް ލަނޑު ޖަހާނެ ފުރުސަތު ވަނީ ދެޓީމަށް ލިބި ބޭކާރުވެފަ އެވެ.
އޮޑި ސްޕޯޓްސްގެ އަހްޒަމް ރަޝީދު އާއި އަޔާޒް އަހްމަދު ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ބުރު ސްޕޯޓްސްއިން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި އޮޑި ސްޕޯޓްސްގެ ކީޕަރު އިސްމާއިލް ސަފީއު ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ އޮޑި ސްޕޯޓްސްއިން މި ހޯދި ކާމިޔާބާއިއެކު ފައިނަލްގަ ވާދަކުރަން ޖެހެނީ ސެމީފައިނަލްގެ ފުރަތަމަ މެޗުން މޮޅުވި މާޒިޔާ ސްޕޯޓްސް އާއެވެ.
ފައިނަލްމެޗް އޮންނާނީ 25 ވަނަ ދުވަހުގެރޭ އެވެ.
