“ޝަމްހޫރިޝް، އަހަރެމެންގެ ރޭވުން ކާމިޔާބުވާނެ ދޯ؟ އެއްވެސް ކަމެއް ގޯސްނުވާނެ ދޯ؟ އަހަރެން މިހުންނަނީ ކުޑަކޮށް ޝައްކެއްގެ މަތީގައި، ސަބަބަކީ މި ރާޔާގެ ހަށިގަނޑުން ކަލޭގެ ޖިންސީ ކަރުހިއްކުން ފިލުވުމަށްޓަކައި ތަކުރާރުކޮށް އޭނާގެ ގާތަށް ތިދަނީ،” ދެމީހުން ގާތްވެލައިގެން ތިއްބާ ސިލާ ބުންޏެވެ. ޝަމްހޫރިޝް މަޑުމަޑުން ހީނލިއެވެ.
“އާނ، އަހަރެން އަބަދުވެސް ދަން. އެކަމަކު އޭނާއަށް ފެންނަ ހުވަފެންތައް، ކޮންމެ ފަހަރަކު މެދުތެރެއިން އެ ހުވަފެންތައް ހުރަސްއަޅަނީ. އޭނާ އަބަދުވެސް މެދުތެރެއިން ހޭލަނީ، އެހިސާބުން އަހަރެން ޖެހެނީ ފިލަން،” ނުރުހުމާއެކު އޭނާ ބުންޏެވެ. ސިލާ ހީނގަތެވެ.
“ޝައުގުވެރި، ވަރަށް ޝައުގުވެރި،” މަލާމާތުގެ ހިނިތުންވުމަކާއެކު އޭނާ ބުންޏެވެ.
“ތިޔަ ބުނީ ކީކޭ؟” ޝަމްހޫރިޝް އާ ގާތަށް ސިލާ ދަމައިގަންނަމުން އެހިއެވެ.
“އޭނާ އަމިއްލައަކަށް ނުހޭލާ، އޭނާ އެ ހޭލައްވަނީ އަހަރެން،” ސިލާ ބުންޏެވެ.
“އެކަމަކު ކީއްވެ؟” އޭނާ ދުރަށް ޖެހިލަމުން އެހިއެވެ.
“ސަބަބަކީ ތިޔަ ހުރިހާ ކަމެއް ކުރުމަށް އަހަރެން ހުރީމަ. މި ދުނިޔެއަށް އަހަރެން ފޮނުވީ ހަމަ ކަލޭގެ ހައްގުގަ. އަހަރެމެން އުފެދިފައިވަނީ އެކަކު އަނެކަކަށްޓަކައި، ކަލެއާ އޭނާއެއް ނޫން،” ރުޅިވެރިކަމާއެކު ސިލާ ބުންޏެވެ. ޝަމްހޫރިޝް ހަމަޖެހިލުމަށްފަހު ސިލާގެ ގައިގައި ބައްދާލިއެވެ.
“މައާފުކުރޭ، އެންޑް ތެންކިޔޫ. ދެން ދުވަހަކުވެސް މިހެންނެއް ނުވާނެ. ދެން ފެށޭނީ ހަގީގީ ބިރުވެރިކަން، އަދި އެންމެން މަރުވާނެ،” އޭނާ ބުންޏެވެ. ސިލާ ހިނިތުންވެލުމަށްފަހު ގެއްލުނެވެ. އޭނާ އަލުން އަކްމަލްގެ ހަށިގަނޑަށް ވަނެވެ.
***~~~***
ޖެހިގެން އައި ދުވަހު ގޭގެ ބެލް ޖެހުމުން، އަކްމަލްގެ ސިފައިގައި ހުރި ޝަމްހޫރިޝް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ ސިލާއެވެ. ސިލާ ފެނުމުން އޭނާ ހިނިތުންވެލިއެވެ.
“ހާއި ޖިންނީ، އެންމެންގެ ކުރިމައްޗަށް ތި އައީ ކީއްވެ؟” އަކްމަލްގެ ސިފައިގައި ހުރި ޝަމްހޫރިޝް ސިއްރުން އެހިއެވެ.
“ހަމައެކަނި ތައާރަފެއް ކޮށްދީ، ދެން ކައިވެނީގެ ވާހަކަ ދައްކާ، އޭގެ ފަހުން ޗުއްޓީ ރާވާ. އޭގެ ފަހުން އެމީހުން ބިރުގަންނުވާނީ އަހަރެން،” ސިލާ ސިއްރުން ބުންޏެވެ.
“އަކްމަލް، އެއީ ކާކު؟” ރާޔާ އެހުމުން އަކްމަލް ފަހަތަށް ޖެހިލާފައި ރާޔާއަށް ފޭކު ހިނިތުންވުމެއް ދިނެވެ.
“އޯ، ބޭބީ ކޮން އިރަކު ތި އައީ؟” ރާޔާގެ އަތުގައި ހިފާލަމުން އޭނާ އެހިއެވެ.
“މަ މި އެހީ އެއީ ކާ…..ކު ހޭ؟” ވައިއަޑުން ރާޔާ އެހިއެވެ.
“އެއީ އަހަރެންގެ ކޮލެޖު ދުވަސްވަރުގެ ރަހުމަތްތެރިއެއް، ސިލާ،” އޭނާ ބުންޏެވެ.
“އެކަމަކު އަހަރެމެން ދެމީހުން ކޮލެޖު ނިމެންދެން އުޅުނީ އެކުގަ، އެ ދުވަސްވަރު ސިލާ ކިޔާ އެކުވެރިއަކު އަކޫގެ ނުހުރޭ،” ޝައްކުގެ ނަޒަރަކުން ރާޔާ ބުންޏެވެ.
އަކްމަލްގެ ސިފައިގައި ހުރި ޝަމްހޫރިޝް ސިހުނެވެ. ނަމަވެސް ވަގުތުން އޭނާގެ ސިކުނޑިއަށް ޚިޔާލެއް އައެވެ.
“އަހަރެން ބުނަން އުޅުނީ އޭނާއަކީ އަހަރެން ކޮލެޖުގައި އުޅުނު ދުވަސްވަރުން ފެށިގެން ދަންނަ ރަހުމަތްތެރިއެކޭ. އޭނާ އުޅުނީ އެހެން ކޮލެޖެއްގައި،” އޭނާ ބުންޏެވެ. ރާޔާ ކުޑަކޮށް ހިނިތުންވެލިއެވެ.
“ހާއި މިސް؟” ސިލާ ސަލާމްކުރުމަށް އަތް ދިއްކޮށްލަމުން ނަން އެހިއެވެ.
“ރާޔާ އަހުމަދު،” އަތްޖޯޑުކޮށްލަމުން ރާޔާ ޖަވާބު ދިނެވެ.
“ހީވަނީ އަހަރެމެން ދެމީހުން ވަރަށް ގުޅޭނެހެން،” އަތުން ދޫކޮށްލަމުން ސިލާ ބުންޏެވެ.
“އުއްމީދު ކުރަން، އެތެރެއަށް އާދޭ،” ރާޔާ ބުންޏެވެ.
އެމީހުން އެތެރެއަށް ވަދެ ކާ މޭޒު ދޮށުގައި އިށީނެވެ. އޭރު ކާމެޒުދޮށުގައި ނާޔާ މެންވެސް ތިއްބެވެ.
ކަމުން ދިޔަ ވަގުތު މޭޒު ދަށުން ސިލާ އަކްމަލްގެ ސިފައި އިން ޝަމްހޫރިޝްގެ ފައިގައި ކޮށްޓާލިއެވެ. ސިލާ އެ ދިން ސިގްނަލް އޭނާއަށް ވިސްނުނެވެ.
“ނާޔާއްތާ، އަހަރެން ބުނަން ހަނދާން ނެތުނީ، ރޭގެ ކުރީރޭ އަހަރެމެން ދެމީހުންގެ ލޯބި ހާމަކޮށްފިން. އަހަރެމެން ދެމީހުންނަށް މިހާރު އެކަކު އަނެކަކު ވަރަށް ރަނގަޅަށް އެނގޭ. އެހެންވީމާ މިއީ ކައިވެނީގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ނޫންތަ؟” ހިނިތުންވުމަކާއެކު އަކްމަލް އެހިއެވެ. ރާޔާ ލަދުގަތެވެ. ސިލާ މަލާމާތުގެ ހިނިތުންވުމެއް ދިނެވެ.
“އާނ، ކީއްވެ ނުވާނީ؟ ކުރިން ތިހެން ބުނިނަމަ މިއަދުވެސް ކައިވެނީގެ ކަންކަން ހަމަޖައްސަން މީހަކު ގެނެވިދާނެ،” ނާޔާ ބުންޏެވެ.
“އެގޮތް ރަނގަޅުވާނެ،” އަކްމަލް ބުންޏެވެ. “ކައިވެނީގެ ހަފުތާއެއް ކުރިން އަހަރެމެން އެންމެން ޗުއްޓީއަކަށް ދާންވާނެ. އަދި ކައިވެނީގެ ކުރީ ދުވަހު ބެޗްލާސް ޕާޓީއެއްވެސް ބާއްވާނީ،” އަކްމަލް އިތުރުކުރިއެވެ.
“އޯކޭ، އެއީ ވަރަށް ސަޅި ކަމެއް،” ނާޔާގެ ފިރިމީހާ ރީހާން ހިނިތުންވެލަމުން ބުންޏެވެ.
“އަހަރެން ހަނދާން ނެތުނީއޭ…. އަހަރެންގެ ދުވަސްވީ ރަހުމަތްތެރިޔާ ސިލާ ތައާރަފްކޮށްދޭން،” އަކްމަލް ބުންޏެވެ. އެމީހުން އޭނާއަށް މަރުހަބާ ކިއެވެ.
“އާނ… އެބަ ހިތަށްއަރާ މީ ކޮންކުއްޖެއްބާއޭ؟” ރީހާން ބުންޏެވެ. އަކްމަލް އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.
“ކީކޭ ބުނާނީ، ސިލާ ފެނުމުން ހުރިހާ ކަމެއް ހަނދާން ނެތެނީ،” އަކްމަލް ހިތާހިތުން ބުންޏެވެ. ރާޔާ ސިހުނެވެ. ސަބަބަކީ އޭނާއަށް އެ އަޑު ސިކުނޑިއަށް އިވުމެވެ. މީހެއްގެ ހިތުގައިވާ އެއްޗެއް އޭނާއަށް އެނގެނީ ކިހިނެއްބާއޭ ރާޔާގެ ހިތަށް އެރިއެވެ. އަދި އަކްމަލް އެހެން ބުނީ ކީއްވެބާ؟ އޭނާ ހަމަ ދެންމެހެން ރާޔާގެ ކައިވެންޏަށް އެދި ހުށަހެޅީ ނޫން ހެއްޔެވެ؟ ނޫނީ އޭނާ ކުރިންވެސް ސިލާ ދެކެ ލޯބިވަނީ ހެއްޔެވެ؟
“ކީކޭ ބުނާނީ ނާޔާއްތާ، ކާއެއްޗެހި މީރުކަމުން އޭގެ ތެރެއަށް ގެއްލުނީ. ސިލާއަށްވެސް ވީ އެހެން، ދޯ ސިލާ؟” އަކްމަލް ބުންޏެވެ. ސިލާ ހަމައެކަނި ހިނިތުންވެލީއެވެ.
“މިމީހުންނަށް ފާރަވެރިވާން ޖެހޭނެ،” ރާޔާގެ ހިތަށް އެރިއެވެ.
ރާޔާ އަވަހަށް ކައި ނިންމާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. ދޮރު ލެއްޕުމަށްފަހު އެނދުގައި އިށީނެވެ.
“އަހަރެންނަށް މިވަނީ ކީއް؟ އަކްމަލްގެ ހިތުގައިވާ އެއްޗެއް އަހަރެންނަށް އެނގެނީ ކިހިނެއް؟ ކުރިން ދުވަހަކުވެސް މިހެންނެއް ނުވޭ. އަދި މި ފަހަކަށް އައިސް އާދަޔާ ހިލާފު ހުވަފެންތަކެއްވެސް އެބަ ފެނޭ. އަހަރެންގެ އެކުވެރިޔާ މަޢުރީން އަހަރެންނަށް އެހީވާނެ،” އޭނާ ފޯނު ނަގައި މަޢުރީންއަށް ގުޅިއެވެ.
“ހަލޯ ރާތުރީ، ކިހިނެއް؟” އޭނާ އެހިއެވެ.
“ރަނގަޅު، ތިކޮޅު ކިހިނެއް؟” މަޢުރީން އެހިއެވެ.
“ވަރަށް ގޯސް، އަހަރެންނަށް އާދަޔާ ހިލާފު ކަންތައްތަކެއް އެބަ ދިމާވޭ. އަހަރެންނަށް އެނގޭ މިކަމުގަ އެހީވެވޭނީ ރީންއަށް ކަން،” ރާޔާ ބުންޏެވެ.
“އާނ، ބުނެބަލަ ވީ ކީއްތަ؟” މަޢުރީން އެހިއެވެ.
ރާޔާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
“އޯކޭ، ހާސްނުވޭ. އަހަރެން މާދަމާ ހެނދުނު ތިގެއަށް ދާނަން. ހަމަޖެހިލާ،” މަޢުރީން ބުންޏެވެ. ފޯނު ބޭއްވުމަށްފަހު ރާޔާ ދޮރު ހުޅުވި އިރު އަކްމަލް ދޮރުމަތީގައި ހުއްޓެވެ.
“އަކޫ؟ މިހާރު މިތަނުން ދޭ، އަހަރެން އަކޫއާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން،” ރާޔާ ބުންޏެވެ. އޭނާ ދާން އުޅުމުން އަކްމަލް ރާޔާގެ އަތުގައި ހިފެހެއްޓިއެވެ.
“ރާޔާ އަހަރެންގެ ވާހަކަ އަޑުއަހާބަލަ، ކިހިނެއްތަ ވީ؟” އޭނާ އެހިއެވެ. ރާޔާގެ ލޮލުން ކަރުނަ އައެވެ.
“ވީ ކީއްހޭ؟ އަހަރެންގެ ދޮންތަބެ އަކޫ ގާތުގަ ސިލާ ތަޢާރަފުނުކޮށްދޭ ވާހަކަ ބުނީމަ އޭރު އަކޫގެ ހިތަށް އެރީ ކީކޭ؟ ސިލާ ފެނުމުން ހުރިހާ ކަމެއް ހަނދާން ނެތެނީއޭ އެކޭ ނޫންތަ؟” ރާޔާ އެހުމުން އަކްމަލް ސިހުނެވެ.
“އަހަރެން އެހެން ހީކުރަންވީ ކީއްވެ؟ އަހަރެންގެ ވާންއުޅޭ އަނބިމީހާއަކީ ތީ، ސިލާއެއް ނޫން،” އޭނާ ބުންޏެވެ. ރާޔާ ރުޅިއައެވެ.
“އެހެންވިއްޔާ މިހާރުން މިހާރަށް އެ ސިލާ މިގެއިން ބޭރުކުރޭ، ނޫންނަމަ އަހަރެންގެ މަތިން ހަނދާން ނައްތާލާ،” ރާޔާ ބުންޏެވެ. އަދި އަކްމަލް އެއްޗެއް ބުނުމުގެ ކުރިން ދޮރު ލެއްޕިއެވެ. އަކްމަލަށް ފެނުނީ ސިލާ އޭނާގެ ކޮޓަރިން ނުކުންނަނިކޮށެވެ. އޭނާ ދުވެފައި ގޮސް ސިލާ ކޮޓަރިއަށް ވެއްދިއެވެ.
އަކްމަލްގެ ސިފައިގައި ހުރި ޝަމްހޫރިޝް، ސިލާ ކޮޓަރިއަށް ވައްދައި ދޮރު ތަޅުލިއެވެ.
“މިވަނީ ކީއް ޝަމްހޫރިޝް؟ ކީއްވެ އަހަރެން މިގޮތަށް ކޮޓަރިއަށް ވެއްދީ؟ މީހަކަށް ފެނިއްޖެއްޔާ ކިހިނެއް ވާނީ؟” ސިލާ ރުޅިއައިސްފައި ބުންޏެވެ.
“މަޑުން ހުރޭ! ފުރަތަމަ އަހަރެންގެ ވާހަކަ އަޑުއަހާ. ކާ މޭޒު ދޮށުގައި އިނދެ އަހަރެން ހިތަށް އެރި އެއްޗެއް ރާޔާއަށް އެނގިއްޖެ. މިހާރު އޭނާ އަހަރެމެންނަށް ޝައްކުކުރޭ. އަދި އެކަން އެކަންޏެއް ނޫން، އޭނާ ބުނީ ސިލާ ބޭރުކުރާށޭ ނޫނީ އޭނާގެ މަތިން ހަނދާން ނައްތާލާށޭ،” އޭނާ ކިޔައިދިނެވެ.
“އޭނާގެ އެހާ ހިތްވަރު އެބަހުރިތަ؟ އަހަރެން އޭނާ ދޫކޮށްލާކަށް ނެތިން،” ސިލާ ރުޅިވެރިކަމާއެކު ބޭރަށް ދާން އުޅުމުން އޭނާ ހުއްޓުވިއެވެ.
“ސިލާ! ނުދާތި. އަހަރެން މިއައީ އެހީއަކަށް އެދިގެން، ކަންތައް އިތުރަށް ގޯސްކުރާކަށް ނޫން،” އޭނާ ބުންޏެވެ.
“ދެން އަހަރެން ކުރަންވީ ކީއް؟ މި ދުރުމިން އަހަރެންނަކަށް ދެން ކެތެއް ނުކުރެވޭނެ. އަހަރެން މިހާރު ބޭނުންވަނީ އެ ރާޔާގެ ކަންތައް ނިންމާލާނަން،” ސިލާ ބުންޏެވެ. އޭނާ އަނެއްކާވެސް ދާން އުޅުމުން އަކްމަލް އޭނާ ހިފެހެއްޓިއެވެ.
“ސިލާ، ޖަޒުބާތުގައި ޖެހި ބުއްދި އިސްކުރަން ހަނދާން ނައްތާނުލާ. ހަމަޖެހިބަލަ،” އޭނާ ބުންޏެވެ.
ދެމީހުން ހަމަޖެހިލައިގެން އެނދުގައި އިށީނެވެ.
“ސިލާ، އަހަރެންނަށް ނުވިސްނެނީ އަހަރެންގެ މި ބާރު އޭނާއަށް ލިބުނީ ކިހިނެއް ކަމެއް. ކުރިން އަހަރެން މީހުންގެ ހިތުގައި އޮންނަ އެއްޗެއް ދަނަގެންނަން، އެކަމަކު މިހާރު އެ ބާރު ރާޔާއަށް އެބަ ލިބޭ. އެއީ ކިހިނެއް ވީ ކަމެއްކަން އެނގޭތަ؟” އޭނާ އެހިއެވެ.
“ހުރިހާ އެއްޗެއް ކިޔައިދޭނަން. އެކަމަކު އަކްމަލްގެ ހަށިގަނޑުން ނުކުމެ ތިބާގެ އަސްލު ސިފައިގައި ފެންނަން އާދޭ. އަހަރެން ވާހަކަދައްކަން ބޭނުމީ ބީރައްޓެއްސަކާ ނޫން، އަހަރެންގެ އަމިއްލަ މީހަކާ ވާހަކަ ދައްކަން ބޭނުމީ،” ސިލާ ބުންޏެވެ. ޝަމްހޫރިޝް ވަގުތީ ގޮތުން އަކްމަލްގެ ހަށިގަނޑުން ނުކުތެވެ.
“ހިނިތުންވުން ފަހުން، ފުރަތަމަ ހައްލެއް ބުނެދީ،” އޭނާ ބުންޏެވެ.
“ހައްލެއް ނޭނގެ، އެކަމަކު އެނގޭ ކަމަކީ ކަލޭ އަކްމަލްގެ ސިފައިގައި ރާޔާގެ ގާތަށް ގޮސް އޭނާގެ ބޯ ތިބާގެ ބޮލާ ޖައްސާލާ ކޮންމެ ފަހަރަކު، ތިބާގެ ބާރުގެ ކުޑަ މިންވަރެއް އޭނާއަށް ދާކަން،” ސިލާ ބުންޏެވެ. ޝަމްހޫރިޝް އަމިއްލަ ނިތްކުރީގައި އަތްޖަހާލިއެވެ.
“ކީއްވެ ކުރިން ނުބުނީ؟” އޭނާ އެހިއެވެ.
“ތިޔަ ދެމީހުން އެކުގައި ފެންނަ ކޮންމެ ފަހަރަކު ހީވަނީ އެއީ ކަލޭ ނޫންހެން، އެއީ ހަމަ ހަގީގީ އަކްމަލްހެން،” ސިލާ ބުންޏެވެ. އޭނާގެ ލޮލުން ކަރުނަ ފޭބިއެވެ.
“ކީކޭ؟ ސިލާ އަހަރެން އޭނާއާ އަޅާކިޔަނީތަ؟” ޝަމްހޫރިޝް އެހިއެވެ.
“ހަގީގަތަކީ ތިބާ މުޅިން ބަދަލުވެއްޖެ، އަހަރެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް،” ސިލާ ބުންޏެވެ.
“މިވަގުތުވެސް އެއްކަމެއް ފިޔަވައި އިތުރު ކަމެއް ސިލާއަކަށް ނުކުރެވޭނެ،” ހިނިތުންވުމަކާއެކު ޝަމްހޫރިޝް ބުންޏެވެ. ސިލާވެސް ހިނިތުންވެލިއެވެ.
“އެކަމަކު… ރާޔާ؟” ސިލާ އެހިއެވެ.
“އަހަރެން ސިލާ މިގެއިން ބޭރުކުރާނަން، އޭގެ ފަހުން ސިލާ އެހެން މީހުންނަށް ނުފެނި މިތަނަށް އާދޭ. ޗުއްޓީއާއި ކައިވެނީގެ ކަންކަން އަހަރެން ބަލަހައްޓާނަން، އެކަމަކު ތިބާއާއެކު،” އޭނާ ބުންޏެވެ.
ރާޔާ އޭނާގެ ކޮޓަރިން ނުކުތް ވަގުތު، އަކްމަލްގެ ސިފައިގައި ހުރި ޝަމްހޫރިޝްވެސް ނުކުމެ ދެމީހުން ލައިގަތެވެ. ރާޔާ އިސްއުފުލާ އޭނާއަށް ބަލާލިއެވެ. އަދި އޭނާގެ ފަހަތުގައި ހުރި ސިލާގެ ކޮޓަރީގެ ހުޅުވިފައިވާ ދޮރަށް ބަލާލިއެވެ.
“އަކޫ ތިހާވަރެއްގަ ހުރިކަމެއް ނުދެނެހުރިން. މިހާރު ތި ނުކުތީ އެ ސިލާއާ ދެމީހުން ގަނޑުގެންފަދޯ؟” ރާޔާ ރުޅިއައިސްފައި އެހިއެވެ.
“ރާޔާ ކީކޭތަ ތި ކިޔަނީ؟ އަހަރެން ދިޔައީ އޭނާ ގާތު މިތަނުން ދާން ބުނަން،” މައުސޫމްކަން ދައްކަމުން އޭނާ ބުންޏެވެ.
“އޯހޯ، ކޮޓަރީގެ ދޮރު ލައްޕައިގެން؟” ބުމަ އަރުވާލަމުން ރާޔާ އެހިއެވެ.
“އަހަރެން ހަމައެކަނި އޭނާގެ ފޮށި ތައްޔާރުކުރަން އެހީވީ،” އޭނާ ބުންޏެވެ. ރާޔާ އިތުރަށް ރުޅިއައެވެ.
“ކާކު ބުނީ އޭނާއަށް އެހީވާށޭ؟” ދަތްކުނޑިވިކާލަމުން ރާޔާ އެހިއެވެ.
“ރާޔާ ބުނީ އޭނާ ގެއިން ބޭރުކުރާށޭ، އޭނާއަށް އެހީނުވާށެކޭ ނުބުނަމެއްނު،” އަކްމަލް ބުންޏެވެ. ރާޔާ ރުޅިގަދަވެ އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފިއެވެ.
“އަހަރެން ދުވަހަކުވެސް ނުބުނަން އަކްމަލް އައިސް އަހަރެންނަށް އެހީވާށެކޭ، އެކަމަކު އަކްމަލް އޭނާ ނުބުނަނީސް އެހީތެރިވެއްޖެ. އަހަރެންނަށް ދުވަހަކުވެސް އެހީއެއް ނުވަމެއްނު،” ރާޔާ ބުންޏެވެ.
“ރާޔާ! އަހަރެން މިތަނަށް އައިތާ ކިތައް ދުވަސް؟ ރާޔާއަށް އެހީވާން ޖެހޭ ވަރުގެ ކޮން ކަމެއްތަ ރާޔާ ކުރީ މި ވީ ދެތިން ދުވަހު؟” އޭނާ އެހިއެވެ.
“ވަރަށް ސަޅި، އަހަރެންގެ ކޮޓަރި ސާފުކުރަން މަތިން ފައިބައިގެން ބަޔަކު އަންނާނެތަ؟ އަހަރެންގެ އަމިއްލަ މަސައްކަތްތައް ބޫތެއް އައިސް ކުރަނީތަ؟ އަހަރެންގެ ކޮޓަރި އޮންނަނީ ހަޑިކޮށް، ކަލޭގެ ކޮޓަރި ސާފުކޮށް، ދޯ؟” ރާޔާ ރުޅިއައިސްފައި ދާން އުޅެނިކޮށް، އެމީހުންގެ ގާތަށް އައި ސިލާއަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ.
“އަކްމަލް، ރާޔާ، އަހަރެންގެ ސަބަބުން ތިޔަހެން އަރާރުން ނުވޭ. އަހަރެން މިދަނީ. އަހަރެން ހީކުރީ އަކްމަލް ކައިވެނިކުރުމުގެ ކުރިން އޭނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަމަށް، އެކަމަކު އަހަރެމެންގެ ގާތްކަން ރާޔާއަށް ކަމުނުދާނެ ކަމެއް ނޭނގެ. މައާފުކުރޭ،” ސިލާ މަކަރުވެރި ކަރުނަ އަޅަމުން ބުންޏެވެ. އަދި ދޮރުމަތީގައި މަޑުކޮށްލާފައި އަކްމަލަށް ބަލާލުމަށްފަހު “ބާއި” އޭ ބުނެ ނުކުމެގެން ދިޔައެވެ. ރާޔާ ގޮސް ދޮރު ލެއްޕިއެވެ.
“ރާޔާ، ޕްލީޒް ބޭބީ ތިހާ ރުޅިނާދޭ، މިހާރު އޭނާ އެދިޔައީނު،” އަކްމަލް ބުންޏެވެ.
“ރަނގަޅަކަށް އެދިޔައީ،” ރާޔާ ބުންޏެވެ. ރާޔާ އެތަނުން ދާން އުޅުމުން އަކްމަލް ހުއްޓުވިއެވެ.
“ދެން ބޭބީ ރުޅިމަޑުކޮށްފަ ބުނެބަލަ، މާދަމާ ޗުއްޓީއަށް ދަމާ. އެނބުރި އައިސް ބެޗްލާސް ޕާޓީ ބާއްވާފައި ކައިވެނި ކުރާނީ، ކީކޭ ބުނަނީ؟” އޭނާ އެހިއެވެ. ރާޔާ އެއްޗެއް ބުނުމުގެ ކުރިން ބެލް ޖެހި އަޑު އިވިއްޖެއެވެ. ރާޔާ ގޮސް ދޮރު ހުޅުވިއެވެ. މަޢުރީން ފެނުމާއެކު އޭނާ ބައްދާލިއެވެ.
“ރާޔާ ނުބުނަމެއްނު ފްރެންޑެއް އަންނަ ވާހަކައެއް؟” ކުއްލިއަކަށް މަޢުރީން ފެނުމުން އަކްމަލްއަށް ހައިރާންކަމެއް ލިބުނެވެ. އެ ހައިރާންކަން ފޮރުވުމަށް އަވަސްއަވަހަށް އޭނާ ބަހަނާއެއް ހޯދިއެވެ.
“އަކޫވެސް ނުބުނަމެއްނު، އެހެންވީމާ ހަމަހަމަވީ،” ރާޔާ ޖަވާބު ދިނެވެ. ރާޔާ، މަޢުރީންއަށް އޭނާގެ ކޮޓަރި ދެއްކުމަށްފަހު އަލުން އަކްމަލް ގާތަށް އައެވެ.
“މާދަމާ އަހަރެމެންނެއް ނުދާނަން. ދާނީ ކުރިން ނިންމާފައިވާ ދުވަހު،” ފޭކު ހިނިތުންވުމަކާއެކު ރާޔާ ބުންޏެވެ.
ނުނިމޭ
