ހިތުގެ ބަލިތަކަށް ފަރުވާދޭ ކާޑިއޮލޮޖިސްޓް ހާމަކުރައްވާފައިވާ ގޮތުގައި، ސިއްހަތަށް ފައިދާހުރި ކަމަށް ބެލެވޭ ބައެއް ކާނާގެ ބާވަތްތަކަކީ، ގިނަ ހާލަތްތަކުގައި ހިތުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ތަކެއްޗެވެ. މީގެ ތެރޭގައި ދޮންކޭލާއި ސްޕިނެޗް ފަދަ ތަކެތި ހިމެނެއެވެ. ޑރ. ޔަރަނޯވް ފާހަގަކުރައްވާ ގޮތުގައި، އެއްވެސް ކާނާއަކީ އޭގެ ޒާތުގައި ގޯސް ކާނާއެއް ނޫނެވެ. ނަމަވެސް، އެ އެއްޗަކަށް އިންސާނާގެ ހަށިގަނޑު ނިންމާ ގޮތް ބިނާވެފައިވަނީ އެ މީހެއްގެ ސިއްހީ ހާލަތާއި ބޭނުންކުރާ ބޭސްތަކުގެ މައްޗަށެވެ.
ހިތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން ވާހަކަދައްކާއިރު، އާންމުކޮށް އިރުޝާދު ދެވެނީ މޭވާއާއި ފަތްޕިލާވެލި ގިނައިން ކެއުމަށެވެ. އެހެންނަމަވެސް، ކާނާގެ ނިއުޓްރިޝަނަކީ ކޮންމެ މީހަކަށް އެއްގޮތަކަށް އޮންނަ ކަމެއް ނޫނެވެ. އެކަކަށް ފައިދާހުރި ކާނާއެއް އަނެކަކަށް ގެއްލުން ލިބޭ ކާނާއަކަށް ވެދާނެއެވެ. ހާއްސަކޮށް ހިތުގެ ބަލިތައް ހުންނަ މީހުންނާއި، ކިޑްނީގެ މައްސަލަތައް ހުންނަ މީހުން، ލޮނާއި ޕޮޓޭސިއަމް ފަދަ މާއްދާތައް ހަށިގަނޑުން ބޭރުކުރާ މިންވަރު ތަފާތުވާނެއެވެ.
ފެބްރުއަރީ 25 ގައި އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ހިތުގެ ބަލިތަކުގެ މި ކާޑިއޮލޮޖިސްޓް ތަފްސީލުކޮށްދެއްވާފައިވާ ގޮތުގައި،
“މިއީ މި ކާނާގެ ބާވަތްތައް ގޯސްވުމެއް ނޫން. ނަމަވެސް، ތިބާގެ ހިތާއި، ކިޑްނީގެ ހާލަތުގެ އިތުރުން ބޭނުންކުރާ ބޭސްތަކުގެ ސަބަބުން، ލޮނާއި ޕޮޓޭސިއަމް ފަދަ މާއްދާތައް ހަށިގަނޑުގައި މެޓަބޮލިޒަމް ކުރާ ގޮތަށް ބަދަލުތަކެއް އަންނަނީ.”
ހިތުގެ ބަލިތަކާއި ހިތް ބަދަލުކުރުމުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑިމިޓްރީ ޔަރަނޯވް ވަނީ، ސިއްހަތަށް ފައިދާހުރި ކަމަށް ފެނުނު ކަމުގައި ވިޔަސް، ހިތުގެ ބަލިތައް ހުންނަ މީހުންނަށް ނުރައްކާވެދާނެ 6 ބާވަތެއް ފާހަގަކުރައްވާފައެވެ.
1. ދޮންކެޔޮ
ދޮންކޭލަކީ ޕޮޓޭސިއަމް ގިނަ މޭވާއެކެވެ. މިއީ އާންމު ގޮތެއްގައި ހިތާއި މަސްތަކުގެ ހަރަކާތްތަކަށް މުހިންމު އެއްޗެކެވެ. ނަމަވެސް، ކިޑްނީގެ މައްސަލަ ހުންނަ މީހުންނާއި، ހިތުގެ ބައްޔަށް ވަކި ހާއްސަ ބޭސްތަކެއް (މިސާލަކަށް: spironolactone ނުވަތަ ARNI) ބޭނުންކުރާ މީހުންގެ ހަށިގަނޑުގައި ޕޮޓޭސިއަމް މާ ބޮޑަށް އިތުރުވެ، އޭގެ ނުރައްކާ ކުރިމަތިވެދާނެއެވެ.
ޑރ. ޔަރޮނަވް ތަފްސީލުކޮށްދެއްވި ގޮތުގައި،
“ޕޮޓޭސިއަމް މަތިވުމަކީ މައްސަލައެއް. ކިޑްނީގެ މަސައްކަތްތަކަށް ބުރޫއަރާފައިވާނަމަ، ނުވަތަ ‘ސްޕައިރޯނޯލެކްޓޯން’ (spironolactone) ނުވަތަ ‘އޭ.އާރް.އެން.އައި’ (ARNI) ފަދަ ބޭސްތައް ބޭނުންކުރާނަމަ، ހަށިގަނޑުގައި ޕޮޓޭސިއަމް މާ ބޮޑަށް އިތުރުވެގެން ހިނގައިދާނެ.”
2. ގްރޭޕް ފްރުޓް
ގްރޭޕް ފްރުޓަކީ ފައިދާހުރި މޭވާއެއް ނަމަވެސް، ބައެއް ކަހަލަ ބޭސްތައް ހަށިގަނޑުގައި ގިރުވައިލުމަށް ފުރަމޭ (liver) ކުރާ މަސައްކަތަށް މީގެ ސަބަބުން ބަދަލު އާދެއެވެ. ހާއްސަކޮށް ގުނަވަން ބަދަލުކޮށްފައިވާ މީހުން ބޭނުންކުރާ ބޭސްތަކުގެ މިންވަރު ލޭގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް މަތިވުމަށް މިއީ މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ.

ޑރ. ޔަރަނޯވް ފާހަގަކުރެއްވި ގޮތުގައި،
“ގްރޭޕްފްރުޓްގެ ސަބަބުން ބޭސްތައް މެޓަބޮލައިޒް ކުރުމަށް ފުރަމޭ ކުރާ މަސައްކަތަށް ބަދަލުތަކެއް އާދޭ. މިއީ ހާއްސަކޮށް ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހުންނަށް ނުރައްކާތެރި ކަމެއް. މީގެ ސަބަބުން ލޭގެ ތެރޭގައި ބޭހުގެ މިންވަރު އާދަޔާ ހިލާފަށް މަތިވެ، ރައްކާތެރި މިންގަނޑަށް ވުރެ ބޭރުވެގެންދޭ.”
3. ސްޕިނޭޗް (Spinach)
ދޮންކޭލެކޭ އެއްފަދައިން ސްޕިނޭޗަކަކީ ވެސް ޕޮޓޭސިއަމް މުއްސަނދި ފަތެކެވެ. މީގެ އިތުރުން، ލޭ ތުނިކުރަން ބޭނުންކުރާ “ވޯރފަރިން” (warfarin) ފަދަ ބޭސްތަކުގެ މަސައްކަތަށް މީގެ ސަބަބުން ހުރަސްއެޅިދާނެއެވެ. އެހެންކަމުން، މިފަދަ ބޭސް ބޭނުންކުރާ މީހުން ސްޕިނޭޗް ކެއުމުގައި މިންގަނޑެއް ހިފަހައްޓަން ޖެހެއެވެ.
މިކަމާ ގުޅޭގޮތުން ޑޮކްޓަރު ވިދާޅުވީ،
“މީގައި ވެސް ޕޮޓޭސިއަމް ގިނަ، އަދި މިއީ ވޯރފަރިން ބޭހުގެ މަސައްކަތަށް އަސަރުކުރާ އެއްޗެއް. މިއީ ސިއްހަތަށް ފައިދާހުރި އެއްޗެއް ނަމަވެސް، ކެއުމުގައި ވަކި ހަމައެއް ހިފަހައްޓަން ޖެހޭ. ‘ވީހާވެސް ގިނައިން’ ކެއުމުގެ ބަދަލުގައި، މިންގަނޑެއްގައި ހިފެހެއްޓުން މުހިންމު.”
4.ސޯޔާ ސޯސް
ޑރ. ޔަރަނޯވް ފާހަގަކުރެއްވި ގޮތުގައި ސޯޔާ ސޯސްއަކީ މުޅިން ކަހަލަ ގޮތަކަށް ސޯޑިއަމް (ލޮނު) އެކުލެވިގެންވާ އެއްޗެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި ފެން ހަރުލާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.
“މިއީ ހުސް ސޯޑިއަމް. އެއް ރޭ ސުޝީ ކެއުމުގެ ސަބަބުން، އަނެއް ދުވަހު ހަށިގަނޑުގައި ދެ ޕައުންޑުގެ ފެން ހަރުލައި، ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވެދާނެ.”
5. ލިކަރިޝް (Liquorice)
މިއީ ގިނަފަހަރަށް ހާބަލް ސައިތަކާއި ސަޕްލިމަންޓްތަކުގައި ފޮރުވިފައި ހުންނަ އެއްޗެކެވެ. ލިކަރިޝްގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ޕޮޓޭސިއަމްގެ މިންވަރު ދަށްވެއެވެ. މިކަމަށް ބާރުއަޅުއްވަމުން ޑޮކްޓަރު ވިދާޅުވީ:-
“އަސްލު ބްލެކް ލިކަރިޝްގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ޕޮޓޭސިއަމް ދަށްވޭ. މިއީ ސައިތަކާއި އެކި ކަހަލަ ސަޕްލިމަންޓްތަކުގައި ހިމެނޭ އެއްޗެއް.”
5.ރަތް މޭބިސްކަދުރު ރާ (Red wine)
ޑރ. ޔަރަނޯވް ވިދާޅުވާ ގޮތުގައި، ރަތް މޭބިސްކަދުރު ރާ ހިމެނޭހެން ހުރިހާ ބާވަތެއްގެ އަލްކަހޯލަކީ ހިތަށް ސީދާ ގެއްލުންދޭ ވިހަ މާއްދާއެކެވެ. އަދި ބައެއް ހާލަތްތަކުގައި ހިތުގެ މަސްތައް ބަލިކަށިވުމުގެ އަސްލު ސަބަބަކީ ވެސް މިއީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އަލްކަހޯލަކީ ހިތަށް ސީދާ ގެއްލުންދޭ އެއްޗެއް. ބައެއް މީހުންގެ ހިތް ބަލިކަށިވާން ދިމާވި މައިގަނޑު ސަބަބަކީ ވެސް މިއީ.”
ނިންމާލަމުން ޑޮކްޓަރު ތަކުރާރުކޮށް އިރުޝާދު ދެއްވީ، އެއްވެސް ކާނާއަކީ އޭގެ ޒާތުގައި ރަނގަޅު ނުވަތަ ގޯސް އެއްޗެއް ނޫން ކަމަށެވެ. އެކަމަކު ކާނާއަކީ ތިބާގެ ލޭގެ ރިޕޯޓުތަކާއި، ބޭނުންކުރާ ބޭސްތަކާއި، ހިތުގެ ހާލަތާ ގުޅިފައިވާ އެއްޗެއްކަން ދެނެގަތުން މުހިންމެވެ.
“އަމިއްލަ ހަށިގަނޑު ދެނެގަނޭ. ތިބާގެ ސިއްހީ ނަންބަރުތަކަށް (ރިޕޯޓުތަކަށް) ސަމާލުވޭ. އަދި ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދީ.”
ކިޔުންތެރިންގެ ސަމާލުކަމަށް:
މިއީ ހަމައެކަނި މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ. މިއީ ސިއްހީ މާހިރެއްގެ ލަފާގެ ބަދަލުގައި ބޭނުންކުރަން ހެޔޮވާނެ މައުލޫމާތެއް ނޫނެވެ. މި ލިޔުމަކީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ. HT.com އިން މި މައުލޫމާތުތަކުގެ ސައްހަކަން ވަކިން ކަށަވަރުކޮށްފައެއް ނުވެއެވެ.
