މޫސަ އެކަޑަމީން އިންތިޒާމުކޮށްގެން ނ. ހޮޅުދޫގައި ކުރިއަށްގެންދިޔަ “ވިލީ ފުޓްސަލް ޗެލެންޖް” ގެ ފޯރިގަދަ ފައިނަލް މެޗުގައި “ހުޅަނގު މެދު” ބަލިކޮށް، މުބާރާތުގެ ތަށި “އިރު މެދު” ޓީމުންކާމިޔާބުކޮށްފިއެވެ.
ރޭ ކުޅެވުނު މި ފައިނަލް މެޗުގައި ބައްދަލުކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު ކަމަށްވާ “ހުޅަނގު މެދު” އަދި “އިރު މެދު” އެވެ. މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި ހަލުވި ކުޅުމެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި “އިރު މެދު” ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް، އިތުރު ދެ ލަނޑު ކާމިޔާބުކޮށްގެން މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ.
މި މެޗުގައި “އިރު މެދު” ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އާއިދު އާއި މަހުފޫޒްގެ އިތުރުން އަލްސަން އެވެ. އަލްސަން ވަނީ މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. “ހުޅަނގު މެދު” ޓީމުންޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ ހުނައިފް އާއި ތޯއިފް އެވެ. މި އަހަރު ގެ ފުޓްސަލް ޗެލެންޖްގެ ރަސްގެފާނަށް ނުވަތަ މޭންސް އޮފް ދަ ކިންގަށް ހޮފިވައި ވަނީ “އިރު މެދު” ޓީމަށް ކުޅެމުން އަންނަ އަލްސަން އެވެ.
ރެޔަކީ އަނެއްކާ ވެސް ހޮޅުދޫ ވިލީ ފުޓްސަލް ޗެލެންޖަށް ތާރީޙީ ރެއެކެވެ. އެއީ މިދިޔަ އަހަރުގައި ވެސް ވާދަ ކުރި 2 ޓީމް މިފަހަރު ވެސް ބައްދަލު ކުރާ ފަހަރެވެ.
ހޮޅުދޫގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މި މުބާރާތަކީ އެ ރަށުގެ ފުޓްސަލް ހުނަރު ކުރިއެރުވުމަށާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މޫސަ އެކަޑަމީން ކުރިއަށްގެންދިޔަ ކާމިޔާބު މުބާރާތެކެވެ. މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަންޓީމަށާއި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވަނީ އިނާމާއި ތަށިހަވާލުކޮށްފައެވެ .
