ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހިތްތެޅުނުވަރުން  – ފުރަތަމަ ބައި

މާލޭގެ ހަލަބޮލި މަގުތަކުގެ އަޑުގަދަކަމުގެ ތެރެއިން، “ފުރަމަލަގެ” އަކީ އަމާންކަމާއި ހިތްފަސޭހަކަން ލިބިފައިވާ ގެއެކެވެ. ގޭގެ ގޯތިތެރޭގައި ހައްދާފައިވާ މާގަސްތަކުން ދުވާ މީރުވަހުން މުޅި މާހައުލު ވަނީ އެއްވަސްވެފައެވެ. އައިރާ ހުރީ ކޮޓަރީގެ ބެލްކަނީގައި މަޑުކޮށްލައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ގޭގެ ދޮރާށްޓާ ދިމާއަށެވެ. އޭނާ އިންތިޒާރު ކުރަމުންދަނީ ޒައުލް އަންނާނެ ވަގުތަކަށެވެ.

އައިރާގެ ހިތުގައި ޒައުލަށްޓަކައި އޮތް ލޯތްބަކީ އާދައިގެ ލޯތްބެއް ނޫނެވެ. އެއީ ފުން، އަދި ބައެއް ފަހަރު ބިރުގަންނަވާ ފަދަ ޝައުގުވެރިކަމެކެވެ. ޒައުލަކީ އޭނާގެ ބޮޑުބޭބެގެ ދަރިއަކަށް ވީތީ، ކުޑައިރުއްސުރެ ދެމީހުން އުޅުނީ އެކުގައެވެ. ނަމަވެސް ބޮޑުވަމުން އައިވަރަކަށް، އައިރާގެ ހިތުގައި އުފެދުނު އިހުސާސްތައް ދިޔައީ ވަރުގަދަވަމުންނެވެ.

“ދަރިފުޅާ އައިރާ! ކިހިނެއްވެފައި ތި ހުންނަނީ؟” އައިރާގެ މަންމަ، ފާތުމަ ކޮޓަރިއަށް ވަންނަމުން އެހިއެވެ.

އައިރާ ސިހިފައި މަންމައަށް ބަލާލިއެވެ. “ކަމެއް ނުވޭ މަންމާ. ހަމަ މަޑުކޮށްލައިގެން ހުރީ.”

“ޒައުލް އަންނަ ގަޑި ޖެހެނީ ދޯ؟ މަގަށް ބަލަން ތި ހުންނަނީ އެހެންވެގެންކަން މަންމައަށް އެނގޭ. އެކަމަކު ދަރިފުޅާ، ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނެ. ތިހާ ބޮޑަށް އެހެން މީހަކަށް ބަރޯސާވުމަކީ ރަނގަޅު ކަމެއް ނޫން،” ފާތުމަ ނަސޭހަތުގެ ރާގަކަށް ބުންޏެވެ.

އައިރާ ހިނިތުންވެލި ނަމަވެސް، އޭނާގެ ހިތުގެ ކަނެއްގައި އުފެދިފައިވާ ހާސްކަން މަންމައަކަށް ނޭނގެއެވެ. އޭނާއަށް ހީވަނީ ޒައުލް އޭނާގެ އަތުން ބީވެގެން ހިނގައިދާނެހެންނެވެ. ހާއްސަކޮށް، އަނޫޒާ (އަނޫ) އާ ޒައުލް ދައްކާ ވާހަކަތަކާއި، އެ ދެމީހުންގެ މެދުގައި އޮންނަ ގާތްކަމަކީ އައިރާގެ ނިދި ނަގާލާ ކަމެކެވެ.

އެވަގުތު ގޭގެ ދޮރާށިން ސައިކަލެއް ވަން އަޑު އިވުނެވެ. އެއީ ޒައުލެވެ. އައިރާގެ މޫނު އުޖާލާވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ތިރިއަށް ދިއުމަށް ހިނގައިގަތެވެ.

ސިޓިންގ ރޫމުގައި ޒައުލް އިށީނދެލައިގެން އިނީ ވަރުބަލިވެފައެވެ. އޭނާއަކީ އޮފީހެއްގެ އިސް މަގާމެއްގައި އުޅޭ، ހީވާގި ޒުވާނެކެވެ.

“ޒައުލް، އައީތަ؟ މިއަދު މާ ލަސްވީ ދޯ؟” އައިރާފެންތައްޓެއް ހިފައިގެން އައިސް ޒައުލަށް ދިއްކޮށްލިއެވެ.

“އާނ، މިއަދު އޮފީހުގައި ބައްދަލުވުމެއް އޮތީމަ ތަންކޮޅެއް ލަސްވީ. ޝުކުރިއްޔާ އައިރާ،” ޒައުލް ހިނިތުންވުމަކާއެކު ފެންތަށީގައި ހިފިއެވެ.

އެވަގުތު އަނޫ ކޮޓަރިން ނިކުމެގެން އައެވެ. އަނޫއަކީ އައިރާގެ ކޮއްކޮއެވެ. އޭނާއަކީ މިނިވަން ހިޔާލުގެ، ހިތްހެޔޮ ކުއްޖެކެވެ.

“ޒައުލްބޭ! ކޮބާ އަހަރެން ބުނި ފޮތް ގެނައިންތަ؟” އަނޫ ވަރަށް އުފަލުން އަހާލިއެވެ.

ޒައުލް އޭނާގެ ދަބަހުން ފޮތެއް ނަގައި އަނޫއަށް ދިނެވެ. “މިއޮތީ. ވަރަށް އުނދަގުލުން މި ފޮތް މި ފެނުނީ.”

އައިރާގެ މޫނުމަތިން ފެނުނު އުފާވެރިކަން ވަގުތުން ފިލައިގެން ދިޔައެވެ. ޒައުލް އޭނާއަށް އެއްވެސް އެއްޗެއް ނުގެނެސް، އަނޫ ބުނި ފޮތް ހޯދައިގެން ގެނައުމަކީ އޭނާގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާން ރޯކުރުވި ކަމެކެވެ.

“ޒައުލް، އަހަރެންވެސް ބުނީމެއްނު ހަވީރު ބޭރަށް ދާން ވާނެއޭ. ހަނދާން އެބަހުރިތަ؟” އައިރާގެ އަޑުގައި ހުރީ ހިތްހަމަނުޖެހުމުގެ އަސަރެވެ.

“އޯހް، އައިރާ. މިއަދު އަސްލު ވަރަށް ވަރުބަލިވެއްޖެ. އަނެއްކާ މިރޭ އެބައޮތް ރައްޓެހިންނާއެކު ކޮފީއަކަށް ދާންވެސް ރޭވިފައި. މާދަމާ ދަމާ ދޯ؟” ޒައުލް މަޑުމައިތިރިކަމާއެކު ބުންޏެވެ.

އައިރާ އެއްޗެކޭ ނުބުނެ މައްޗަށް ދިޔައީއެވެ. އޭނާގެ ހިތަށް އަރަމުންދިޔައީ ޒައުލް އޭނާއަށްވުރެ ބޮޑަށް އަނޫއަށް ސަމާލުކަން ދޭ ކަމެވެ. މި ހީއަކީ އައިރާގެ ސިކުނޑީގައި ބޮޑުވަމުން އަންނަ ވަސްވާހެކެވެ.

އެރޭގެ ކެއުމުގެ ވަގުތެވެ. މުޅި އާއިލާ ތިބީ ކާ މޭޒުދޮށުގައެވެ. ބޮޑުބޭބެ (ޒައުލްގެ ބައްޕަ) އާއި ފާތުމަ ދައްކަމުން ދިޔައީ އާއިލީ ކަންތައްތަކުގެ ވާހަކައެވެ.

“އަހަރެން މި ވިސްނަނީ ޒައުލްއާއި އައިރާގެ ކަންތައް އަވަސްކުރަން. ދެކުދިންވެސް މިހާރު ތިތިބީ ބޮޑުވެފައި،” ބޮޑުބޭބެ ބުންޏެވެ.

މި ވާހަކަ އިވުމުން އައިރާގެ ހިތް އުފަލުން ފުރުނެވެ. ނަމަވެސް ޒައުލްގެ މޫނުމަތިން ފެނުނީ އުނދަގޫވެފައި ހުރި ފަދަ އަސަރެކެވެ. އޭނާ އަނޫއަށް ބަލާލިއެވެ. އަނޫ އިނީ އިސްޖަހާލައިގެންނެވެ.

“ބައްޕާ، އަދި ތިކަމާ އުޅޭކަށް ނުވެއެއްނު. އަހަރެން ބޭނުންވަނީ ކެރިއަރުގައި އަދި ތަންކޮޅެއް ކުރިއަށް ދާން،” ޒައުލް ބުންޏެވެ.

“ކެރިއަރުގައި ކުރިއަށް ދިޔަސް ކައިވެނި ކުރެވިދާނެއެއްނު. އައިރާއަކީ ބޭރު މީހެއް ނޫން. އަހަރެމެންގެ އާއިލާގެ ކުއްޖެއް،” ފާތުމަ ބުންޏެވެ.

އައިރާ އިނީ ޒައުލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. ނަމަވެސް ޒައުލް އިތުރު އެއްޗެކޭ ނުބުނެ ކައި ނިންމާލައިގެން ތެދުވިއެވެ.

ކެއުމަށްފަހު، އައިރާ ބަދިގޭގައި ތަށިތައް ދޮންނަން ހުއްޓާ އަނޫ އައެވެ.

“ދައްތާ، ޒައުލްބޭ ދިން ފޮތް ވަރަށް ސަޅި އިނގޭ. ދައްތަ ބޭނުންތަ ކިޔަން؟” އަނޫ ވަރަށް މައުސޫމުކަމާއެކު އަހާލިއެވެ.

އައިރާއަތުގައި އޮތް ތަށި ބާރަށް ސިންކު ތެރެއަށް ލިއެވެ. “އަހަރެން ބޭނުމެއް ނޫން ތި ފޮތެއް ކިޔާކަށް. އަދި ބުނަން، އަހަރެންގެ ކަންތައްތަކުގެ ތެރެއަށް ނުވަދެ އަމިއްލަ ކަމަކާ އުޅުނިއްޔާ މާ ރަނގަޅުވާނެ.”

އަނޫ ހައިރާންވެފައި އައިރާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ދައްތާ، އަހަރެން ކީއްކުރީ؟”

“ކީއްކުރީހޭ؟ ކަލެއަށް ނޭނގޭތަ ޒައުލަކީ އަހަރެންގެ މީހެއްކަން؟ ކަލޭ ކީއްކުރަން އޭނާގެ ގާތުން އެއްޗެހި ހޯދަންވީ؟ ކީއްކުރަން އޭނާއާ މާ ގާތްވާންވީ؟” އައިރާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“ދައްތާ، ތިއީ ކޮން ކަހަލަ ވާހަކައެއް؟ ޒައުލްބޭއަކީ އަހަރެމެންގެ ބޭބެއެއް ކަހަލަ މީހެއް. އަހަރެންގެ ހިތުގައި އެކަހަލަ އެއްވެސް އެއްޗެއް ނެތް،” އަނޫ ދެރަވެފައި ބުންޏެވެ.

“އެކަހަލަ އެއްޗެއް ނެތިއްޔާ ދުރުގައި އުޅޭ. އޭނާއާ މާ ގާތްވާން ނޫޅޭ!” އައިރާމިހެން ބުނެފައި ބަދިގެއިން ނިކުމެގެން ދިޔައެވެ.

އަނޫއަށް ރޮވޭ ގޮތްވިއެވެ. އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. އޭނާގެ އަމިއްލަ ދައްތަ އޭނާއާ މެދު މިފަދަ ގޮތަކަށް ވިސްނަފާނެ ކަމަކަށެވެ. އައިރާގެ ލޯތްބަކީ ހަގީގަތުގައިވެސް އޭނާގެ ބުއްދި ގަޑުބަޑުކޮށްލާފައިވާ އެއްޗެކެވެ.

——–

ޖެހިގެން އައި ދުވަހު، ޒައުލް އޮފީހަށް ދާން ނިކުތް ވަގުތު އައިރާ އޭނާގެ ކުރިމައްޗަށް އެރިއެވެ.

“ޒައުލް، އަހަރެން ދައްކަން އުޅޭ ވާހަކަ އަޑުއަހާބަލަ،” އައިރާ މަޑުމައިތިރިކަމާއެކު ބުންޏެވެ.

“އައިރާ، އަހަރެން މިދަނީ ވަރަށް މުހިންމު މީޓިންގ އަކަށް. ފަހުން ވާހަކަ ދައްކާލަމާ؟” ޒައުލް ހުރީ އަވަސް އަރުވާލާފައެވެ.

“ނޫން، މިހާރު. ޒައުލް، ކީއްވެގެންތަ އަހަންނާ ދުރުން ތިއުޅެނީ؟ މަންމަމެން އެ ދައްކާ ކައިވެނީގެ ވާހަކައާ މެދު ޒައުލް ދެކެނީ ކިހިނެއް؟” އައިރާ ސީދާ ޒައުލްގެ ލޮލަށް ބަލާލަމުން އެހިއެވެ.

ޒައުލް ފުން ނޭވާއެއްލިއެވެ.

“އައިރާ، އަހަރެން ކަލެއަށް ވަރަށް އިހުތިރާމް ކުރަން. ކަލެއަކީ އަހަރެންގެ އެންމެ ގާތް އެކަކު. އެކަމަކު ކައިވެންޏަކީ ވަރަށް ބޮޑު ނިންމުމެއް. އަހަރެން ބޭނުމެއް ނޫން މަޖުބޫރުން އެއްވެސް ކަމެއް ކުރާކަށް. އަދި އަހަރެންގެ ހިތް އެކަމަށް ތައްޔާރެއް ނޫން.”

“އަހަރެން ދެކެ ލޯބިނުވަނީތަ؟” އައިރާގެ އަޑު ތުރުތުރުލައެވެ.

ޒައުލް އެއްޗެކޭ ނުބުނެ ސައިކަލަށް އަރައި ދުއްވާލިއެވެ. އައިރާ އެ ހުރި ފިޔަވަޅު މަތީގައި ގަނޑުވެފައި ހުއްޓެވެ. އޭނާގެ ހިތުގައި އުފެދުނު ރިހުން ރުޅިވެރިކަމަށް ބަދަލުވާން ފެށިއެވެ. އޭނާއަށް ގަބޫލުކުރެވުނީ ޒައުލް އޭނާ ދެކެ ލޯބިނުވަނީ އަނޫގެ ސަބަބުން ކަމަށެވެ.

——–

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، އައިރާގެ އަމަލުތައް ދިޔައީ ބަދަލުވަމުންނެވެ. އޭނާ އަބަދުވެސް އުޅެނީ ޒައުލް ކުރާ ކަންތައްތައް ބަލާށެވެ. ޒައުލް ފޯނުން ވާހަކަ ދައްކަނީ ކާކާ ތޯއާއި، ދަނީ ކޮންތާކަށްތޯ ބެލުމަކީ އައިރާގެ އާދައަކަށް ވިއެވެ.

އެއްދުވަހަކު، ޒައުލް އޮފީހުން އައިއިރު އަނޫ އިނީ ސިޓިންގ ރޫމުގައި ކުރަހާށެވެ.

“މިއީ ކޯޗެއް؟ ވަރަށް ރީތި،” ޒައުލް އަނޫގެ ކުރެހުމަށް ބަލާލަމުން ބުންޏެވެ.

“މިއީ އަހަރެންގެ ހިޔާލީ ދުނިޔެ. މިތަނުގައި އޮންނާނީ ހަމައެކަނި އުފާވެރިކަން،” އަނޫ ހިނިތުންވުމަކާއެކު ބުންޏެވެ.

ޒައުލް އަނޫގެ ކައިރީގައި އިށީނދެލިއެވެ. “އަނޫ، ކަލެއަކީ ވަރަށް ތަފާތު ކުއްޖެއް. ކަލޭގެ ހިޔާލުތައް ވަރަށް މުއްސަނދި.”

މި މަންޒަރު މަތިން ބަލަން ހުރި އައިރާގެ ދެލޯ ވަނީ ރުޅިން ރަތްވެފައެވެ. އޭނާގެ ދެއަތް މުށްކެވި، މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. ޒައުލްގެ މޫނުމަތިން ފެންނަ އެ ހިތްހަމަޖެހުމާއި، އަނޫގެ މައުސޫމު ހިނިތުންވުމަކީ އައިރާގެ ހިތަށް ހެރުނު ތޫނު ޚަންޖަރެއް ފަދަ އެއްޗެކެވެ.

“ކޮން ފަދަ މަންޒަރެއް!” އައިރާމަޑުމަޑުން އަމިއްލަ ނަފްސަށް ބުނެލިއެވެ. “އަހަރެން އޭނާއަށްޓަކައި މުޅި ދިރިއުޅުން ގުރުބާން ކުރަން ތައްޔާރަށް ހުރިއިރު، އޭނާ އެ އިނީ އަހަރެންގެ ކޮއްކޮއާއެކު ހީނ ސަމާސާ ކުރާން.”

އައިރާ ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ތިރިއަށް ފޭބިއެވެ. އޭނާ އައި ގޮތަށް އައިސް އަނޫ ކުރަހަން އިން ކަރުދާސްގަނޑު ޖަހައިގަތެވެ.

“ދައްތާ! ކިހިނެއް ތިހެދީ؟” އަނޫ ސިހިފައި ތެދުވިއެވެ.

“މިއީތަ ކަލޭ ކުރަން އިންނަ ކަމަކީ؟ ގޭގެ މަސައްކަތްތައް ހުރިގޮތަށް ހުއްޓާ، މީހުންނަށް ދައްކަންވެގެން ކުރެހުންތައް ކުރަހަނީ؟” އައިރާ އެ ކަރުދާސްގަނޑު ކުދިކުދިކޮށް ވީދާލިއެވެ.

އަނޫގެ ލޮލުން ކަރުނަ ފޭދުނެވެ. “ދައްތާ، އަހަރެން ހުރިހާ މަސައްކަތެއް ނިންމާފައޭ މިއިނީ. އަދި ޒައުލްބޭ…”

“ޒައުލްބޭ، ޒައުލްބޭ! ކަލޭގެ ދުލުން އޭނާގެ ނަން ކިޔުން ހުއްޓާލާ!” އައިރާ ހަޅޭއްލަވައިގަތެވެ.

ޒައުލް ކޮޅަށް ތެދުވިއެވެ. “އައިރާ! ކިހިނެއްވެގެން ތި އުޅެނީ؟ އަނޫ ކުރީ ކޮން ކުށެއް؟ އޭނާ ހަމައެކަނި ކުރެހުމެއް ދައްކާލީއެއްނު.”

“ޒައުލަށް ނޭނގޭނެ އޭނާގެ މަކަރުވެރިކަމެއް. އޭނާ އެ އުޅެނީ ޒައުލްގެ ސަމާލުކަން ހޯދަން. އޭނާއަށް އެނގޭ އަހަރެމެންގެ ކައިވެނީގެ ވާހަކަ ދެކެވޭކަން. އެހެންވެ އޭނާ އެ އުޅެނީ މީގެ ތެރެއަށް ވަންނަން،” އައިރާ ރޮމުން ބުންޏެވެ.

“އައިރާ، ތި ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަ. އަނޫއަކީ ކަލޭގެ އަމިއްލަ ކޮއްކޮ. އޭނާއާ މެދު ތިހާ ގޯސްކޮށް ނުވިސްނާ،” ޒައުލް މަޑުމައިތިރިކަމާއެކު ބުންޏެވެ. ނަމަވެސް އޭނާގެ އަޑުގައި ހުރީ އައިރާގެ މި އަމަލާމެދު ފޫހިވެފައިވާ އަސަރެކެވެ.

“ޒައުލް ވެސް ތި ހުންނަނީ އޭނާގެ ކޮޅަށް. ކީއްވެ؟ އޭނާ ރީތީވީމަ ދޯ؟ އޭނާ މައުސޫމުކަން ދައްކާތީ ދޯ؟” އައިރާގެ ކޮންޓްރޯލް މުޅިން ކެނޑުނެވެ.

މި އަޑުގަދަވުމާއެކު ފާތުމަ ބަދިގެއިން ނިކުމެގެން އައެވެ. “ކިހިނެއްވީ؟ ކޮން ހަޅޭކެއް މި ގޭތެރޭގަ މި އޮތީ؟”

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top