ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ދުނިޔޭގެ މީއޭ ޤާނޫނަކީ… ދެވަނަ ބައި

ޚަދީޖާ އިނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުރި ކެފޭއެއްގައެވެ. އޭނާގެ ހިތް ބާރަށް ތަޅެމުން ދިޔައެވެ. ދުރުން ރަޔާން ހިނގާފައި އަންނަތަން ފެނުނެވެ. ހަ އަހަރު ފަހުންވެސް އޭނާގެ ހިނގުމުގެ ވައްޓަފާޅިއަކަށް ބަދަލެއް ނާދެއެވެ.

“ހާއި ޚަދީ،” ރަޔާން ގާތަށް އައިސް އިށީނދެލިއެވެ.

“ހާއި ރަޔާން. ކޮންއިރަކު އައީ؟” ޚަދީޖާ އާދައިގެ ގޮތަކަށް އަހާލަން މަސައްކަތް ކުރިއެވެ.

“އިއްޔެ. ޚަދީ، އަހަރެން ވަރަށް ގިނަ ދުވަހު ވިސްނައިފިން. އަހަރެން ރާއްޖޭން ބޭރަށް ދިޔައީ އަހަރެމެންގެ ގުޅުމަށް އާއިލާއިން ހުރަސް އެޅީމަ. އެކަމަކު މިހާރު އަހަރެން މިއީ އަމިއްލަ ފައިމައްޗަށް ތެދުވެފައި ހުރި މީހެއް. އަހަރެން ބޭނުންވަނީ އަލުން ފަށަން،” ރަޔާން ސީދާ ޚަދީޖާގެ ލޮލަށް ބަލާލަމުން ބުންޏެވެ.

ޚަދީޖާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. “ރަޔާން، އަހަރެން ވަރަށް ބަދަލުވެއްޖެ. ކުރީގެ އެ މައުސޫމް ޚަދީޖާއެއް މިހާރަކު ނެތް. އަހަރެން މިހާރު ދަސްކޮށްފިން އެކަނި އުޅެން. އަދި އަހަރެންގެ ހިތް ހަލާކުކޮށްލި މީހަކަށް އަލުން އިތުބާރު ކުރުމަކީ ފަސޭހަ ކަމެއް ނޫން.”

“އަހަރެން ވަގުތު ދޭނަން. އަހަރެން ބޭނުމީ ހަމައެކަނި ފުރުސަތެއް،” ރަޔާން އާދޭހުގެ ރާގަކަށް ބުންޏެވެ.

ޚަދީޖާ އެއްޗެކޭ ނުބުނެ ކަނޑާ ދިމާލަށް ބަލަން އިނެވެ. އޭނާގެ ހިތުގެ އެއްފަރާތުން ރަޔާންއަށް މާފުކުރަން ބޭނުންވާއިރު، އަނެއް ފަރާތުން ބިރުގަންނަނީ އަނެއްކާވެސް ހިތްދަތިކަމެއް ލިބިދާނެތީއެވެ.

—–

ހަފްތާއެއް ފަހުން ހަތަރު އެކުވެރިން އަނެއްކާވެސް ބައްދަލުވިއެވެ. މިފަހަރު ބައްދަލުވީ ޝިފާގެ ގޭގައެވެ. ޝިފާ ވަނީ މީރު ކާތަކެތި ތައްޔާރުކޮށްފައެވެ.

“އޭނ، އާމީ ވަޒީފާއަށް ނުކުންނަނީއޭ؟ ތިއީ ބޮޑު ޚަބަރެއްނު!” ލައިލާ އުފަލުން ބުންޏެވެ.

“އާނ، އިމްތީ އަދިވެސް ހުރީ މޫނު ހަދައިގެން. އެކަމަކު އަހަރެން ފަހަތަކަށް ނުޖެހޭނަން،” އާމިނަތު ފަޚުރުވެރިކަމާއެކު ބުންޏެވެ.

“އަހަރެން މިއުޅެނީ އަންނަ ހަފްތާގައި ބެންކޮކަށް ދާން. ފައިސަލް މިހާރު ޓިކެޓްވެސް ނަގައިފި،” ލައިލާ ބުންޏެވެ. އެންމެން އޭނާއަށް ހެޔޮދުއާ ކުރިއެވެ.

“ދެން ޚަދީޖާ؟ ކޮބާ ރަޔާންގެ ޚަބަރު؟” ޝިފާ ސުވާލުކޮށްލިއެވެ.

ޚަދީޖާ ކުޑަކޮށް ރަތްވިއެވެ. “އޭނާ އުޅެނީ އަލުން ފަށަން. އަހަރެން އަދި ގޮތެއް ނުނިންމަން. އެކަމަކު… އޭނާއާއެކު ވަގުތު ހޭދަކުރާއިރު ކުރީގެ އުފާވެރިކަން އިހުސާސްވޭ.”

“ޝިފާގެ ކަންތައް ކިހިނެއް؟ އަދުނާންއާ މެދު ކިހިނެއް ދެކެނީ؟” އާމިނަތު އެއްލޯ މަރާލަމުން އަހާލިއެވެ.

“އަދުނާނަކީ ވަރަށް ރަނގަޅު މީހެއްކަން މިހާރު އެނގިއްޖެ. އެކަމަކު އަހަރެންގެ އިސްކަމަކީ ޒަޔާން. އަމިއްލަ ދިރިއުޅުމަކަށް ޖާގައެއް އޮތް ކަމަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ،” ޝިފާ ތެދުވެގެން ގޮސް ޒަޔާން ނިދާފައި އޮތްތޯ ބަލާލިއެވެ.

އެރޭ އެ ހަތަރު އެކުވެރިންނަށް އިހުސާސް ކުރެވުނީ އެކަކު އަނެކަކުގެ އެހީތެރިކަމާއެކު، އުފާވެރިކަމަށް ދާނެ މަގު ކުރުވަމުންދާ ކަމެވެ. ކޮންމެ މީހެއްގެ ކުރިމަތީގައިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކުގައި ތިބިއްޖެނަމަ އެ ކަންކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އެންމެންގެ ހިތުގައިވެސް އޮތެވެ.

—-

ލައިލާ އާއި ފައިސަލް ބެންކޮކްގެ މަޝްހޫރު ފާޓިލިޓީ ކްލިނިކެއްގެ ކިއޫގައި ތިބިއިރު، ދެމީހުންގެ ހިތުގައިވެސް ވަނީ ނުތަނަވަސްކަމެވެ. މިއީ އެމީހުންގެ ހަތަރުވަނަ އައި.ވީ.އެފް އެވެ. ކޮންމެ ފަހަރަކު ކުރާ އުންމީދާއި، ލިބޭ މާޔޫސްކަން މިފަހަރު ތަހައްމަލު ކުރެވޭނެ ބާވައޭ ލައިލާގެ ހިތަށް އަރަމުން ދިޔައެވެ.

“ލައި، މާ ބޮޑަށް ނުވިސްނާބަލަ. މިފަހަރު އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ،” ފައިސަލް ލައިލާގެ އަތުގައި ފިތާލަމުން ބުންޏެވެ.

ޑޮކްޓަރާ ބައްދަލުވުމަށްފަހު، އެތައް ޓެސްޓުތަކެއް ހެދުނެވެ. ލައިލާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ހޯރމޯން އިންޖެކްޝަންތަކުގެ ސަބަބުން އޭނާގެ މިޒާޖަށް ބަދަލު އައިސް، އަވަހަށް ރުޅިއައިސް ދެރަވާ ގޮތް ވާން ފެށިއެވެ. ނަމަވެސް ފައިސަލް ހުރީ ވަރުގަދަ ފަރުބަދައެއް ފަދައިން ލައިލާގެ ފަހަތުގައެވެ.

އެއްރެއަކު ހޮޓަލުގައި ތިއްބާ ލައިލާ ރޯން ފެށިއެވެ. “ފައިސަލް، އަހަރެން ވަރަށް ބިރުގަނޭ. މިފަހަރުވެސް ނުވެއްޖެއްޔާ އަހަރެން ކިހިނެއް ހަދާނީ؟ އަހަރެންގެ އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ވަރުން ހިތް ފަޅައިގެންދާ ވަރުވޭ.”

“ލައި، އަޑުއަހާބަ. ދަރިއަކު ލިބުމަކީ އަހަރެމެންގެ އަތްމަތީގައި އޮތް ކަމެއް ނޫން. އަހަރެމެންނަށް އޮތީ މަސައްކަތް ކުރުން. ދަރިއަކު ނުލިބުނަސް އަހަރެން ލައިއާއެކު މުޅި އުމުރު އުޅޭނަން. އަހަރެން ބޭނުމީ ލައި، ދަރިއެއް ނޫން،” ފައިސަލްގެ އެ ޖުމްލަތަކުން ލައިލާގެ ހިތަށް ބޮޑު ތަސައްލީއެއް ލިބުނެވެ. އުފާވެރިކަމަކީ ހަމައެކަނި ދަރިއަކު ހުރުން ނޫންކަމާއި، ވަފާތެރި ބައިވެރިޔަކު ހުރުމަކީވެސް ބޮޑު ނިޢުމަތެއްކަން އޭނާއަށް އިހުސާސްވިއެވެ.

—–

މާލޭގައި އާމިނަތު އޭނާގެ ފުރަތަމަ ވަޒީފާގެ ދުވަސްތައް ގުނަމުން ދިޔައެވެ. އޭނާ މަސައްކަތް ކުރަނީ ބައްޕަގެ ކުންފުނީގެ މާކެޓިންގ ޑިޕާޓްމަންޓުގައެވެ. އޭނާގެ އާ ހިޔާލުތަކާއި ހީވާގީކަމުގެ ސަބަބުން ކުންފުންޏަށް އާ ދިރުމެއް އަންނަން ފެށިއެވެ.

ނަމަވެސް ގޭތެރޭގެ ހާލަތު އޮތީ ގޯސްކޮށެވެ. އިމްތިޔާޒް އާމިނަތާ ވާހަކައެއް ނުދައްކައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އާމިނަތު ވަޒީފާއަށް ދިއުމަކީ އޭނާގެ ފިރިހެންވަންތަކަމަށް ލިބުނު ހުތުރެކެވެ.

“އާމީ، މިރޭ މަށާއެކު ބިޒްނަސް ޑިނަރ އަކަށް ދާން ޖެހޭނެ،” އެއްދުވަހަކު ހެނދުނު ސައިބޯން އިނދެފައި އިމްތިޔާޒް ބުންޏެވެ.

“އިމްތީ، މިރޭ އަހަރެންގެ އޮފީހުގެ ވަރަށް މުހިންމު އިވެންޓެއް އެބައޮތް. އަހަރެން އެތަން އިންތިޒާމު ކުރީ،” އާމިނަތު މަޑުމައިތިރިކަމާއެކު ބުންޏެވެ.

އިމްތިޔާޒް ސައިތަށި މޭޒުމަތީގައި ބާރަށް ބެހެއްޓިއެވެ. “ތިޔައީއޭ މައްސަލައަކީ! މިހާރު އާމީއަށް އަމިއްލަ ވަޒީފާ މާ މުހިންމުވެއްޖެ ފިރިމީހާއަށްވުރެ. އަހަރެންގެ ބޭނުންތަކަށްވުރެ އަމިއްލަ އެދުން ބޮޑުވެއްޖެ.”

“އެއީ އަމިއްލަ އެދުމެއް ނޫން އިމްތީ. އެއީ ޒިންމާދާރުވުން. އިމްތީވެސް ތި އުޅެނީ ވަޒީފާގައެއްނު؟ އަހަރެން ދުވަހަކުވެސް ބުނިންތަ ވަޒީފާ ދޫކޮށްލާފައި އަހަރެން ގާތު ގޭގައި އިންނާށޭ؟” އާމިނަތު ސުވާލުކުރިއެވެ.

އިމްތިޔާޒް ޖަވާބެއް ނުދީ ގެއިން ނުކުމެގެން ދިޔައެވެ. އާމިނަތަށް އިހުސާސްވީ އޭނާގެ ކައިވެނީގެ ބިންގާ ތަޅުންގަނޑާ ހަމައަށް ގުޑަމުންދާ ކަމެވެ. ނަމަވެސް އޭނާ އަލުން އެ “ރަން ކޮށްޓަށް” ވަންނާކަށް ބޭނުމެއް ނުވިއެވެ.

——-

ޝިފާ އާއި އަދުނާން އެކުގައި މަސައްކަތްކުރާ ވަގުތުތައް ގިނަވަމުން ދިޔައެވެ. އާ ޕްރޮޖެކްޓެއްގެ މަސައްކަތުގައި ދެމީހުން ރޭގަނޑު ދިހައެއް ޖަހަންދެން އޮފީހުގައި ތިބެން ޖެހުނެވެ.

“ޝިފާ، ކޮފީއެއް ބޯލަމާ؟” އަދުނާން އަހާލިއެވެ.

ދެމީހުން އޮފީހުގެ ބެލްކަނީގައި ތިބިއިރު، މާލޭގެ ހަލަބޮލިކަން ކުޑަކޮށް މަޑުޖެހިފައި އޮތެވެ.

“ޝިފާ، އަހަރެން ބައެއް ފަހަރު ހިތަށް އަރާ އަހަރެމެން މިހާ ބުރަކޮށް މި މަސައްކަތް ކުރަނީ ކޮން އުފަލެއް ހޯދަން ބާވައޭ؟” އަދުނާން ފުން ވިސްނުމެއްގައި އިނދެ ބުންޏެވެ. “އަހަރެންގެ އަތުގައި ފައިސާ އެބަހުރި، މަގާމު އެބައޮތް. އެކަމަކު ރޭގަނޑު ގެއަށް ދާއިރު އަހަރެން ބަލާލާނެ މީހަކު ނުހުރޭ.”

ޝިފާ އަދުނާނަށް ބަލާލިއެވެ. އޭނާގެ ލޮލުން ފެންނަނީ ފުން އެކަނިވެރިކަމެކެވެ. “އަހަރެންވެސް ތިހެން ހިތަށް އަރާ. އެކަމަކު އަހަރެންގެ ޒަޔާން ހުރީމަ އެ ފަޅުކަން ކުޑަކޮށް ފިލާ. އެކަމަކު ބައެއް ފަހަރު އަންހެނެއްގެ ގޮތުގައި، އަހަރެންވެސް ބޭނުންވޭ ހިތުގެ ޝަކުވާތައް އަޑުއަހާނެ، އަޅާލާނެ ބައިވެރިއެއް.”

އަދުނާން ޝިފާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. “ޝިފާ… އަހަރެން…”

އެވަގުތު ޝިފާގެ ފޯނު ރިންގުވިއެވެ. އެއީ ޝިފާގެ ކުރީގެ ފިރިމީހާ ފަރުހާދެވެ. ޝިފާ ސިހިފައި އަތް ދަމައިގަތެވެ.

“ޝިފާ، އަހަރެން ޒަޔާންއާ ބައްދަލުކުރަން ބޭނުން. މާދަމާ ހަވީރު އަހަރެން ދާނަން،” ފަރުހާދުގެ އަޑު އިވުނެވެ. އޭނާ މިއީ ދުވަހަކުވެސް ޒަޔާންގެ ހާލު ބަލާލި މީހެއް ނޫނެވެ. ކުއްލިއަކަށް އޭނާ އައުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟

——

ޚަދީޖާ އާއި ރަޔާން ދިޔައީ ގަވާއިދުން ބައްދަލުކުރަމުންނެވެ. ރަޔާން މަސައްކަތް ކުރަމުން ދިޔައީ ޚަދީޖާގެ އިތުބާރު އަލުން ހޯދުމަށެވެ. އޭނާ ޚަދީޖާއަށް ކޮންމެ ދުވަހަކު މާ ފޮނުވައި، އޭނާގެ މަސައްކަތުގައި އެހީތެރިވެދެއެވެ.

އެއްދުވަހަކު ޚަދީޖާގެ އޮފީހަށް ވަދެގެން އައީ ރަޔާންގެ މަންމައެވެ. މިއީ މީގެ އަހަރުތަކެއް ކުރިން ޚަދީޖާ އާއި ރަޔާންގެ ގުޅުމަށް އެންމެ ބޮޑަށް ދެކޮޅު ހެދި މީހާއެވެ.

“ޚަދީޖާ، އަހަރެން މިއައީ މާފަށް އެދެން،” ރަޔާންގެ މަންމަގެ ލޮލުން ކަރުނަ ފާޅުވާން ހުއްޓެވެ. “އަހަރެން ހީކުރީ އަހަރެންގެ ދަރިފުޅަށް އެންމެ ރަނގަޅު ގޮތަކީ އަހަރެންގެ އާއިލާގެ ގޮތްގަނޑަށް ފެތޭ ކުއްޖަކާ ކައިވެނި ކުރުމޭ. އެކަމަކު މި ހުރިހާ އަހަރަކު ރަޔާން އުޅުނު ހާލު ފެނުމުން އަހަންނަށް އެނގިއްޖެ އަހަންނަށް ހެދުނީ ބޮޑު ގޯހެއްކަން.”

ޚަދީޖާ ހައިރާންވިއެވެ. އޭނާ ހީކުރީ ރަޔާންގެ މަންމަ އައީ އަނެއްކާވެސް އޭނާއަށް އެއްޗެހި ކިޔަން ކަމަށެވެ.

“ރަޔާންގެ ހިތުގައި ހަމައެކަނި އޮތީ ޚަދީޖާގެ ނަން. އޭނާއަށް ދެވަނަ ފުރުސަތެއް ދީ. އަހަރެން މިފަހަރު ތިޔަ ދެކުދިންގެ އުފަލަކަށް ހުރަހެއް ނާޅާނަން،” ރަޔާންގެ މަންމަ ޚަދީޖާގެ އަތުގައި ހިފާލަމުން ބުންޏެވެ.

މި ބައްދަލުވުމަށްފަހު ޚަދީޖާގެ ހިތުގައި އޮތް ބިރުވެރިކަން ފިލަން ފެށިއެވެ. އޭނާ ރަޔާންއަށް ގުޅާފައި އެރޭ ބައްދަލުކުރަން ބުންޏެވެ. “ރަޔާން، އަހަރެން ތައްޔާރު އަލުން ފަށަން. އެކަމަކު މިފަހަރު އެއްވެސް ސިއްރެއް ނޯވެ، ތެދުވެރިކަމާއެކު.”

——

ޝިފާގެ ގެއަށް ފަރުހާދު އައެވެ. ޒަޔާން ހުރީ އޭނާގެ ބައްޕަ ފެނުމުން ބިރުންނެވެ. ފަރުހާދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، ޝިފާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި މީހެކެވެ.

“ޝިފާ، އަހަރެން މިހާރު ރިހެބުން ނިމިގެން މިއައީ. އަހަރެން ބޭނުންވަނީ އަލުން އާއިލާއާ ގުޅެން،” ފަރުހާދު ބުންޏެވެ.

“ފަރުހާދު، ތިޔައީ ކިތައްވަނަ ފަހަރު ބުނާ ވާހަކައެއް؟ އަހަރެން މިހާރު ފަރުހާދަށް އިތުބާރެއް ނުކުރަން. އަދި ޒަޔާންއަށްވެސް ފަރުހާދަކީ ކާކުކަމެއް ނޭނގޭ،” ޝިފާ ހިތްވަރުލާފައި ބުންޏެވެ.

“އަހަރެން ކޯޓަށް ދާނަން! ޒަޔާންގެ ބައްޕައަކީ އަހަރެން. މަށަށް ހައްގުތަކެއް އޮންނާނެ،” ފަރުހާދު ހަޅޭއްލަވަން ފެށިއެވެ.

ޝިފާ ބިރުން ގޮސް ފޯނު ނަގާފައި ގުޅީ އަދުނާނަށެވެ. “އަދުނާން… އޭނާ މިތަނަށް އަތުވެއްޖެ. އަހަރެން ވަރަށް ބިރުގަނޭ.”

ވިހި މިނެޓް ތެރޭގައި އަދުނާން ޝިފާގެ ގޭ ދޮށަށް އައެވެ. އޭނާއާއެކު ފުލުހުންގެ ދެ އޮފިސަރުންވެސް ތިއްބެވެ. ފަރުހާދު ފުލުހުން ފެނުމާއެކު ފިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ ހިފެހެއްޓުނެވެ.

އަދުނާން ޝިފާގެ ކޮނޑުގައި ހިފާލިއެވެ. “ހާސްނުވޭ ޝިފާ. އަހަރެން މިހުރީނު. ދެން އޭނާއަކަށް ޝިފާއަށް އުނދަގުލެއް ނުކުރެވޭނެ.”

ޝިފާ އަދުނާންގެ މޭގައި ބޯޖައްސާލާފައި ރޯން ފެށިއެވެ. އެވަގުތު އޭނާއަށް އިހުސާސްވީ އޭނާގެ ހަޔާތަށް ބޭނުންވަނީ މިފަދަ ރައްކާތެރިކަމެއް ކަމެވެ.

——

ބެންކޮކުން ލައިލާ އާއި ފައިސަލް އެނބުރި އައީ ވަރަށް އުންމީދާއެކުގައެވެ. ދެ ހަފްތާ ފަހުން ޓެސްޓް ހެދި ދުވަހު، ލައިލާ ފާޚާނާއިން ނުކުތީ ރޮމުންނެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top