މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ވަން ޕީސްގެ ފޭނުންނާއި ޚާއްސަކޮށް ދިވެހި ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް އުފާވެރި ޚަބަރެކެވެ. ދިވެހިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް އެނިމޭޝަން އަދި މަންގާ ސީރީޒް ކަމަށްވާ “ވަން ޕީސް” ގެ ލައިވް އެކްޝަން ސީރީޒްގެ ދެވަނަ ސީޒަން މާދަމާ (10 މާރިޗު 2026) ގައި ރިލީޒްކުރުމަށް ނެޓްފްލިކްސް އިން ވަނީ ނިންމާފައެވެ.
“ވަން ޕީސް” ގެ ފުރަތަމަ ސީޒަން 2023 ވަނަ އަހަރު ނެޓްފްލިކްސްގައި ރިލީޒްކުރުމާއެކު ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މަންގާ އާއި އެނިމޭޝަން ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން މި ސީރީޒް ބަލައިގަތީ ވަރަށް ފުރިހަމަ މަސައްކަތެއްގެ ގޮތުގައެވެ. އެ ފޯރިއާއެކު ދެވަނަ ސީޒަނަށް ކުރެވެމުންދިޔަ އިންތިޒާރު މާދަމާ ނިމުމަކަށް އަންނާނެއެވެ.
ނެޓްފްލިސް އިން ހާމަކޮށްފައިވާ ގޮތުގައި “ވަން ޕީސް”ގެ ދެވަނަ ސީޒަން 10 މާރިޗުގައި ރިޅިޒްކުރި ނަމަވެސް ދުނިޔޭގެ އެކި ޤައުމުތަކުގެ ގަޑިތަކަށް އަންނަ ބަދަލާއެކު، ސީރީޒް ފެންނަ ގަޑި ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
ޖުމްލަ 8 އެޕިސޯޑް ހިމެނޭ “ވަން ޕީސް” ގެ ދެވަނަ ސީޒަންގެ އެޕިސޯޑުތަކަކީ:
#1 ދަ ބިގިނިން އޮފް ދި އެންޑް
#2 ގުޑް ވެއިލް ހަންޓިން
#3 ވިސްޖީ ބިޒްނަސް
#4 ބިފް ޓްރަބަލް އިން ލިޓިލް ގާރޑެން
#5 ވެކްސް އޮން، ވެކްސް އޮފް
#6 ނަމީ ޑީރެސްޓް
#7 ރެއިންޑަރ ޝެމޭޝް
#8 ޑީރް އެންޑް ލޯޓިން އިން ޑްރަމް ކިންޑޮމް
މިއިން ކޮންމެ އެޕިސޯޑަކުންވެސް ފެނިގެންދާނީ ތަފާތު ކަންތައްތަކެއްކަން “ވަން ޕީސް” ގެ ޕްރޮޑިއުސަރު ވަނީ ކަށަވަރު ކޮށްދީފައެވެ.
މި ސީޒަނަކީ ކުރީގެ ސީޒަނަށްވުރެ ފޯރިގަދަ އަދި އާ ކެރެކްޓާތަކެއް ފެނިގެންދާނެ ސީޒަނެއް ކަމަށް ބެލެވެއެވެ. “ވަން ޕީސް”ގެ ދިވެހި ފޭނުން ތިބީ މާދަމާގެ މި ބޮޑު ރިލީޒަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
