ދީނީ ސުވާލެއް އޮތީތަ؟
މަޢުލޫމާތު
ދުޢާކުރުމުގައި އުޚުރަވީ ކަންކަމަށް އެދި ދުޢާކުރުމަށް އިސްކަންދޭތި! – ޑރ. އޮމަރު ސުލައިމާން

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެހެން ބޭނުންތެރި ކަންކަމަށް އެދި ﷲ سبحانه وتعالى އަށް ދުޢާކުރާށެވެ. އަޅުގަނޑު މިތަނުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ވާހަކައެއް ދަންނަވާލާނަމެވެ. މުދަލާއި ފައިސާއަށް އެދި ﷲ އަށް ދުޢާކުރާށެވެ، ނަމަވެސް ފައިސާއާ ނުލައިވެސް ތިޔަބައިމީހުންނަށް ދިރިއުޅެވިދާނެއެވެ. ޞިއްޙަތަށް އެދި ދުޢާކުރާށެވެ، ނަމަވެސް ޞިއްޙަތާ ނުލައިވެސް އިންސާނަކަށް ދުނިޔޭގައި ހުރެވިދާނެއެވެ. ދުނިޔަވީ މިފަދަ ހުރިހާ ކަމަކަށް އެދި ދުޢާކުރި ނަމަވެސް، ޙަޤީޤީ މާނައިގައި މިއީ އިންސާނާގެ ދެމިއޮތުމަށް ކޮންމެހެން މަޖުބޫރު ކަންކަމެއް ނޫނެވެ.

އެހެންކަމުން، ރަސޫލާ ﷺ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަނީ، އެ އެއްޗަކާ ނުލައި އަޅުގަނޑުމެންނަށް ދެމިނުތިބެވޭނެ ކަންކަމަށް އިސްކަންދިނުމަށެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެއީ މި ދިރިއުޅުމުގެ މަޤްޞަދު ފުރިހަމަވުމަށްފަހު ދެން އޮތް އެންމެ މުހިންމު ކަންތައްތަކެވެ. އެއީ ސުވަރުގެއަށް ވަނުމާއި، ނަރަކައިގެ ޢަޒާބުން ސަލާމަތްވުމެވެ.

ދުޢާކުރަން ފަށާއިރު މިކަމުން ފަށާށެވެ. ﷲ ގެ ހަޟްރަތުން ސުވަރުގެއަށް އެދޭށެވެ. އަދި ސުވަރުގެއަށް އެދޭއިރު، ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައަށް އެދި ދުޢާކުރާށެވެ. ތިމާ ކުރި ފާފަތަކަށް އިޢުތިރާފުވެ، މަޑުމޮޅިކަމާއެކު ހުރި ނަމަވެސް، އެންމެ މަތިވެރި އިލާހުގެ ހަޟްރަތުގައި ފާފައަށް އިޢުތިރާފުވުމުން، އެ ފާފަތައް ފިލައިގެންދެއެވެ. އެހެންކަމުން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ކަމުގައިވާ ‘ފިރްދައުސުލް އަޢުލާ’ އަށް އެދި ދުޢާކުރާށެވެ. ސުވަރުގޭގައި ރަސޫލާ ﷺ ގެ އެކުވެރިއެއްގެ ގޮތުގައި ވުމަށް އެދި ގިނަގިނައިން ދުޢާކުރާށެވެ.

ހަމައެއާއެކު، ތިމާ ލޯބިވާ އެހެން މީހުންނަށްޓަކައިވެސް ސުވަރުގެއަށް އެދި ދުޢާކުރާށެވެ. އެބައިމީހުންނަށް ‘ޢިއްލިއްޔީން’ ގެ މަތިވެރި ދަރަޖަ ދެއްވުމަށާއި، ތިމާގެ ޢާއިލާ ސުވަރުގޭގައި ތިމާއާއެކު ލެހެއްޓެވުމަށް އެދި ދުޢާކުރާށެވެ. ދުނިޔަވީ ރިޒްޤަށް އެދުމުގެ ކުރިން، ސުވަރުގެ ހޯދުމަކީ ތިމާގެ ދުޢާގެ މައިގަނޑު އަމާޒުކަމުގައި ހަދާށެވެ.

ދެން އޮތީ ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރުމެވެ. ނަފްސު ތަޒްކިޔާކުރުމުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ސުވަރުގެއަށް އެދި ދުޢާކުރާއިރު، ސުވަރުގެވަންތަވެރިންގެ ސިފަތައް ތިމާގެ ކިބައިގައި އަށަގެންނެވުމަށާއި، އެބައިމީހުން ކުރާ ފަދަ ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ދެއްވުމަށް އެދި ދުޢާކުރުމަކީ ދުޢާ އިޖާބަވުމަށް އޮތް މަގެކެވެ. ހަމައެފަދައިން ނަރަކައިން ސަލާމަތްވުމަށް އެދޭއިރު، ނަރަކައަށް މަގުފަހިވާ ސިފަތަކުން ދުރުކޮށްދެއްވުމަށް އެދި ދުޢާކުރާށެވެ. ދެއްކުންތެރިކަމާއި، މުނާފިޤުކަމާއި، ދޮގުހެދުމާއި، މަކަރުހެދުމާއި، ބޮޑާކަމާއި، ނުބައި އެދުންތަކުން ސަލާމަތްކޮށްދެއްވުމަށް އެދޭށެވެ.

އަދި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ދުނިޔޭގައި އުފުލަމުންދާ ތަދުތަކާއި ތަކުލީފުތަކަކީ އެބައިމީހުންގެ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ލައްވައި، އާޚިރަތް ދުވަހު އެފަދަ އެއްވެސް ތަކުލީފެއް އެބައިމީހުންނަށް ނުދެއްވުމަށް އެދި ﷲ سبحانه وتعالى އަށް ދުޢާކުރާށެވެ.

@omarsuleimanclipss Prioritize Your Duas Ask Allah for Paradise and Protection from the Fire #omarsuleiman #ramadan #islamic_video #islamicreminders ♬ original sound – আবদুল্লাহ্ আল মাহাদি

ނޯޓް
މިއީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އޮމަރް ސުލައިމާންގެ "އޮމަރް ސުލައިމާން ކްލިޕްސް" އިން ނަގާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top