މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގައި ވިލިމާލެ ކުޅުނު ފަހު މެޗުން ވެސް ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ. ކުރިން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ ވިލިމާލެ ޔުނައިޓެޑް މިއަދު ބައްދަލުކުރީ ދަ ގުރާންޑޭއާއެވެ.
މިއަދު ހަވީރު ގުރާންޑޭ އާއި ވިލިމާލެ ބައްދަލުކުރި މެޗުން ވިލިމާލެ މޮޅުވީ 5-2 އިންނެވެ.
މެޗްގެ ފުރަތަމަ ލަނޑު ވިލިމާލޭ ޔުނައިޓެޑުން ޖެހީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓްގައި ހަސަން ސަލާހްއެވެ. ކީޕަރު ކައިރިން ނައްޓާލުމަށްފަހު ސަލާހަށް، އަހްމަދު ރިލްވާނު ޖައްސާލި ބޯޅަ ސަލާހް ފޮނުވާލީ މުޅިން ހުސްކޮށް އޮތް ގޯލްގެ ތެރެއަށެވެ.
ލަނޑު ޖަހާނޭ ފުރުސަތު މަދުމަދުން ނަމަވެސް ގުރާންޑޭއަށް ވެސް ލިބުނު މި މެޗްގައި ދެން ވެސް ފެނުނީ ވިލިމާލޭ ޔުނައިޓެޑްގެ ލަނޑެކެވެ. ވިލިމާލޭ ޔުނައިޓެޑުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ފަހުކޮޅު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އަހްމަދު އުސާމްއެވެ.
ދެވަނަ ހާފުގައި ވެސް ވިލިމާލެ ޔުނައިޓެޑް ފެނުނީ ތަފާތުކޮށެވެ. ފުރުސަތުތައް ތަނަވަސް ކުރަމުންދިޔަ ވިލިމާލެ ޔުނައިޓެޑްގެ ތިންވަނަ ލަނޑު 46 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ހަސަން ސަލާހްއެވެ. ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން އުސާމްއެވެ. އުސާމް މި ލަނޑު ޖެހީ 50 ވަނަ މިނިޓްގައެވެ.
ވިލިމާލޭ ޔުނައިޓެޑް 4 ވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ، ގުރާންޑޭއިން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. 52 ވަނަ މިނެޓްގައި ވިލިމާލޭ ޔުނައިޓެޑަށް މި ލަނޑު ޖަހައިދިނީ ހަސަން ޝަރީފްއެވެ.
54 ވަނަ މިނެޓްގައި ގުރޭންޑޭއިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޝުއައިބު ޒާހިރުއެވެ.

މެޗު ނިމުމުގެ ކުރިން ވިލިމާލޭ ޔުނައިޓެޑުން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ ހަސަން ސަލާހް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ލަނޑަކީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ، ފަހަތުން އައި ސަލާހަށް ރިލްވާނު ޖައްސާލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން ސަލާހް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިއަދުގެ މެޗާއިއެކު މި ގުރޫޕްގެ މެޗްތައް ނިމުނީއެވެ. މި ގުރޫޕްގެ އެއްވަނަ ވިލިމާލޭ ޔުނައިޓެޑުން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއިއެކުއެވެ. ދެވަނަ ހޯދި ނިއުރޭޑިއަންޓަށް ލިބުނީ 7 ޕޮއިންޓެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މި މެޗްގައި ބައްދަލުކުރާނީ ހުއްރިއްޔާ ސްޕޯރޓްސް ކުލަބާއި ބުރު ސްޕޯރޓްސްއެވެ.
