ކުރީ ޒަމާނުގައި ކަރުހިއްކައިގަތުމުން ކުރާނެ ކަމަކީ ވަރަށް އާދައިގެ ކަމެކެވެ. ތަށްޓެއް ނަގައި، އޭގެ ފުލަށް ފެން އަޅައި، ބޯލުމަށްފަހު އެހެން ކަންކަމާއިގެން ކުރިއަށްދަނީއެވެ. އެއީ ވަރަށް އާދައިގެ ކަމެކެވެ. އެކަމަށްޓަކައި އެއްވެސް އިތުރު އެއްޗެއް ނުވަތަ އެކްސެސަރީއެއް ބޭނުމެއް ނުވެއެވެ.
ނަމަވެސް މިއަދު؟ “ހައިޑްރޭޝަން” ނުވަތަ ފެންބުއިމަކީ ވަކި ހާއްސަ ކަމަކަަށް ވަނީ ބަދަލުވެފައެވެ.
އޮފީސްތަކާއި، ކްލާސްރޫމްތަކާއި، ޖިމްތަކާއި، އެއާޕޯޓްތަކާއި ނުވަތަ ކެފޭތަކަށް ވަދެލިޔަސް ފެންނާނީ މި މަންޒަރެވެ. އޮމާން މެޓަލް ފުޅިތަކާއި، ކުލަކުލައިގެ ޓަމްބްލަރުތަކާއި، ފެންބޯންވީ ވަގުތު އަންގައިދޭ މޯޓިވޭޝަނަލް ފުޅިތަކާއި، އެއް ލީޓަރުގެ ބޮޑެތި ފުޅިތަކާއި، ޑިޒައިނާ ކުދި ފުޅިތައް ކޮންމެ ތަނަކުންވެސް ފެންނާނެއެވެ. ބުރަކަށީގައި އަޅުވާ ދަބަސްތަކުގައި އެލުވާފައި، އަތްދަބަސްތަކުގައި ހަރުކޮށްފައި، ނުވަތަ މޭޒުމަތީގައި ވަރަށް ފަހުރުވެރިކަމާއެކު ބަހައްޓާފައި ހުންނަ މި ފުޅިތަކަކީ މިހާރު އޭގެ ވެރިމީހާއާ ވަކިނުވާ ވަފާތެރި އެކުވެރިންނެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ފެންބޯ ފުޅިއަކީ ހަމައެކަނި ފެން އަޅާ އެއްޗެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަވަންތަކަން ނުވަތަ އައިޑެންޓިޓީ ރަމްޒުކޮށްދޭ އެއްޗެކެވެ.
މިހާރު ގިނަ ގޭގޭގައި “ފެންބޯ ފުޅީގެ ކަލެކްޝަން” އެއް އޮވެއެވެ. އޮފީހަށް ގެންދާނެ ދިގު ފުޅިތަކާއި، ކޮފީ ހޫނުކޮށް ބެހެއްޓުމަށް ބޭނުންކުރާ އިންސިއުލޭޓެޑް ފުޅިތަކާއި، ޖިމަށް ގެންދާނެ ކުޅިވަރު ފުޅިތަކާއި، ފޮޓޯ ނެގުމަށް ރީތި ފުޅިތަކާއި، ގިނައިން ފެންބޯން ބޭނުންވާތީ ގެންގުޅޭ ބޮޑެތި ފުޅިތަކެވެ. މީގެ އިތުރުން، އެއްވެސް އެއްޗަކާ ނުގުޅޭ ކޮންމެވެސް ތަނަކުން އިތުރުވެފައިވާ މަތިތައްވެސް ހުރެއެވެ. ކަބަޑުގެ ކޮންމެވެސް ކަނެއްގައި، މި ހުރިހާ ކަމެއް ހިމޭންކަމާއެކު ބަލަން އޮންނަނީ އެކަކުވެސް ހަނދާންނެތް ބިއްލޫރި ތަށްޓެވެ.
މިހާރު އާދައިގެ ބިއްލޫރި ތަށްޓަކުން މީހަކު ފެންބޯ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ.
މި ފެންބޯ އާދަޔަކީ ސިއްހީ ގޮތުން ރަނގަޅު ކަމެއް ނަމަވެސް — ސަބަބަކީ ގިނައިން ފެންބުއިމަކީ ހަށިގަނޑަށް ފައިދާހުރި ކަމަކަށްވާތީ — ގިނަ ބަޔަކަށް ފާހަގަނުކުރެވޭ މުހިންމު ސުވާލެއް އެބައޮތެވެ: އަހަރެމެން މި ކޮންމެ ތަނަކަށް އުފުލާ ފުޅިތަކަކީ ކިހާ ސާފު އެއްޗެއް ހެއްޔެވެ؟
ތިބާގެ ފުޅި ކޮންމެ ތަނަކަށްވެސް ދެއެވެ… އަދި ހުރިހާ އެއްޗެއް އެއްކުރެއެވެ. ތިބާގެ ފުޅި ގެންދެވޭ ތަންތަނާ މެދު ވިސްނާލަބަލާށެވެ. އޮފީސް މޭޒުމަތީގައާއި، ޖިމްގެ ތަޅުންގަނޑުމަތީގައާއި، ސްކޫލް މޭޒުތަކުގައާއި، ބަދިގެ ކައުންޓަރު މަތީގައާއި، ކާރުގެ ކަޕް ހޯލްޑަރުގައާއި، ޕާކުތަކުގެ ގޮނޑިތަކުގައާއި، ބައެއް ފަހަރު ފާހާނާގެ ސިންކު ކައިރީގައިވެސް މި ފުޅި ބެހެއްޓެއެވެ. ދުވާލު ހަތަރުދަމު ދޮރުތައް ހުޅުވައި، ފޯނުތަކުގައި އަތްލައި، ކީބޯޑުތަކުގައި ޓައިޕްކޮށްފައިވާ އަތްތަކުން މި ފުޅިތަކުގައި އަތްލެވެއެވެ.
ދެން އަހަރެމެން އެއިން ފެންބޮމެވެ. ފުޅީގެ އެތެރޭގައި ވަމުންދާ ގޮތަކީ ކޮބައި ހެއްޔެވެ؟ ފުޅީގައި އަނގަ ޖައްސައިގެން ފެންބޯއިރު، އަނގައިގައި ހުންނަ ބެކްޓީރިއާ ފުޅީގެ ތެރެއަށް ބަދަލުވެއެވެ. އޭގެ ތެރެއަށް ތެތްކަމާއި، ކޮޓަރީގެ ހޫނުމިން އިތުރުވުމުން، އެއީ ކުދިކުދި ޖަރާސީމުތައް އާލާވުމަށް އެންމެ އެކަށީގެންވާ މާހައުލަށް ބަދަލުވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ގަވާއިދުން ސާފުނުކުރާނަމަ، ފެންބޯ ފުޅީގެ ކޮންމެ އަކަ ސެންޓިމީޓަރެއްގައި އެތައް ހާސް ބެކްޓީރިއާއެއް ހުރެދާނެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް އާންމު ބެކްޓީރިއާތަކަކީ:
●ސްޓެފިލޯކޮކަސް (ގިނައިން ހަމުގައި އަތްލުމުގެ ސަބަބުން އަރާ ބެކްޓީރިއާ)
●އީ-ކޮލައި (ނުސާފު ތަންތަނުން ނުވަތަ އަތް ނުދޮވުމުގެ ސަބަބުން އަރާ ބެކްޓީރިއާ)
●އަދި ހޫނު މާހައުލުތަކުގައި ހަލުވިކަމާއެކު އިތުރުވާ އަނގައިގެ އެހެނިހެން ބެކްޓީރިއާތައް
ގިނަ ފަހަރަށް މި ޖަރާސީމުތަކުގެ ސަބަބުން ބަލިނުވެދާނެއެވެ. ނަމަވެސް، ދުވަސްވުމުން ސާފުނުކުރާ ފުޅީގައި ނުބައި ވަސް ދުވުމާއި، ތެތްކަމުގެ ސަބަބުން އޮލަވުމާއި، މަތިގަނޑުގައި ފަންގަސް ޖެހުން ފަދަ ކަންކަން މެދުވެރިވެއެވެ. މިއީ އެއްވެސް މީހަކު އެއިން ފެންބޯން ބޭނުންވާނެ ގޮތެއް ނޫނެވެ. ތިބާގެ ދަބަހުގައި އެލުވާފައިވާ އެ ރީތި ފުޅިއަކީ ކުދިކުދި ޖަރާސީމުތަކުގެ އާއިލާއެއް ދިރިއުޅޭ މަރުކަޒަކަށް ވެދާނެއެވެ.
ހަނދާންނެތޭ ބައި: ފުޅީގެ މަތިގަނޑު
ގިނަ މީހުން ފުޅި ދޮވުނު ކަމުގައިވިޔަސް، އޭގެ މަތިގަނޑާއި ފެންބޯން ހުންނަ ބައި ދޮންނަން ހަނދާންނެތެއެވެ. ހަގީގަތުގައި އެންމެ ގިނައިން ބެކްޓީރިއާ ޖަމާވަނީ އެތަނަށެވެ. ފުޅީގެ މަތި ހުޅުވާލާ ބަޔާއި، ރަބަރު ސީލްތަކާއި، ހޮޅިތަކުގައި ތެތްކަމާއި ކުޅު ހަރުލާފައި ހުރެއެވެ. މިއީ ބެކްޓީރިއާ އަދި ފަންގަސް އުފެދުމަށް އެންމެ ބޮޑަށް ބާރުދޭ ތަންތަނެވެ. ފުޅި ދޮވުމަށްފަހުވެސް ނުބައި ވަހެއް ދުވާނަމަ، އޭގެ ސަބަބަކީ ގިނަ ފަހަރަށް ފުޅީގެ މަތިގަނޑެވެ.
ފުޅި ސާފުކުރަންވީ ކިހާ ދުވަހަކުން؟
މާހިރުން ލަފާދެނީ މިފަދައިންނެވެ:
● ކޮންމެ ދުވަހަކު ސާފުކުރުން (އެންމެ ރަނގަޅު ގޮތް): ގަވާއިދުން ބޭނުންކުރާނަމަ ދުވަސް ނިމުމުން ފުޅި ދޮންނާށެވެ.
● ކޮންމެ 2 ނުވަތަ 3 ދުވަހަކުން (އެންމެ މަދުވެގެން): ހަމައެކަނި ފެން ބޯން ބޭނުންކުރާނަމަ އަދި ފުޅި ސާފުކޮށް ހުންނަނަމައެވެ.
● ހަކުރު ހުންނަ ބުއިންތައް، ސްމޫތީ ނުވަތަ ޖޫސް ބުއިމަށްފަހު ވަގުތުން: މިއީ ބެކްޓީރިއާ ވަރަށް އަވަހަށް އިތުރުވާ އެއްޗިއްސެވެ. އަދި ހަނދާން ބަހައްޓާށެވެ — ހަމައެކަނި ފެންފޮދަކުން ދޮލާލުމަކީ ފުޅި ސާފުކުރުމެއް ނޫނެވެ.
ފުޅި ސާފުކުރާނެ ރަނގަޅު ގޮތް:-
އުފާވެރި ހަބަރަކީ ފުޅި ސާފުކޮށް ބެލެހެއްޓުމަކީ ވަރަށް ފަސޭހަ ކަމެކެވެ.
ކޮންމެ ދުވަހަކު ދޮވުން:
● ތާފަނާ ފެނާއި ތަށި ދޮންނަ ސައިބޯނި ބޭނުންކުރާށެވެ.
● ފުޅި ދޮންނަ ބުރުހަކުން ފުޅީގެ އެތެރެ ރަނގަޅަށް އުނގުޅާށެވެ.
● މަތިގަނޑާއި، ހޮޅި އަދި ރަބަރު ބައިތައް ފަރުވާތެރިކަމާއެކު ސާފުކުރާށެވެ.
● ރަނގަޅަށް ފެންފޮދަކުން ދޮވެލާށެވެ.
● މަތި ނަގައި، އެއްކޮށް ހިކެންދެން ބަހައްޓާށެވެ.
ފުންކޮށް ސާފުކުރުން (ހަފުތާއަކު އެއްފަހަރު):
ތިރީގައިވާ ގޮތްތަކުން ކުރެ ގޮތަކަށް ފުޅި އިތުރަށް ސާފުކުރާށެވެ:
1- ބޭކިން ސޮޑާ ބޭނުންކޮށްގެން: 1 ސައިސަމުސާ ބޭކިން ސޮޑާ އަޅައި، ތާފަނާ ފެނުން ފުޅި ފުރާލުމަށްފަހު ރޭގަނޑު ހަތަރުދަމު ބަހައްޓާށެވެ. ދެން ރަނގަޅަށް ދޮވެލާށެވެ.
2- ވިނިގާ ބޭނުންކޮށްގެން: ފުޅީގެ 4 ބައިކުޅަ 1 ބަޔަށް ވިނިގާ އަދި ބާކީ ބަޔަށް ތާފަނާ ފެން އަޅައި، މަދުވެގެން ދެތިން ގަޑިއިރު ނުވަތަ ރޭގަނޑު ހަތަރުދަމު ބަހައްޓާށެވެ. ދެން ރަނގަޅަށް ދޮވެލާށެވެ.
3- ޑިޝްވޮޝާ ބޭނުންކޮށްގެން: ތިބާގެ ފުޅިއަކީ ޑިޝްވޮޝާއަށް ލެވޭ ފުޅިއެއް ނަމަ، މަތި ހުޅުވާފައި އެންމެ މަތީ ރެކުގައި ބަހައްޓައިގެން ދޮންނާށެވެ.
ބޭނުންކުރާ ފެންބޯ ފުޅިތަކަކީ ވަރަށް ރަނގަޅު އާދައެކެވެ. އޭގެ ސަބަބުން ގިނައިން ފެންބުއިމަށް ހިތްވަރު ލިބި، ޕްލާސްޓިކް ކުނި މަދުވެ، އަދި ދުވަހުގެ މަސައްކަތުގައި އުޅޭއިރު ހަށިގަނޑަށް ބޭނުންވާ ފެން ލިބިދެއެވެ. ނަމަވެސް، މިޒަމާނުގެ ގިނަ ކަންކަމެކޭ އެއްފަދައިން، ފެންބޯ ފުޅިއަކީ މިހާރު ހަމައެކަނި ފެންބޯ އެއްޗަކަށްވުރެ ބޮޑަށް ފެޝަނަކަށް ނުވަތަ އެއްކުރާ އެއްޗަކަށް ވަނީ ބަދަލުވެފައެވެ. ބައެއް މީހުންގެ އަތުގައި މިހާރު ފަސް ފުޅި، ދިހަ ފުޅި ނުވަތަ ވިހި ފުޅިވެސް ހުރެދާނެއެވެ. ތަފާތު ކުލަތަކާއި، ތަފާތު ސައިޒުތަކެވެ. މި ހުރިހާ ކަމެއް ހިނގާއިރު، އާދައިގެ ބިއްލޫރި ތަށި ކަބަޑުގެ ކަނެއްގައި ކެތްތެރިކަމާއެކު އޮންނަނީ، ކަންކަމަށް މި އައި ބޮޑު ބަދަލާ މެދު ހައިރާންވެފައެވެ.
އެހެންކަމުން، ތިބާގެ ފެޝަން ފުޅި ހިފައިގެން އުޅޭށެވެ. ތިބާގެ ހެދުމާ ގުޅުވައިގެން، ދަބަހުގައި އެލުވައިގެން ހަށިގަނޑަށް ބޭނުންވާ ފެން ހޯދާށެވެ. އެކަމަކު އެއް ކަމެއް ހަނދާން ބަހައްޓާށެވެ: ތިބާ ގެންގުޅޭ ތަކެތީގެ ތެރެއިން އެންމެ ސާފު އެއްޗަކަށް ވާންޖެހޭނީ ތިބާގެ ފެންބޯ ފުޅިއެވެ — އެންމެ ހަޑި އެއްޗަކަށް ނޫނެވެ.
ސަބަބަކީ ފެންބުއިމަކީ ތިބާއަށް ތާޒާކަން ގެނެސްދޭންޖެހޭ ކަމަކަށް ވާތީއެވެ… އެއީ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމުތަކެއް ހަށިގަނޑަށް ފޮނުވައިދޭ ކަމަކަށް ވެގެންނުވާނެއެވެ.
