ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މަދިރިން ފަތުރާ ނުރައްކާތެރި ވައިރަސްތަކުން މަދިރި ބަލިނުވަނީ ކީއްވެ؟
މަދިރިއެއް އިންސާނެއްގެ ގައިން ލޭބޮނީ / މުނިއަވަސް އިމޭޖްސް

– މަދިރިން ފަތުރާ ނުރައްކާތެރި ވައިރަސްތަކުން މަދިރި ބަލިނުވަނީ ކީއްވެ؟ – މިއީ ހަމަ ގައިމުވެސް ވަރަށް ގިނަ ބަޔަކު ހިތަށްއަރާނެ ސުވާލެކެވެ. ސައިންސްވެރިން މިވަނީ މި މުހިންމު ސުވާލަށް ޖަވާބުދީފައެވެ.

މަދިރިއެއް ތިބާގެ ގައިގައި ޖައްސައި، ލޭ ބުއިމަށްފަހު އުދުހިގެން ހިނގައިދާނެއެވެ. އޭގެ ދުވަސްތަކެއް ފަހުން، އެ މަދިރި ދޫކޮށްލި ވައިރަހެއްގެ ސަބަބުން ގަދައަށް ހުން އައިސް، ހަށިގަނޑުގެ ސެލްތަކަށް ގެއްލުންވެ، ބަލި އެނދުގައި އޮންނަން ޖެހިދާނެއެވެ. ނަމަވެސް، އެ ވައިރަސް ފެތުރި މަދިރިއަށް މިފަދަ އެއްވެސް އުނދަގުލެއް ނުވެއެވެ. އެ ސޫފި މުޅި އުމުރަށް އެ ވައިރަސް އުފުލައި، ތަކުރާރުކޮށް މީހުންގެ ގައިގައި ދަތްއަޅާއިރުވެސް، އޭގެ ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ވައިރަހުގެ ސަބަބުން ބަލިވާ ތަނެއް ނުފެނެއެވެ. މިކަން މިހެން ވަނީ ކީއްވެގެންކަން ދެނެގަތުމަށް ސައިންސްވެރިން މަސައްކަތް ކުރާތާ މިހާރު ގިނަ އަހަރުތަކެއް ވެއްޖެއެވެ.

ހިމޭން އިންފެކްޝަނެއް
ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތަކަކީ ކުރިން ހަމައެކަނި ހޫނު ސަރަހައްދުތަކުން ފެންނަ ބަލިތަކެއް ނަމަވެސް، މިހާރު މި ބަލިތައް ދަނީ ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ދަތުރުފަތުރު ކުރުން އިތުރުވުމަކީ މީގެ ބައެއް ސަބަބުތައް ކަމުގައި ވިޔަސް، މީގެ ފަހަތުގައިވާ ބަޔޮލޮޖިކަލް ސިއްރުތަކެއް އަދިވެސް އެބަހުއްޓެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 80 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެނީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ އޮތް ސަރަހައްދުތަކުގައެވެ. މަދިރިއެއްގެ ހަށިގަނޑަށް ވައިރަސް އެތެރެވުމުން، އޭގެ މުޅި އުމުރަށް އެ ވައިރަސް ހަށިގަނޑުގައި ދެމިހުރެއެވެ. އަދި ހަށިގަނޑުގެ ތެރޭގައި ވައިރަސް އިތުރުވަމުން ދިޔަ ނަމަވެސް، މަދިރީގެ ސިއްހަތަށް ބުރޫނާރާ މިންވަރަށް އެ ސޫފި ދުޅަހެޔޮކޮށް ހުރެއެވެ.

ސްޕެއިންގެ ބާސެލޯނާގައި ހުންނަ ޕޮމްޕެއު ފަބްރާ ޔުނިވަރސިޓީގެ މޮލިކިއުލާ ވައިރޮލޮޖީ ގްރޫޕްގެ ހެޑް، ހުއާނާ ޑިއޭޒް އިސްވެ ހުންނަވައި ކުރިއަށް ގެންދިޔަ ދިރާސާއެއްގައި މިކަމުގެ އަސްލު ހޯދުމަށް މަސައްކަތް ކުރިއެވެ.

ވައިރަސް ދިރިހުންނަނީ އޭގެ ހަރަކާތްތައް ކޮންޓްރޯލްކޮށްގެން
ދިރާސާވެރިން މަދިރީގެ ސެލްތަކަށް ޗިކުންގުންޔާ ވައިރަސް އަޅައި، އޭގެ ހަރަކާތްތައް ބެލިއެވެ. އޭރު ފެނިގެންދިޔައީ އާދަޔާ ހިލާފު ކަމެކެވެ. ސެލްތަކުގެ ތެރޭގައި ވައިރަހުގެ ޖެނެޓިކް ބްލޫޕްރިންޓްތައް ވަރަށް ގިނައިން އިތުރުވަމުން ދިޔަ ނަމަވެސް، އެ ބްލޫޕްރިންޓްތަކުން އުފައްދާ ވައިރަލް ޕްރޮޓީންގެ މިންވަރު ހުރީ ވަރަށް ދަށުގައެވެ.

މަދިރީގެ ސެލްތަކުން ވައިރަހުގެ އިރުޝާދުތައް ޕްރޮޓީންއަށް ބަދަލުކުރުމަށް ހުރަސްއަޅައެވެ. މި ހާލަތަށް ސައިންސްވެރިން ކިޔަނީ “ޓްރާންސްލޭޝަނަލް ރެޕްރެޝަން” އެވެ. ދިރާސާގައި ބައިވެރިވި މާކް ޓަލޯ-ޕާރާ ވިދާޅުވި ގޮތުގައި، މިއީ ވައިރަސް އަމިއްލައަށް އޭގެ އަޑު މަޑުކޮށްލުން ފަދަ ކަމެކެވެ. މިގޮތަށް ވައިރަހުގެ ބާރު ކަނޑުވައިލުމުން، މަދިރީގެ ސެލްތައް މަރުނުވެ ދިރިހުރެއެވެ. އަދި އޭގެ ސަބަބުން މަދިރިއަށް ބަލީގެ ނުރައްކަލެއް ނުވެ، ހަކަތަ ލިބި، އާ ސެލްތައް އުފެއްދުމުގެ ގާބިލްކަން ދެމިހުރެއެވެ.

އިންސާނުންނާ ހުރި ތަފާތު
އިންސާނުންގެ ސެލްތަކުގައި މި ވައިރަސް ހަރަކާތްތެރިވަނީ މުޅިން ތަފާތު ގޮތަކަށެވެ. އެއީ ސެލްތަކަށް ހަމަލާދީ، ޕްރޮޓީން އުފައްދާ ނިޒާމު އަތުލައިގަނެ، ވަރަށް ހަލުވިކަމާއެކު ވައިރަސް އިތުރުކޮށް، ސެލްތައް ހަލާކުކޮށްލައެވެ. މި ހަރުކަށި ހަމަލާތަކުގެ ސަބަބުން އިންސާނުންނަށް ގަދަ ހުން އައިސް ބަލިވެއެވެ.

ދިރާސާވެރިން ފާހަގަކުރި ގޮތުގައި، އިންސާނުންގެ ހަށިގަނޑުގައި ވައިރަސް ދެ އުކުޅެއް ބޭނުންކުރެއެވެ. އެއީ ސެލްގެ ކޮންޓްރޯލް ސެންޓަރަށް ވަދެ، އިންސާނާގެ ޖީންތަކުގެ މަސައްކަތް ހުއްޓުވުމާއި، ސެލްގެ މެޝިނަރީ ބޭނުންކޮށްގެން ވައިރަސް ވަރަށް ހަލުވިކަމާއެކު އިތުރުވުމެވެ. ނަމަވެސް މަދިރީގެ ހަށިގަނޑުގައި މިފަދަ އެއްވެސް ކަމެއް ނުހިނގައެވެ. މަދިރީގެ ސެލްތަކުގެ ތެރޭގައި ވައިރަހުގެ މަސައްކަތް ހުންނަނީ މަޑުޖެހިފައެވެ.

އެކުވެރި ރޭވުންތެރިކަމެއް
މިއީ ހަމައެކަނި ޗިކުންގުންޔާގެ ސިފައެއްތޯ ބެލުމަށް ޒިކާ ވައިރަސް ބޭނުންކޮށްގެން ކުރި ދިރާސާއިންވެސް ފެނުނީ ހަމަ އެއް ނަތީޖާއެކެވެ. މި ދެ ވައިރަހަކީ ތަފާތު ދެ އާއިލާއަކަށް ނިސްބަތްވާ ވައިރަސްތަކަކަށް ވީ ނަމަވެސް، މަދިރީގެ ހަށިގަނޑުގައި ދެ ވައިރަސްވެސް އަމަލުކުރަނީ އެއްގޮތަކަށެވެ. މިއިން ދޭހަވަނީ މިއީ މަދިރިއާއި ވައިރަހާ ދެމެދު އޮންނަ ޒަމާންވީ ގުޅުމެއްގެ ތެރެއިން އުފެދިފައިވާ އުކުޅެއް ކަމެވެ.

މަދިރީގެ ހަށިގަނޑު ހަލާކުކޮށްނުލައި، އެއާ އެކުވެގެން އުޅުމަކީ ވައިރަހަށް ލިބޭ ކުރިއެރުމެކެވެ. ސަބަބަކީ މަދިރި މަރުވެއްޖެނަމަ، އެ ވައިރަސް އެހެން މީހެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު ގެއްލޭނެތީއެވެ.

މަދިރިން ފަތުރާ ބަލިތައް ކޮންޓްރޯލްކުރުން
މަދިރީގެ ހަށިގަނޑުގައި ވައިރަސް ބަލިނުވެ ދެމިހުރުމަކީ އިންސާނުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ޑެންގީ ޖެހިފައިވާ މަދިރިތައް އާންމު މަދިރިތަކަށްވުރެ ގިނައިން މީހުންގެ ގައިގައި ހަފައެވެ.

ސައިންސްވެރިން މިހާރު މަސައްކަތް ކުރަމުންދަނީ މިކަން ހުއްޓުވޭނެ ދެ ގޮތަކަށެވެ. އެއީ ވައިރަސް އަމިއްލައަށް ކޮންޓްރޯލްކުރާ ކުރުން ހުއްޓުވައި، މަދިރީގެ ހަށިގަނޑުގައި ވައިރަސް މާ ހަލުވިކަމާއެކު އިތުރުކޮށްގެން މަދިރި މަރުވާގޮތް ހެދުން ނުވަތަ މަދިރީގެ ހަށިގަނޑުގައި ވައިރަސް ދިރިހުރުމުގެ ގާބިލްކަން ނައްތާލުމެވެ.

މިހާތަނަށް މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ލެބޯޓްރީގައި ސެލްތައް ބޭނުންކޮށްގެން ކަމަށްވިޔަސް، މިއީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހުޅުވިގެންދިޔަ އާ ދޮރެކެވެ.

މި ދިރާސާ ޝާއިއުކޮށްފައިވަނީ ‘ޕްލޮސް ބަޔޮލޮޖީ’ ޖަރނަލްގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top