ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވަރީގެ ބިރު – ސަޅި ކަމެއް ނޫން!

“މީގެ ފަހުން އޭނައާ ވާހަކަދައްކައިފިއްޔާ ތީ މަގޭ އަނތްބެއް ނޫން.”

“އެ ޕާޓީގެ މީހަކަށް ވޯޓް ލައިފިއްޔާ ތީ މަގޭ އަނތްބެއް ނޫން.”

“ވަޒީފާއަށް ދަންޏާ ދާން ޖެހޭނީ ވަރިވެގެން.”

މިފަދަ އިންޒާރުގެ ބަސްތަކަކީ މިއަދުގެ ދިވެހި މުޖުތަމައުގެ ބައެއް އާއިލާތަކުން އާންމުކޮށް އިވޭ އިންޒާރުތަކެކެވެ. މިއީ ބައެއް ފިރިން އަނބިން ކޮންޓްރޯލު ކުރުމަށް ބޭނުންކުރާ ހަތިޔާރެކެވެ. އަދި ކުޑަކުޑަ ކަމެއް ދިމާވާއިރަށް “ވަރިކުރާނަމޭ” ބުނެ ބިރު ދެއްކުމަކީ ބައެއް ފިރިންގެ އާދައަކަށް ވެފައިވާ ދެރަ މައްސަލައެކެވެ.

އިސްލާމްދީނުގައި ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ބަލަދުވެރި، އެކަނބަލުންގެ ހިމާޔަތްތެރިން ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. ފިރިހެނާގެ ބާރުވެރިކަން އޮންނަން ޖެހޭނީ އަނބިމީހާއަށް ރައްކާތެރިކަން ދިނުމުގައެވެ. ނަމަވެސް، ބައެއް ފިރިން ހީކުރަނީ ވަރީގެ އިންޒާރުދީ، އަނބިމީހާ ނަފްސާނީ ގޮތުން ނިކަމެތިކޮށްލުމަކީ އެމީހުންގެ ބާރުވެރިކަން ދެއްކުން ކަމަށެވެ. މިއީ އަމިއްލަ ނަފްސަށް އިތުބާރު ނެތް، އަދި ދިރިއުޅުމުގެ މައްސަލަތައް ހިކުމަތްތެރިކަމާއެކު ހައްލުކުރަން ނޭނގޭ މީހުން ކުރާ ކަމެކެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ވާހަކަދައްކައިގެން ހައްލު ހޯދުމުގެ ބަދަލުގައި، ވަގުތުން ވަރީގެ ބަސް ބޭނުންކުރުމަކީ އާއިލާއެއް ބިނާކުރުމުގެ ޤާބިލުކަން ނެތްކަން ހާމަވާ ކަމެކެވެ.

މިގޮތަށް ދެވޭ ވަރީގެ އިންޒާރުތަކުގެ ސަބަބުން އަނބިމީހާގެ ހިތުގައި ފިރިމީހާއަށް އޮންނަ އިތުބާރާއި ލޯބި ފަނޑުވެގެންދެއެވެ. ކޮންމެ ވަގުތަކުވެސް ގެއިން ނެރެލަފާނެކަމުގެ ބިރުވެރިކަމެއްގައި އުޅޭ އަނބިމީހާއަށް އުފާވެރި ދިރިއުޅުމެއް ބިނައެއް ނުކުރެވޭނެއެވެ. މީގެ އިތުރުން ގޭތެރޭގައި މިފަދަ ބިރުވެރި މާހައުލެއް އޮތުމަކީ ދަރިންގެ ތަރުބިއްޔަތަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. ބައްޕަގެ ފަރާތުން ފެންނަ މި ފިނޑި އަމަލުގެ ސަބަބުން ދަރިން ބޮޑުވަނީ އާއިލީ ގުޅުންތަކަށް ކުރަންޖެހޭ އިހުތިރާމް ކުޑަވެފައިވާ ބައެއްގެ ގޮތުގައެވެ.

އިސްލާމްދީނުގައި ވަރިއަކީ ހަލާލު ކަންތައްތަކުގެ ތެރެއިން މާތް ﷲގެ ހަޟްރަތުގައި އެންމެ ކޯފާވެވޮޑިގެންވާ ކަންތަކެވެ. ވަރިއަކީ ކުޅޭކުޅޭ ކަމެއް ނޫނެވެ. އަދި އެއީ އަނބިމީހާ ކިޔަމަންކުރުވަން ބޭނުންކުރަން އޮތް “ބިރުދައްކާ ހަތިޔާރެއް” ވެސް ނޫނެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ، އެމީހެއްގެ އަނބިމީހާއަށް އެންމެ ހެޔޮމީހާއެވެ. އެހެންކަމުން އަނބިމީހާގެ މައްޗަށް ބާރު ދައްކަންޖެހޭނީ އޯގާތެރިކަމާއި، އަޅާލުމާއި، ރިވެތި އަޚުލާޤުންނެވެ.

އަނބިމީހާއަށް ވަރީގެ ބިރުދެއްކުމަކީ ފިރިހެންވަންތަކަމެއް ނޫނެވެ. އެއީ އަމިއްލަ ނުކުޅެދުންތެރިކަން ފޮރުވަން ކުރާ ފިނޑި އަމަލެކެވެ. ހަޤީޤީ ފިރިހެނަކީ ކޮންމެފަދަ ހާލަތެއްގައިވެސް އަނބިމީހާއަށް އިހުތިރާމްކޮށް، އާއިލާގެ ބަދަހިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހާއެވެ. ކޮންމެ މައްސަލައަކީވެސް ވާހަކަދައްކައިގެން ހައްލުކުރެވޭނެ ކަމެކެވެ. ވަރީގެ ބިރު ދައްކައިގެން ހޯދާ ބާރުވެރިކަމަކީ ވަގުތީ ކަމެކެވެ. އޭގެ ނަތީޖާއަކީ ލޯތްބާއި އިހުތިރާމް އެއްކޮށް ގެއްލިގެން ދިއުމެވެ. އެހެންކަމުން މިފަދަ ފިނޑި އަމަލުތަކުން ދިވެހި ފިރިން ދުރުވާން ޖެހެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top