ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ތާރީޚުގައި ހިނގާފައިވާ އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު ނިޔާވި އެއް ހާދިސާއަކީ “އެނަމާ” ބޯޓު ބަންޑުން ޖަހާލި ހާދިސާއެވެ. މިމަހު 17 ވަނަ ދުވަހަކީ އެ ހިތާމަވެރި ހާދިސާއަށް އަހަރުތަކެއް ފާއިތުވެގެން ދިޔަ ނަމަވެސް، އެ ހަނދާންތައް އާވުމުން ކޮންމެ ދިވެހި ހިތަކަށްވެސް ފުން އަސަރެއް ކުރާ ދުވަހެކެވެ.
މި ހާދިސާ ހިނގާފައިވަނީ 17 މާރިޗު 2004 (26 މުޙައްރަމް 1425) ވީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ހާދިސާ ހިނގި ތަނަކީ ގދ. އަތޮޅު ތިނަދޫ ކައިރީގައި އޮންނަ “ކާޑެއްދޫ” ކަނޑުއޮޅީގައެވެ.
އެނަމާ ބޯޓަކީ ގދ. ތިނަދޫ މީހުން ގޮވައިގެން، އެ އަތޮޅު ގައްދޫގައި އޮތް ފުޓްބޯޅަ މެޗެއް ބަލަން ދިޔަ މީހުން އެނބުރި ރަށަށް ދަތުރުކުރި ބޯޓެވެ. މި ބޯޓު ބަންޑުން ޖަހާލަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، ބޯޓަށް އުފުލޭ ވަރަށް ވުރެ އިތުރަށް މީހުން ބަރުކޮށްފައި ހުރުމާއި، އެ ވަގުތު ކަނޑު ގަދަވެފައި ހުރުން ހިމެނެއެވެ. ބޯޓު ބަންޑުން ޖަހާލި އިރު އޭގައި 122 މީހުން ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ބިރުވެރި ހާދިސާގައި ޖުމްލަ 24 މީހުން ނިޔާވިއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. މި ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް ހޯދުމަށާއި، ދިރިތިބި މީހުން ސަލާމަތް ކުރުމަށް ސަރުކާރާއި، ސިފައިންނާއި، އަދި އަތޮޅުގެ ރައްޔިތުން ގުޅިގެން ބޮޑު މަސައްކަތްތަކެއް ކުރިއެވެ.

17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރު، ހިނގި މިކާރިސާ ގައި ނިޔާވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކޮށްފައިވަނީ 19 މާރޗް 2004 ވީ ހުކުރު ދުވަހުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހުކުރުނަމާދަށްފަހު އެ މައްޔިތުންގެ މައްޗަށް ވަނީ ކަށުނަމާދުކޮށްފައެވެ.
އެނަމާ ބޯޓުގެ ހާދިސާއަކީ މުޅި ރާއްޖެ ރޮއްވާލި، އަދި ވަކިން ޚާއްޞަކޮށް ގދ. ތިނަދޫގެ އެތައް އާއިލާއަކަށް ދުވަހަކުވެސް ފޫނުބެއްދޭނެ ވަރުގެ ބޮޑު ހިތާމައެއް ގެނުވި ހާދިސާއެކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މި ހާދިސާގައި ނިޔާވި އެންމެހައި އަޚުންނާއި އުޚުތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ. އާމީން.
