މޯހަންލާލް ލީޑް ރޯލުން ފެނިގެންދާ ކްރައިމް ތްރިލާ ފިލްމު ދްރިޝްޔަމް 3، މި އަހަރުގެ އެޕްރީލް 2 ގައި ތިއޭޓަރުތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ނަމަވެސް، އެ ތާރީޚުގައި ރިލީޒް ނުކޮށް ފަސްކޮށްފާނެ ކަމުގެ ރިޕޯޓްތައް ފެންމަތިވެއްޖެއެވެ.
ޖީތޫ ޖޯސެފް ޑައިރެކްޓްކުރާ މި ފިލްމު މެއި ނުވަތަ ޖޫން 2026 ގައި ރިލީޒްކުރުމަށް ފިލްމުގެ ޕްރޮޑިއުސަރުން މިހާރު އަމާޒު ހިފާފައިވާ ކަމަށް އޮންލައިން ރިޕޯޓްތައް ބުނެއެވެ. ފަސްކުރަން ޖެހިދާނެ ސަބަބެއް ކަމަށް ބެލެވެނީ މިހާރުގެ އިޖުތިމާޢީ މާހައުލުގެ ތެރޭގައި ޖީސީސީ (ގަލްފު ކޯޕަރޭޝަން ކައުންސިލް) ޤައުމުތަކުގައި ފިލްމު ރިލީޒްކުރެވެން ނެތުމެވެ. ނަމަވެސް މިކަން ރަސްމީކޮށް ކަށަވަރުވެފައެއް ނުވެއެވެ.
ދްރިޝްޔަމް 3 ފަސްވެއްޖެ ނަމަ، “އާދޫ 3” އާއި ނިވިން ޕައުލީގެ “ޕްރަތީޗާޔާ” އަދި “ވާޒާ 2” ފަދަ ފިލްމުތަކުގެ ބޮކްސް އޮފީސް ނަތީޖާއަށް ފައިދާ ކުރާނެ ކަމަށް ބެލެވެއެވެ.
މޯހަންލާލްގެ އިތުރުން މި ފިލްމުގައި މީނާ، އަންސީބާ ހަސަން، އެސްތާ އަނިލް، އާޝާ ޝަރަތު، މުރަލީ ގޯޕީ އަދި ސިއްދީޤު ފަދަ ތަރިން މުހިންމު ރޯލުތަކުގައި ފެނިގެންދާނެއެވެ. މީގެ އިތުރުން، އަޖޭ ދޭވްގަން ލީޑް ރޯލުން ފެނިގެންދާ ހިންދީ ރީމޭކް އޮކްޓޯބަރު 2، 2026 ގައި ރިލީޒްކުރަން ހަމަޖެހިފައިވެއެވެ.
