ބެޓިކް އެއާގެ ފްލައިޓެއްގައި ހަމަނުޖެހުން ހިންގި ދިވެހި ފިރިހެނަކު، އެ ފްލައިޓް ރާއްޖެ ޖެއްސުމާ އެކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ފްލައިޓް މާލެ ޖެއްސުމާ އެކު ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށް ސުވާލުކުރަން ފަށާފައެވެ. ފުލުހުން މި މައްސަލަ ސިފަކޮށްފައި ވަނީ “ވަރަށް ސީރިއަސް” މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް ފްލައިޓް ތެރޭގައި ހިނގި ކަންތައްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ ހާދިސާގައި ފަސިންޖަރަކަށް ނުވަތަ ކްރޫ މެންބަރަކަށް އަނިޔާއެއް ލިބުނު ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ލިބިފައިވާ މަޢުލޫމާތުން އެނގޭ ގޮތުގައި، އެ ފަސިންޖަރުގެ ޢަމަލުތަކުގެ ސަބަބުން ކެބިން ކްރޫ އާއި އެހެން ފަސިންޖަރުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ، ފްލައިޓްގެ ޢާންމު އޮޕަރޭޝަންތަކަށް ބުރޫ އެރިއެވެ.
