އަމްޝަދު
އަމްޝަދަކީ، މީހުންނަށް އޭނާ ރަނގަޅަށް އެނގުމުގެ މާ ކުރިންވެސް މުޅި ރަށަށް މަޝްހޫރުވެފައިވާ މީހެކެވެ. އޭނާއަކީ ދަންނަ އުނދަގުލެކެވެ. ހިޔަންޏެއް ފަދައިން ފެނިލާ އޭނާގެ ނަން މީހުން ކިޔަނީ، ފޫހިކަމާއި އަދި ބައެއް ފަހަރު ރުޅިވެރިކަމުގައި ތިބެގެންނެވެ.
އޭނާއަކީ މޮޔައެއް ކަމަށް ބައެއް މީހުން ބުނެއެވެ. އަނެއް ބަޔަކު ބުނަނީ އޭނާއަކީ މަކަރުވެރި ފިތުނަވެރިއެއް ކަމަށެވެ. އޭނާއަކީ މީހުން އުންމީދުކުރި ފަދަ ހަރުދަނާ ފިރިހެނަކަށް ނުވެވުނު، ދޯދިޔާ ސިފަގަނޑެއް ހުންނަ ޒުވާނެކެވެ. ރަށުތެރޭގައި އެކި މަސައްކަތްތައް ކޮށްދީ އުޅުނު ނަމަވެސް، އޭނާގެ ކިބައިގައި ހުންނަނީ ނުހިފޭއްޓޭ ފަދަ ހަކަތައެކެވެ. އެއްދުވަހު ދަލެއް މަރާމާތުކުރަން އުޅެފައި، އަނެއް ދުވަހު ގެއްލިދާނެއެވެ. އޭނާ އަބަދުވެސް ހުންނާނީ ހުރެގެން ނުވާނެ ތަނެއްގައެވެ. އޭނާ ދާ ކޮންމެ ތަނަކަށް ކޮންމެވެސް ކަހަލަ ހާސްކަމެއް ގެނުވައެވެ. އެއްޗެއް ގެއްލުމާއި، މީހުން ސިއްސައިގެން ދިއުމާއި، ވަގުތާ ނުގުޅޭ ހިނިގަނޑުތަކަކީ ސިޔާސަ ލާނެއްކަން އޭނާއާ ގުޅިފައިވާ ކަންކަމެވެ. އޭނާއަކީ އެދުމަކާ ނުލައި މީހުންގެ ސަމާލުކަން ދަމައިގަންނަ، އަދި އޭނާގެ ފަހަތުން އަބަދުވެސް ހަލަބޮލިކަން ދުވާ މީހެކެވެ.
އެހެންނަމަވެސް، ގޭގެ ހަތަރު ފާރުން އެތެރޭގައި އޭނާއަކީ މުޅިން ތަފާތު މީހެކެވެ. އޭނާގެ މުސްކުޅި މައިންބަފައިންގެ ކުރިމަތީގައި އޭނާއަކީ އެމީހުންގެ ފަޚުރެވެ. އެއްވެސް ކުށެއް ނުކުރާ، ހިތްހެޔޮ، ރީތި ޒުވާން ލޯބިވާ ދަރިއެކެވެ. އެމީހުން ބޮޑުކުރި އިރު ހުރި ރަނގަޅު ސިފަތައް އަދިވެސް އޭނާގެ ކިބައިގައި ހުރި ކަމަށް އެމީހުން އުންމީދު ކުރެއެވެ.
ފަހަރުގައި، އެއްދުވަސްވަރަކު އޭނާ އެގޮތުގައި ހުރީސްވެސް މެއެވެ. އޭނާ ބޮޑުވެގެން އައީ ނުބައި މާހައުލެއްގައެއް ނޫނެވެ. އޭނާގެ ތަރުބިއްޔަތަކީ އާދައިގެ، ތެދުވެރި، ލޯތްބާއި އަދަބުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރުބިއްޔަތެކެވެ. ނަމަވެސް، އަހަރުތަކެއް ފާއިތުވެދިޔަ އިރު، އޭނާގެ ތަބީއަތަށް ބަދަލުތަކެއް އައެވެ. އެއީ މުޅިން ގޯސް ބަދަލުތަކަކަށް ނުވިޔަސް، އޭނާ ހިނގަން ފެށީ ތަފާތު، އެކަހެރި މަގުތަކުންނެވެ.
އޭނާ ދަސްކުރީ ރަށުތެރޭގައި ބޭކާރު ގޮތުގައި ހިނގާބިނގާވެ އުޅުމުގެ ފަންނެވެ. މީހުންނަށް ނުފެނި، ސިއްރުން އެހެން މީހުންގެ ހަރަކާތްތައް ބަލަން ހުރުމުގެ އުފަލެވެ. އެހެން އެއްވެސް މީހަކު ނޫޅޭ، ހަމަހިމޭން ދަންވަރުގެ ވަގުތުތަކުގައި ބޭރުގައި އުޅުމުގެ ހިމޭންކަމެވެ. އޭނާ މީހުންނަށް އުނދަގޫކޮށް، އެހެން މީހުންގެ ތަކެތި ނަގައި، އެހެން މީހުން ދާން ބިރުގަންނަ ތަންތަނުގައި މަޑުކޮށް ހަދައެވެ.
އޭނާއަށް އެ އަންހެން ކުއްޖާ ފުރަތަމަ ފެނުނީ އެފަދަ ދަންވަރެއްގެ ހިމޭން ވަގުތެއްގައެވެ. އޭނާ ހުރީ އަތިރިމަތީގައެވެ. އެކަނިމާއެކަންޏެވެ. އޭނާގެ ފަހަތުން މާސިންގާ ކަނޑު ފެންނަން އޮތްއިރު، ރާޅުތައް އައިސް ގޮނޑުދޮށަށް ބީއްސާލަނީ ހަމައެކަނި އެ އަންހެން ކުއްޖާއަށް އެނގޭ ބަހަކުން ވާހަކަދައްކާ ފަދައިންނެވެ.
ހަނދުވަރުގެ ރިހި އަލި އޭނާގެ ގައިގައި ބީހެމުންދާއިރު، އޭނާ އެ ހުރި ގޮތުން ހީވަނީ މި ދުނިޔެއަށް ނިސްބަތްވާ މީހެއް ނޫން ހެންނެވެ. އޭނާ އެތަނުގައި ހުރީ އެއްވެސް ހަރަކާތެއް ނެތި، އޭނާއަށް އެކަނި އެނގޭ ދުނިޔެއަކަށް ގެއްލިފައެވެ.
އޭނާ ފެންނަނީ ހަމައެކަނި މޫދު ކައިރީގައި ހުރި މީހެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ފެންނަނީ އެ މޫދުގެ ބައެއްގެ ގޮތުގައެވެ. ހީވަނީ އޭނާގައިގައި ބައްދާލުމަށް ކަނޑުގެ ރާޅުތައް އުފުލިފައިވާ ހެންނެވެ.
އެރޭ އޭނާ އެތަނުގައި ހުއްޓުނެވެ. އެއްވެސް ހަރަކާތެއް ނެތިއެވެ. ނޭވާލާ އަޑަށްވެސް އެ މަންޒަރު ޚަރާބުވެދާނެތީ ބިރުން ހުރި ކަހަލައެވެ. އެ ވަގުތުން ފެށިގެން، އޭނާގެ ހިތާއި ރޫހުން ދުވަހަކުވެސް އެ އަންހެން ކުއްޖާ ވަކިވެގެން ނުދެއެވެ.
އެ ރޭގެ ފަހުން، އޭނާގެ ނަފުސަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ.
ފުރަތަމަ އޭނާ ހިތާހިތުން ބުނަމުންދިޔައީ އެއީ މާބޮޑު ކަމެއް ނޫން ކަމަށެވެ. އެއީ ހަމައެކަނި ހަނދާނެއް ކަމަށެވެ. ކުއްލިއަކަށް ފެނިލި ހިތްގައިމު ނަމަވެސް ބިރުވެރިކަމެއް އެކުލެވިގެންވާ ތަަސްވީރެއް ކަމަށެވެ. ނަމަވެސް އޭގެ ފަހުން އައި ރޭތަކުން ސާބިތުކޮށްދިނީ މުޅިން ތަފާތު ކަމެކެވެ. އެކަނބުލޭގެ އޭނާގެ ހިތާއި ހަނދާނަށް އަލުން އަންނަން ފެށިއެވެ. ހަށިގަނޑުގެ ސިފައިގައެއް ނޫނެވެ. އަދި އަޑުގެ ސިފައިގައެއްވެސް ނޫނެވެ. އެކަކު ނަމަވެސް، އެކިއެކި މަންޒަރުތަކުގެ ސިފައިގައެވެ. ކުއްލި ކުއްލިއަށް ފެންނަ ހުވަފެންތަކެއް ފަދައިންނެވެ. އެއީ ހަމައެކަނި ހުވަފެނެއް ކަމަކަށް އޭނާގެ ހިތެއް އެއްބަހެއް ނުވިއެވެ.
އެ ރޭ ފެނުނު ގޮތަށް، މޫދު ކައިރީގައި ހުއްޓިލައިގެން ހުއްޓާ އޭނާއަށް ފެނެއެވެ. ހިމޭންކަމާއެކު، ބަހެއް ނުބުނެ، މަޑުމަޑުން އިންތިޒާރުގައި ހުރި ފަދައެވެ. ބައެއް ފަހަރު އޭނާއާ ދިމާއަށް އެނބުރިލައެވެ. އަނެއްބައި ފަހަރު އެނބުރިއެއް ނުލައެވެ. ނަމަވެސް އަބަދުވެސް އެތަނުގައި ހުރެއެވެ. އެންމެ ބަހެއްވެސް ބުނުމަކާ ނުލައި އޭނާއަށް ގޮވާލާ ފަދައެވެ.
އޭނާގެ މަޢުލޫމާތު ހޯދައި ފާރަލާންފެށުނީއެވެ.. “ޔަސްމީން!”…
ނިދި މަދުވެ، ހިތް ނުތަނަވަސްވާން ފެށިއެވެ. ކުރިން ރައްޓެހި މި ރަށް، މިހާރު އޭނާއަށް ކުޑަވެ، ހަނިވަމުންދާ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ކޮންމެވެސް ނޭނގޭ ބާރަކުން އޭނާގެ ފިޔަވަޅުތަކަށް މަގުދައްކައި، އޭނާގެ ދުނިޔެ ހަނިކުރަމުން ގޮސް، ކޮންމެ މަގަކާއި ކޮންމެ ޚިޔާލެއްގެ ނިމުން އެ މަންޖެއާ ހަމައަށް ގެންދާ ފަދައެވެ.
އަމިއްލަ އިޚުތިޔާރަކާ ނުލައި، އެމަންޖެގެ ގެ ހުންނަ ސަރަހައްދާ ގާތަށް އޭނާއަށް ދެވެން ފެށިއެވެ. އެހެން މީހަކު ހުންނަން ނުކެރޭ ފަދަ ތަންތަނުގައި އޭނާ ހުއްޓި ހުރެއެވެ. އެހެން މީހަކު ބަލަން ނުކެރޭ ދިމާލަށް އޭނާ ބަލަހައްޓައިގެން ހުރެއެވެ. އަދި ކޮންމެ ފަހަރަކުވެސް އެ ދަމައިގަންނަ ބާރު ދިޔައީ ގަދަވަމުންނެވެ.
އެއީ ހަމައެކަނި އޮޅުންފިލުވަން ބޭނުންވާ ބޭނުންވުމެއް ނޫނެވެ. އެއީ ހަމައެކަނި ހިތް އެދޭ އެދުމެއްވެސް ނޫނެވެ. އެއަށްވުރެ ފުން، ތަފާތު އިހުސާސެކެވެ. އޭނާގެ ހިތުގެ އެންމެ ފުނުގައި ހަރުލާފައިވާ، ފިލައިގެން ނުދާނެ ފަދަ އިހުސާސެކެވެ. ބަޔާންކުރަން ނޭނގޭ ފަދަ ފުން ރިހުމެކެވެ.
ޔަސްމީންއާ ދުރަށް ދާން އޭނާ މަސައްކަތް ކުރި ނަމަވެސް، އޭނާގެ ފިޔަވަޅުތައް އޭނާއަށް ކިޔަމަނެއް ނުވިއެވެ. އެ ހަނދާންތައް ނައްތާލަން އަމިއްލަ ނަފުސަށް ވިސްނައިދިން ނަމަވެސް، އޭނާގެ ހިތާއި ސިކުނޑި އެނބުރި ދަނީ އެކަނބުލޭގެ ކައިރިއަށެވެ.
ތަކުރާރުކޮށް، ދެވަނަ ފަހަރަށްވެސް، އަދި އޭގެ ފަހުންވެސްމެއެވެ.
ރޭގަނޑުގެ ހިމޭން ވަގުތުތަކުގައި، މަޑުޖެހިލައި އަމިއްލަ ނަފްސަށް ބަލާލާއިރު، އޭނާގެ ޚިޔާލުތަކުގެ އަޑީގައިވާ ކޮންމެވެސް އެހެން ކަމެއް އިހުސާސް ކުރެވެއެވެ. އެއީ މާ ކުރީގެ، މާ ބަރުދަން ހުރި ކަމެކެވެ. އޮމާންކޮށް އޮތް ކަނޑެއްގެ އަޑީގައިވާ ގަދަ އޮއިވަރެއް ފަދަ ކަމެކެވެ. އޭނާއަށް މަގުދައްކައި، އޭނާގެ ލޮލުން ބަލައި، އިންތިޒާރު ކުރާ ފަދައެވެ.
އެންމެ ހައިރާންވާ ކަމަކީ، އެކަމާ ދެކޮޅަށް މަސައްކަތް ކުރާކަށް އޭނާ ބޭނުން ނުވާ ކަމެވެ. ސަބަބަކީ، ޔަސްމީންއާ ގާތަށް އަޅާ ކޮންމެ ފިޔަވަޅަކީ، އެމަންޖެގެ ނަން އެނގުމުގެ މާ ކުރިންވެސް އޭނާގެ ދިރިއުޅުމުން އުނިވެފައިވާ ކަމަކާ ގާތަށް އެޅޭ ފިޔަވަޅެއް ކަމުގެ އިހުސާސް ކުރެވޭތީއެވެ. އެއީ މިހާރު އޭނާގެ މުޅި ނަފުސުގެ މައްޗަށް ބާރުފޯރުވަން ތައްޔާރުވެފައިވާ ނުރައްކާތެރި ބާރެއް ފަދައެވެ.
އާންމުކޮށް އޭނާ ހަރަކާތްތެރިވަނީ ރޭގަނޑުގެ ހިމޭން ވަގުތުތަކުގައެވެ.
އެއީ ނިމުމެއް ނެތް، ފުން ޝައުގުވެރިކަމާއި އެދުންވެރިކަމުން ފުރިގެންވާ ދިގު ވަގުތެކެވެ. އޭނާގެ ހިތުގެ ރިހުން އިންތިހާއަށް ބޮޑުވެ، އޭނާ ޔަސްމީން ގެ ކުޑަވެސް ފެނިލުމަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރާ ވަގުތެވެ.
ނަމަވެސް، މިއަދު ތަފާތެވެ.
އޭނާއަށް ހޭލެވުނުއިރު ހިތުގައި ކުރިން ދުވަހަކުވެސް އިހުސާސް ނުކުރެވޭ ފަދަ އާދަޔާ ހިލާފު އަވަސްކަމެއް ހުއްޓެވެ. އެއީ ރޭގަނޑުގެ ކަނު އަނދިރިކަމާ ގުޅުންހުރި ކަމެއް ނޫނެވެ. އެއީ ހެނދުނުގެ ވަގުތުގައި އޭނާގެ ރޫހަށް އިރުޝާދު ދެމުންދިޔަ، މަޑުމައިތިރި ނަމަވެސް ދެކޮޅު ނުހެދޭ ފަދަ ބާރުގަދަ ދަމާބާރެކެވެ.
އޭނާ އެގޮތަށް ނިންމި ހަނދާނެއް ނެތެވެ. އެ މަގު އިޚުތިޔާރުކުރި ހަނދާނެއްވެސް ނެތެވެ.
އެހެނަސް، ކޮންމެވެސް ސަބަބަކާ ހުރެ އޭނާގެ ފައިތިލަ އޭނާ ގެންދިޔައީ އެ ދިމާއަށެވެ. އެ ގެޔާ ގާތަށެވެ .އެއީ އޭނާގެ ބާރު ނުފޯރުވޭ، ނަންދޭން ނޭނގޭ ފަދަ ބާރެއްގެ ދަށުވެފައިވާ މީހަކު ފަދައިންނެވެ.
ފުރަތަމަ އޭނާ މަޑުކޮށްލީ ދުރުގައެވެ. ފޮރުވިގެން ހުރެ، އެއްވެސް މީހަކަށް ނުފެންނަ ފަދަ ގޮތަކަށެވެ. ހެނދުނުގެ ހިމޭންކަމުގެ ތެރޭގައި ހަރަކާތްތެރިވަމުންދިޔަ ހިޔަންޏެއް ފަދައިން ބަލަހައްޓައިގެން ހުއްޓެވެ.
ޔަސްމީން ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ އާދައިގެ ދިރިއުޅުމުގެ އޮއިވަރާ އެކުގައެވެ. ވަރަށް އާދައިގެ، އާއްމުކޮށް ކުރާ ކަންތައްތަކެވެ. ނަމަވެސް އޭނާއަށް ކޮންމެ އެ ހަރަކާތަކީ މާތް، މި ދުނިޔެއާ ނުގުޅޭ ފަދަ މަތިވެރި ކަމެކެވެ. އަތްނުލެވޭ ފަދަ ދުރު ކަމެކެވެ.
އޭނާ އެތަނުން ދާންޖެހޭނެއެވެ…!
އެތަނުން ދިއުމަކީ އެންމެ ރަނގަޅު ގޮތްކަން އޭނާއަށް އެނގެއެވެ.
ނަމަވެސް، ޔަސްމީން ލޯމަތިން ގެއްލުމާއެކު، އަމްޝަދުގެ ހިތުގެ ހާލަތު ބަދަލުވިއެވެ. މާޔޫސްކަމާއި ނުތަނަވަސްކަން ވެރިވިއެވެ.
އަމްޝަދު ކައިރިއަށް ޖެހިލިއެވެ.
ސަމާލުކަމާއެކުގައެވެ.
ހިމޭންކަމާއެކުގައެވެ.
ފަރުވާތެރިކަމާއެކުގައެވެ.
އެހެނަސް، މަނާކުރެވިފައިވާ ކަމަކާ ނުރައްކާތެރި މިންވަރަކަށް ގާތްވަމުންނެވެ.
އެންމެ ފަހުން އޭނާއަށް ހުރެވުނީ ޔަސްމީންގެ ކޮޓަރީގެ ކުޑަދޮރު ބޭރުގައެވެ. އެތެރެ ފެންނަން ހުރި ކުޑަ ލޯވަޅެއް އެތަނުގައި ހުއްޓެވެ. އެ މިންވަރު އޭނާއަށް ފުދެއެވެ.
ނޭވާ ހިފަހައްޓާލައިގެން ހުރެ، އޭނާ އެތެރެއަށް ބަލާލިއެވެ. އެ ކުޑަ ހުސްތަންކޮޅުން ފެންނަން އޮތް މަންޒަރު ފިޔަވައި މުޅި ދުނިޔެ އޭނާގެ ލޯމަތިން ފަނޑުވެގެން ދިޔައެވެ.
އެހެރީ އެކަނބުލޭގެއެވެ.
މިހާރު މާ ގާތުގައެވެ.
ހަގީގަތެކެވެ.
ޔަސްމީން ފެނުމުން ހިތް އަތުން ދޫވާ ފަދައެވެ. އެއީ އާދައިގެ ރީތިކަމެއް ފެނުމުން ވާ ގޮތެއް ނޫނެވެ. އެއީ މީހާގެ މުޅި ހަށިގަނޑާއި ރޫހު އެކަމެއްގެ ތެރެއަށް ގެނބި، އަތްދަށުވާ ފަދަ ރީތިކަމެކެވެ. އެކަނބުލޭގެއަކީ މި ދުނިޔެއަށް ނިސްބަތްވާ މީހެއް ނޫން ކަަމަށާއި، އެ މަންޒަރު ބެލުމުގެ އެއްވެސް ހައްގެއް އޭނާއަށް ލިބިގެން ނުވާ ކަމުގެ އިހުސާސް ކުރެވުނެވެ.
އެހެނަސް، ލޯ ތިރިކޮށްލުމުގެ ކުޅަދާނަކަމެއް އޭނާގެ ކިބަޔަކު ނެތެވެ.
އެ ވަގުތު އޭނާއަށް ޔަގީންނުވީ އެންމެ ކަމެކެވެ.
އޭނާ އެ ގެޔާ ދިމާއަށް ދެވުނީ އަމިއްލަ އިޚުތިޔާރުގައި ކަމެއް، ނުވަތަ މާ ފުން ބާރަކުން އޭނާގެ ހިތް މިހާރުވެސް މިލްކުކޮށްފައިވަނީ ކަމެއް އޭނާއަކަށް ނޭނގެއެވެ.
މިއަދު ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ.
(ނުނިމޭ)
