ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހަތުން އަރައި ސްރީލަންކާއިން ދިވެހިރާއްޖެ ބަލިކޮށްފި
ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން

މާލެ ސިޓީގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ސްރީލަންކާއިން ފަހަތުން އަރައި ދިވެހިރާއްޖެ ބަލިކޮށްފިއެވެ.

ސްރީލަންކާ އާއި ދިވެހިރާއްޖެ މިރޭ ބައްދަލުކުރި މި މެޗަކީ މި މުބާރާތުގެ ދެވަނަ މެޗެވެ.

މެޗު ފެށުމާއިއެކު ސްރީލަންކާއިން ވަރުގަދަ އަވަސް ކުޅުމެއް ދެއްކި ނަމަވެސް، މަޑުމަޑުން މެޗްގެ ތެރެއަށް ވަދެ ފުރަތަމަ ހާފުގެ ކުރީކޮޅު ރާއްޖެއިން މެޗްގެ ކޮންޓްރޯލް ނެގިއެވެ. ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ދިވެހިރާއްޖެއަށް ލިބި ބޭނުން ނުކުރެވި ދިޔައިރު، ސްރީލަންކާއަށް ލިބުނު ފުރުސަތުގެ ބޭނުމެއް އެ ޓީމަށް ވެސް ނުހިފުނެވެ.

މެޗްގެ ފުރަތަމަ ލަނޑު ދިވެހިރާއްޖެއިން ޖެހީ 28 ވަނަ މިނެޓްގައި ދިވެހިރާއްޖެ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން އެވެ. ދިވެހިރާއްޖޭގެ ހާފުގެ ތެރެއިން ސްރީލަންކާ ކުޅުންތެރިން އަތުން ބޯޅަ ހޯދައިގެން ކުރިއަށް އަރައި އަހުމަދު މިކްޔާލް މުއީން ޖައްސާލި ބޯޅަ އިލާން އިމްރާން ގޯލްގެ ތެރެއަށް ފޮނުވާލީ ކީޕަރު ކައިރިން ނައްޓާފައެވެ. އެ ބޯޅަ ދިފާއުކުރަން ގޯލް ލައިން ކައިރިން މަސައްކަތްކުރި ސްރީލަންކާ ކުޅުންތެރިޔާއަށް ބޯޅަ ލިބޭވަރެއް ނުވިއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ސީރިއަސް އަނިޔާއަކާއި ގުޅިގެން ސްރީލަންކާ ޓީމުގެ ކީޕަރު ބަދަލުކުރަން ޖެހުނެވެ. ދަނޑުމަތީގައި ގިނައިރުތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު ކީޕަރު ބާލާފައި ވަނީ އަށިގަނޑަށް ލައިގެންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ކޯނަރަކުން، ސްރީލަންކާއިން ވަނީ ދިވެހިރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާ ހަމަހަމަ ވެދާނެކަމަށް ހީވި މި ފުރުސަތުގައި ސްރީލަންކާއިން ފޮނުވާލި ބޯޅަ ދިވެހިރާއްޖޭ ޓީމުގެ ކީޕަރު ޒަހުރާން ހަސަން ދިފާއު ކުރީ ގޯލް ލައިން މަތިން ކަހަލަ ގޮތަކަށެވެ.

ދިވެހިރާއްޖޭގެ ދެވަނަ ލަނޑު ކެޕްޓަން މުޙައްމަދު އިލާން އިމްރާން ކާމިޔާބުކޮށްދިނީ އިތުރު ވަގުތުގެ ފަހު މިނެޓްގައެވެ. ދިވެހިރާއްޖެ ކުޅުންތެރިއަކު މެދު ރޮނގު ކައިރިން ކުރިއަށް ފޮނުވާލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ސްރީލަންކާ ކީޕަރުގެ ފައިދަށުން ދިޔަ ވަގުތު، އެ ބޯޅަ ހޯދައި އިލާން ފޮނުވާލީ ހުސްކޮށް އޮތް ގޯލްގެ ތެރެއަށެވެ.

ފުރަތަމަ ހާފު ނިމުނީ 2-0 އިން ދިވެހިރާއްޖެ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ސްރީލަންކާއިން ފެށީ ތަފާތު ރޫހެއްގައެވެ. ހާފު ފެށުމާއިއެކު ލަނޑެއް ޖަހަން މަސައްކަތް ފެށި ސްރީލަންކާއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ދެވަނަ ހާފުގެ ފުރަތަމަ މިނެޓްގައެވެ. އޭރިޔާ ބޭރުން މުޙައްމަދު ކަތީމްއަށް ލިބުނު ބޯޅަ މަތިމަތިން ގޯލާއި ދިމާއަށް އޭނާ ފޮނުވާލިއިރު ދިވެހިރާއްޖޭގެ ކީޕަރު ހުރީ ގޯލްލައިން ދޫކޮށް ކުރިޔަށް ޖެހިއެވެ. އެ ބޯޅަ ގޯލްގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައެވެ.

ދޫދިނުމެއްނެތި ވަރުގަދަ އަވަސް ކުޅުމެއް ކުޅެމުންދިޔަ ސްރީލަންކާއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ 62 ވަނަ މިނެޓްގައެވެ. ދިވެހިރާއްޖެ އޭރިޔާ ބޭރުން އަހްމަދު ހިޖާޒީއަށް ލިބުނު ބޯޅަ ތިން ކުޅުންތެރިން ތެރެއިން ދެމިގަތުމަށްފަހު ގޯލްގެ ތެރެއަށް ފޮނުވާލީ ޑީ އޭރިޔާ ތެރެއިންނެވެ. ތިރިތިރިން ގޯލާއި ދިމާއަށް ދިޔަ ބޯޅަ ގޯލްގެ ތެރެއަށް ވަނީ ބޭރަށް ދާނެކަމަށް ކީޕަރ ދޫކޮށްލައިގެން ހުއްޓާ ކަހަލަ ގޮތަކަށެވެ.

2-2 ނަތީޖާ ހަމަހަމަވި ފަހުން ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބިފައެވެ.

ފަހަތުން އަރައި ސްރީލަންކާއިން މޮޅުވި މި މެޗްގައި ސްރީލަންކާއިން ލީޑު ނެގީ 85 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ދިވެހިރާއްޖޭ އޭރިޔާ ތެރެއިން ސްރީލަންކާ ކުޅުންތެރިއަކަށް ކީޕަރު ޒަހުރާން ކުރި ފައުލާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލީ އެ ޓީމުގެ ކެޕްޓަން ހުސެއިން އަބްދުﷲ އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މި މެޗްގައި ބައްދަލު ކުރާނީ ބަނގުލަދޭޝް އާއި ޕާކިސްތާނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top